ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން: މަޖިލީހުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ސައްހަ ކަން ކަނޑައެޅޭނީ ސުޕްރީމް ކޯޓުން. - ފޮޓޯ: މަޖިލިސް
25 މެއި 2017 - 09:21
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ އެއްޗެއް ކިތަންމެ ސާފު ކަމަށް ވިޔަސް، އެ މާއްދާ މާނަކޮށްދީ، އެ މާއްދާ އިން ޚުލާސާ ގޮތުގައި ދެނެގަނެވޭ ދުސްތޫރީ ހުކުމްތައް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އަދި މި ސަރުކާރުގެ އެއްވެސް ވަޒީރަކު، އިތުބާރު ނެތް ކަމުގެ ވޯޓަކުން ވަކި ނުކުރެވޭނެ ކަމަށް، ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ.
އެ މައްސަލައިގައި ކުރި ހުކުމްގައި ސުޕްރީމް ކޯޓުން ކަނޑައެޅީ، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބާއި ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި އޮޑިޓަ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން ނިންމި ކަމަށް ވިޔަސް، އެ ނިންމުމެއް ސައްހަ ވާނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކީ ސިޔާސީ ފަރާތްތަކުން ބޭނުން ގޮތަކަށް މާނަ ކުރެވިދާނެ ހުކުމެކެވެ. މީގެ ކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް އެ ހުކުމް ރަނގަޅު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ހަމަ ގައިމުގެ ވެސް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ސުޕްރީމް ކޯޓުގެ އެ ނިންމުން މިހާރު ގޯސްވި ކަމަށް ވިޔަސް، އެ ނިންމުން ވަރަށް ރަނގަޅު ވާނެ ވަގުތެއް އަންނާނެ އެވެ. އެއީ ވެރިކަން ކުރުމުގެ ފުރުސަތު ލިބޭ ވަގުތެވެ. އެއީ ސިޔާސީ ދެކޮޅުވެރިކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓަކުން ސިޔާސީ މީހަކު ނަގައި ބުރުވައިނުލެވޭނެ ކަން ޔަގީންވާތީ އެވެ.
މިހާރު ވެރިކަމުގައި ތިބި ފަރާތްތަކަށް އެ ދުވަހުން ސުޕްރީމް ކޯޓުގެ ހުކުމް ގޯސްވާނެ އެވެ. އެއީ އެ ދުވަހުން ވެރިކަމުގައި ތިބޭ މީހުންނާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ބޭނުންވިޔަސް، އެކަން ފަސޭހަކަމާ އެކު ނުކުރެވޭނެތީ އެވެ.
މި މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އެ ހުކުމާ މެދު ބައެއް ފަރާތްތަކުން ކޮންމެވެސް ވަރަކަށް ފާޑުކިޔަ އެވެ. އޭގެ ތެރޭގައި ހާއްސަ ގޮތެއްގައި ފާހަގަކުރެވެނީ އިދިކޮޅު ސިޔާސީ ފަރާތްތަކެވެ. ދުސްތޫރީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށްވާ އިރު، އެ މައްސަލަ އެ ގޮތަށް ނިންމުމުން ފާޑުކިޔާ ސަބަބެއް، ފާޑު ކިޔާ ފަރާތްތަކުން ވެސް އެހާ ސާފުކޮށް ނުބުނެ އެވެ.
ގާނޫނީ އަދި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން ވެސް އެ ދުވަހުން ފެށިގެން އުއްކަވަމުން ގެންދަވަނީ އެކި ވަރުވަރުގެ ގަޅިތަކެވެ. ސާފުކޮށް އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއްނުގަނެ އެވެ. ބައެއް ބޭފުޅުންނަށް ސުޕްރީމް ކޯޓޭ ވެސް ވިދާޅެއްނުވެ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން މިހާރު ވަނީ ކަނޑައަޅާފައި.
އެ ހުކުމް އިއްވި ރޭ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ "މިއަދަކީ އަނެއްކާވެސް ދުސްތޫރީ ކަޅު ދުވަހެއް،" ކަމަށެވެ. ނަމަވެސް އެ ދުވަސް ދުސްތޫރީ ގޮތުން ކަޅުވީ ކީއްވެ ކަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ އަމާޒުވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ކަމަށް ބެލިދާނެ އެވެ.
ގާނޫނީ ކަންކަމުގައި ވަރަށް ސާފުކޮށް އެއްޗެހި ވިދާޅުވާ ބައެއް ވަކީލުން ވެސް މި ފަހަރު ތިއްބެވީ ދުރުގަ އެވެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ގާނޫނުތަކާއި ގާނޫނުއަސާސީގައި އޮޅުންއަރާ އެއްވެސް އެއްޗެއް އޮތް ނަމަ އެކަމެއް ސާފުކޮށްދޭން ޖެހޭ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވާ އިރު، ގާނޫނުއަސާސީގެ މާއްދާއަކާ މެދު ސަރުކާރަށް އޮޅުމެއް އަރައިގެން އެކަން ސާފުކުރުމަކީ ގޯހެއް ނޫނެވެ. އަދި އެ ވަގުތަކު ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންނަށް ފެންނަ ބުއްދީގެ ހަމަތަކާއި ގާނޫނީ އުސޫލުތަކުގެ މަތިން އެކަމެއް މާނަކޮށްދީ އެ ކަމެއްގެ ގާނޫނީ ހައިސިއްޔަތު އޮތް ގޮތް ކަނޑައަޅައިދިނުމަކީ ވެސް މައްސަލައެއް ނޫނެވެ.
ނަމަވެސް އެހެން ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ނިންމުމެކެވެ. އަދި އެއީ ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ، ޒަމާނީ ދުސްތޫރިއްޔަތުގެ އެއް ސިފަ ކަމުގައިވާ، ދައުލަތުގެ ތިން ބާރު ވަކިވެގެންވުމުގެ ސިފަ ނެތިގެންދާ ފަދަ ހުކުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް ސުވާލަކީ، ސުޕްރީމް ކޯޓުގެ އެ ނިންމުން ރަނގަޅަސް ނުވަތަ ގޯސް ކަމަށް ވިޔަސް، ގާނޫނީ ދާއިރާގެ މާހިރުން މި ކަމުގައި ދެ ތުންފަތުގައި ޒިޕް އަޅުއްވައިގެން ތިއްބަވަނީ ކީއްވެ ހެއްޔެވެ؟ މި ކަމުގައި މިހާތަނަށް ވާހަކަ ދައްކަވާފައިވާ ބައެއް ބޭފުޅުންނަކީ ގާނޫނީ ވަކީލުން ކަމަށް ވިޔަސް، ގާނޫނީ ބޭފުޅުންނަށް ވުރެ ބޮޑަށް އެ ބޭފުޅުންގެ ހައިސިއްޔަތު މިއަދު ގުޅިފައިވަނީ ސިޔާސީ މައިދާނާ އެވެ. މިސާލަކަށް މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި ކެންދޫ ދާއިރާގެ އަލީ ހުސައިނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގަ އާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލައިގައި ނުކުންނެވި ގާނޫނީ ބޭފުޅުން މިފަހަރަކު ނުފެނެ އެވެ. އެއިން ބޭފުޅަކު މި ކަމުގައި ބަހެއް ވިދާޅުވާ އަޑެއް ނުއިވެ އެވެ.
"މިއަދު މިއީ ގާނޫނީ ވަކީލުން އެކައްޗެއް ކިޔަންވީ ވަގުތު. ހަމަ ގައިމު ވެސް މި ކަމަށް ތާއީދުކޮށް ވާހަކަ ދައްކަވާ، ގާނޫނީ ދާއިރާގެ ބޭފުޅަކާ ދިމަލެއް ނުވޭ. އެކަމަކު ސިޔާސީ މަގާމުތަކުގައި ތިއްބެވި ގާނޫނީ ވަކީލުން ފާޅުގައި އެބަ ދެކޮޅު ހައްދަވާ. އެހެން ވިއްޔާ މިނިވަންކަމާ އެކު ގާނޫނީ މަސައްކަތްތައް ކުރެއްވޭ ހާލަތުގައި ތިއްބެވި ވަކީލުންގެ އަޑު ނުއިވެނީ ކީއްވެބާއޭ ހަމަ ހިތަށް އަރަނީ،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ކޮންމެހެން އެންމެންގެ ނަޒަރުގައި ގޯސް ނިންމުމެއް ކަމަށް ވާކަށް ނުޖެހެ އެވެ. އެހެންކަމުން އެ ކަމާ ބަހެއް ވިދާޅުނުވެ އެ ތިއްބަވަނީ އެ ހުކުމް ރަނގަޅު ވީމައި ކަމަށް ވެސް ވެދާނެ އެވެ.
ބައެއް ވަކީލުން ވިދާޅުވި ގޮތުގައި މި ކަމުގައި ބަހެއް ވިދާޅުވާން ވަކީލުން ޖެހިލުން ވަނީ، އެ މީހުން އާމްދަނީ ހޯދަން ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރަށްޓަކަ އެވެ. އަދި އެ ދުވަހު ޝަރުއީ ދާއިރާ އިން މީޑިއާތަކަށް އެންގި އެންގުމަކީ ވެސް ބައެއް ވަކީލުން ޖެހިލުންވާ ސަބަބެކެވެ. އެ އެންގުމުގެ ބޭނުމަކީ ކޯޓުތަކުގެ ހުކުމްތަކުގެ "މާނަ އޮޅޭ ގޮތަށް" އެއްވެސް ވާހަކައެއް މީޑިއާތަކުން ދެއްކުން ހުއްޓުވުމެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބު ނުވަތަ ރައްޔިތުންގެ މަޖިލީހުން ވިޔަސް، ގާނޫނު އަސާސީގެ އެހެން ބައެއް މާއްދާތައް މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ މިހާރުން މިހާރަށް ވެސް ކުރަން ވެއްޖެ ކަމެކެވެ. އެއީ ކިތަންމެ ސާފު ބަހުން ލިޔެފައި އޮތަސް، ބައެއް މީހުންނަށް އެ މާއްދާތަކުގައި ބުނާ އެއްޗެއް ދޭހަނުވާތީ އެވެ.
އެފަދަ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އެވެ؛ "މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޢޢ
26 May 2017
ބަލަ ކަލޭމެންނައް ނޭގޭތަ ސްޕްރިމްކޯޓޭމީހަކްބުންޏަސް އެމީހަކައް ވާގޮތެތް
ޢަލީ
26 May 2017
ވަރަށް މޮޅު ލިޔުމެއް. ލިޔުންތެރިންނަށް ހުރި ނަމޫނާއެއް ތީ..... ޝުކުރިއްޔާ
އިބޫ
26 May 2017
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގަ އާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލައިގައި ނުކުންނެވި ގާނޫނީ ބޭފުޅުން މިފަހަރަކު ނުފެންނާނެ ދީ އެވަރަށް އެކަްުންޓް ތަކަށް އައި ނީޑް ކޭޝް ނުވަންޔަކާ
މުހައްމަދު
26 May 2017
ތިޔަ ހުކުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާބެހޭ މާއްދާއަށްވެސް އޮތީ އަލިއަޅުވާލައި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރެވެނީވެސް މަޖިލީހުން ފާސްކުރި ކަމުގައިވިޔަސް ސްޕްރީމް ކޯޓުން ގޮތެއް ނިންމީމައި ކަމުގައި ދޭހަވާގޮތަށް އެބައޮތެވެ. މަޖިލީހުން ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އެއްފަހަރާ ވަކިކޮށްފިނަމަ ދެން އެކަން ބަލާނީ ކޮން ކޯޓަކުން ބާވައެވެ. ނުވަތަ ވަކިކުރި ފަނޑިޔާރުން އަމިއްލައަށް ނިންމާނީ ބާވައެވެ. ތިޔަ ހުކުމުން މިކަން ސާފުނުވާތީ ހަމަ އަހާލެވުނީއެވެ.
އަޙްމަދު
26 May 2017
އެއްވެސް ކަމެއް ހަމަހިމޭނުން އޮތުމަކައް "މީހާރު"ނޫހުން ނޭދެނީތޯ؟ ހުރިޙާކަމެއްގައިވެސް ދެކޮޅުވެރިވެ މުޅިޤައުމު ހަލަބޮލިކޮއް ހަމަނުޖެހުން އުފައްދަންތަ ބޭނުންވަނީ!؟
ޙިރު
25 May 2017
މިހާރު ބަނޑުކައްކަންފެށީ.
ވަކީލު
25 May 2017
ފަހުބަސް ބުނުމުގެބާރު ސްޕްރިންކޯޓަށް ނޮއޮންނަގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރަންވީ
އިބްޝީ
25 May 2017
އަޙްމަދު ޢަބްދުﷲ ސަޢީދުގެ ލިޔުމަށް ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން އަޅުގަނޑު ދެކޮޅު ހަދާކަށް ނެތީން. އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ނޫނޭ ބުނަނީކީ ނޫން. މީގަ ޤާނޫނީ ވަކީލުން ހަނު ތިބެނީއޭ ބުނާއިރު ޤާނޫނީ ވަކީލުންގެ ތެރެއިން ގިނަ ބަޔަކު މިކަހަލަ ކަމަކާ ނިކުމެ ނޫޅޭނެ. ދެތިން ވަކީލުން ބުނާ އެއްޗަކުން އެ ވަކީލުންގެ ހުއްދަ ސަސްޕެންޑް ކޮށްފާނެ ޙާލަތެއް މިއޮތީ. ދެން އަނެއްކަމަކީ އެ ނިންމުން ނިންމީ ސުޕްރީމް ކޯޓުން. ދެން އެކަމާ ކަމެއް ކުރެވޭނީ މަޖިލީހުން ފާސްކުރާ ޤާނޫނަކުން. އެހެންވީމަ ތިކަމާ ދެން ބުނާނެ އެއްޗެއް ނެތް.
ހަސަނު
25 May 2017
އައިއޭމް އަށް ދަންނަވާލަން ބޭނުންވަނީ ލިޔާއެއްޗެއް ހަގީގަތާއި އެއްގޮތަށް ލިޔާށެވެ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދަގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއްނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށެވެ. ޤާނޫނުއަސާސީއަށް ބަދަލުގެނައުމުގެ ބާރެއް ދިވެހިރާޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ނުވެއެވެ،
އަލްއަޒްހަރު
25 May 2017
ފަހު ޕެރެގްރާފުން އެ އޮތީ މުޅި ލިޔުމުގެ ޚުލާސާ ފެންނަން. ޝުކުރިއްޔާ ލިޔުންތެރިޔާ..