މަޖިލީހުުގެ ޖަލްސާއެއް: މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން ސަބަބެއް ނެތި ވެސް ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮވޭ --ފޮޓޯ/މިހާރު
14 މެއި 2017 - 16:42
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓު [ވޯޓް އޮފް ނޯ ކޮންފިޑެންސް] އަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މިހާރު އޮތްގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާ ހުށަހެޅުއްވުން، މަޖިލިހުން ފާސްވެއްޖެ ނަމަ އެ ވަޒީރަކު މަގާމުން ވަކިވާނެ އެވެ. ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވަކި ސަބަބުތަކެއް އޮވެގެން ކަމަކަށް އެ މާއްދާގައި ބުނެފައެއް ނެތެވެ.
އެކަމަކު ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން މަޖިލީހުގައި ނަގާ ވޯޓް [އިމްޕީޗްމަންޓް ވޯޓް] އަކުން އެކަނި ކަމަށާއި އެއްވެސް ސަބަބެއް ނެތި، ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން އެއްވެސް ވަޒީރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެއްވެސް ސަބަބެއް ނެތި ސިޔާސީ ބޭނުމަށްޓަކައި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެ މީހުން ވަކި ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ. އަދި އެއީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ސިޔާސީ އުކުޅެއްގެ ގޮތުގައި ބޭނުން ކުރެވޭ ކަމެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ އޭގެ ސަބަބުން ދައުލަތުން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ހުރަސް އެޅޭ ކަމަށެވެ.
ގާނޫނުއަސާސީ އޮތްގޮތުން ވަޒީރުން އައްޔަން ކުރުމާއި ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައީސަށް ކަމަށާއި ވަޒީރުން ޖަވާބުދާރީވާން ޖެހޭނީ ވެސް ސީދާ ރައީސަށް ކަން ފާހަގަކޮށް، ދައުލަތުގެ ވަކީލާ ވިދާޅުވީ ވަޒީރުންގެ ޖަވާބުދާރީ ކުރުވުމުގައި މަޖިލީހަށް އޮންނަނީ ފާރަވެރިވުމުގެ ބާރެއް ކަމަށެވެ.
މަޖިލީހަށް އޮންނާނީ އެ ވަޒީރެއްގެ ޒިންމާއާ ގުޅޭ ކަންކަމާ ގުޅިގެން ސުވާލު ކުރުމާއި ޖަވާބުދާރީ ކުރުވުން ކަމަށާއި އެހެންވެ ވަޒީރުން ވަކި ކުރުމުގައި މަޖިލީހަށް އޮންނަ ބާރަކީ ވެސް ފާރަވެރިވުމުގެ އިންތަކުގެ ތެރެއިން އޮންނަ ބާރަކަށް ވާންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ނަމަ އެއީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ނަގާ އިމްޕީޗްމަންޓް ވޯޓަކުންނެވެ. އޭގެ މިސާލެއްގެ ގޮތުން އެމެރިކާ ފާހަގަކޮށް، ވަކީލާ ވިދާޅުވީ އެ ގައުމުގައި ވަޒީރުންނާއި ރައީސް އަދި ނައިބު ރައީސް ވެސް ވަކި ކުރެވެނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ކޮންގްރެސް އާއި ސެނެޓުގައި ނަގާ އިމްޕީޗްމަންޓް ވޯޓަކުން އެގޮތަށް ފާސްވެއްޖެ ނަމަ ކަމަށެވެ.
ވަކީލާ ވިދާޅުވީ ދެ މަރުހަލާއަކުން އިމްޕީޗްމެންޓް ވޯޓު ފާސްވެގެން ނޫނީ ވަޒީރުން ވަކި ނުކުރެވޭ ގޮތަށް އެމެރިކާގައި އޮންނަނީ އޭނާ ވަކިކުރަން ނިންމާ ސަބަބަކީ އެކަށީގެންވާ ސަބަބުތަކެއްތޯ ބަލައި، ކަށަވަރު ކުރުމަށެވެ.
އެހެންވެ ރާއްޖޭގައި ވެސް ވަޒީރަކު ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން އަދި އެ ސަބަބުތައް ސާބިތުވެގެން މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ވަކި ކުރެވޭނެ ސަބަބުތައް މަޖިލީހުގެ ގަވާއިދުގައި ވެސް ހިމެނެން ޖެހޭނެ ކަމަށް ދަައުލަތުން ބުންޏެވެ.
އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާ ނަމަ އެކަން އަންގާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުލަމާނީ
15 May 2017
ކުއްލިއަކަށް ނިދާހޭލެވުނު ގޮތަކުން ބަރުލަމާނީ ސިފަ ފެނުނީ މިތަންކޮޅުން އެކަނިތޯ....ސިވިލް ސަރވިސް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމްގެ ބައެއް... ރިޔާސީ ނިޒާމްގަ އޮންނަ އެއްޗެއްނޫން... އުވާލަންވީ ނޫންތޯ އަވަހަށް....ޕިސްޕިސް
ވޯލް
15 May 2017
ޤާނޫނުގައި އެއޮތީ ލިޔެފަ، އެޤާނޫނު ހެދި ރައްޔިތުންގެ މަޖިލިސް މެމްބަރުން އެހެން ބެނުންވެގެން. އިސްލާހް ކުރަންޏާ ޤާނޫނު އަސާސީ އިސްލާހް ކުރޭ، ނެތް ތަންކޮޅު ޤާނޫނުގައި ލިޔޭ، ދެން އޮތީ އެހެން ޑިމޮކްރަސީ ތަކުގައި ކަންކުރަގޮތް. ރާއްޖެގެ ސްޕްރީމް ކޯޓްއާއު ޖުޑިސަރީގައު ކަން ހިންގަނީ އެހެން ޑިމިކްރަސީގައި ކަން ކުރަ އުސޫލުންތޯ. މައްސަލަގެ މައއޗަށް ކޮފީތަށި އެހެން ޤައުމުތަކުގައިވެސް އެޅޭތޯ؟
ޖާނޭ
15 May 2017
ސަބަބެއް ނެތި ކަަރަންޓު އަގުބޮޑު ކުރެވޭނެތަ؟ އެމް. ޕީ. ޢެލް ސަރަހައްދުގަ ބަނޑަހަ ޖަހައިގެން ޕާޓީ ފޯމު ފުރޭނެތަ؟ މިނިވަން މުވައްސަސާ އެއްގެ ވެރިއަކަށް މިނިސްޓަރުކަން ކުރެވޭނެތަ ؟
ފޫޅުދިގު ހަންޑި
15 May 2017
މި ސަރުކާޜުން ޑރ ޖަމީލު ވަކިކުރީ، ޑރ ޝަކީލާ ވަކިކުރީ. ހަމަ މަޖިލީހުން. ސުޕްރީމްކޯޓަކުން ނޫން. ވީމާ، މިހާރުވެސް މަޖިލީހަށް ހަމަ ކުރެވޭނެ.
އުދުހޭ
15 May 2017
މިކަން ކާމިޔާބު ވެއްޖެއްޔާ ދެން ސުޕްރީމް ކޯޓަށް ހުށައަޅާނީ އަސްލު މައްސަލަ. އެއީ ސަބަބެއްނެތި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓެއް ނުނެގޭނެކަމަށް ނިންމުމަށް.
ސައިޚް
15 May 2017
ގާނޫނު އަސާސީ އަށް ބަދަލެއްގެނެވޭނީ، ގާނޫނު ހަދާ މަޖިލީހަށް، ސްޕްރީމް ކޯރޓަކަށް ގާނޫނަކަށް ބަދަލެއް ނުގެނެވޭނެ، އޭރުން ގާނޫނު އަސާސީއާ ޚިލާފް ބާތިލް ބަދަލަކަށް ވާނީ.
ދެން
15 May 2017
ޑރ ޝަކީލާ ވަކިކުރީ ކިހިނެއް؟
ކަނޑުކޮސް
15 May 2017
އެހެން ކަމަށް ވާނަމަ ސިޔާސީ ބޭނުމެއްގައި ރައީސް މީހާއަށް ވެސް ވަޒީރުން ވަތްކެއް ނުކުރެވޭނެ ތާއެވެ. ވަޒީރުން އެ މަޤާމުގައި ތަޅު އެޅުވުނީ ތާއެވެ؟
ތާރުކުނާވަޙީދު
15 May 2017
ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ނިގުޅައިގަތުން ނުވަތަ ބަދަލުގެނައުންފަދަ ކަމެއް ކުރަންޖެހޭނީ އެކަން އެގޮތަށް ކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ދައްކައިގެން. މިޤައުމުގައި އެފަދަ އެއްވެސް ކަމެއް ނެތް. ވަކި ސަބަބެއްނެތި ވަޒީރުން ވަކިކުރާކަށް ބަޔަކު ހުށަހަޅާފައެއްނެތް. ހުޅަނގުފަރާތުން ކަޅު ވިލާކޮޅެއް ފެންނަ ކޮންމެ ފަހަރަކު ވާރެއެއް ނުވެހޭނެ. އެކަމަކު ހަސަނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެޔޭ.
ބޯގަމާރު
15 May 2017
މަޖިލީހަށް އޮންނާނީ އެ ވަޒީރެއްގެ ޒިންމާއާ ގުޅޭ ކަންކަމާ ގުޅިގެން ސުވާލު ކުރުމާއި ޖަވާބުދާރީ ކުރުވުން ކަމަށާއި އެހެންވެ ވަޒީރުން ވަކި ކުރުމުގައި މަޖިލީހަށް އޮންނަ ބާރަކީ ވެސް ފާރަވެރިވުމުގެ އިންތަކުގެ ތެރެއިން އޮންނަ ބާރަކަށް ވާންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ނަމަ އެއީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުގެ ވަކީލާ މިވިދާޅުވާ ބަސްފުޅު ކަމުހިނގާދަނެއެވެ. އެކަމަކު ވަކީލާ ވިދަޅުވާ އެކަށީގެންވާ ސަބަބުވެ ވަކީލަގެ ފަރާތުން ފަނޑިޔަރުގެއަށް ފެއްކެވުން މައްސަލާގައި ރިވެތި ފައިސަލާއެއް ކުރުމަށް މަގު ފަހިވޭނީ . އަޅުގަނޑަށް ހީވަނީ ވަކީލާއަށް ވިސްނިވަޑައި ނުގަންނަވަނީހެން ޤާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހަމަ މިސިފަގައި މައްސަލަފޮނުވުނުނަމަ މަޖިލިސްމެމްބަރުންވެސް ތިޔަކަށް ބަހުސްކޮށް ހައްލެއް ހޯއްދަވައިދެއްވާނެހެން (.) ކޮންމެއަކަށް ދައުލަތް ހިންގުމުގައި ފަނޑިޔާރުގެ ބޭނުންކޮށްގެން މަޖިލިސްގެ ބަސް ކަނޑުވަން މަސައްކަތް ކުރެވޭތަންވެސް މިދަނީ ފެންނަމުން: