ލައިފްސްޓައިލް / ބަރުދަން ލުއިކުރުން

ހިކެން އުނދަގޫ މީހުންނަށް ނަފްސާނީ މުހިއްމު އުކުޅުތަކެއް

ބަރުދަން ލުއިކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. ދުޅަހެޔޮ އާދަތަކުގައި ހިފަހައްޓަން ބޭނުންވާ ވިސްނުން ނެތިއްޔާ އެކަން އަދި މާ އުނދަގޫވާނެ އެވެ. ކުރު މުއްދަތެއްގައި ނެރޭ ކުއްލި ނަތީޖާތަކަށް ވުރެ ބޮޑަށް ދިގު މުއްދަތާ މެދު ވިސްނާށެވެ. އެކަމަށް ސިކުނޑި ތަމްރީންކުރާނެ ބައެއް ގޮތްތައް ތިރީގައި މިވަނީ އެވެ.

ހަށިގަނޑަށް ކާނާ ބޭނުންވާ މިންވަރު ދެނެގަނޭ

ވަކި ބަރުދަނެއްގައި ހުރެވޭނީ ހަށިގަނޑަށް އެތެރެވާ ކާބޯތަކެތި ވެސް ވަކި ވަރެއްގައި ހިފެހެއްޓިގެންނެވެ. ބޭނުންވާ ބަރުދަނުގައި ހުންނަން ހަށިގަނޑަށް ބޭނުންވަނީ ކިހާ ކެލޮރީއެއްތޯ ބަލާށެވެ. އަދި އަންދާލެވެނީ ކިތައް ކެލޮރީތޯ ވެސް ބަލާށެވެ. މިކަން ރަނގަޅަށް ދެނެގެންފި ނަމަ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކާން ބޭނުންވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ކެވެނީ ކިހާ ވަރަކަށްކަން ފެންނަން ޖެހޭނެ

އެތެރެ ރަނގަޅަށް ނުފެންނަ ކޮންޓެއިނަރާއި ކަރުދާހު ފޮށި އަދި ކޮތަޅު ފަދަ އެއްޗެހީގައި ކެއުން ރަނގަޅެއް ނޫނެވެ. ކެއުން ހުއްޓާލަންވީ ކޮން އިރަކުކަން ސިކުނޑި ދެނެގަންނާނީ ކެވުނީ ކިހާ ވަރަކަށް ކަން ލޮލަށް ފެނިގެންނެވެ. އެ ގޮތަށް ނުފެންނަންޏާ، ސިކުނޑި އަށް އެ މެސެޖު ނުލިބި، މާ ގިނައިން ކެވޭ ގޮތް މެދުވެރިވާނެ އެވެ.

ވަކި ވަރެއް ބަލައިގެން ތައްޓަށް ކާ އެއްޗެހި އަޅައިގެން ކެއީމާ، ބޭނުންވާ ވަރަށް ވުރެ ގިނައިން ކެއުމުން ސަލާމަތްވެވޭނެ އެވެ.

ޑަޔަޓްކުރުން ހުއްޓާލާ

ޑަޔަޓްކޮށްގެން ބަރުދަން ލުއިވީމާ ޑަޔަޓް ހުއްޓާލައި ކުރިއެކޭ އެއްގޮތަށް ކާން ފަށައި ކަސްރަތާ ދުރުވެ އަނެއްކާވެސް ބަރުދަން އިތުރުވުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވީމާ، ކުރު މުއްދަތަކުން ކުއްލިއަކަށް ހިކުމުގެ ބަދަލުގައި ރަނގަޅީ ދިގު މުއްދަތަށް ނުވަތަ އަބަދުވެސް ކެއުން ބަހައްޓާނެ ގޮތް ކަނޑައަޅައި ރަނގަޅު އާދަތަކެއްގައި ހިފެހެއްޓުމެވެ.

ބަނޑު ފުރިއްޖެ ކަމުގެ އިހުސާސް

ކުޑަ އެއްޗެއް ކާލާ ހިތްވެއްޖެއްޔާ ފޮނި އެއްޗެއްސާ ދިމާއަށް ނުގޮސް ކެރެޓް ނުވަތަ ސެލެރީ ކަހަލަ ތަރުކާރީއެއް ކާލާށެވެ. އެ އެއްޗެހީގައި ކެލޮރީ މަދުވުމުގެ އިތުރުން، ނަރު އެކުލެވޭތީ، ބަނޑު ފުރޭ ކަމުގެ އިހުސާސް މާ އަވަހަށް ކުރެވޭނެ އެވެ.

ކަސްރަތަކީ ކުރާ ހިތްވާ ކަމަކަށް ހަދާ

ކަސްރަތުގެ ގޮތުގައި ކުރާ ކަމަކީ ޝައުގުވެރިކަން ހުރި ކަމަކަށް ހަދައިފިއްޔާ އާދަވެގެން އެކަމެއްގައި ދެމިހުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ދުވާ ހިތް ނުވަންޏާ ނުދުވާށެވެ. އެހާ ފޫހިވާ ކަމެއްގައި މާ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެ އެވެ. އެހެންވީމާ ދާއިމީ ނަތީޖާއެއް ނުހޯދޭނެ އެވެ.

ގްރޫޕެއްގައި ނުވަތަ ރައްޓެހިންނާ އެކު ކަސްރަތަށް ދިޔުމަކީ ޝައުގުވެރިކަން ހިފަހައްޓައިދޭނެ ކަމެކެވެ. ސަބަބަކީ މަސައްކަތަކަށް ވުރެ ބޮޑަށް، ހިތްއުފާވާ މަޖާ ކަމެއް ކުރެވޭ ކަމުގެ އިހުސާސް ކުރެވޭނެތީ އެވެ.

ފަލަވާ ބަލި ޖެހެނީ ކިހިނެއްކަން ދެނެގަނޭ

ގިނަ މީހުންނަށް ފަލަވާ ބަލި ޖެހެނީ ވާރުތަކުރުމުގެ ސަބަބަކުން ނޫނެވެ. ދިރިއުޅުމުގެ އާދަތައް ބެހެއްޓޭ ގޮތުންނެވެ. އެހެންވީމާ، ފަލަވަނީ ޖެނެޓިކް ސަބަބެއް އޮވެގެން ކަމަށް ގަބޫލުކުރުމަކީ ދުޅަހެޔޮ އާދަތައް ގެންގުޅެން ހިތްވަރު ނުލިބިދާނެ ކަމެކެވެ. ފަލަވަނީ ސިއްހީ ގޮތުން ނުރަނގަޅު އާދަތަކެއް ގެންގުޅެވޭތީ ކަމަށް ގަބޫލުކުރާ ނަމަ، އެކަމުން ސަލާމަތްވާން ދުރާލާ ފިޔަވަޅު އަޅައި، ކުރެވޭ ކަންކަމާ މެދު ދެވަނަ ފަހަރަށް ވިސްނާނެ އެވެ.

ބަރުދަން ލުއިކުރުމަކީ ޗެލެންޖަކަށް ހަދާ

ތިމާގެ މިޒާޖުގައި ހުންނަ ވާދަވެރިކަމުގެ ރޫހު ބޭނުންކޮށްގެން، ޗެލެންޖެއްގެ ގޮތުގައި ބަރުދަން ލުއިކުރަން މަސައްކަތްކުރެވިދާނެ އެވެ. އެއީ އެހެން މީހުން ދޭ ހިތްވަރަށް ވުރެ މާ ބޭނުންތެރި ކަމަކަށް ވުން އެކަށީގެންވެ އެވެ.

އަމިއްލަ ނަފްސަށް އޯގާތެރިވޭ

އަމިއްލަ ނަފްސާ މެދު ހެޔޮކޮށް ދެކޭށެވެ. ކުރިމަގުގައި މިހާ ހުންނާނެ ގޮތް ހިތަށް ގެންނާށެވެ. ހަ މަސް ނުވަތަ އަހަރެއްހާ ދުވަސް ފަހުން މީހާގެ ސިފަ އަށާއި އިހުސާސްތަކަށް އަންނާނެ ރަނގަޅު ބަދަލުތަކާ މެދު ވިސްނާށެވެ.

ނިދި ގިނަކުރޭ

ރަނގަޅަށް ނުނިދެންޏާ، ސަރުބީ އަދި ހަކުރު ގިނަ ކާބޯތަކެއްޗަށް ހިތްކިޔާލެއް ބޮޑުވާނެ އެވެ. އެފަދަ އެއްޗެހިން ކުއްލިއަކަށް ވަރަށް ބައިވަރު ހަކަތަ ލިއްބައިދޭތީ އެވެ. މި ކަމުން ސަލާމަތްވާން، ބޮޑެތި މީހުންނަށް ކޮންމެ ރެއަކު ހަތް ގަޑި އިރުގެ ނިދި ބޭނުންވާނެ އެވެ.

*މައުލޫމާތު: ބިޒްނަސް އިންސައިޑާ ޔޫކޭ އަދި އިންޑިޕެންޑެންޓް

0 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 8%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454