އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި އެ ޕާޓީގެ ބައެއް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވައިބަ ގްރޫޕެއްގެ ސްކްރީންޝޮޓްތަކަކީ ފޭކެއް ކަމަށާއި ސަރުކާރުން އުޅެނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލި ގޮތް ހުސްވެގެން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެމްޑީޕީން ވަކިވުމަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ އެކު ވައިބަ ގްރޫޕްގައި ދެކެވުނު ކަމަށް ބުނާ ވާހަކަތަކާ ބެހޭ ގޮތުން ރޮޒެއިނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއީ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ހަދައިގެން އުޅޭ އެއްޗެކެވެ. އޭގައި ރޮޒައިނާ އާއި ނާޒިމްއާ ދެމެދު ވާހަކަތަކެއް ދެކެވުނު ކަމަށް ބުނާއިރު ރޮޒައިނާ ވިދާޅުވީ އެއީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް އެއްޗެއް ކަމަށެވެ.

"ފުރަތަމަ ކަމަށް ނަން ނުބައިކޮށް އިނީ. އެއީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕަށް ކިޔާ ނަމެއް ވެސް ނޫން. އޮޅުވާލަން ހަދައިގެން އުޅޭ އެއްޗެއް އެއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތިގެންނެވެ. އަދި ޕީޕީއެމްގެ ވައިބާ ގްރޫޕްގެ ސްކްރީން ޝޮޓްތައް ލީކްވެ، ގޮތް ހުސްވެފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

ނާޒިމްގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރްޒޫގް ސަރުކާރާ ގުޅެން އުޅޭ ކަމަށް ބުނެ، ދެކެވެމުން އަންނަ ވާހަކަތައް އެ ދެބޭފުޅުން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ވަނީ އެ ޕާޓީގެ ވިސްނުމާ ދެކޮޅަށް ނިކުންނަވައި މަސީހު ވަކި ކުރަށް މަޖިލިހަށް ހުށަހެޅި މައްސަލާގައި ސޮއިކުރައްވައިފަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ.

އެހެންވެ، މަޖިލިހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ ގެއްލުމުގެ ބިރާ މިހާރު ވަނީ ކުރިމަތިވެފަ އެވެ.