ހިރިޔާ ސްކޫލުގެ ދަރިވަރަކު އޭނާގެ ބެލެނިވެރިޔާއާ އެކު ކުރީ ޓާމެއްގެ ރިޕޯޓު ފޮތް ހިފައިގެން ދަނީ: މި ހަފުތާގައި މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭނެ -- މިހާރު ފައިލް ފޮޓޯ
05 ޖޫން 2017 - 13:05
މި ހަފުތާގައި ސްކޫލްތަކުގެ ކިޔެވުން ބާއްވަނީ ފުރަތަމަ ޓާމުގެ އިމްތިހާން ނިމި ރިޕޯޓު ފޮތް ދިނުމާ ދެމެދު ދެ ހަފުތާގެ ދިގު މުއްދަތެއް ހޭދަވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިމްތިހާނަށް ފަހު ރިޕޯޓު ފޮތް ދިނުމާ ދެމެދު މީގެ ކުރިން ލިބެނީ ހަފުތާއެކެވެ. ނަމަވެސް ރޯދައިގެ ކުރިން އިމްތިހާނުތައް ނިންމާފައިވާތީ ދެ ހަފުތާގެ މުއްދަތެއް ލިބޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރިޕޯޓު ފޮތް ދިނުމާ ދެމެދު ހޭދަވާ ހަފުތާގައި މީގެ ކުރިން ކިޔަވައެއް ނުދެ އެވެ. އެ މުއްދަތުގެ ތެރޭގައި ޓީޗަރުން މަސައްކަތް ކުރާނީ ޕޭޕަރުތައް މާކުކޮށް ދަރިވަރުންނަށް އެ ދައްކައި އަދި ރިޕޯޓު ފޮތް ތައްޔާރުކުރުމުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ރޯދަ މަސް ފެށުމުގެ ދެ ހަފުތާއެއް ކުރިން ޓާމު ޓެސްޓުތައް ފެށި ކަމަށެވެ. އެހެންކަމުން ރިޕޯޓު ފޮތް ދިނުމާ ދެމެދު ދެ ހަފުތާގެ މުއްދަތެއް ލިބޭ ކަމަށާއި އެހާ ގިނަ ދުވަހު ދަރިވަރުން ކިޔެވުމާ ދުރުގައި ބައިތިއްބުން ރަނގަޅު ނޫން ކަމަށް ފެންނާތީ ކިޔެވުން ކުރިއަށް ގެންދަން ސްކޫލުތަކަށް ލަފާދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ހަފުތާގެ ބަދަލުގައި މިފަހަރު މިއޮތީ ދެ ހަފުތާ ކަނޑައަޅާފައި. އެހާ ދިގު މުއްދަތެއްގެ ތެރޭގައި ސްކޫލާ ޑިސްއެންގޭޖްވެފައި ބައިތިއްބާކަށް ރަނގަޅު ގޮތަކަށް ނުވާނެތީ، ސްކޫލުތަކަށް ހަނދާންކޮށްދީ އިރުޝާދު ދިނީ ކިޔަވައިދޭން،" ޝަފީއު ވިދާޅުވި އެވެ.
"ވީހާ ވެސް ގިނަ ދުވަސް ދުވަހު ކިޔެވުމުގައި ޝާމިލްކޮށްގެން ކިޔެވުން ގެންގުޅުން ބޭނުމަކީ. ދެ ހަފުތާގެ މުއްދަތެއް ލިބޭތީ ޓީޗަރުންނަށް އެކަށީގެންވާ ވަގުތު ލިބޭނެ ރިޕޯޓު ފޮތްތައް ތައްޔާރުކުރުމަށް ވެސް."
އެކަޑެމިކް ކަލަންޑަރުގައި އޮންނަ ގޮތުން ފުރަތަމަ ޓާމަށް ފަހު ރިޕޯޓް ދޭނީ އަންނަ ބުރާސްފަތިދުވަހު އެވެ. ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވާނީ މި މަހު 18 ގަ އެވެ.
މި ހަފުތާގައި ސްކޫލް އޮތަސް ބައެއް ޓީޗަރުން ބުނާ ގޮތުގައި ޓާމް ނިމިފައި ވަތީ ކިޔަވައިދޭނެ އެއްޗެއް ނެތެވެ. ނަމަވެސް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންތައްތައް ސްކޫލްތަކުން ހަމަޖައްސާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
06 June 2017
ރޯދަމަހު މަސައްކަތު ގަޑިއަކީ 4 ގަޑިއިރު. އެގަޑީގައި ކިޔަވައިދީފައި ރިޕޯޓްފޮތް ތައްޔާރެއް ނުކުރެވޭ. ޓީޗަރުންނަށް އިތުރުގަޑީގެ ފައިސާދެނީ މުސާރައިގެ 10%. އެހެންވީމަ ރިޕޯޓް ފޮތުގެ މަސައްކަތް ނިންމޭނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުދައްރިސުންލައްވާ މަސައްކަތް ކުރުވައިގެން.
ސީމާ
05 June 2017
ޓީޗަރުން ނަކީ ވެސަ އިންސާނުން، އެއީ ޖަނަވާރުންނެއް ނޫން. އެމީހުންވެސް ވަގުތު ބޭނުންވާނެ، އެ ވިދާޅުވީ ވަގުތު ލިބެޔޭ، ކިޔަވައިދެމުން، ދަރިވަރުން ފޮތް މާކު ކުރަމުން މި ހުރިހާ ކަމެއް އެކަކަށް އެއްފަހަރާ ވަނީ ކިހިނެއް؟ އަހަރެމެންނަށް ވެސް ދެއްވާފައިވަނީ ދެ އަތާ ދެފައި. ގެއިން ބޭރަށް ނުކުންނަ އިރު ވަކި ޚިޔާލެއް، ބޭރުން ގެޔަށް ވަންނަ އިރު ވަކި ޚިޔާލެއް. މިހެނެއް ނޫން މިކަން ވާންޖެހޭނީ. އެހެންމީހުންގެ އިހުސާސް ތައް ވެސް ދަންނަންއެބަ ޖެހޭ.
އަހުމަދު އަބްދުއްލލާ
05 June 2017
ހަގީގަތުގަ ބޭނުމަކީ ކޮންމެވެސް ބަޔަކަށް ޖެއްސުން ކޮށްލުން! މައްސަލައަކީ ކިޔަވަިދޭން ޖެހުމެއްނޫން! މައްސަލައަކީ ކަންކަން ވަކި ގޮތަކަށް ނިމިފަ އޮއްވާ އެހެން ގޮތްތަކަށް ބަދަލުކުރުން! ކީއްވެގެންތޯ ކުރިން މިކަންކަން ހަނދާންނުކޮށްދިނީ؟ ކީއްވެގެންތޯ ރޯދަމަހޭކިޔަިފައި ޓެސްޓު 2 ހަފުތާގެ ކުރިން ނިންމަންވީ؟ ކޮންމެ ކަމެއްވެސް މީހުން ރުޅިއަރާ އުސޫލަށް ކުރުން މިއޮންނަނީ؟
އަލީ
05 June 2017
ރޯދަމަހުގެ ދެހަފްތާ އަކީ އެހެންމަސްތަކުގެ އެއް ހަފްތާކަމަށް ބަލައިގެން ކިޔަވަދޭން އެންގީވެސް ހަމަ މިނިސްޓްރީން. ރިޕޯޓްފޮތް ހަދަންވީމަ ރޯދަމަހުގެ އެއްހަފްތާއިން ކީއްވެ ވަކި ނިންމަންޖެހެނީ. މިކޮމެންޓް މިލިޔުނީވެސް ރިޕޯތްފޮތުގެ މަސައްކަތް ކުރަން އުޅެމުން. ގަޑިން ހަވީރު 4 ގަޑި 20
ޫޔޫ
05 June 2017
މިނިސްޓްރީ އެވެ. މިދިޔަ އަހަރުވެސް ހަމަ މިގޮތަށް ކިޔަވައިދިނިން..
ކަލޯ
05 June 2017
މި ސުކޫލްގައި މިދަނީ ކިޔަވައިދެމުންނެވެ.. މާދަމާގެ ނިޔަލަށް ކިޔެވުން އޮވެއެވެ. ރިޕޯޓް ފޯމް ނުނިމިގެން ލީޑިންގ ޓީޗަރުން ފަހަތުން ނުނައްޓައެވެ! ފޯމް ނުދެވުނަސް ވާނީ ވާވަރެކެވެ!
ރިޔާޟް
05 June 2017
މިއިން އެނގެނީ އެޑިޔުކޭޝަން މިނިސްޓްރީގައި ޕްލޭނެއް ނެތްކަން، ނޫނީ ސިޔާސީވެފަ ވާކަން
ތަކުރާރު
05 June 2017
ބަލަ ބޮޑުރޯގާ ފެތުރޭތީ ކިޔެވުން މެދުކަނޑާލާ ޗުއްޓީ ދިން ހަނދާނެއް ނެތްތަ؟
ދިއްދޫ
05 June 2017
ތި މިނިސްޓްރީ ގަ ތިބީ ބަޔަކު މީހުންނަށް ޖެއްސުން ކުަރަން ލާފަ ތިބި މީހުން.
ރަމްޟާން މަސް
05 June 2017
އެނގިފައިވާ ގޮތުގައި އެހެން ޤައުމުތަކުގައި ސްކޫލުތައް ބަންދުކުރަނީ އެޤައުމުތަކުގެ ދީނީ ޢީދުތަކަށް ނުވަތަ މޫސުމީ ކަންކަމަށް ފުރުޞަތުދީގެން އެހެންނަމަވެސް މިތަނުގައި ދިވެހިންނަށް އަންނައެންމެ ބޮޑުއީދަކީ ރަމްޟާން މަސްކަމަށް ކަމަށްވާއިރު، މިމަހުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ރަމްޟާންމަހުގެ ރަނގަޅަށް އަޅުކަން ކުރެވޭފަދަގޮތަކަށް އެކަޑަމިކް ކަލަންޑާރ މުރާޖަޢާ ކުރަމާތޯ.