ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީ ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.
23 ޖޫން 2017 - 16:42
ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 12 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެ މީހުން ހައްޔަރުކޮށްގައި ވަނީ ގާޒީ އަށް އިންޒާރު ދީ، ޕެޓްރޯލް އަޅައި ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ރޯކޮށްލި ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފަ އެވެ. ސައިކަލްގައި ރޯކޮށްލީ ކަނޑުހުޅުދޫ މިސްކިތުގެ ބޭރުގައި ޕާކްކޮށްފައި ހުއްޓަ އެވެ. ރޯކޮށްލި ސައިކަލާ ޖެހިގެން ހުރި ސައިކަލަކަށް ވެސް ގެއްލުންވި އެވެ.
ހަސަން ދީދީ ވިދާޅުވި ގޮތުގައި ސައިކަލުގައި ރޯކޮށްލީ، ކަނޑުހުޅުދޫގައި ދެ ޒުވާނަކު އުނދަގޫވާ ގޮތަށް ސައިކަލު ދުއްވާތީ އެކަން ނުކުރަން އެދި ދެތިން ފަހަރަކަށް ނަސޭހަތް ދިނުމުން އެކަމާ ރުޅިގަދަވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫއަހްމަދު
24 June 2017
ހާދަ ފާސްޓޭދޯ؟ މިގޮތަށް ބޮޑެތި މަރުގެ މައްސަލަތަށްވެްސ ބެލޭނެނަމަ