ސަލާމަތީ މަޖިލީހުގައި ރަޝިޔާ އިން ވަނީ ސީރިއާ ދެކޮޅު އަށް ގަރާރު ވީޓޯކޮށްފައި. --ފޮޓޯ:އޭއެފްޕީ
13 އެޕްރީލް 2017 - 10:32
ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 13) - ސީރިއާގައި މިދިޔަ ހަފުތާގައި ދިން ކެމިކަލް ހަމަލާ ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ދިމިޝްގުން އެއްބާރުލުން ދިނުމަށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.
ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެންނެވެ. ރަޝިޔާގެ ނިންމުމާ ގުޅިގެން މި ތިން ގައުމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިއީ ސީރިއާއާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގައި ރަޝިޔާ އިން ބޮއިކޮޓް ކުރި އަށް ވަނަ ގަރާރެވެ.
ސީރިއާގެ އިިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް މި މަހު 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާގައި ވަނީ 89 މީހުން މަރުވެފަ އެވެ. ސީރިއާގެ ހަމަލާ އަށް ރައްދު ދިނުމަށް އެމެރިކާ އިން ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ.
ސަލާމަތީ މަޖިލީހުގެ ގަރާރުގައި ވަނީ އޮގަނައިޒޭޝަން ފޯ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އިން ހިންގާ ތަހުގީގަށް ސީރިއާ އިން އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އޭގެ ތެރޭގައި ކެމިކަލް ހަމަލާ ދިން ދުވަހުގެ ފްލައިޓް ލޮގާއި ވައިގެ މަރުކަޒުތައް އިންސްޕެކްޓް ކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.
ސީރިއާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ޗައިނާ އިން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އެކަމަކު ޗައިނާ އިން ވަނީ 2011 ވަނަ އަހަރުގެ ފަހުން ސީރިއާއާ ގުޅޭ ހަ ގަރާރެއް ވީޓޯ ކޮށްފަ އެވެ. ވަކިކޮޅަކަށް ދެން ވޯޓު ނުދެނީ އިތިއޯޕިއާ އާއި ކަޒަކްސްތާނެވެ. ރަޝިޔާގެ އިތުރުން ބޮލީވިއާ އިން ވެސް ވަނީ ގަރާރަށް ދެކޮޅު ހަދައިފަ އެވެ. އަނެއް 10 ގައުމުން ވަނީ ގަރާރު ފާސްކުރަން ވޯޓު ދީފަ އެވެ.
އެމެރިކާ ސަފީރު ނިއްކީ ހޭލީ ވަނީ ރަޝިޔާގެ އަމަލު ކުށްވެރި ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯ
13 April 2017
އިސްރާއިލަށްޓަކާ ޤައުމެއް ސުންނާފަތި ކުރަން ބަޔަކު ހޭބޯ ނާރާ ހާދަ މަސައްކަތެއް އެބަ ކުރެއެ...