އަލީމް ކުރީ ދުވަހެއްގައި ސިވިލް ކޯޓަށް ހާޒިރުވަނީ: ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ މިއަދު ވަނީ ޖޫރިމަނާކޮށްފައި.---މިހާރު ފޮޓޯ/ހުސައިން ވަހީދު
27 އެޕްރީލް 2017 - 11:50
ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްގެ މައްޗަށް ސާބިތުވެ، އޭނާ 85،000ރ. އިން ސިވިލް ކޯޓުން ދެންމެ ޖޫރިމަނާކޮށްފި އެވެ.
ކޯޓުގެ ހުރުމަތް ކެނޑިކަން އަލީމްގެ މައްޗަށް ސާބިތުވީ، ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ ޚިލާފަށް އަލީމް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ، އެ ޕާޓީން ސިވިލް ކޯޓުގައި ޝަކުވާ ކުރުމުން ހިންގި ޝަރީއަތުގަ އެވެ.
ފަސް ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މައްސަލާގައި އިއްވި ހުކުމްގައި ވަނީ، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި 85،000ރ. އެއްފަހަރާ ސިވިލް ކޯޓަށް ދެއްކުމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑިކަން އަލީމްގެ މައްޗަށް ސާބިތުވެ އޭނާ ޖޫރިމަނާ ކުރީ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދު" ގެ 13 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.
ހުކުމްގައި ބުނެފައި ވަނީ، ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ގަޒިއްޔާ އިން، އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނިކޮށް، އެ ހުކުމުގެ ބާރު ނަފީކޮށް، ހުކުމަށް ބަލައި ކިޔަމަންވެ ތަބާވުމެއް އެ މައްޗަށް ނެތި، ކޯޓުގެ ހުކުމަކީ އެއަށް ތަބާވާން ނުޖެހޭ އެއްޗެެއްގެ ގޮތުގައި އަލީމްގެ އަމަލުން ދައްކައި ހުކުމަށް ގޮންޖަހާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއްގެ ހަރަކާތްތައް ހިންގުމުގެ ގޮތުން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނޭ ދެ މެމްބަރަކު ވަކިކޮށްފައިވާ ކަމަށް ވައިބާ ގުރޫޕްތަކަށް އަލީމް ފޮނުވައި، މީޑިއާތަކަށް ޚަބަރު ދީ އަލީމް ހެދިކަން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކާއި ޕީޕީއެމްގެ ވާހަކައިން އަދި އަލީމްގެ ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމްގައި ވެ އެވެ.
އަލީމްގެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބަވަނީ އިސް ގާޒީ އަބްދުﷲ އަލީ އާއި ގާޒީ އަލީ އަބްދުﷲ އާއި ގާޒީ އަލީ ނަސީރާއި ގާޒީ ހަސަން ފަހީމް އިބްރާހިމް އަދި ގާޒީ މުހައްމަދު ހަލީމް އެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަލީމް ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ޕީޕީއެމް ހިންގުމުގެ ބާރު، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލު ކުރައްވާފައި ނުވާނެ ކަމަށެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އަލީމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެފަދަ ކަމެއް ކުރަން އެއްވެސް ފަރާތަށް އަލީމް އަންގަވާފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަލީމް އަމަލު ކުރެއްވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ގަވާއިދު އޭގެ ބާރުވެރިކަން މަތީ އަދިވެސް އޮތް ކަމަށެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ ޕާޓީގެ ކައުންސިލުން ކަމަށާއި އެ މަގާމުން އޭނާ ވަކިކުރިކަން އަންގާފައިނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ އެކު ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު ހުކުމްކުރީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް 24 ގަޑިއިރުގެ ތެރޭގައި ބޭއްވުމަށެވެ. އެ ހުކުމާ އެއްގޮތަށް ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރީ ޕާޓީގެ ކޮންގްރެސްއަކާ ހަމައަށް ދެވެންދެން ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށެވެ.
މައުމޫން ފެކްޝަނުން އެ މައްސަލަ އިސްތިއުނާފް ކުރިޔަސް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަހަ
28 April 2017
ކޮބާތޯ ޕީޕީއެްއަކީ
ކުޑަދޫއަހްމަދު
27 April 2017
ކޯޓުތަކުން ރައްޔިތުންގެ ހުރުމަތް ކެނޑުމުން އަދަބުލިބޭ ޒަމާނީ ޑިމޮކްރެސީ އޮންނަ ހުރިހާ ގައުމުތަކުގައި، ކޯޓުތަކުގެ ފަނޑިޔާރުންގެ ސުލޫކާއި، ތައުލީމާ، ގާބިލު ކަމަކީ އެހެން ގައުމުތަކުގައި ވަރަށްބޮޑަށް ބަލާ ކަންކަން.
ޢަލީ
27 April 2017
ވަކިފުލުހުންކޮޅެއް ބޭނުންކޮއްގެން ނަހަމަގޮތުގަ ބާރުގެ ބޭނުން ކުރާތަން ފެންނަނީ
އެކަނި
27 April 2017
85 ހާސް ރުފިޔާއަކީ ޢާއްމު ނަޒަރިއްޔާތުން ބަލާއިރު ވަރަށް ގިނަ ފައިސާ
ދދ
27 April 2017
އާމްދަނީ އިތުރު ކުރަން ރަގަޅު ގޮތެއް ލިޓުލް ސިންގަޕޫރު ގައިވެސް މިގޮތަށް.
އާދަނު
27 April 2017
ކޯޓު ހުރުމަތް ކެނޑުމަށް ޢަލީމް ކުރެއްވި ޢަމަލެއް ޚަބަރަކުން ސާފެއްނުވޭ!
ކައްޓިމަސް
27 April 2017
އަދަދުތަކެއް ދޯ..!