އޭސީސީގެ ރައީސް ލުތުފީ (ވ) އަދި ނައިބު ރައީސް މުއައްވިޒް މަޝްވަރާ ކުރައްވަނީ: އިސްލާމިކް މިނިސްޓްރީގެ އަމަލާ މެދު ލުތުފީ ހުންނެވީ ވަރަށް ބޮޑަށް ނުރުހުންވެފައި.---މިހާރު ފައިލް ފޮޓޯ
22 ޖޫން 2017 - 15:55
މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ގުރޫޕްތައް އިވެލުއޭޓް ކުރުމަށް ފަހު ވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ އެންގި ގޮތާ ޚިލާފަށް ކަމަށާއި އެހެންވެ އެ މިނިސްޓްރީގައި އެކަން ކުރި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް އޭސީސީން ފުުރަތަމަ އެންގުމުން ވެސް ގުރޫޕްތައް ކަނޑައެޅީ އިވެލުއޭޓް ކުރުމެއް ނެތި އެވެ. އޭސީސީގެ އެންގުން ދެވަނަ ފަހަރަށް އައުމާ ގުޅިގެން އިވެލުއޭޓް ކުރުމަށް ފަހު ވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އެންމެ ކުރިން ވެސް ކަނޑައެޅި ގުރޫޕްތަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒައީ ގްރޫޕެވެ.
މި މައްސަލާގައި އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "މިހާރު" އަށް ވިދާޅުވީ ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ވެސް ކަނޑައެޅީ އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންވެ ކޮމިޝަންގެ އެންގުމަށް ތަބާނުވި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ މިއީ [އިސްލާމިކް މިނިސްޓްރީން] ގަސްދުގައި ކުރާ ކަމެއް ކަމަށް. ދީނީ ކަމެއްގައި މިވަރު ވީމާ މިއީ ބޮޑުވަރު. އިސްލާމިކް މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން. ވަރަށް ދެރަކޮށް އެ މިނިސްޓްރީން ކަންތައް ކޮށްފައި އޮތީ،" އިސްލާމިކް މިނިސްޓްރީގެ ނިންމުމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އޭސީސީގެ ރައީސް ވިދާޅުވި އެވެ.
އޭސީސީން އެގޮތަށް ބުނިއިރު ހުއްދަ ނުލިބުނު ބައެއް ހައްޖު ގްރޫޕްތަކުން މިހާރު ދަނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް މަސައްކަތް ކުރަމުންނެވެ.
ހައްޖަށް ގެންދިއުމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި 16 ކުންފުނީގެ ތެރެއިން ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން އާއި ސިސިލްފަރު ގްރޫޕާއި ޒައީ ގްރޫޕާއި ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.
ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އޭސީސީން ފުރަތަމަ އެންގުމުން މިނިސްޓްރީން ނިންމީ ދަރުމަ ލިލް ހައްޖު ގްރޫޕާއި ކިސްވާ ގްރޫޕް ނުުހިމެނޭ ގޮތަށް، ކުރިން ވެސް ހުއްދަ ދިން ގްރޫޕްތަކަށް ހުއްދަ ދޭށެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަން ދެވަނަ ފަހަރަށް އެންގުމުން ވެސް މިނިސްޓްރީން ނިންމީ ހަމަ އެއް ގްރޫޕްތަކަކަށް ހުއްދަ ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްތު
24 June 2017
އޭސީސީ އަށް ސާބަސް ތިޔަގޮތުގައި ދެމިހުރުމަށް އަޅުގަޑު ގޮވާލ؛ަން
ތުއްތުނާ
24 June 2017
މި ދެން ކިހާ ދެރަކަމެއް...... އިސްލާމިކް މިނިސްޓްރީއިން މިހާ ދަށު ދަރަޖައިގެ ޢަމަލު ހިންގަންޏާ ދެން ކޮން މިނިސްޓްރީ އަކުން މިޒާތުގެ ޢަމަލު ނުހިންގާނީ.... ކޮރަޕްޝަނާ ވައްކަމާ އޮޅުވާލުމަކީ އިސްލާމްދީނުގައި ކިހާނުބައި ފާފައެއްކަން އެންމެ ބޮޑަށް ހަނޑާނުގައި ހުންނާނީ އިސްލާމިކް މިނިސްޓްރީގައި އުޅޭ މީހުންކަން ޔަގީން. ސަބަބަކީ އެމީހުންނަކީ ދީނީގޮތުން ނިންމަންޖެހޭ ނިންމުންތަކާއި. އޮޅުން ނުފިލާ ކަންކަން އޮޅުން ފިލުވައި ދިނުމަށް ހާއްސަކޮށްފައި އޮންނަ ވުޒާރާ. ޖުމްލަގޮތެއްގައި ތިޔަ މިނިސްޓްރީގެ މަތީ ފަންތީގައި އުޅޭނީ ދީނީ ތަޢުލީމް ކޮންމެވެސް މިންވަރަކަށް ލިބިފައި ތިބި މީހުން. އެހެން ކަމަށް ވާ ނަމަ މިހާ ހަޑިމުޑުދާރު ޢަމަލު ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
އަލިބެ
24 June 2017
ދެންއެންމެ ރަނގަޅުވާނީ ސަރުކާރާ ޗެލެންޖު ކުރުމުގެ ބަދަލުގައި ބުނާގޮތަށް އަމަލުނުކުރާތީ ލުތިފީ އިސްތިއުފާ ދިނުން.
އަހްމަދު
23 June 2017
މިނިސްޓްރީއަށް އިތުބާރުކުރޭކުންފުނިތަކަށް ހުއްދަދިނުމަކީ ކަރަޕްޝަންކަމަށް ނިންމޭނެބާ ސަރުކާރަށްއިތުބާރރުކުރެވޭ ކުންފުނިތައް މެދުވެރިކޮށް ހައްޖުކަންތަ ހަމަޖައްސަންޖެހުނީވެސް ކުންފުނިތަކުން ނިކަމެތިންގެލާރިކޮޅުކާލީމަދޯ
އަލަތު ކައިވެންޏާއެކު ފުލެޓް ލިބުނު މީހާ
23 June 2017
މިފަހަރުވެސް ކުއްވެރިވާނީ ތިވާހަކަ ދެއްކިމީހުން. މިހެންމިބުނީ ބެންކުގަ މަސައްކަތްކުރި ޤާސިމް އަށްވީގޮތުން. ހިޔާނާތް ފަޅާއަރުވާލީމަ ޤާސިމް އަށްދިންހަދިޔާ އަކީ ޖަލުގެ ކުޑަ ގޮޅި
ލުގުމާން
23 June 2017
މި އާޓިކަލް ކިޔާލުމުން ވަރަށް ރަނގަޅަ އެނގިއްޖެ ވެގެން އުޅޭގޮތް. ފުރަތަމަކަމަކީ މިއޮތީ ބާރުގަދަ ދެގެރި. މިދެގެރިވެސް އުޅެނީ ބަނޑު ފުރެންދެން ކާލާއިގެން. އެހެންވެ އެއްވެސް ކޮޅަކުން ދުލެއް ދޭކަށް ބޭނުމެއް ނޫން. ބޭނުން ވަނީ ވަރުބަލި ވަންދެން ދެބޯގެރި ދުއްވަން. ވީމާ މިހިސާބުން އެބަޖެހޭ ރެފްރީ މިދޭތެރެއަށް ވަދެ ބާރަށް ކަށިގަނޑު ފުމެލަން. އަދި ކޮންމެވެސް ނިޔާއެއް އިއްވާލަން . އެހިސާބުން މި ދެގެރި މައިތިރިވާނީ. ވަރަށް ސަލާން.
މުހަމަދު
23 June 2017
ފޮމް ފުރިހަނުވާކަމަށް ބުނެ ކެންސަލް ކުރިފަރާތުގެ ފޯމްގbެައެއްފުރިހަކުރެވި ދެންހުރިބައިތަށް ފުރިހަނުކުރެވިވަނީ ކޮންފަރާތަކުގެ އިހްމާލެއްތޯވެސް ބަލަވާނެ ނޫންބާ ބައެއްގްރޫޕްތަކުގެ ފޯމް ފުރިހަމަ ކުރެވި އަބެބަައި ގްރޫޕް ފުރިހަމަ ނުކުރުން
އެދުރޭ
23 June 2017
އޭސީސީގައިވެސް ތިބީ މުޅިންވެސް އިތުބާރު ގެއްލިފައިވާ މީހުން! އެންގިގޮތައް އަމަލުކުރިއަސް ނުވަތަ ނުކުރިޔަސް ވާނީ ހަމައެއްގޮތް!!!
ހުގޯ
23 June 2017
އިސްލާމިކް މިނިސްޓްރީ ބާއްވާފަ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކޮރަޕްޓް ވާހަކަ މިއަދު ދައްކަން އައުލާކަން ބޮޑު. އެންގުންތަކަށް ޢަމަލު ނުކުރަނީ އެހެންވެގެން. ތަކޮމިޝަން ހަލާކުވެ އެދަނީ އެތަނުގެ ހިންގުން ތެރިން ދޯދިޔާކަމުން
ވާނު
22 June 2017
އިސްލާމިކް މިނިސްޓްރީން "ރައީސްއޮފީހާ މަޝްވަރާކުރުމަށްފަހު" އަމިއްލަ 3 ކުންފުންޏަށް ހުއްދަ ދީފަ އެއޮތީ ދެވަނަ ފަހަރުވެސް! އެއްވެސް އިވެލުއޭޝަނެއް ކޮއްފައެއް ނޫން. އޭސީސީ އަކީ ސަރުކާރުން ކުރާ މިކަހަލަ ހުރިހާ ޖަރީމާއެއްގެ މަތިއޮމާންކުރަން ތިބޭބައެއް! ފިޔަވަޅުއަޅާނަމޭ އެބުނަނީ އަމިއްލަ ކުންފުނި ތަކުންކުރާ ޕްރެޝަރުން. ނިމިފައޮތް ކަމެށްގެ ޑްރާމާ އޭސީސީ އިން އެކުޅެނީ! ކޮރަޕްޝަން ހުއްޓުވަން އަގަފުޅާކޮށްފަ ގޮވާމީހުންގެ ހާލަތު މިއީ! ޙައްޖަށްދާން ބޭނުންވާމީހުން އިސްލާމިކް މިނިސްޓްރީން ހުއަދަދީފަ އޮތްކުންފުނިތަކަށް ފައިސާދަށްކަމުން މިހާރުވެސް އެދަނީ! އޭސީސީ އިން މިކަން މިގޮތަށް ނުކުރުމަށް ތަކުރާރުކޮށް އިސްލާމިކް މިނިސްޓްރީ އަށް އަންގަމުންގެންދާވާހަކަ އެބޭފުޅުން އެވިދާޅުވަނީ! ހަގީގަތުގަ ނާނާކިޔާލަ ކިޔާލަ ތިބެނީ ޢާންމުންގެ ލޮލުގަ އަދުންއަޅުވާފަ. ހުށްޓުވަން ބޭނުމީއާ ވަގުތީ ކޯޓުއަމުރެއް ނެރެ މިކަން ހުށްޓުވަންވީނު