އޭސީސގެ ގައުމީ މަހާސިންތާ އިފްތިތާހު ކުރުމަށް މިދިޔަ މޭ މަހު ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ބިޝާމް ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ
09 އޯގަސްޓް 2017 - 19:29
ގާނޫނާ ޚިލާފަށް މުއައްސަސާތަކުން ކުރާ ކަންކަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދިފާއު ކުރައްވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެއީ ދެވޭ ނުބައި މެސެޖެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލު، މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމާ ގުޅިގެން، ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް މައުމޫން ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވާ ގޮތުން މީހަކު ހައްޔަރުކޮށްފި ނަމަ، އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަން ލާޒިމް ކުރާއިރު، އެކަން އެގޮތަށް ނުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ކަންކަން ފާހަގަ ކުރުމުން އޭގެ ދިފާއުގައި އެކި ސަބަބުތައް ޕީޖީގެ ފަރާތުން ދައްކަމުންދާ ކަމަށާއި އެކަމުން ދެވެނީ ނުބައި މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަސްމީ އިދާރާތަކުން ގާނޫނާ ޚިލާފްވުމަށް ލިބިދޭ އެންމެ ބޮޑު ބާރަކީ އެ ފަރާތްތައް ޖަވާބުދާރީ ކުރުވާ މުއައްސަސާތަކުން އަޅާނުލުން. އަޅާނުލުމަށް ވުރެ ގޯސް އެ ބޭފުޅުން ކުރައްވާފައި ހުރި ގޯސް ފޮރުވަން މަސައްކަތް ކުރުން." މައުމޫން ވިދާޅުވި އެވެ.
ފާރިސްގެ ވަކީލް މައުމޫން: ފާރިސް ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކުރި އިޖްރާއަތު ގޯސްވުމުން ވެސް އެކަން ޕީޖީ ދިފާއު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި --ފޮޓޯ/މިހާރު
ފާރިސްގެ މައްޗަށް ކުރާ ތުހުމަތަކީ ޖިނާއީ ބޮޑު ތުހުމަތެއް ކަމަށް ޕީޖީގެ ފަރާތުން ހައި ކޯޓުގައި ބުނި ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. ގާނޫނުގައި އެގޮތަށް ނެތަސް އެއީ ބޮޑު ކުށެއް ކަމަށް ދެކޭ ކަމަށް ޕީޖީގެ ފަރާތުން ބުނި ކަމަށާއި އެއީ ޕީޖީ އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ގާނޫނު ވަރަށް ސާފުވާނެ. ކޮންމެ ކުށެއް ވެސް ވަކިން ބަޔާންކޮށްފައި ހުންނާނެ. އެ ކުށުގެ ރުކުންތަކާއި އޭގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަން. ރިޝްވަތު ވެއްޖިއްޔާ ރިޝްވަތު. ކޮރަޕްޝަން ވެއްޖިއްޔާ ކޮރަޕްޝަން. ދޭތި އެއްފަހަރާ އެ ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ،" މައުމޫން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 31 ގައި އޮތް އަޑުއެހުމަކަށް ފަހު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު ފާރިސް އަނބުރާ މާފުށީ ޖަލަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
ފާރިސްގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށް ޕީޖީގެ ފަރާތުން ހައި ކޯޓުގައި ބުނި ކަމަށާއި އެހެން ކަމަށްވާ ނަމަ ފާރިސަށް ދައުވާ ނުކުރަނީ ކީއްވެގެންތޯ މައުމޫން ސުވާލު އުފެއްދެވި އެވެ. އެ މައްސަލަ ޕީޖީ ފޮނުވުމުގެ ކުރިން ޕީޖީ އޮފީހާ އެކު ކުރަންޖެހޭ މަޝްވަރާތައް މިއަދު ފަށާނެ ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށާއި އެކަމަކު އެ ތަހުގީގު އަދި މުޅިން ނިމުނު ކަމަށް ނުބެލެވޭ ކަމަށް ޕީޖީގެ ފަރާތުން ބުނި ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލާފައިވާއިރު، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވައިފަ އެވެ.
ރިޝްވަތުގެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
11 August 2017
އެންމެ ފަހުްނ ހުރި ޕީޖީ ވެސް އެނމެނަށް ޓެރަރިޒަމް ދައުވާ ކުރަނިކޮށް، އެނިމުނިީ ޓެރަރިޒަމް ގެ އެންމެ ބޮޑު ހުކުމުގައި ޖަލަށް.... ދުނިޔޭން ފެންނަ ކަންތައްތައް
އިބޫ
11 August 2017
ޕީޖީ އަކީ ޕަޕެޓަކަށް ވެއްޖެ ނަމަ ގާނޫނެއް ގަވައިދެއް ނޯންނާނެ ދޮތްތޯ
މުސްލިމް
10 August 2017
ހިތާމައޭމީ ބަޔާން ނުވާނޭ! މިޚިޔާލުގައިވީ ފަނާވެދާންހޭ!
އަސޭލާ
10 August 2017
މިކަމަނާ ހުންނަނީ ޕްރޮގުރާމް ކޮށްފައި. އަމިއްލައަށް އެއްވެސް އެއްޗެއް ވިދާލުވާކަށް އެގިވަޑައި ނުގަންނަވާ. އެހެންވީމާ ވާނީވެސް މިހެން.
އަމަނާ
10 August 2017
މާދަމާ ކަމަނާ ހުންނާނީ ޖަލުގަނޫން ކަމެއްނޭންގޭ ވީމާ ގާނޫނާ އެއްގޮތައް މަސައްކަތް ބައްޓަން ކުރައްވާ ނޫނީ މީގެ ހިތިފެންނާނެ ޔާމީން ތާއަބަދަކު ވެރިކަމުގާ ނުހުން ނާނެއެވެ.
ސުލައި
10 August 2017
ޕީޖީ މިހާރު ކުޅުއްވަނީ ޕީޕީއެމަށް ރައްޔިތުންނާ ކުޅެމުންދަނީ އިދިކޮޅަށް.
231
10 August 2017
ކަލޯ މަހީކުރީ މާލޭ ބިންވެރި ކުދިން މަގާމްތަކަށް އައީމާ ބޭނުންހާ އެއްޗެއް ނުހެދޭނޭ އަޅުވެތިއެއްނުކުރެވޭނޭ. ބިޝާމް ހޭޒް ޕުރޫވަން މީ ރޯންގް. ޝުކުރިއްޔާ ބިޝާމް. އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއް ނޫންތާ! އަދި ކިރިއާ މަށަށް މިވިސްނުނީ! މާލެއެއް ރާއްޖެތެރެއެއް މުއްސަންޖެއް ފަގީރެއް ބަލާނެ ކަމެއްނެތް. ރަސޫލާ ހަދީސްކުރެއްވިހެން ބަލަންވީ ތަގްވާވެރިކަމަށް. ވައްކަން ނުކުރާނެ ކަމަށް. ނުހައްގުން އަނިޔާ ނުދޭނެކަމަށް. މިކަންކަމަށް ބަލައިގެން ކުރިއަށް އޮތްތާ ވޯޓުލާތި.
ނަޒީމް
10 August 2017
ދައުލަތުގެ ހުރިހާ މުވައްސަސާތަކެއްގައިވެސް ތިއްބެވީ ހަމަ ޗާބީދީފަ ތިބި ބުދުތަކެއް!
މަނިކު
10 August 2017
ބިޝާމްގެ ސޯޓުބޭލޭއިރުވެސް މަސައްކައް ކުރަނީ ވަޒީފާގަ ހުރެވޭތޯ ހުދުމުހުތާރު ވެރިކަމަކައް ފުރޮޅަލެވޭތޯ
ޙަސަން
10 August 2017
ތީނަޔަކީ ތި މަގާމަށް އެކަށީގެންވާ މީހެއްނޫން. މިނިވަނެއް ނޫން. މަގާމުގެ ސިފަތަށް ގެއްލިފައި ހުރި މީހެއް. ވަކި މީހަކު ބޭނުން ވާގޮތަކަށް ޑާންސް ކުރާ މީހެއް.