ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި މާލޭގައި ބޭއްވި އެއްވުމެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖޫން 2017 - 19:53
ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު މިއަދު ބުނެފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 35 ވަނަ ބައްދަލުވުމާ ދިމާކޮށް ސްވިޓްޒިލެންޑްގެ ޖެނީވާގައި ހުރެގެން އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ހުސެއިން ބުނީ އޭނާގެ ދަރިފުޅުގެ މަރުގެ ހަގީގަތް ފޮރުވަން ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އޭނާ ބުނި ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަ ހުއްޓެވެ.
އެގޮތުން ޔާމީން މަރާލާފައި އޮތް ތަން އަވަހަށް ދޮވުމާއި ފުލުހުން ފިޔަވާ އެހެން ބަޔަކަށް ސީން ދައްކާފައި ނުވުން ހިމެނޭ ކަމަށް ބުންޏެވެ. ޔާމީން މަރާލި ތަނުގެ ފޮޓޯ ނަގަން އެއްވެސް މީހަކަށް ފުރުސަތު ނުދިންއިރު، ޔާމީން މަރާލާފައި އޮތް އިމާރާތުގައި ދިރިއުޅޭ އެކަކާ ވެސް ސުވާލުނުކުރާ ކަމަށް އޭނާ ބުންޏެވެ.
ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި މެމްބަރު އީވާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެހެންވެ ހުސެއިން ބުނީ ޔާމީންގެ މަރާ ގުޅޭ ތަހުގީގެއް އދ. އިން ހިންގަން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޅުގަނޑު ޖެނީވާ އަށް އައީ އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ހޯދައި ދޭން ބައިނަލްއަގުވާމީ ފެންވަރެއްގައި މިކަމުގެ އަޑު އުފުލައި، (ދިވެހި) ސަރުކާރަށް ޕްރެޝަރު ކުރަން،" އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އދ. އަށް މިކަމުގައި އެހީތެރިވެވިދާނެ ކަމަށް."
ޔާމީންގެ ބައްޕަ ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަޓިކް ވެރިކަމެއް ހިންގާ ސަރުކާރެއް ނޫން ކަމަށާއި ރާއްޖެ ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އޭނާ ބުންޏެވެ.
ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ޔާމީން މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަތް މީހެކެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރަހުމު ކުޑަ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން، މި އަމަލު ހިންގިކަން ކަށަވަރުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކާމިޔާބުކޮށް މިކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ.
ޔާމީނަށް އިންސާފު ހޯދަން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްދި
11 June 2017
މީ އެއްވެސް އިންސާފެއް ނެތް ޤައުމެއްނޫން! ސިޔާސީ ނުފޫޒްގަދަމީހާ އާއި ލާރި ބޮޑި އޮތްނަމީނުން ނަށް ފައިދާ ވާނީ، ނިކަމެތި މީހާ ނިކަމެތި، މީނޫން ދުވަހެވެސްވޭ އެދުވަހަކުން އިންސާފް ލިބެންޖެހޭ މީހުންނަށް އިންސާފް މާތ ﷲ ދެއްވާނެ. ﷲ އަށް ހުރިހާކަމެއްވަކީލް ކޮށް ކެތްރިވާންވީ. އެކަމަކުވެސް ގޯސްކަމެއް ގޯހޭ ބުނެވޭނެ ދޯ
ފާއިޒު
11 June 2017
ޖާނު ހަމައިގަ ހުރެބަލަ. ޒާދީ އެބުބަނީ ޤާނޫނީ ގޮތުން ބޮޑިއެއްބޯންބާ އޭ ޔާމިނުގެ ބައްޕަ މިއުޅެނީ. އެހެނީ ފުލުހުންނާ ސަރުކާރު ބަދުނާމުކޮށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ކުށެއް. އެއީީ މުޖައްރިބުކަމެއް.
ފާތިހު
11 June 2017
އެގޮތުން ޔާމީން މަރާލާފައި އޮތް ތަން އަވަހަށް ދޮވުމާއި ފުލުހުން ފިޔަވާ އެހެން ބަޔަކަށް ސީން ދައްކާފައި ނުވުން ހިމެނޭ ކަމަށް ބުންޏެވެ. ޔާމީން މަރާލި ތަނުގެ ފޮޓޯ ނަގަން އެއްވެސް މީހަކަށް ފުރުސަތު ނުދިންއިރު، ޔާމީން މަރާލާފައި އޮތް އިމާރާތުގައި ދިރިއުޅޭ އެކަކާ ވެސް ސުވާލުނުކުރާ ކަމަށް އޭނާ ބުންޏެވެ. މިކަންތައް ލަނޑަނުގަ މީހުން މަރަން ދޭ ހަމަލަ ދިން ތަންތަނުގެ ކްރައިމް ސީނަށް ގޮސް ވަދެ ހެދޭތޯ މިހާރު ކުދިން ބަލާދީބަލަ.
ކަރުންމަތީގެ ޑޮކްޓަރު
11 June 2017
ފުލުހުންނޭ ތިޔަ މައްސަލަގައި ހިފާ ވަގުތު ބޭކާރު ކުރާނެ ކަމެއްނެތް. އެމީހުން ތަހުގީގުކޮށް ހޯދާނެ އެއްޗެއް ހޯދަފާނެ.
ޢަފިހުންބޮޑާބެ
11 June 2017
ޢެތަނަށް އިތުބާރުކުރާ ބައެއް ކޮބާބާ؟ 7 ފެބްރުއަރީގެ ނަތީޖާ ސަޅިއެއްނު ދޯ. ގައުމުގެ 80 ޕަސެންޓު ފުލުހުންނަށް ނަފްރަތުކުރޭ.
އަހުމަދު
11 June 2017
ޔާމީން މަރުގެ މައްސަލަ ފުލުހުން ތަހުްހީގު ނިންމާފަ އެއޮތީ ޕީޖީ އަށް ފޮނުވާފަ. ދެންކޮބާތަ ފުލުހުންގެ މައްސަލަ އަކީ.
މަޒް
11 June 2017
ފުލުހުންގެ މައްސަލައަކީ ރައީސް އޮފީހުން ބުނާ ގޮތަށް ތަހުގީގު ކުރުން.. ރައީސް އޮފީހުން ބުނާ ގޮތަށް މީހުން ހައްޔަރު ކުުރުން.. ރައީސް އޮފީހުން ބުނާ ބަޔަކު ދޫކޮއްލުން
އަހުމަދު
11 June 2017
އަފްރާސީމް މެރި މީހާ އަށް އެއޮތީ މަރުގެ ހުކުމް އިއްވާފަ އެކަމެއް ކަލެއަކަށް ނޭގޭ. ބީތާޔާ
ޢަޖިތު
11 June 2017
ރުޅިދުރުވީތޯ .......
އަހުމަދު
11 June 2017
ބަގާވާއި ކުރި އެންމެން ތިބީ އިދިކޮޅުގަ
ނަޝީދު
10 June 2017
ވިސްނާ ފިކުރު ކުރާ ބަޔަކަށް މިވާގޮތް ވަރަށް ސާފު. މިއުޅެނީ ތަހުގީގު މިމީހުން ބޭނުންވާގޮތަށް، މި މީހުން ބުނާ މީހަކާއި ބުނާ ސުވާލެއް ނުކޮށްގެން. ސީން ކުލިއާރ ކުރުމުގެ ސަބަބުން ގެއްލުނު އެއްޗެއް ނުބުނެވޭ. ކްރިމިނަލް އެކްޓް ވ ސާފުކޮށް ފެންނަން އޮތް އިރުވެސް މި މީހުން ބޭނުންވަނީ ފުލުހުންނާއި ސަރުކާރު ބަދުނާމު ކުރެވޭނެ ގޮތެއް ވޭތޯ ބަލަން.
މިރުސް / މާއުގޫދޫ
10 June 2017
އޭނާގެ ދަރިފުޅުގެ ތަހުގީގު އެންމެ ރަގަޅަށް ކުރެވޭނީ އޭނާގެ މަންމަ އަށާއި ބައްޕަ އަށް. ފުލުހުން ތިކަމާ އުޅޭނެ ކަމެއްނެތް. އިތުބާރު ނެތް ބަޔަކުކޮންމެހެން ބޭކާރު މަސައްކަތް ކުރާނެކަމެއްނެތް.