ޚަބަރު / ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އުޅެނީ ގާނޫނުން ވައްކަން ކުރުމުގެ ހުއްދަ ދޭން: އިދިކޮޅު މެމްބަރުން

މަޖިލީހުގެ ޖަލްސާއެއްގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ. ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ކޮރަޕްޝަނަށް އިތުރަށް މަގުފަހި ކުރަން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވޭ. -- ފޮޓޯ: މަޖިލިސް

ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، ކުރިން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރާ ގޮތަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ ގާނޫނުން ވައްކަން ކުރުމުގެ ހުއްދަ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ބިޑު ކުރުމަކާ ނުލައި ތަންތަން ކުއްޔަށް ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްރަށާއި ބިން އަދި ފަޅުތައް ދޫކުރަން ވެގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މެމްބަރުން ވަނީ މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މި އިސްލާހަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް މެމްބަރަކީ ޝަރީފް. - ފޮޓޯ: މަޖިލިސް

މި އިސްލާހަށް ދެކޮޅުހައްދަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މިއީ ގާނޫނުން ވައްކަން ކުރުމަށް ހުއްދަ ދިނުން ފަދަ ކަމެކެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މި ކަން ތަހުގީގު ނުކުރެވޭ ވަރަށް ކަންކަން ސާފުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުތައް ބައްޓަން ކުރާ ތަން. ކޮރަޕްޝަން ހުއްދަ ކުރަން މަސައްކަތް ކުރާ ތަން،" ރޮޒެއިނާ ވިދާޅުވި އެވެ.

މި އިސްލާހުގެ ސަބަބުން ނިކަމެތި މީހާ އަށް ރަށްތައް ތަރައްގީ ކުރަން ކުރިމަތި ނުލެވޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ސަރުކާރަށް ނުވަތަ ވަކި މީހެއްގެ ޖީބަށް ފައިސާ ޖަމާ ކޮށްދެވޭނެ މީހަކަށް ރިސޯޓު ހަދަން ރަށްތައް ދިނުން ކަމަށް ރޮޒެއިނާ ތުހުމަތުކުރެއްވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނިހާނު. - ފޮޓޯ: މަޖިލިސް

ރާއްޖޭގައި މިހާރު ކަންކަން ކުރެވެނީ ވަކި ބައެއްގެ ޖީބަށް ބައި އެޅޭ ގޮތަށް ކަމަށާއި ރިސޯޓުތައް ކުއްޔަށް ދީގެން ލިބޭ ފައިސާ ވަކި ބައެއްގެ ޖީބަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ ޓޫރިޒަމް ގާނޫނުގައި އޮތް "ލޯވަޅެއް" ބޭނުން ކޮށްގެން ރާއްޖޭގެ ފަޅު ރަށްތައް ދޫކޮށްގެން ރިސޯޓު ހެދުމަށް އެއްވެސް ހަމައެއް ލަމައެއް ނެތި ހުޅުވައިލުމުން ބޮޑެތި ކޮރަޕްޝަންތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ.

"އެއްވެސް ވަރަކަށް ހެޔޮ ނުވާނެ ބިޑްނުކޮށް ރިސޯޓު ތަރައްގީ ކުރަން ދޫކުރަން. ބިޑް ކުރުމެއް ނެތި މިކަން ކުރުމުން ލިބެނީ ކިހާ ފައިސާއެއް ކަމެއް ނޭނގޭ، ދެނީ ކޮން ރަށެއްކަން ނޭނގޭ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ބިޑް ކޮށްގެން ރަށްތައް ދޫކުރެވޭނެ ގޮތަށް ބާއްވަން ގޮވާލައްވައިފަ އެވެ. ހަމަ އެއާއެކު ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން އުޅޭތީ އެ ނިންމުން އަނބުރާ ގެންދިއުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އަދި އާންމު ރައްޔިތުންނަށް ހިއްސާ ވިއްކޭ ގޮތަށް އޮތް ނަމަ މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް ތާއީދު ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ރަށްރަށާއި ފަޅުތަކާއި ބިންތައް، ވަކި ހުދޫދަކާއި އުސޫލެއްގެ ތެރެއިން ވަކި މީހަކަށް ނާޖައިޒު ފައިދާ ނުލިބޭ ގޮތަށް ދޫ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަކީ ރައްޔިތުންނަށް ލިބޭނެ އުފަލެއް ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ސަރުކާރުން މަސައްކަތް ކުރަނީ ގެސްޓް ހައުސްގެ ވިޔަފާރި އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި.- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން ބޭނުމެއް ނޫން ރަށްތައް ވަކި މީހަކަށް، ވަކި ކަމަކާ ގުޅުވާލާފައި ދޭކަށް، އެބަ އޮންނަން ޖެހޭ އުސޫލުތަކެއް. ގާނޫނުގެ ތެރެއިން ބިޑަށް ލިޔަސް ނުވަތަ ނުލި ކަމަށްވިޔަސް ވަކި އުސޫލުތަކެއް އޮންނަން ޖެހޭ. ގާނޫނުގެ ތެރެ އިން ހެދޭ ގަވާއިދުން ހުރިހާ ކަންކަމެއް ދާނީ ފުރިހަމަވެގެން،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވި ގޮތުގައި މި އިސްލާހާއެކު ރައްޔިތުންނަށް ފަޅުތަކާއި ރަށްތައް ގެއްލިގެން ނުދާނެ ކަން ޔަގީންވެގެން ދާނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ހުރި ދަތި ބައެއް ކަންކަން ހަމައަކަށް އެޅުވުމުގެ ފުރުސަތު ވެސް އިސްލާހުން ލިބިގެންދާނެ ކަމަށް ރިފާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި މި އިސްލާހުގެ ބޭނުމަކީ އެމްޑީޕީ ސަރުކާރުން ގެނައި ގެސްޓް ހައުސްގެ ސިޔާސަތު އެކީގައި އިނދަޖައްސާލުމެވެ. އަދި އިއުލާން ކުރުމަކާ ނުލައި ރަށްތައް ކުއްޔަށް ދޫކުރަން އުޅެނީ ވަކި ބަޔަކަށް ނާޖައިދު ފައިދާ ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ފަންސާހަކަށް ޑޮލަރު ޗާޖު ކުރާ ގެސްޓް ހައުސްތައް ހުރި އިރު، ގްރީން ޓެކްސްގެ ގޮތުގައި އެހާ ބޮޑު އަދަދެއް ނަގާ ނަމަ، ގެސްޓް ހައުސްތަކަށް ލިބޭ ފައިދާ އެއްކޮށް ދާނީ ސަރުކާރަށް ކަމަށެވެ. އެހެންވެ މި އިސްލާހަށް ދޭނީ "ސުމެއް" ކަމަށާއި މަޖިލީހުން މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ކޮމެޓީ މަރުހަލާގައި މި އިސްލާހު އިތުރަށް ދިރާސާ ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް ވެސް ބައެއް މެމްބަރުން ގޮވައިލެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވި އެވެ. މި އިސްލާހު ފާސްވީ 35 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވި އެވެ.

9 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 10%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަދީމު

21 June 2016

ދުނިޔޭގެ އެއްވެސް ޤައުމަކުން ކުރާނެ ކަމެއްނޫން ގާނޫނަކުން ސަރުކާރުގެ ވެރިންނަށް ވައްކަންކުރުމުގެ ބާރުދިނުމަކީ އަދި އެއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފް ގާނޫނަކަށްވާނީ، ތިޔަ އިސްލާހް ފާސްވުމުން އޭސީސީއެއް ބޭނުމެއްނޫން އޮޑިޓަރެއް ބޭނުމެއްނޫން ޤާނޫނު އަސާސީއެއްވެސް ބޭނުމެއްނޫން

The name is already taken The name is available. Register?

އުފާވެރިން

21 June 2016

ރޮޒޭނާ މެން ތިބެން ޖެހޭނީ ހަމަ ބިލާއި ދެކޮޅު ހަދާލަ ހަދާލާ. ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން ސަރުކާރަކީ އެއީ އަނބު އަބަދުވެސް އަޅާފައި އޮންނަ ގަހެކެވެ. އެހެން ކަމަށްވާނަމަ އެ އަނބު ގަހަށް ގާއުކާނެ އަނބު ބިންނަން ވަގަށް ނަމަވެސް. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. ޓުއަރިޒަމް ގާނޫނަށް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން ސަރުކާރުން ހުށައެޅި އިސްލާހު އިރާދަ ކުރެއްވިއްޔާ މާދަމާ ފާސް ކުރާނަމެވެ. އެއިރުން ދެން ތި ކަންކަން ތިޔާ ނިމުނީ ނޫންތޯއެވެ. މިރާއްޖެ ލިޓިލް ސިންގަޕޫރަށް ހަދާއިރު ދިމާވާނެ މިޒާތުގެ ވަން ހަންޑްރެޑް މިލިއަން ހުރަސް ތަކާއި. އެފަދަ ހުރަސް ތައް ނައްތާލައިގެން ޕީޕީއެމް ކޯލިޝަންގެ ސަރުކާރު ލިޓިލް ސިންގަޕޫރުގެ ސައިލެންޓް ޑްރީމް ދެކޭނީ. ހުރި އުފާވެރި ކަމެއްގެ ބޮޑު ކަމާ އެވެ.

The name is already taken The name is available. Register?

ނަގާނަން

21 June 2016

ރާއްޖޭގެ ކޮން ގެސްޓް ހައުސް އަކުން ތޯ ދުވާލެއްގެ މައްޗަށް 50 ޔޫއެސް ޑޮލަރު ޗާރޖް ކުރަނީ. މިހާރު ގެސްޓް ހައުސް ތަކުގެ އަގު ބޮޑު ރިސޯރޓް ތަކަށް ވުރެން. ގެސްޓް ހައުސް ތަކަށް ގެސްޓުންނަށް ކުއްޔަށް ދެނީ އެއީ ދުވާލަކަށް 100 ޔޫ އެސް ޑޮލަރަށް އެންމެ މަދުވެގެން. ދެން ހަމަ ގެސްޓުން ފެލުން އޮންނަނީ އެގެސްޓުން އުޅޭ ރަށަކުން. ހޮޓަލަކަށް ގެސްޓުން ވަދެއްޖެ ނަމަވެސް ތިން ގުނަ އަގުބޮޑު ކޮށް ގެސްޓުންނަށް ބިލް ހަދަނީ ވެސް. މީ އަޅުގަނޑުމެންނަށް ފެނިފައި ހުރި މަންޒަރު ތަކެވެ. ކަން މިހެން ހުރުމުން ގެސްޓް ހައުސް ތަކުން ގްރީން ޓެކްސް ނަގަން ޖެހޭނެއެވެ. ގެސްޓް ހައުސް ތަކުގެ ސީވޭޖް ސިސްޓަމް ގުޅަނީ އެއީ ސަރުކާރުގެ ޚަރަދުގައި ބަހައްޓާ އެސްޓީޕީ އަކަށެވެ. އެހެން ވެއްޖެނަމަ ގްރީން ޓެކްސް ދައްކަން ޖެހޭނެ ގެސްޓް ހައުސް ތަކުން ވެސް. ގެސްޓް ހައުސް ތައް އިސްތިސްނާ ނުވާނެއެވެ. ބަޔެއް މެމްބަރުން ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދާ ދޭން މަސައްކަތެއް ނުކޮށް މިފަދަ ދަނޑިވަޅުގައި އަންޑަރ ޑަ ޓޭބަލް އުސޫލުން މާ ހެޔޮ ބަޔަކަށް ހެދިގެން އުޅޭނެ ކަމެއް ނެތެވެ. ކެންދޫ ދާއިރާގެ މެމްބަރު ވޯޓް ދެންނާ ދޭންވީ ނުދެންނާ ނުދޭންވީއެވެ. ދެން އަންނަ 5 އަހަރުގެ ދައުރު ކެންދޫ ދާއިރާ ނަގާނީ މުލުން ލުހެގެން ޕީޕީއެމް އިން ނެވެ.

The name is already taken The name is available. Register?

ޕސްޓަރޖަޖް

22 June 2016

ކޮޔަފުޅާ ނަގާނަން މޮޔަވީތަށް، ބަލަ ހުރިހައި ގެސްޓުހައުސް ހުރި ރަށްތަކުގައި ނަރުދަމާއެއް ނެތެވެ. ކަލޭމެން މީހުން ފެލަން އުޅުނަސް ބޮޑުވަރު.. މުޒާހަރާއެއް މިކަމުގައި އޮތީއާމު ކުރާނަން އަދި ދާނަން ބައިވެރިވަން... ބަލަ 45 ޑޮލަރ އަށްވިއްކާ ކޮޓަރިއެއް ސްޓެލްކޯގެ އަގު ބޮޑު ކަރަންޓް ބިލް ދައްކާފަ، ޖީއެސްޓީ ދައްކާފަ، ސައްވިސް ޗާޖް ދީފަ ކޮން ފައިސާއަކުން ތަށް ބާކީ ޚަރަދު ކަޑަނީ... މޮޔަވެގެން އުޅޭ ނަގާނަން، ބަލަ ގެސްޓްހައުސް މާކެޓްއަށް އަންނަނީ ބަޖެޓް ޓްރެވެލަރސް ކިޔާބަޔެކެވެ. ކައިގެން އުޅެނީ ކަންމަތީ ހޯޓަލުންނެވެ. އެކްސްކާސަން ދަނީ ރަށު ބެއްޔެއެއްގެ މަހަށް ދާ ޑިންގީ ގައެއެވެ. ތި ހެން ފިނ ކޮޓަރީގައި ހުރެފަ ވާނުވާ ނުބަލައި ހަމަ އިއްޗެއް ނެގިޔަސް ނުވާނެވެ. ތި ފުޑާލަނީ ރަށުގައި އައިލާ ކައިރީގައި ހުރެގެން ބުރަމަސަކަތް ކުރާ މީހުންގެ ވިޔަފާރިއެވެ. މި ވެރިކަން އަވަހަށް ވެއްޓެން އެދެމެވެ.

The name is already taken The name is available. Register?

އަލީ

21 June 2016

ތިޔަ ރިފާއުއަށް އިންގޭނީ ޓޫރިޒަމް ދާއިރާގެ ކޯންޗެއް.

The name is already taken The name is available. Register?

ނަޒޫ

21 June 2016

ރޮޒޭ ތީ މަޝާ މަހުލޫފަށް ވެޑިން ގިފްޓެއްގެ ގޮތުގައި ކޭކެއް ދިނުމަށްފަހު ފަހުން އެކޭކުގެ ލާރި އަތުލަން އުޅުނު މީހާ.

The name is already taken The name is available. Register?

ނިކަމެތިރޮނާ

21 June 2016

ޓޫރިސްޓް ރިސޯރޓް ހެދޭނެ ތޯ ނިކަމެތި މީހަކަށް. މަހަކު 15 ހާސް ރުފިޔާ ވޭޖްގެ ގޮތުގައި ލިބޭ މީހަކަށް ހެދޭނެ ރިސޯރޓް ހުރޭތޯއެވެ. ރޮޒެއިނާގެ ވާހަކައިގައި ސަރުކާރުން ހުށައަޅާ އިސްލާހުގެ ސަބަބުން ނިކަމެތި މީހާ އަށް ރިސޯޓް ތަކަށް ކުރިމަތި ނުލެވޭނެ ކަމަށް ވިދާޅުވާއިރު ރޮޒެއިނާ އަށް އިނގޭތޯ ރިސޯރޓް ތައް ބިޑް ކުރާއިރު ބިޑް ޑޮކިއުމަންޓް އެއްގެ އަގު. 1000 ޔޫ އެސްޑޮލަރު. ދެން ބިޑް ތައްޔާރު ކުރުމަށް ޓަކައި 2 ލައްކަ ޑޮލަރު. ބިޑް އިވޭލުއޭޓް ކުރާ މީހުންނަށް ލޯ ބޮޑު ކަޅު އައިނު އަޅައިގެން ތިބެ މޭޒު ދަށުން ދަމާ ކުޅެގެން ސުޕާރީގެ ގޮތުގައި ދޭން ޖެހޭ 2 މިލިއަން ޑޮލަރު. މީ ތިޔާ ބުނާ ބިޑް ކުރުމުން ނިކަމެތި މީހާ ރަށެއް ހޯދަން އުޅޭނަމަ އުޅެން ޖެހޭނެ ގޮތެވެ. ކޮން ތާކުން ތޯ ތިޔާ ބުނާ ނިކަމެތި މީހާ މިއަދަަދަށް ފައިސާ ހޯދާނީ. އެހެން ވެއްޖެނަމަ ފައިސާ އަތުގައި ނެތް މީހަކު ބޮއްކުރައެއްގައި ހަނދަށް ދާންވީ ނޫންތޯ ބިޑް ކޮށްގެން. ބިޑް ކުރާނީ ބޮއްކުރާގައި ހަނދަށް ދެވޭ އެންމެން ބިޑް ކުރުމަށް. އެއިރުން ކުދި ބޮއްކުރާ ބޮޑު ބޮއްކުރާގައި ހަނދަށް ދާން ކަނޑުކޮހުންތައް ބިޑް ހުށައަޅާނެ ނޫންތޯއެވެ. މީ މިރާއްޖޭގެ ރިސޯރޓް ތަކަށް ބިޑް ކުރުމުން ނިކަމެތި މީހާ މެން ރިސޯރޓް އެއް ހޯދަން އުޅޭނަމަ ގިރާ ކުރަން ޖެހޭނެ އޮޅިގަނޑު ތަކެވެ. އެއާއި ޚިލާފަށް ސަރުކާރަށް އަޕްފްރަންޓް ކޮށް 2 މިލިއަން ޑޮލަރު ދިނީމާ ފަޅު ރަށެއް ލިބޭ ގޮތަށް އޮތުމުން ބޭންކް މެދުވެެރިކޮށް ނިކަމެތި މީހާ އަށް އެޕްރޯޗް ކުރުމުގެ ޖާގަ ލިބޭނެއެވެ. އަސްލަށް ބަލާނަމަ ނިކަމެތި މީހާ އަށް ރިސޯރޓް ލިބޭނީ ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ސަބަބުންނެވެ. ސަރުކާރާއި ގުޅިގެން މިފަދަ ކަންކަން ނިކަމެތި މީހާ އަށް ކާމިޔާބު ވާނީ. ނިކަމެތި މީހާ ނުޖެހޭނެ ސަރުކާރުގެ ކުރިމަތީ ގައި ޕުއްޕާކަށް.

The name is already taken The name is available. Register?

ާގައުމު

21 June 2016

ބަލަ އޭރުން ތިޔަބުނާ ހަރަދުގެ ދެގުނަ އިތުވާނެ.. ރަށްވެސްް ލިބޭނީ ސަރުކާރުން ބޭނުން ބަޔަކަށް... މީތި ކަޑައޭ!

The name is already taken The name is available. Register?

ރަނގަޅު

21 June 2016

ރޮޒެއިނާ ބުނިކަމުގައިވީ ނަމަވެސް ރަނގަޅު ވާހަކައެއްވާނީ ރަނގަޅު ވާހަކައަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454