މޮސްކޯ (ޖުލައި 31) - ރަޝިޔާގައި މަސައްކަތް ކުރާ އެމެރިކާގެ 755 ޑިޕްލޮމެޓިކް ސްޓާފުން އެނބުރި ގައުމަށް ދިއުމަށް ރައީސް ލަޑިމިއާ ޕުޓިން އަންގަވައިފި އެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ގައުމަކުން ފޮނުވާލާ ފުރަތަމަ ފަހަރެވެ. ރައީސް ޕުޓިން މި ފިޔަވަޅު އަޅުއްވާފައި މިވަނީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމަށެވެ. މޮސްކޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުންގެ އިތުރުން އެހެން ސްޓޭޓްތަކުގައި ހުރި ކޮންސިއުލޭޓްތަކުން ވެސް މުވައްޒަފުން ފޮނުވާލަން ވަނީ ނިންމައިފަ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ރަޝިޔާ އިން އެޅީ ހިތަމާކުރަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.
ރަޝިޔާ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ އެމެރިކާ އެމްބަސީ އާއި ކޮންސިއުލޭޓްތަކުގައި 1،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ ކަމަށާއި މީގެ ތެރޭން 755 މީހުންގެ މަސައްކަތް ހުއްޓާލުމަށް ފަހު ފުރަން ޖެހޭ ކަމަށެވެ. އެމެރިކާގެ ޑިޕްލޮމެޓުން ޗުއްޓީ ހޭދަކުރާ ތަންތަނާއި ވެއާހައުސްތައް ބަންދުކުރަން ވެސް ރަޝިޔާ އިން ވަނީ ނިންމައިފަ އެވެ.
އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅީ ކްރައިމިއާ ރަޝިޔާގެ ބައެއްގެ ގޮތުގައި 2014 ވަނަ އަހަރު ހަމަޖެއްސުމާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލައިގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭން ހެކްކުރިކަމުގެ ތުހުމަތުގައި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ޑިސެމްބަރު މަހު ވަނީ އެމެރިކާގައި ހުރި ރަޝިޔާގެ ޑިޕްލޮމެޓިކް ބައެއް ތަންތަން ބަންދުކޮށް 35 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.