ޚަބަރު / ހައި ކޯޓް

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލު ފާސް ކުރަން ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓު ދެއްވި އެވެ.

ބިލުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް 11 ފަނޑިޔާރުންނެވެ. އަދި ބިލް ގާނޫނަކަށް ވާތާ ތިން މަސް ތެރޭގައި އެ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރަންޖެހޭނެ އެވެ. އެގޮތަށް ބަދަލު ގެނަޔަސް މިހާރު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިބޭނެ އެވެ. އަދި ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރާނީ މިހާރު ވެސް އޮންނަ ގޮތަށް ތިން ފަނޑިޔާރުންގެ ނިސްބަތުންނެވެ.

އިސްލާހު ހުށަހެޅި ސަބަބަކީ، ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުއިމިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. ދެ މަގާމު މިހާރު ވެސް ހުހަށް އޮތް އިރު، ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވަ އެވެ. އަދި މާލޭގައި ހަތަރު ފަނޑިޔާރުންނެވެ.

ފަނޑިޔާރުންގެ ގާނޫނު ވުޖޫދަށް އައި އިރު އޮތީ ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބޭ ގޮތަށް ކަމަށް ވިޔަސް އޭގެ ފަހުން ކޯޓުތަކާ ބެހޭ ގާނޫނު އައި އިރު އެ އަދަދު ވަނީ ނުވައަކަށް ދަށްކޮށްފަ އެވެ.

ނުވަ ފަނޑިޔާރުން ހައި ކޯޓުގައި ތިއްބަވާ އިރު 2014 ގައި އުފެދުނު އެ ކޯޓުގެ ދެ ގޮފިން ކުރެ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހޭތީ ކޮންމެ ގޮތްޕެއްގައި ވެސް އަދި މާލޭގައި ވެސް ތިއްބަވާނީ އެންމެ ތިން ފަނޑިޔާރުންނެވެ. އެހެންވެ މައްސަލަތައް ކުރިއަށް ގެންދިއުމުގެ ދަތިތަކެއްް ކުރިމަތިވެ އެވެ.

ސަބަބަކީ ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުން ތިބެގެން ކަމަށްވެފައި، އެންމެ ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަތަސް ނުވަތަ ސަލާމް ބުންޏަސް ހުރިހާ ޝަރީއަތްތަކެއް ހެން ހުއްޓޭނެތީ އެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ބިލުގެ ސަބަބުން ޝަރުއީ ނިޒާމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ކޯޓުތަކަށް މައްސަލަ ހުށަހެޅި، އެތައް ޒަމާންތަކެއް ވަންދެން މައްސަލަ ނުނިމި އޮތުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓަށް އަންނަ ބަދަލުގެ ސަބަބުން އެ ކޯޓުގެ މަސައްކަތްތަކަށް ހަލުވި ކަމެއް އައިސް، ޝަރުއީ ނިޒާމަށް ފަހި ކަމެއް ލިބިގެންދާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރަން ގާނޫނަށް ހުށަހަޅާ ކޮންމެ އިސްލާހަކީ ރައްޔިތުން އިތުބާރު ކުރާ އިސްލާހުތަކަކަށް ވާން ޖެހޭނެ ކަމަށެވެ. ޝަރުއީ ދާއިރާގެ ގަދަރު ކެނޑޭ ފަދަ ގޮތަކަށް އެއްވެސް މުއައްސަސާއަކުން އަމަލު ކުރުމަކީ މުސްތަގުބަލު އަމިއްލައަށް ހަލާކުކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

14 June 2017

ހޫންންްން 2018 އަށް ރަގަޅަށް ތައްޔާރުކޮށްފަ ބަހައްޓާ.. އެކަމަކު ވެސް ނުހޮވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454