އިއްޔެގެ ބައްދަލުވުމުގައި އަޒްލީން ވާހަކަ ދައްކަވަނީ: މީޑިއާއަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވި-- މިހާރު ފޮޓޯ: ހުސެން ވަހީދު
02 އޯގަސްޓް 2017 - 11:19
މާލޭގައި މި ދުވަސްވަރު ހިންގަމުންދާ މާރާމާރީތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ހަބަރުތަކަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފާޑުވިދާޅުވެއްޖެ އެވެ.
ހަފުތާއެއްގެ ތެރޭގައި މާރާމާރީއާ ވަޅިޖެހުމުގެ ހާދިސާތައް ކަންބޮޑުވާ ވަަރަށް އިތުރުވެ، ދެ މީހަކު މަރައިލި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަޒްލީން އިއްޔެ ވިދާޅުވީ މީޑިއާތަކުން ގެނެސްދޭ މުއުތަބަރު ނޫން ހަބަރުތަކުން، ރައްޔިތުންނަށް އޭގެ ބިރުވެރިކަން ލިބޭ ކަމަށެވެ.
ހާއްސަކޮށް، ފުލުހުންގެ މަސައްކަތް ހަމައެކަނި ބިނާވެފައިވަނީ ސިޔާސީ މީހުންގެ ކަންކަން ބެލުމަށް ކަމަށާއި ފުލުހުންނާއި ހޯމް މިނިސްޓަރު ހުންނެވީ "ނިދާފައި" ކަމަށް ދޭހަވާ ގޮތަށް ހަބަރު ފެތުރުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފަދަ ކަންކަން މީޑިއާތަކުން ނުކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
"މުޅި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ އަދަދަށް ބަލާއިރު، ގާނޫނާ ހިލާފަށް މަގުމަތީގައި ހިންގާ ސިޔާސީ ކަންކަން ހުއްޓުވުމަށް އޮފިސަރުންތަކެއް އެބަ މަސައްކަތް ކުރޭ. އެކަމަކު އެއީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކޮމްޕްރޮވައިޒްވާ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ ބައެއް މީހުން މީޑިއާގައި ވާހަކަ ފެތުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން." އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާރާމާރީ އާއި މަގުމަތީގައި ގަވާއިދާ ހިލާފަށް ހިންގާ ސިޔާސީ ކަންކަން އެކުއެކީގައި ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ގައުމީ އަދި އާއްމު މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި، ޒާތީ ގޮތުން މި ފަދަ މައުލޫމާތު ފެތުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަަށެވެ. އެކަމަކު ބައެއް މީޑިއާތަކުން މި ފަދަ ގޮތަކަށް ހަބަރުތައް ގެނެސްދޭކަން ތަކުރާރުކޮށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެންވެ މައުލޫމާތު ފެތުރުމުގައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މީހުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރު ނުގެއްލޭ ގޮތަށް މައުލޫމާތު ފެތުރުމަށް (މީޑިއާތަކަށް) އިލްތިމާސް ކުރަން،" އަޒްލީން ވިދާޅުވި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު، މާލޭގައި ކުއްލިއަކަށް މާރާމާރީ އާއި މީހުން މެރުން އިތުރުވުމުން އެކަން ކޮންޓްރޯލް ނުވާ ކަމަށް ބުނެ ފުލުހުންނާއި ހޯމް މިނިސްޓަރަށް ފާޑު ކިޔަމުން އަންނަނީ ހަމައެކަނި މީޑިއާއަކު ނޫނެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ މިކަމާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްލީން ވިދާޅުވީ މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ މާރާމާރީ ހިންގުމާ ގުޅިގެން ވެސް ފުލުހުންގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިޔަ ކަމަށާއި މިދިޔަ ދެތިން ރޭ ވެސް ފުލުހުންގެ "ވަރަށް ބޮޑު ހަރަކާތްތަކެއް" މާލޭގައި ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފަސް މީހަކަށް ހަމަލާ ދީފައިވާ އިރު ދެ މީހަކު ވަނީ މަރާލައިފަ އެވެ. އެކަމަކު އެއްވެސް މަރަކާ ގުޅިގެން އަދި މިހާތަނަކަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥިސްނާ
03 August 2017
މިމީހުން މި ހުރިހާ ނޫހެއްގެ ކޮމެންޓް ކިޔާފަ ކީކޭބާ ހިތައް އަރާނީ؟ މީ ދިވެހިރައްޔިތުންގެ ސުއޫރު. މީހަކު ބުނެގެން އަދި ލާރި ދީގެނެއްވެސް ނޫން. ނިހާންމެން ހީކުރަނީ ބޮޑެތި މީޓިން ބާއްވައިގެން ލާރި ދިނީމައޭ އެއް ކޮޅަށް ކޮމެންޓް ކުރާނީ.
އަލްޖިބްރާ
02 August 2017
ފާޑު ކިއަނީ މީޑައާތަކުން އެކަނިތަ ؟ މުޅިޤައުމު ކަލޭގެ ޤާބިލް ކަމެއްނެތްވަރުވަރު އެގިތިބެގެން ކަލެއަށްބަވާ އިރުވެސް އަދިވެސް ކޮންމެވެސް މީޑިއާ އެކޭ ގޮވިއަކަސް ކަލޭގެ ޤާބިލްކަން ހުރިކަމަކަށް ނުވާނެ !
ހައްވަ
02 August 2017
ޔާމީނުގެ ވަޒީރުންގެ ތެރޭގައި ކުފޫ ހަމަވާ ހަމަ އެކަކު ނެތްކަން އަމިއްލަ އިޢުތިރާފުން ސާބިތުކޮށްދެނީ!
އަލިބެގެ އައްޔު
02 August 2017
ހޯމް މިނިސްޓަރާއި ފުލުހުންނަށް މާރާމާރީތައް ނުހުއްޓުވުމަކީ މީޑިއާގެ މައްސަލައެއްނޫން. މާލޭގައި ސިލްސިލާ ގަތުލްއާންމުތައް ހިންގައި ރޯމާދުވާލު އިންސާނުން މަރަމުންދާއިރު އެކަން ފޮރުވުމުގެ ބަދަލުގައި މީޑިއާއިން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދިނުމަކީ ރައްޔިތުން އަމިއްލަ ނަފްސާއި އާއިލާގެމެންބަރުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް. ހޯމްމިނިސްޓަރާއި ފުލުސް ކޮމިޝަނަރު ކޮއްދޭންޖެހޭކަމެއް މީޑިއާއިން ރައްޔިތުންނަށްޓަކައި އެކޮށްދެނީ. އެކަމަށްޓަކައި ދިވެހި މީޑިއާތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ. - އަލިބެގެ އައްޔޫބު. -
ޢެމްސް
02 August 2017
ޙަރަކާތްތެރިވިޔަސް ވާކަމެއް ޙަރާންތާ!
އިދުރީސް
02 August 2017
އަމިއްލަ އަށް ނުވާވަރުގެ ކަންތަކާ ހަވާލުވަނީ ކީއްކުރަން
ހަސަނާ
02 August 2017
މިބޭފުޅާއަށް ފާޑު ނުކިޔާ އެންމެން އޭނައަށް ސަނާކިޔަމާ ހިނގާ. މަގާމުތަކާ ހަވާލުވެ ހުވާ ކުރަންޖެހޭނީ ތިމަންމެން މިހަވާލުވަނީ ކޮންކަމެއްކުރާ ކޮންފަދަ މަގާމެއް ކަން އެނގިހުރެ. ސަލާމް
ދޮންކެޔޮފުލުސް
02 August 2017
ކަލޯރަނގަޅުވާނީ ތިވާހަކަ ނުދެއްކިއްޔާ....ކޮންމެހެން މީޑިއާގެ ބޮލަށް ތި ރާޅު ބިންދާލާނެ ކަމެއްނެތް...މިގައުމުގެ ފުލުހުންގެ ހިދުމަތް ރަނގަޅުކަމުން ރައްޔިތުން މިތިބީ އާށޯހުވެފަ....އެހާވެސް އޯގާތެރި ބަސްމަގުރީތި...ރައްޔިތުންގެ ފަރާތުން ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށް ވަރަށް ސަލާމްބުނޭ...މަ ސުވާލު އުފެދޭ މިމީހުން ރައްޔިތުން ރައްކާތެރިކުރަން ހުވާކޮށްގެން ތިބޭއިރު ގޮސް ރައްޔިތުމީހާއަށް އަނިޔާކުރާތީ....ފުލުހުންގެ ވާހަކަ ނުދެއްކުން އެންމެ ރަނގަޅުވާނީ މިގައުމުގަ
ޒިޔައްޓޭ
02 August 2017
ކޮންމެ މަހެއްގެވެސް 13 ވަނަ ދުވަހަކީ ރައްޔިތުންނަށް މިސަރުކާރުން ކޮންމެވެސް ބިރުވެރި ކަންތަކެއް ކޮއްލާނެ ދުވަހެއް.
އަފްލާތޫން
02 August 2017
މީޑިއާ ގޯސްކުރާނެކަމެެއްނެއް ގޭންގްތައް ހުއްޓުވޭތޯ ބައްލާ؟ މިނިސްޓަރ ކާރުކޮޅުގަ ވަޑައިގަތީމަ ނިމުނީ މަގު މައްތިން އާމު މީހާ ފޭރި ގެއްލުންދީ މަރާ ހެދިޔަސް ހަމަ އޯކޭ.