ހުޅުމާލޭގެ މަގުތައް ހެދުމަށް ރޮޓައިމް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހެއިރު އަދި ރޮޓައިމްގެ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޗްޑީސީ
12 ޑިސެމްބަރ 2025 - 16:49
ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް، އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ މި މަހުގެ ތިން ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.
އެކޮމޮޑޭޝަން ބްލޮކެއް އަޅަން ޗައިނާގެ ކުންފުންޏާ އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ އެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުނީ އެވެ.
އެހެންވެ، މަގުތައް ހަދަން ފަހުން ހަވާލުކުރީ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނީ ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށެވެ. އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.
އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީ.މު
13 December 2025
މިއީ ކޮންމެ 120 މީޓަރަކަށް 9 ވަރަކަށް މިލިއަން ރުފިޔާ. ރާއްޖޭގަ މިއޮށް ސެޓިލްމަންޓް ވިޔަފާރިއެއް ވެސް ދޯ. ދައުލަތަށް ގެއްލުން ވާގޮތަށް އެގްރިމެންޓް ހަދާ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ
ސޭކު
12 December 2025
މާލެ މަގުތައް ހެދުމުގެ ކުރިން ހުޅުމާލޭ މަގެއްގެ ވާހަކަވެސް ދައްކާނެކަމެއް ނެއް
ސާފެއްނުވި
12 December 2025
"ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް" ތިބުނީ 1.1 ކިލޯމީޓަރުގެ ބައިވަރު މަގުތައްތެ.. ނޫނީ ޖުމްލަ 1.1 ކީލޯމީޓަރުތަ ހަދާ މަގުތަކުގަ ހުންނާނީ..
ކުރި
12 December 2025
ހުޅުމާލެ އަދި މާލޭގެ މަގުތައް ވަރަށް ބޮޑަށް މަރާމާތައް ވަނީ ބޭނުން ވެފަ. އެތައް އަހަރު ތަކެއް ވެއްޖެ އަޅާނުލާ ދޫކޮއްލެވިފަ. ދުވަކައްވުރެ ދުވަހެއް މީހުންނާއި އުޅަނދު ފަހަރު ގިނަ ވަމުން ދަނީ. މިފަދަ މަރާމާތު މަސައްކަތް ފައްޓަން މާލަސްވެއްޖެ.
މާލެ މީހާ
12 December 2025
އަދި އިތުރު ސޮއިތައް ކުރަން ހުރީމާ ތިކަން ލަސްވެގެން އުޅެނީ. މިހާރުވެސް މާލޭގެ މަގުތައް ހަދަން 4 ފަހަރު ސޮއިކުރެވިއްޖެ މިދިޔަ 2 އަހަރު ތެރޭގައި.