އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމުގެ އިގްރާރުގައި ސޮއި ކުރެއްވުމަށް ފަހު ފެނަކައިގެ އެމްޑީ ޝަރީފް އާއި އެޗްއާރުސީއެމްގެ ރައީސް އީނާޝް އެއްބަސްވުން ދައްކާލަނީ
08 އޯގަސްޓް 2017 - 14:02
އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން، ފެނަކަ ކޯޕަރޭޝަނާއި އެއާޕޯޓްސް ކޮމްޕެނީ އާއި އާސަންދަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވެ، އިގުރާރެއްގައި ސޮއިކޮށްފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ އެކު މި ކުންފުނިތަކުން އިގުރާރުގައި ސޮއިކުރީ އެ ކުންފުނިތަކުގެ މުވައްޒަފުންނާއި ހިދުމަތް ދިނުމުގައި އެހެން މީހުންނަށް އިންސާނީ ހައްގުތައް އަދާކުރުމަށެވެ.
އިގްރާރުގައި އެޗްއާރުސީއެމްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ރައީސް އައިމިނަތު އީނާޝް އެވެ. އަދި ފެނަކައިގެ ފަރާތުން އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާއި އެމްއޭސީއެލުން އެތަނުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އަދި އާސަންދަ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ވެސް އެ އިގްރާރުގައި ސޮއިކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ އެ ކުންފުނިން ހުރިހާ މުވައްޒަފުންނާ ދޭތެރޭ ވެސް އަމަލު ކުރަމުން އަންނަނީ ވަރަށް އިހުތިރާމާ އެކުގައި ކަމަށެވެ.
އަދި ޖިންސީ ފުރައްސާރަ ކުރުމާއި ވަޒީފާގައި ތަފާތުކުރުން ފަދަ ކަންކަން ހުއްޓުވުމަށް ގަވައިދުތައް ހަދާފައި ހުންނައިރު، އެ ފަދަ ކަމެއް ހިނގައިފި ނަމަ ހަރުކަށި އަދަބު އެ ކުންފުނިން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމުގެ އިގްރާރުގައި ސޮއި ކުރެއްވުމަށް ފަހު ފެނަކައިގެ އެމްޑީ ޝަރީފް އާއި އެޗްއާރުސީއެމްގެ ރައީސް އީނާޝް އެއްބަސްވުން ދައްކާލަނީ
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން ވަރަށް ފުރިހަމަ އަށް އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ ކަމަށާއި އެ ކުންފުނީގެ ގަވައިދުތަކާއި އުސޫލުތައް ވެސް އެކުލަވާލާފައިވަނީ އެއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖޭގެ ތިން ބައިކުޅަ ދެބައި މީހުންނަށް ފެނަކައިން ހިދުމަތް ދެމުން އަންނަކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ އެތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާ އެކު ވަޒީފާ އަދާކުރެވޭނެ ކަމަށެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުމަށް ޖެހިލުންވުން ފަދަ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާސަންދައިގެ އެމްޑީ ހަސަން ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ނެތް ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ފުރުސަތު ނެތް ކަމަށާއި އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި އެ ރައްކާތެރިކަން ލިބިދޭ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހުރިހާ އެންމެންނަށް ލިބިދޭތޯ އެޗްއާރުސީއެމުން ޔަގީންކުރާކަން ފާހަގަ ކުރައްވައި، އެ ކޮމިޝަނަށް އޭނާ ތައުރީފް ކުރެއްވި އެވެ.
އެމްއޭސީއެލްގައި 2،600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކޮށް، ކޮންމެ އަހަރަކު ވެސް ރާއްޖެ އަންނަ ގިނަ ބަޔަކަށް ހިދުމަތް ދެމުން އަންނަކަން ފާހަގަ ކުރައްވައި، އެމްޑީ އާދިލް ވިދާޅުވީ ގާނޫނުތަކުގެ ދަށުން ލާޒިމްކުރާ ހުރިހާ އިންސާނީ ހައްގުތަކެއް ވެސް އެ ކުންފުނިން ފުރިހަމަ އަށް ލިބިދޭނެ ކަމަށެވެ. އަދި މި އިގްރާރުގެ ސަބަބުން އެކަމަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންފައިވާ ކަމަށާއި މިކަން އިތުރަށް ފުރިހަމަކުރުމަށް އިދާރީ ގޮތުން ބަލަން ޖެހޭ ކަންކަން ވެސް ބަލައި، އެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އެ ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނު ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާއިރު، އިންސާނީ ހައްގުތަކާ އެންމެ ބޮޑަށް ހިލާފުވެފައިވަނީ ކުންފުނިތަކުން ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ކާބޯތަކެތި ނުދިނުން ފަދަ އެންމެ އަސާސީ ހައްގުތައް ދިނުމަށް ކުރިން ބައެއް ކުންފުނިތަކުން ދެކޮޅު ހަދާފައިވާ ކަަމަށާއި އެހެންވެ، މިހާރުގެ ކުންފުނިތަކުން އެ ހައްގުތަކަށް ވަރަށް ބޮޑަށް އިހްތިރާމްކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން ކުންފުނިތަކުންގެ އިންސާނީ ހައްގުތައް ފުރިހަމަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
އެޗްއާރުސީއެމުން ވަނީ މިދިޔަ އަހަރު ވެސް ހަތަރު ކުންފުންޏަކާ އެކު މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
08 August 2017
އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ ގާނޫން އަސާސީން ކަށަވަރު ވޮށްދީފައިވާ ހައްގެއް! އެކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާ އަކުންވެސް އަމަލުކުރަން ޖެހޭނެ!
މަމްތ
08 August 2017
ފޭކު ޖައްސަނީ..
Gan Island
08 August 2017
ވެރިކަމުގައި ތިބިމީހުންނަށާއި މިސަރުކާރަށް ވަފާތެރި މީހުންނަށް ހީވާކަހަލަ ''ޙައްޤަކީ ކަރުދާހުގައި ލިޔެފައިވާ ލިއުންތަކެއް'' ކަމަށް. . . . ފެނަކަ ކޯޕަރޭޝަން އައްޑޫ ސިޓީގެ މުވައްޒިފަކު އޭނާގެ ސިޔާސީ ފިކުރު ހުރިގޮތުން ''ކަޑައެޅިގެން އޭނާ އަށް ޖެއްސުންކޮށް ދެރައެއް ދިނުމަށް'' އޭނާގެ މަޤާމް ހދ ކުރުބީ އަށް ބަދަލުކޮށް 3 ދުވަހުގެ ތެރޭގައި އެރަށަށް ގޮސް ވަޒީފާ އަށް ނިކުތުމަށް އެންގުމަކީ ''ހައްޤު ހޯދާދިނުން'' ކަމަށް ވާނަމަ އަހަރުމެންނަށް ރަނގަޅީ ތިފަދަ އެއްބަސްވުން ތަކުގައި ސޮއިނުކޮށް ތިބޭފުޅުންނަށް ލިބޭ މުސާރަ އަދި އިތުރަށް 3 ގުނަކޮށްގެން ވިޔަސް ރައްޔިތުން ނަށް ޖެއްސުން ނުކޮށް ތިބުން. . . . އަދި ތިކަމުގެ ބޭނުމަކީ ''މީޑިޔާ ހިސޯރު ކުރުން'' ކަމުގައި ވާނަމަ ''ދުވާލުދާ ހަތަރުދަން ޓީވީގައި އަރާތިއްބަސް އަހަރުމެންނަކަށް ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ އިކޮނޮމިސްޓަށް ތާއީދު ކުރެވޭކަށްނެތް'' އަދި އަހަރުމެން ކެޑިނޭޅި މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުންގެ ޙައްޤާއި ދައުލަތުގެ ތިޖޫރީ ސަލާމަތް ކުރެވޭތޭ. އެކަން ހުއްޓާލުމެއްނެތް ދުވަހަކު ހައްޤު ނުދިން ކަމުގައި ވިޔަސް.
އަހުމަދު
08 August 2017
ހޭ ހޭ ހޭ ؟ އިންސާނުންގެ ހައްގާއި ކަރާމާތަކީ އަބަދުވެސް އިޚުތިރާމް ކުރައްޖެހޭނެ ކަމެކެވެ. މިވީހާ ދުވަހު ތި ކުންފުނި ތަކުން ތިކަންނުކޮށް އުޅުނީ މީ ޖާހިލިއްޔާ ޒަމާންކަމަށް ބަލައިގެން ތޯ ؟
ކުރިނބީ
08 August 2017
އިންސާނީ ހައްގު ރައްކާތެރި ކުރުމުގެ ތެރޭގައިދޯ ހިމެނެނީ އައްޑޫ މީހަކު ހދ ކުރިނބަށް ވަޒީފާ ބަދަކުރުރުން...
އަހުމަދު
08 August 2017
100% ޕަސެންޓް ސަރުކާރުގެތަ ނުވަތަ ޕީޕީއެމްގެތަ އެހެންވެ ފެނަކައިން ބައެއްމީހުންކަނޑާފަ ޕާރޓީކުދިންނަށް ހަމައެކަނި ވަޒީފާ ދެނީ... އިންސާނިއްޔަތު ހަމަހަމަކަން ތިޔަކުންފުނިތަކުން މާނަކުރަނީ ހަމައެކަނި ޕާރޓީކުދިން....؟
އިއްސެ
08 August 2017
ތީވަރަށް އިންސާނީ ހައގުތަކަށް އިހްތިރާމްކުރާކުންފުންޏެއް.....ކިތައް މުވައްޒަފުންތޯ މަކަރާހީލަތުން މަދުރު އަތޮޅުތަކަށް ބަދަލްކުރާނަމުގަ ވަޒީފައިން ވަކިކުރީ...........މި ސަރުކާރުން މުޅިންވެސް މިކަހަލަ ދަޅަދައްކާ އެއްބަސް ވުންތަކުގަ ސޮއިކުރާނެ...ނަޒާހަތްތެރި ކަމުގެ އެއްބަސްވުމުގައިވެސް އެމްއެމްޕީއާރުސީ ވެސް ސޮއިކުރި...އެކަމް ގައުމުނުދެކޭވައްކަން ކޮއްލީ
ބޯގޯސް
08 August 2017
މަތިއޮމާން ކުރަން މާމޮޅެތި ވާހަކަތަކެއް ދައްކާނެ ކަމެއް ނެތް. ފެނަކަ އަކީ އެންމެ ބޮޑަށް ވަޒީފާގައި ތަފާތު ކުރުން ގެންގުޅޭ ކުންފުނި. ހުސްބޭކާރު އަނގަ. ފުރަތަމަ އެޗްއާރުސީއެމް މިނިވަން ކުރަންވީނު.
ހައްސާ222
08 August 2017
އެންމެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަން އިން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން ކޮށްފައިިވާ ހުވައާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލަން. ދިވެހި ރައްޔިތަކު މިއަދުވެސް އޭޑީކޭ ހޮސްޕިޓަލް ގައި އެ އޮންނެވީ ރާއްޖެއިން ލިބެންނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް މިސަރުކާރުން ހުރަސްއަޅާތީ ނުދެވިފަ.
ޑައްސަ
08 August 2017
ގޭސް ގަނޑެއް އަނބުރަން ފެށީ ދޯ.