ރޮޒައިނާގެ ބަހުގެ ހަމަލާތަކެއް އާޒިމާ އަށް

ގާނޫނީ ގޮތުން ފުންނާބު އުސްކަމަށް ހެއްދެވިގެން އުޅުއްވިޔަސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް އެއްޗެއް އޭނާ އަށް ވުރެ ބޮޑަށް އާޒިމާ ޝަކޫރަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.


އިދިކޮޅު ފަރާތްތަކުން ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ރޮޒައިނާ އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދިފާއުގައި އާޒިމާ ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އަމާޒުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރައްވައި އަދި ފަހުން އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމުން ސަރުކާރަށް މަޖިލިހުގެ އަޣުލަބިއްޔަތު ގެއްލުމާ އެކު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި އެންމެ ބޮޑަށް އެކަން ދިފާއުކުރައްވާ އެއް ބޭފުޅަކީ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ އެވެ. އޭނާ ވަނީ އިއްޔެ ރޭ ޓީވީއެމްގައި ވެސް، ސުޕްރީމް ކޯޓުގެ ހުކުމް ދިފާއުކުރައްވަން، ގާނޫނީ އެކި ޕޮއިންޓްތައް ނަންގަވައިފަ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ސަބަބުތައް ގާނޫނުއަސާސީގައި ކަނޑައެޅިގެން އަދި އެހާމެ ސާފުކޮށް ބުނެފައިވާ އިރު ގާނޫނުއަސާސީ އާއި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނެތް ޝަރުތުތަކެއް ސުޕްރީމް ކޯޓަށް ކަނޑަނޭޅޭނެ ކަމަށް އިދިކޮޅު ފަރާތްތަކާއި ސިޔާސީ ވަކި ފިކުރެއް ނެތް އެތައް ވަކީލުންނެއް ގެންދަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަކީ ގާނޫނުއަސާސީގައި އެ ކޯޓަށް ދީފައިނުވާ ބާރެއްގެ ތެރެއަށް ވަނުން ކަމަށް ވެސް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު އާޒިމާ އާއި ސަރުކާރަށް ނިސްބަތްވާ އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި ސުޕްރީމް ކޯޓުގެ ހުކުމް ރަނގަޅެވެ.

ރޮޒައިނާގެ ވާހަކަ ބިނާކުރެއްވީ މަސީހުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމް މެމްބަރުން ޕާޓީން ވަކިވާން ސިޓީ ފޮނުއްވުމުން ވެސް ވަކިނުކޮށް ދިނުމާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ހުރި ބައެއް ކަންކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ ކޮންމެ މެމްބަރަކަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެމްބަރުކަމުން ވަކިވެވިދާނެ،" ސިޔާސީ ޕާޓީއާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި، ރޮޒައިނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް "އާޒިމާ ކިތައްމެ ވަރަކަށް ދިފާއުކޮށް ވާހަކަ ދެއްކިޔަސް މި ސިޔާސީ ޕާޓީގެ ގާނޫނު އަޅުގަނޑަށް ވުރެ ބޮޑަކަށް އާޒިމާއަކަށް ނޭނގޭނެ."

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުން ވަކިވިޔަސް، އޭނާގެ އިންތިހާބީ މަގާމު ނުގެއްލޭނެކަން ވެސް އެ ގާނޫނުގައި އޮންނާނީ ބުނެފަ އެވެ.

ރޮޒައިނާ އެ ހަވާލާދެއްވަނީ ގާނޫނުގެ 16 ވަނަ މާއްދާގެ ބ އަށެވެ. އޭގައި ބުނެފައި އޮންނަނީ "ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ" ކަމަށެވެ.

އެގޮތް ގޮތަށް ގާނޫނުގައި ކަނޑައަޅާފައި އޮއްވާ "އެމީހާގެ ގައިގައި އެލިގަނެގެނެއް ނޫޅެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު މި އުޅެނީ ކަރުގައި މަޅި އަޅުވައިގެން، ދަމާކޫއްތައިގެން ގެނެސް [ޕާޓީގައި ބައިތިއްބަން]. މި ގޮތަށް ގާނޫނުއަސާސީ ފުނޑާލިޔަކަ ނުދޭނަން."

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އެ ބައިތައް ހިމަނާފައި ވަނީ ވެސް ޕާޓީއަކުން މީހަކު ކަނޑާނުލާފާނެތީ އާއި އެ ކޮންޓްރޯލް ޕާޓީއަށް ނުދިނުމުގެ ގޮތުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ނިންމުމުގައި ސިޔާސީ ޕާޓީތަކަށް އެ ހުރިހާ ކޮންޓްރޯލެއް ވަނީ ދީފަ އެވެ.

ރޮޒައިނާ ވިދާޅުވީ ޕާޓީގެ ފިކުރު ވައްކަމާއި ކޮރަޕްޝަނަށް ބަދަލުވީމާ އެ ޕާޓީއެއްގައި ތިބެން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ. ޕީޕީއެމުން މިހާރު ފެންނަނީ އެ މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ޕާޓީ ބަދަލުކުރުމުން ވާނެ ގޮތް ސުޕްރީމް ކޯޓުގެ ދެ ހުކުމެއްގައި މުޅިން ތަފާތު ވުމުން ވެސް ރޮޒައިނާ ވަނީ ފާޑުވިދާޅުވެފަ އެވެ. ކައުންސިލަރުން ސިޔާސީ ޕާޓީ ބަދަލުވުމުން ގޮނޑި ނުގެއްލޭނެ ކަމަށް އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗުގެ ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ، ޕީޕީއެމް އުފެދި، ޑީއާރުޕީގައި ތިބި ކައުންސިލަރުން ޕީޕީއެމަށް ބަދަލުވާތީ އެ ފުރުސަތު ދޭން ކަމަށް، އޭނާ ވިދާޅުވި އެވެ.

"މިއަދު ހުކުމް މި އަންނަނީ... ޕާޓީ ބަދަލުކޮށްފިއްޔާ ގޮނޑި ގެއްލޭނޭ،" ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު ކައުންސިލަރުން ވެސް ގޮނޑި ގެއްލޭނެތޯ، އެއީ ސުވާލެއް. ކޮން ހުކުމަކަށްތޯ އަޅުގަނޑުމެން ބަލާނީ؟"

ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަން ޖެހޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ގާނޫނުގައި އޮއްވާ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ އެންމެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމުން އެއީ ވެސް ކުރެވިދާނެ ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.