ޕޮލިސް ކޮމިޝަނަރު އަރީފް (ވ-2) ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
06 އޯގަސްޓް 2017 - 00:40
ސިޔާސީ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައި ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ނޭއްގާނީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ބަޔަކު ހިފަހައްޓަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަން ވަޅިން ހަމަލަ ދީ ޒަހަމް ކޮށްލުމާ ގުޅިގެން، ސީޕީ އަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، ފުލުހުންނަށް ހަމަލާ ދިނުމަށް ގޮވާލަން ފެށުމާއެކު، ގަސްދުގައި ފުލުހުންނަށް ހަމަލާ ދިނުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގި ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައްޒާންގެ އާއިލާގެ މެމްބަރުންނާ ޕޮލިސް ކޮމިޝަނަރު މިއަދު ބައްދަލުކުރައްވަނީ. - ފޮޓޯ: ޕޮލިސް
"މިގޮތުން ކާށިދޫގައި ހުރި ކުށްވެރިޔަކު 2012 ވަނަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ހަމަލާދީ ކާށިދޫގައި އޭނާ ޝަހީދުކޮށްލާފައިވެ އެވެ. އެއީ ވެސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުލުހުންގެ މުއައްސަސާއަށާއި ވަކިވަކި ފުލުހުންނަށް ހަޖުލާއި ރުޅި އާއި ނަފްރަތުގެ ބަސްތައް އޮއްސަމުން ދިޔަ ދުވަސްވަރެކެވެ،" ފުލުހުންގެ އެންމެ އިސްވެރިޔާ އަރީފްގެ ބަޔާނުގައި ވެ އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް ނޭއްގާނީ ހަރަކާތްތަކެއް ހިންގަނީ ރައްޔިތުންގެ ގެދޮރާއި މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ރެއާއި ދުވާލު އަދާކުރާ ގާނޫނީ ވާޖިބުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ބަދަލުގައި ކަމަށެވެ.
އަރީފް ވިދާޅުވި ގޮތުގައި ކޮންމެ ފުލުހެއްގެ ހަކަތަ އާއި ޚިދުމަތާއި އަޒުމު ހޭދަކުރަނީ ދިވެހި ގައުމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައި، މަސްތުވާތަކެއްޗާއި މާރާމާރީ އާއި އެ ނޫން ވެސް ގާނޫނާ ހިލާފު ހުރިހާ ކަމަކުން މުޖުތަމައު ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އެކިކަންކޮޅުގައި ރެއާއި ދުވާލު ފުލުހުން އަދާކުރާ ގައުމީ ވާޖިބަކީ މި އެވެ. އޭގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ދިވެހި ފުލުހުންނަކީ އެ ރައްޔިތުންގެ ދަރީންނެވެ. ވީމާ މިއީ އެއް އާއިލާއެކެވެ،" އަރީފް ވިދާޅުވި އެވެ.
ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް
އޭނާ ވިދާޅުވީ ގާނޫނާ ޚިލާފަށް މާފުށީ ޖަލަށް ބަޔަކު އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާކޮށްފައިވާ ތަކެތި އަތުލުމަށް ހިންގި އޮޕަރޭޝަންގައި އުމުރުން 19 އަހަރުގެ ރައްޒާނަށް ގަސްދުގައި ދިނީ ލާއިންސާނީ ހަމަލާއެއް ކަމަށެވެ. ރައްޒާނުގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
މާލޭގައި ގިނަ އަދަދެއްގެ މާރާމާރީތަކެއް ހިނގައި ދާދި ފަހުން ދެ ޒުވާނަކު މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި އަރީފް ވިދާޅުވީ މީހުންގެ ޖާނާއި ފުރާނައަށް ގެއްލުންވެ، ހިނގައިދިޔަ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"ފުލުހުން، ފުލުހުންގެ ވާޖިބު އަދާކުރާނެ އެވެ. ފަހެއް ނުޖެހޭނެ އެވެ. ކުރިއަށް ހިނގާނެ އެވެ. އަޒުމާއި ހިތްވަރު ނެރޭނެ އެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ނޫރުން ނޫރު ލިބިގެންނެވެ. ދިވެހި ގައުމު ދެކެ ލޯބިވި ކާބަފައި ބަތަލުންގެ ރޫޙުން ރޫހު ދިރިގެންނެވެ. ގާނޫނަށް ތަބާވުމާއި ގާނޫނު ނެގެހެއްޓުމަކީ އުފަލެއް ކަމުގައި ދެކިގެންނެވެ،" ފުލުހުންނަށް މަދަދު ވެރިވުމަށް ގޮވާއްލައްވާ އަރީފް ނެރުއްވި ބަޔާނުގައިވެ އެވެ.
އަރީފް ވިދާޅުވި ގޮތުގައި މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ރައްޒާނު ދައްކައިދިނީ ދިވެހި ފުލުހެއްގެ ފުރިހަމަ އަޒުމާއި ހިތްވަރާއި ހިންމަތެވެ. ފުލުހުންގެ ޚިދުމަތަކީ ނުރައްކާތެރި ނަމަވެސް މި ހިދުމަތުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ރައްކާތެރިކަން ދެވޭ އަގުހުރި ޚިދުމަތެއް ކަން ރައްޒާން ދައްކައިދިން ކަމަށް ސީފީ އަރީފް ވިދާޅުވި އެވެ.
"ހަތިޔާރުގެ ކުރިމައްޗަށް ފުން ވިލުދޮޅިއެއްގެ އަނގަމައްޗަށް ރޭގަނޑު ދަންވަރު ފުންމާލައި ތިޔަ ދެއްކެވި ސާބިތުކަމަށްޓަކައި ރައްޒާނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ. އަދި އުމުރުން އެންމެ 19 އަހަރުގައި ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން ވަކިން ހާއްސަކޮށް ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ތިޔަ ދެއްކި ނަމޫނާއަށް ފަހުރުވެރިވަމެވެ،" ބަޔާން ނިންމަވާލައްވަމުން އަރީފް ވިދާޅުވި އެވެ.
ރައްޒާނަށް އިއްޔެ ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމް 32، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ ޖުވެނައިލް ކޯޓުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންގެ ބަންދަށް ވަނީ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޔެސް
06 August 2017
ތިފުލުސް މީހާއަށް އަނިޔާ ލިބުުމުން ހިތާމަކުރަން. އަވަސް ޝިފާއަކަށް އެދެން. ކޮންމެ މީހަކުކުރިކަމުގައިވިޔަސް އެއީ ވަރަށް ގޯސް އަމަލެއް. ސީޕީއަރީފަށް ކެރޭނެތޯ މި ބީދައިން އަނިޔާލިބޭ އެހެން ދިވެހިންގެ ހައްގުަގައި މިފަދައިން ބަސްބުނަން؟
އަހައްމާ
06 August 2017
ފުހުންނަ ވެސް އަނިޔާ ކުރުމަކީ ދެރަވެ ހިތާމަކުރާ ކުމަކެވެ. އެހެން ނަމަވެސް ފުލުހުން ވެސް އާއްމު ރައްޔިތުންނަ ގާނޫނާއި ޚިލާފަ އަނިޔާ ކުރުމަކީ މާ ދެރަވެ ހިތާމަ ކުރާކަމެކެވެ. އަނިޔާވެރިކަމުގެ ހިތި ނުވަތަ ވާ ދެރަ އިޚުސާސްކުރެވެނީ އެމީހަކަށް އެކަން ދިމާވެ އެކަމުގެ ވޭން އުފުލަންޖެހުނީމާއެވެ. އެހެން ކަމުން ފުލުހުން އާއްމު ރައްޔިތުންނަ އަނިޔާ ކުރުން ދުރުހެޅި ވުމަށް ގޮވާ ލަމެވެ. އަދި ފުލުހުންނަ ވެސް އަނިޔާ ނުކުރާށެވެ. އެހެނަސް މި ހާދިސާއަކީ ސިޔާސީ އަދި ރައްޔިތުން ކުރިކަމެއް ނޫނެވެ. މީ ބަލި ކުދީން ކުރި ކަމެކެވެ.
އުމަރު
06 August 2017
ފުލުހުންގެ އިސްވެރިން ޒަހަމްކޮށްލައިގެން ގެންގޮސް ހޮސްޕިޓަލުގައި އެޑްމިޓްކުރާ އާއިލާތަކާއި ބައްދަލުކުރޭތޯ؟ ކީއްވެގެންތޯ ހަމައެކަނި ފުލުހަކަށް އަނިޔާ ލިބުނީމާ ހުރިހައި މިނިސްޓަރުން އަދި ފުލުހުން ހޮސްޕިޓަލަށް ގޮސް ރަސްމީކޮށް އެމީހުންގެ ހާލު ބަލަނީ؟ ހަމަ ކުޑަކެކުރިއާއި ބޮޑުކެކުރީގެ މިސާލު
މަޒް
06 August 2017
ފުލުހުކަށް ތޮ އަނިޔާވަނީ ވަރަށް މަދު ފަހަރަކު... ރައްޔިތުންނަށް ތަހައްމަލު ނުކުރޭ އަނިޔާކުރަންޔާ އަނިޔާ ރައްދުވުން އެއީ އޮތްކަމެއް.. ގަބޫލުކުރޭ... ރައްޔިތުންނަށް އޯގާތެރިކަން ދައްކާ... އޮގާތެރިކަން ލިބޭނެ...
ރައްޔިތުމީހާ
06 August 2017
މަރުގެ ޙުކުމް ތަންފީޒުކުރިޔަސް ކުށްކުރާމީހުން އިސްލާޙުނުވާހާހިނދަކު މިކަމެއް ނުހުޓޭނެ. ހުރިހާ މީހުންވެސް މާތްﷲއަށް ބިރުވެތިވާންވީ. ތިމާމެންގެ ޢަމަލުތައް އިސްލާހުކޮށް ތައުބާވާންވީ. އަޅުގަނޑުމެންނަކީ އެއްދީނަކަށް ތަބަޢަވެގެންތިބި މުސްލިމުން. އަޅުގަނޑުމެންނަކީ އަޚުން އުޚުތުން. އެކަކަށް ލިބޭ ދެރަޔަކީ އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ދެރައެއް. އެކަކަށް ލިބޭ ހިތަމަޔަކީ އެންމެންނަށްވެސް ލިބޭ ހިތާމައެއްކަމަށް ޤަބޫލުކުރަންވީ.
އަލީ
06 August 2017
ތިޔަ ދައްކަނީ އެންމެ ފުލުހެއްގެ ވާހަކައެއްނު! ސިޔާސީ ބޭނުމުގައި ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ކަންކަމުން ކިތައް މީހުންނަށްތޯ ނުހައްގުން އަނިޔާ ލިބެމުން އެދަނީ؟
ސަމޫ
06 August 2017
ފުލުހުން ނުކުމެ އާމުންނައް ކުރާ އަނިޔާ ކުޑައީތަ!
ސީޕީ
06 August 2017
ވިސްނާ ލައްވާ! މިހާރު ފުލުހުން ލައްވާ ކުރުއްވެވޭ ކަންތައްތައް! ދެން ވިސްނަވާ ރައްޔިތުން ނަފްރަތް ލިބެނީ ކީއްވެގެންތޯ! ގިނަ ފުލުހުންނާ ގިނަ ރިސޯސްތައް ބޭނުން ކުރައްވަނީ ރައްޔިތުންގެ ސަލާމަތަަކަށް ނޫން ސިޔާސީ ބޭނުމުގައި ވަކި މީހެއްގެ އަނބުރާ އިއްޒަތް ހިފެހެއްޓުމުގައި ނިކަމެތި ޕޮލިހުންތައް ޔޫސް ކުރައްވަނީ މިހާރުގެ ސީޕީ... މިހާރުން މިހާރަށް އިސްތިއުފާ ދެއްވާ ކަންނެތް ކަމުގައި ވަދެ ތިއޮތް ހޮރުން ނުކުންނަވާ! ގެއަށް ވަޑައިގަންނަވާ ތިތާގަ ޤާބިލު ވެރިން އެބަ ތިބި ތިމަޤާމަށް.. މިހާރު ފުލުހުންނަށް ލިބެމުންދާ އަނިޔާގެ ޒިންމާ ނަގުއްވާ މޮޅެތި ވާހަކަ ދައްކާ މީޑިއާ ސްޓަންޓެެއް ނޫން ޖައްސަންވީ އަމަލީ ގޮތުން މިފަދަ އަނިޔާތައް ނުލިބޭ ކަހަލަ ގޮތަކަށް ރައްކާތެރިކަން ދެއްވާ
ރައިތުމިހާ
06 August 2017
ބެއް ސިނީފުލުހުން އެމީހުނގެ ޔުނިފޯމްގެ ނާޖާއިޒް ފައިދާ ނަގާ، މީހުން ބިރުދެކުމާ ނިކަމެތިން ނައް އަނީޔާދީވެސް ހަދާ
އަލްޖިބްރާ
06 August 2017
ފުލުހުންނުކުމެ އާއްމު ރައްޔިތުން ތަޅާ ރޯނާ ގަންނަވާއިރު އެއީ އަނިޔާ އަށް ނުވަނީ ކީއްވެތަ ؟ ކަލޭމެން ހިންގާ ޖަރީމާތަށް ބަލަން އަބަދަކު މީހުނެއް ނުތިބޭނެ !