ސިފައިންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
24 އެޕްރީލް 2017 - 00:10
ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި ކުށް ކުރާ މުޖުރިމުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ރޭގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ހާދިސާ އަށް އިޝާރާތް ކުރައްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުޅުވީ ޔާމީންގެ މަރަކީ 2012 ވަނަ އަހަރު އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ އަށް ފަހު، އެހާ އަނިޔާވެރިކޮށް މީހެއްގެ ފުރާނަ ދުއްވައިލި ފުރަތަމަ ހާދިސާ ކަމަށެވެ.
ރައީސް ވިދާޅުވީ ސިހުން ގެނުވާ މިފަދަ ކޮންމެ ހާދިސާއަކުން ދިވެހި ގައުމުގެ ޟައީފް ކަމާއި ދިފާއެއް ނެތްކަން ހާމަވާ ކަމަށެވެ. އެގޮތުން ފަރުދީ ގޮތުންނާއި ވެށީގެ ގޮތުން ވެސް ބޭނުންވާ ދިފާއު ފޯރުކޮށް ދިނުމުގައި މުއައްސަސާތަކުން ވެސް މާފަށް އެދެން ޖެހޭކަން ދައްކުވައިދޭ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެއްވެސް މުއައްސަސާއަކަށް ކުށްވެރި ކުރުމުގެ އިނގިއްޔެއް އަޅުގަނޑު ނުނަގާނަން. އެއީ މުއައްސަސާތައް ކުށްވެރިއެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޖަރީމާތައް ހިންގާ ނަމަ އެކަންކަން ތަހުގީގުކޮށް އޭގެ ފުރިހަމަ ނަތީޖާއަކާ ހަމައަށް މައްސަލަތައް ގެންދަން ޖެހޭ ކަމަށެވެ. ނަމަވެސް އެގޮތަށް ކުރިއަށް ނުގޮސް ހުރި މައްސަލަތައް އެބަހުރިކަން ފާހަގަ ކުރެއްވި އެވެ.
ސިފައިންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން (ވ-3) އާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް (ވ-2) އަށް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
"...އަފްރާޝީމް ރަހުމް ކުޑަ ގޮތަކަށް ކަތިލައި ބިން މައްޗަށް ވައްޓާލީ. ދާދި އެއްގޮތަކަށް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިރިއުޅޭ ގޭގެ ސިޑި ކައިރިއަށް މި ފަހަރު މިއޮތީ ޔާމީން ރަޝީދު ކަތިލައި ވައްޓާލާފައި. ހަމަ އެހާމެ ހަންޖަރު ގިނަ ޒަހަމްތައް ކޮންމެ ހަށިގަނޑެއްގައި ވެސް ހުރި. އޭރު ވެސް މައްސަލަތައް ތަހުގީގު ކުރެވޭ. އަދި އެ މައްސަލައަކީ ވެސް ތަހުގީގުކޮށް ނިމިފައި އޮތް މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރުގެ ހާދިސާ އަށް އިޝާރާތް ކުރައްވައި ރައީސް ވަނީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ދައްކަވާފައި ހުރި ބައެއް ވާހަކަތަކަށް ވެސް މިރޭ ފާޑު ވިދާޅުވެފަ އެވެ.
"މިއަދު ވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ ކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދަވާ އާންމު ފޯރަމްތަކުގައި މީގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅުން އެބަ ތިއްބެވި ކަމަށް. ވަގުތު ޖެހުނީމަ އެކަންކަން ހާމަ ކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ. "ވަގުތު ޖެހޭނީ ކޮން އިރަކުންތޯ؟ ވަގުތު ޖެހޭނެ އިރެއް އަޅުގަނޑުގެ ހިޔާލަކަށް ނާދޭ. ކޮންމެ ކަމެއް ހުއްޓުވާ ކަމަށް ވަންޏާ އެންމެ ރަނގަޅު ވަގުތަކީ އެންމެ އަވަހަށް އެނގޭ މައުލޫމާތުތައް ތަހުގީގުކުރާ އިދާރާތަކާ ހަވާލުކުރުން. އެކަމަކު އެ ޒިންމާއެއް އުފުލުނު ކަމަކަށް ނުވޭ. އެ ޒިންމާ ނޫފުލޭ ތަނުގައި އެ ބަދުނާމް އެޅިގެން ދަނީ މުޅިން އެހެން ބައެއްގެ ބޮލުގައި. މިއީ ހިތާމަ ހުރި ކަމެއް."
ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި މަރުތަކަކީ އޭގެ ހަގީގަތަކާ ހަމައަށް ވާސިލްވާން ޖެހޭ ކަންކަން ކަމަށެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުމާއި ރިޔާސީ ލޯންޗްގައި ގޮއްވާލުން ފަދަ ހާދިސާތައް ތަކުރާރުވަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ސިފައިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
"ދެން ފެނުނީ ނޫސްވެރިޔާ ރިލްވާން ވީނުވީ ގޮތެއް ނޭނގި ގެއްލުނު ތަން. ދައުލަތުން އެތަކެއް މަސައްކަތްތަކެއް ކުރި. ފުލުހުންގެ ތަހުގީގު އިދާރާގެ ޔުނިޓްތަކުން އެކި މަސައްކަތް އެބަ ކުރޭ. އެހެން ނަމަވެސް މިކަމުގަ ވެސް ހަގީގަތާ ހަމައަށް ވާސިލްވުމުގައި އަޅުގަނޑުމެން މި ތިބީ އަދިވެސް ނުކުޅުދުމުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ. "ބޭރުގެ ވަސީލަތްތައް ވެސް އަޅުގަނޑުމެން މިކަމުގައި ބޭނުންކޮށްފީމު."
އެ މަނިކުފާން ވިދާޅުވީ ރިޔާސީ ލޯންޗްގައި ގޮއްވާލި ހާދިސާއާ ގުޅިގެން ވެސް ފުރިހަމަ މައުލޫމާތެއް އަދިވެސް ސާފު ނުވާ ކަމަށެވެ.
"...އަޅުގަނޑުމެން ހަނދާން އެބަހުރި މިތަނަށް މިއައީ ކޮން މަސްއޫލިއްޔަތެއް އުފުލަންކަން. ކޮން ޒިންމާއެއް އުފުލަންކަން އަޅުގަނޑުގެ ހަނދާނުން ފަހަރުގައި ވެސް ކައްސާނުލާ. އެ ޒިންމާ އަދާކުރުމުގައި އަޅުގަނޑާއި އަޅުގަނޑާ އެކީ ހިދުމަތްކުރާ ހުރިހާ ކެބިނެޓް ވަޒީރުން ތިއްބެވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު އޮތީ ވަރަށް ސާބިތުކަމާ އެކީގައި ކަމަށެވެ.
"...އެކަމަކު އަބަދު ވެސް ގޮވެލިފަތި ގޮވާ އަޑު މި އިވެނީ ކުރިމަތިލުމަށް. އަދި ގާނޫނުތައް ތަންފީޒުކުރާ މީހުންނާ ކުރިމަތިލުމަށް ދާ ވާހަކަ މި ދެއްކެނީ. މަދަނީ ބަސްނޭހުމުގައި ބަދަލުގައި މި ދެއްކެނީ ނުކިޔަމަންތެރިކަމުގެ ވާހަކަ. ކޮބައިތޯ މިއަދު މި ސިޔާސީ ލީޑަރުން ކީއްވެތޯ މި ކަހަލަ ރަހުމް ކުޑަ އަމަަލުތައް ހިންގީމަ މި ގޮވެލިފައްޗަށް ޒިންމާ ނަގަން އެ މީހުން ރެކެނީ ކީއްވެތޯ؟ އަޅުގަނޑުމެންގެ މަސްރަހު ހަލަބޮލި ކުރުމާއި ގާނޫނަށް ތަބާ ނުވުމަށް ކެނޑިނޭޅި ގޮވަމުންދާތާ މިހާރު މި ވަނީ ފަނަރަވަރަކަށް އަހަރު."
އެ މަނިކުފާނު ވިދާޅުވީ ގާނޫނު ދެމެހެއްޓުމަކީ އަބަދުވެސް މުޅި ދައުލަތުގެ މަސްލަހަތު، ހުރިހާ ފަރުދުންގެ މަސްލަހަތަށް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.
މިއަދު ވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ. މިހާރު އެބަ ދައްކުވައިދޭ މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ މިންވަރު: ރައީސް
"ގިންތިތަކަށް ބަހާފައި ޝަރަފުވެރިންނަށް ބަހާފައި އާއިލާ އާއި ނަސްލުގެ މަތިވެރި ކަމަށް ބަލާފައި ގާނޫނުތައް ތަންފީޒުކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. އަދި ބޭރުގެ ނުފޫޒްތަކުން އަޅުގަނޑުމެންނަށް މިކަންކަމުން ހުރަސް އަޅާ ކަމަށް ވަންޏާ އެކަންކަމަށް އަޅުގަނޑުމެން ރިއާޔަތް ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އެ މަނިކުފާނުގެ ޒައާމަތުގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރުން ލާޒިމުވާ ހިސާބަށް މިހާރު ރާއްޖޭގެ ހާލަތު ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު ވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ. މިހާރު އެބަ ދައްކުވައިދޭ މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ މިންވަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަހުމް ކުޑަ ހުރިހާ މުޖުރިމުންނާ ގާނޫނާ އަރާ ހަމަ ކުރާނެ ކަމަށާއި އެފަދަ މީސްމީހުންގެ މައްސަލަތަކަކީ ތަހުގީގުކޮށް ހައްގު ޖަޒާ ދެވޭނެ ބައެއް ކަމަށެވެ.
"އެއީ މިއަދު ވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ. މިކަންކަމުގައި އަޅުގަނޑުމެންނަށް ކްރިޓިސައިޒް ކުރައްވާ. އަޅުގަނޑުމެން ކެތްތެރި ވާނަން." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާން ވިދާޅުވީ ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް އެއްގޮތަކަށް ވެސް ޣާފިލް ނުވާ ކަމަށާއި ވެރިކަމާ ހަމައަށް ވަޑައިގެންނެވީ ފަސޭހަ މަގަކުން ނޫން ކަމަށެވެ.
"...އަޅުގަނޑުގެ ވަގުތުން ބޮޑު ބައެއް ދާންވީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ނަގާލާކަށެއް ނޫން،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟޫޜާ
21 July 2018
5 އަހަރު ނުވި ކަމެއް މިހާރުވާނެތަ؟
ވަޙީދު
24 April 2017
ޤާނޫން ބޭނުންގޮތަކަށް ފާސް ކުރެވިދާނެ ނަމަވެސް މައްސަލައަކީ ތަންފީޒީ މަރުޙަލާގައި އެކަން ނުކުރެވުން.. މިހާރުވެސް ހެދިފައިވާ ޤާނޫނުތަކަކީފިސާރި ރަނގަޅަށް މުޠޢލިއާ ކުރެވިގެން ހަދާފައިވާ ޤާނޫނު ތަކެއް. މޫނަކަށް ކަނދުރަ އަކަށް ނުބަލާ ހަމަހަމަގޮތެއް ގައި ޢަމަލްކޮށް ބަލަ..
އުނބުށެން
24 April 2017
މައްސަލައަކީ ބައެއް މީހުންނަށް އެއްކަމަކަށް ތިން ހަތަރު ނަމުގައި ދައުވާކުރެވޭއިރު އަފްރާޝީމްގެ ގަތުލުގައި ބައިވެރިވި އެކަކަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެކަނި ކޮށްފައި އެކުށް ސާބިތުނުވެގެން ކުށެއްނެތް މައުސޫމް މީހެއްގެގޮތުގައި އޭނާ މުޖްތަމަޢަށް ދޫކޮށްލުންފަދަ ގޮތްގޮތަށް ޤާނޫނު ހިންގޭތީއެވެ.
އެމްބީބީއެސް
24 April 2017
ޤާނޫނޭ ކިޔައިގެން ދަމާފަހުރި ހާސަރުތަކާ ގުޅިގެން ދައްކާނެ ބައިވަރު ވާހަަ އެބަހުރި. އެކަމަކު ހަމަ އެންމެ އެއްޗެއް ބުނެފަ ނިންމާލާނަން.. ކާނަލް ނާޒިމް ފްރޭމްކޮށް ނުހައްގުން ޖަލަށް ލާފައި ހުރިހުރުން
އަހުމދު
24 April 2017
އަޅުގަނޑުކުށެއްކުރިނަމަވެސް އަރާހމަކުރާނެ ޤާނޫނެއް ނެތް
އާލިމް
24 April 2017
ކޮންއިރަކުންތޯ ޤާނޫނު އަރާ ހަމަކުރާނީ؟ ގައުމުގަ ތިބި މީހުން މަރާހުސްކުރީމަ ޤާނޫނު އަރާަހަމަ ނުކުރިޔަސް ހެޔޮ.
ސޯލޭ
24 April 2017
އަހަރެމެން މިތިބީ ކެތްމަދުވެފައެވެ. ގާނޫނޫ އަރާ ހަމަކުރާތަން ބަލަން. ހަމަގައިމުވެސް އާހިރަތްދުވަހު ކުރެވޭނެ ކަމެއް ނެތެވެ. ޖަވާބުދާރީ ވާންޖެހޭނެއެވެ. މީހުން މަރައިގެންވެސް ފޮރުވަން އުޅެނީ ކޮންކަމެއްކަން މޮޅަށް ދެނެވޮޑިގެންވަނީ ގަދަކީރިތިވަންތަ މާތް ﷲ އެވެ.
އިސްމާއިލް
24 April 2017
ސިފައިން ނަށް ކަމެއް ނުކުރެވޭ ވާހަކަ ވިދާޅު ވި އިރުވެސް ސިފައިން އެތިއްބެވީ އަތްޖައްސަވަން
ނުގުޑާ
24 April 2017
ޤާނޫނު އަރާހަމަކުރަނީ އެމީހަކު ނިސްބަތްވާ ޕާޓީއަކަށް ބަލާފަކަން ވަރަށް ސާފު...
ލަބީދު
24 April 2017
ހުދުމުހުތާރު ވެރިންގެ ވެރިކަން ނިމޭގޮތް ތާރީހު ވަނީ ދައްކާފައެވެ.