ލައިފްސްޓައިލް / އިގިރޭސިވިލާތް

އާއިލާގެ ރުހުން ނެތި ކުއްޖެއްގެ ލައިފް ސަޕޯޓް ނައްޓާލަށް ހުއްދަ ދީފި

ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއްގައި ސިކުނޑި އަށް ވަރަށް ބޮޑަށް ގެއްލުން ލިބި ހަރަކާތް ހުއްޓިފައި އޮތް ތުއްތުކުއްޖެއްގެ ލައިފް ސަޕޯޓް ނައްޓާލަން އިނގިރޭސިވިލާތުގެ ހައި ކޯޓުން ހުއްދަ ދީފި އެވެ. އަށް މަހުގެ ޗާލީ ގާޑްގެ ބައްޔަށް ފަރުވާ ނުދީ ދޫކޮށްލުގެ ހުއްދަ ލަންޑަންގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލަށް ފަނޑިޔާރަކު ދެއްވީ ޗާލީގެ މައިންބަފައިންގެ ނުރުހުމުގަ އެވެ.

ހޮސްޕިޓަލުން ކޯޓަށް ހުށަހެޅި މައްސަލައިގައި މި ގޮތަށް ހުކުމް ކުރީ، އެހީ ހޯދުމުގެ ކެމްޕެއިނެއްގައި 1.25 މިލިއަން ޕައުންޑް އެއްކޮށްގެން، ފަރުވާ އަށް ޗާލީ އެމެރިކާ އަށް ގެންދަން އުޅެނިކޮށެވެ. ޗާލީގެ މައިންބަފައިން ކަމަށްވާ ކޮނީ ޔޭޓްސް އާއި ކްރިސް ގާޑް ވަނީ ކޯޓުގެ ނިންމުން އިސްތިއުނާފްކުރަން ނިންމައިފަ އެވެ.

އިސްތިއުނާފަށް ހުށަހަޅަން ތިން ހަފްތާގެ މުއްދަތެއް އޮތް އިރު، ހޮސްޕިޓަލުން ބުނީ އެ މައްސަލައިގައި ހުކުމް ކުރަންދެން ޗާލީގެ ލައިފް ސަޕޯޓް ނައްޓާ ނުލައި މަޑުކުރާނެ ކަމަށެވެ.

ހުކުމްކުރައްވަމުން ފަނޑިޔާރު ފްރެންސިސް ވިދާޅުވީ އެ ގޮތަށް ނިންމެވީ "ބަރު ހިތަކައިގެން" ކަމަށާއި އެކަމަކު އެއީ ޗާލި އަށް އެންމެ ރަނގަޅު ގޮތް ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ޗާލީގެ މަންމަ އާއި ބައްޕަ ކޯޓުރޫމް ބޭރުގައި

ޗާލީގެ މައިންބަފައިންގެ ހިތްވަރަށް ތައުރީފްކުރައްވައި އަދި އެ ދެ މީހުންގެ ހާލަތާ މެދު ހަމްދަރުދީ ފާޅުކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ޗާލީ އަށް އެންމެ ރަނގަޅުވާނީ، އިތުރު ވޭންތަކެއް ތަހައްމަލްކުރަން ލައިފް ސަޕޯޓްގައި ބޭއްވުމުގެ ބަދަލުގައި ފަސޭހަކަމާ އެކު ދުނިޔެ ދޫކޮށްދާން ފުރުސަތު ދިނުންކަން އޭނާގެ މައިންބަފައިންނަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 4ގައި އުފަންވި ޗާލީ އަށް ވަނީ "މައިޓޮކޮންޑްރިއަލް ޑިޕްލީޝަން ސިންޑްރޯމް" ޖެހިފަ އެވެ. ވާރުތަވާ މި ބަލި މިހާތަނަށް ޖެހުނުކަން އެނގިފައި ވަނީ އެންމެ 16 މީހުންނަށެވެ. ޗާލީގެ މަންމަ އާއި ބައްޕައާ ދެ މީހުންގެ ގައިގައި މި ބައްޔަށް ވާރުތަކުރާ ޖީން ހުރިކަން ކުރިއަކުން ނޭނގެ އެވެ. މި ބަލީގެ ސަބަބުން ގައިގެ މަސްތަކުގެ ބާރު ދޫވެ ސިކުނޑި ހަލާކުވެ އެވެ.

ޗާލީ އަށް ފަރުވާދިނުން ހުއްޓާލިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ފަނޑިޔާރު ހުކުމް އިއްވެވުމާ އެކު ކޮނީ އާއި ކްރިސް ކޯޓު ތެރޭގައި "ނޫނެކޭ" ކިޔައި ހަޅޭއްލަވައި ބާރަށް ރޯން ފެށި ކަމަށް އިނގިރޭސި މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ފަނޑިޔާރު އެ ގޮތަށް ނިންމެވި ސަބަބު ވިދާޅުވެ ނުނިމެނީސް އެ މީހުން ވަނީ ކޯޓުރޫމުން ނުކުމެފަ އެވެ.

ހޮސްޕިޓަލުގެ ވަކީލު ކޯޓުގައި ބުނެފައި ވަނީ ޗާލީގެ ހާލަތު މާ ބޮޑަށް ދަށަށް ގޮސްފައި ވާތީ އޭނާ ދިގު މުއްދަތަކަށް ލައިފް ސަޕޯޓްގައި ބާއްވަން ނުފެންނަ ކަމަށް ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުން ވެސް ލަފާދީފައިވާ ކަމަށެވެ. އަދި ޗާލީގެ ފަރާތުން ވާހަކަދައްކަން ކަނޑައަޅާފައި ހުރި ވަކީލު ބުނިގޮތުގައި އެމެރިކާގައި ދޭން އުޅޭ ފަރުވާއަކީ ހަމައެކަނި އެކްސްޕެރިމެންޓަލް ފަރުވާއަކަށް ވާތީ އެއާ މެދު އުއްމީދެއް ނެތެވެ. ލައިފް ސަޕޯޓްގައި ޗާލީ ބޭއްވުމަކީ އޭނާ "މަރުވުމުގެ ޕްރޮސެސް ދިގުދަންމާލުން" ކަމަށް ވެސް ވަކީލު ބުންޏެވެ.

އެކަމަކު ޗާލީގެ މައިންބަފައިންގެ ވަކީލު ބުނީ ޗާލީ އެމެރިކާ އަށް ގެންގޮސް، މިހާރަށް ވުރެ ހާލަތު ރަނގަޅުކުރަން ފުރުސަތު ދިނަސް ލިބޭނެ މާ ބޮޑު ގެއްލުމެއް ނެތް ކަމަށާއި މައިންބަފައިންގެ އެދުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ފަރުވާ ދީގެން ޗާލީގެ ހާލަތު ރަނގަޅު ނުވާނެ ކަމަށާއި އޭނާ ދިރިހުރުމުގެ ފުރުސަތު ބޮޑު ނުކުރެވޭނެ ކަމަށް ވެސް، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އެ ނޫން ޑޮކްޓަރުން ވެސް "އިއްތިފާގުވެ" އެވެ.

1 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 96%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މމ

14 April 2017

މިކަހަލަ ފަނޑިޔާރުންގެ ވިސްނުން ގޯސްކަމާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454