އަސްލު ބޮން އެޅި ތަމްރީނުތަކުގައި އެމެރިކާ އާއި ސައުތު ކޮރެއާގެ ހަނގުރާމަ މަތީ ހަތަރު ބޯޓު ބައިވެރިވި.
08 ޖުލައި 2017 - 19:10
ސޯލް (ޖުލައި 8) - ސައުތު ކޮރެއާގައި ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި އެމެރިކާގެ ބޮން އަޅާ ބޯޓުތައް ނޯތު ކޮރެއާގެ ސަރަހައްދާ ކައިރިން ދަތުރުކޮށްފި އެވެ.
ގުއާމްގެ އެންޑަސަން ވައިގެ ބަނދަރުން ނައްޓާލި އެމެރިކާގެ ބީ-1ބީ ލާންސާ މަރުކަޒުގެ ބޮން އަޅާ ބޯޓުތައް ނޯތު ކޮރެއާގެ ސަރަހައްދާ ކައިރިވި އިރު ނޯތު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާ ގުޅިގެން އެމެރިކާ އިން ދަނީ ތަފާތު އިންޒާރުތައް ދެމުންނެވެ. ނޯތު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް މިސައިލެއް އެންމެ ފަހުން ޓެސްޓްކޮށްފައި ވަނީ އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް، މި މަހު 4 ވަނަ ދުވަހު އެވެ.
ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނީ އަސްކަރީ ތަމްރީނުތައް ބޭއްވީ ނޯތު ކޮރެއާ އިން ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުންދާތީ އެކަމަށް ރައްދެއް ދިނުމުގެ ގޮތުން ކަމަށެވެ. އަސްލު ބޮން ބޭނުން ކޮށްގެން ބޭއްވި ތަމްރީނުތަކުގައި އެމެރިކާ އާއި ސައުތު ކޮރެއާގެ ހަނގުރާމަ މަތީ ހަތަރު ބޯޓު ބައިވެރިވި އެވެ. ދެ ކޮރެއާގެ ބޯޑަރުން ފެށިގެން 50 މޭލު ދުރުގައި ބޭއްވި ތަމްރީނުތަކުގައި ވަނީ 2،000 ޕައުންޑް (907 ކިލޯ) ގެ ލޭޒާ އިން ގައިޑްކޮށްދޭ ބަންކާ ބަސްޓިން ސްމާޓް ބޮން އަޅައިފަ އެވެ.
އެމެރިކާގެ ބޮން އަޅާ ބޯޓުތައް ދަތުރުކުރީ ގުއާމުގެ އަސްކަރީ މަރުކަޒުން.
"މި ތަމްރީނުތަކުން ވަނީ ދުޝްމަނުންގެ ބިރު ދެއްކުމުގެ އަމަލުތަކަށް އެމެރިކާ އާއި ސައުތު ކޮރެއާ އިން ވަރުގަދަ އަށް ރައްދު ދޭނެކަން ދައްކުވައިދީފައި. އަދި ދުޝްމަނުންގެ އަމާޒުތައް ހަލާކުކޮށްލުމުގެ ގާބިލްކަން ހުރިކަން ވެސް ވަނީ ދައްކުވައިދީފައި،" ސައުތު ކޮރެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ނޯތު ކޮރެއާ އިން ކުރި ދުރު ރާސްތާ މިސައިލަކީ އެމެރިކާގެ އެލެސްކާ ސްޓޭޓަށް ވެސް ފޯރާވަރުގެ ގާބިލްކަން ހުރި އެއްޗެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެމެރިކާގެ މިސައިލް ޑިފެންސް އެޖެންސީން ބުނީ އެލެސްކާގައި ހުރި އެންޓި-ބެލެސްޓިކް މިސައިލް ސިސްޓަމް ވަރަށް އަވަހަށް ޓެސްޓަ ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްޤުއްޓޭ
09 July 2017
އަނެއްކާ ތިޔަތަނުން މިސައިލެއް މި ޤައުމަށް މިސްރާބު ޖެހިޔަ ނުދޭތި. މަމެން އަދި ތިކަމަކަށް ތައްޔާރެއް ނުވޭ. ތައްޔާރު ވެ ވޭނީ މި ވެރިން މި ޖަހާ ސަކަރާތް ނިމިގެން.
ޒާ
08 July 2017
ނޯތުކޮރެޔާއަށް ކަމެއް ކޮށްފިނަމަ މުޅި އެހިސާބު ގަނޑު އަލިފާން ބޯޅައަކަށް ހަދާނެކަން ކަށަވަރު. ސައުތުކޮރެޔާ ފުނޑުފުނޑު ކޮށްލާނެ. އަދި އެހިސާބުގައިވާ އެމެރިކާގެ ބޭސްތައް ހަލާކު ކޮށްލާނެ.
ހުސޭނު
09 July 2017
ތިހެން ކިޔަކިޔާ ތިއްބާ އިރާގު ސުންނާ ފަތުކޮށްލީވެސް. ލީބިޔާ ހަނާއަރުވާލީވެސް. އެއްކަމެއްވެސް ނުކުރެވުނު.
ކިމް ޖޮން ޔާމީނ
09 July 2017
ނޯތު ކޮރެޔާއަށް ކަމެއްކޮށް ކިމް ކިރިޔާވެސް ފެއިލްވެދާނެހެން ހީވާ ކަހަލަ ހަނގުރާމައެއް ފެށުމާއިެކު ނޯތުކޮރެޔާ ހުރިހާ މީހުން ސައުތުކޮރެޔާގެ މަދަދަށް އެދި ނޯތްކޮރެޔާ މިނިވަން ކުރަން ކިމްއާއި ދެކޮޅަށް ނިކުންނާނެ. ގިނަ މީހުންތިބީ ޖަލެއް ފަދަ ގައުމުން ދީފާނެ ބޮޑު އަދަބަކަށް ބިރުން
ޢަހްމަދު ޝަފީޤު
08 July 2017
ޑެކޮރެއާ އެއްވެގެންވެސް އެމެރިކާ ބަލިކޮށްލާ!