ނަގޫރޯޅީގައި ނިލަންދޫގެ ދެ ގެއަކަށް ގެއްލުން ލިބިފައި.
04 ޖޫން 2017 - 14:34
މިދިޔަ ބުރާސްފަތިދުވަހު ފ. ނިލަންދު އަށް އެރި ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ގެއަށް އަދިވެސް މީހުންނަށް ބަދަލުނުވެވޭ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނިލަންދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތެއްގެ އިތުރުން ނުވަ ގެއަކަށް މި ނަގޫރޯޅީގައި ގެއްލުން ލިބުނެވެ. ބައެއް ގޭގެ ފުރާޅު އެއްލާލައި، ސީލިންގް ހަލާކުވެ، ބައެއް ފަރުނީޗަރުތަކަށް ވެސް ގެއްލުން ލިބިފައި ވެ އެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ގޭގެގެ ވެސް ފުރާޅު އެއްލާލައި، ސީލިންގް ހަލާކުވެ، ގޭތެރެއަށް ފެން އެޅިފައި ވެ އެވެ. އަދި އޭގެ ސަބަބުން ގޭގެ ކަރަންޓު ގޮސް، ބައެއް ފަރުނީޗަރުތައް ހަލާކުވި އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް މިއަދު ވިދާޅުވީ އެ ދެ ގެ ނޫން ހުރިހާ ގެއެއް ވެސް މިހާރު ހުރީ މީހުން އުޅެވޭ ހާލަތުގައި ކަމަށާއި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ގޭގެ ކަރަންޓު ނެޓްވޯކް އެއްކޮށް ހަލާކުވެފައި ހުރުމުން އެ ގެތަކަށް މީހުން ބަދަލު ނުކުރެވުނީ ކަމަށެވެ.
ގެއްލުން ލިބުނު އެ ދެ ގޭގެ މީހުން މިހާރު އުޅެމުން އަންނަނީ އެ މީހުންގެ އާއިލާ މީހުންގެ ގޭގަ އެވެ.
"މިހާތަނަށް ބެލިބެލުމުން އެ ދެ ގޭގެ ވެސް މުޅި ކަރަންޓު ވިއުގަ އެއްކޮށް ބަދަލު ކުރަން ޖެހޭނީ. އެކަމަށް ނަގާނެ ދުވަސްކޮޅެއް،" ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަގޫރޯޅީގައި ގެތަކަށް ގެއްލުން ލިބުމާއެކު، ކުޑައިރުކޮޅެއްގެ ތެރޭގައި ރައްޔިތުން ނިކުމެ އެ މީހުންނަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ނިލަންދޫގައި ތިބޭ ފުލުހުންނާއި ކުޑަހުވަދޫގެ ސިފައިންގެ އެހީތެރިކަން ވެސް އެ ގެތަކުގެ މީހުންނަށް ލިބިފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ނިލަންދުއަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.
ނިލަންދޫގައި ގެއްލުން ލިބިފައިވަނީ ނަގޫރޯޅި އެރި ސަރަހައްދުގައި ހުރި ގެތަކާއި ރުއްގަސްތަކަށެވެ. އެ ރަށު ކައުންސިލުން ބުނިގޮތުގައި ނަގޫރޯޅީގައި ގިނަ ރުއްގަސްތައް ވެސް ވެއްޓި ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ. ނިލަންދޫގެ އިތުރުން ލ. މާވަށަށް ވެސް ނަގޫރޯޅިއެއް އަރައި ގެއްލުންތައް ވެފައިވާއިރު، ކޮޅިގަނޑެއްގައި ގދ. ތިނަދޫގެ 14 ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy