ގދ. ތިނަދޫގައި ބޭއްވި ހިނގާލުމުގައި ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ/ ޓްވިޓާ
12 އޯގަސްޓް 2017 - 19:23
ސަރުކާރަށް އޮތް ތާއީދު ދައްކާލުމަށް، ޕީޕީއެމުން 25 ރަށެއްގައި މިއަދު ހަވީރު ރެލީއެއް ބާއްވައިފި އެވެ.
"ތަރައްގީއާ އެކީގައި ރައްޔިތުން"ގެ ނަމުގައި ބޭއްވި މި ހިނގާލުމާއި ސައިކަލު ބުރު، ހުރިހާ އަތޮޅެއްގައި ވެސް ބާއްވާފައި ވެ އެވެ. އެއްވަގުތެއްގައި ބޭއްވި މި ރެލީ ކުރިއަށް ގެންދިޔައީ ކޮންމެ އަތޮޅަކުން ވެސް އެއް ރަށުގަ އެވެ.
ޕީޕީއެމުން ބުނީ މި ރެލީ އަށް ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ރަށްރަށުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ގިނަ އާއްމުން ރެލީގައި ބައިވެރިވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ހދ. ކުޅުދުއްފުށީގައި ބޭއްވި ރެލީގައި އޮފީހެއްގެ މުވައްޒަފުންތަކެއް ބައިވެރިވަނީ-- ފޮޓޯ/ ޓްވިޓާ
މިއަދު ހަވީރު 4-6 އަށް ބޭއްވި މި ރެލީގައި ބައިވެރިވެރިން ވަނީ، ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ އާއި އާއްމުންނަށް ލިބެމުން އަންނަ ލުއި ފަސޭހަތަކުގެ ވާހަކަތައް ބެނާތަކާއި ބޯޑުތަކުން ދައްކާލާފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން ވަނީ މާލޭގައި ވެސް މިއަދު ހަރަކާތްތަކެއް ބާއްވައިފަ އެވެ. އަދި މާދަމާ އާއި ހޯމަ ދުވަހު ވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފައި ވަނީ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން، ސަރުކާރަށް ނިސްބަތްވާ މުވައްޒަފުންނަށް މަޖުބޫރުކޮށް ބިރުދައްކަމުން ދާ ކަމަށެވެ. އަދި ސ. ހިތަދޫ ޔޫތު ސެންޓަރުގައި މިއަދު ބާއްވަން ނިންމި އެ ޕާޓީގެ ހަރަކާތަށް ސަރުކާރުގެ މުވައްޒަފުން ދާން އަންގާފައިވާ ވައިބަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ. އެ ބައްދަލުވުމަށް ނުދާ މީހުންގެ ހާޒިރީ ބަލާނެ ކަމަށް ވެސް މުވައްޒަފުންނަށް އިންޒާރު ދީފައިވެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމުން ހިންގާ ހަރަކާތްތަކުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުމާއި ރައީސް އަބްދުﷲ ޔާމީން ގައުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމާއި އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމާންކަން ނަގާލަން ކުރާ މަސައްކަތްތަކަށް ރައްޔިތުން ޖާގަ ނުދޭނެކަން ހާމަކޮށްދިނުން ކަމަށެވެ.
އައްޑޫގައި ޕީޕީއެމުން ބޭއްވި ރެލީގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ/ ޓްވިޓާ
މި ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ މާލޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނޫން ކަމަށާއި އެފަދަ ހަރަކާތްތައް ހިންގުމުން މާލޭގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ކަމަށެވެ. އެހެންވެ، މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
14 August 2017
ރަނަގަޅު ކުދިންނޭ.. ލިބެން އޮތްއެއްޗެއް މިވަގުތު ހޯދާލާ.. ދެން ވޯޓު ނުދިނީމައި ހުންނާނީ ރަނގަޅަށް... ޑރ. ވަހީދަށް ލިބުނު ވޯޓުގެ ރެކޯޑް މިފަހަރު މުގުރޭނެބާ؟
އައިޝާ
14 August 2017
ބިރުދައްކައިގެން މީހުން އެއްކޮށް ފޮޓޯ ނެގިދާނެ. ވޯޓު ސޮރީ އޭ ބުނާނީ
ސަލް
13 August 2017
އަދިވެސް ބައެށް ރަށްރަށުގަ ބާރުބޮނޑުވެ ތޮއްޖެހުމުގެ ސަބަބުން ވަރަށް ގިނަމީހުންނަ ގެއާ ހަމަުޔަނުފޯރާ ކަމަށް ބީބީސީ..ރޮނިޓާސް ހަވާލާދީ އެބަބުނޭ........ދެންއަތްޖަހާ،
ސުވާ
13 August 2017
ހާދަ ސަޕޯރޓެކޭ ދޯ ދެން ވޯޓް ނުލިޔަސް 2023 ވަނަ އަހަރާ ހަމައަށްވެސް ރައީސް ޔާމީނަށް ހުރެވޭނެ/ މަ ލަދުން ބޯހަލާކު
އިބްރާ
13 August 2017
އިތުރަކަށް ކިޔާނެ ތަކެއްޗެއް ނެތެވެ. ސަރުކާރުގެ އިސް މަގާމްތަކުގައި އުޅުއްވާ ގިނަ މެމްބަރުންގެ ކޮރަޕްޝަނުގެ ސަބަބުން މިވަނީ ސަރުކާރުގެ މަގްބޫލްކަން ދަށަށްގޮސްފައެވެ. އެކަން އެމްމެ ބޮޑަށް ހާމަވެގެންދިޔައީ ލޯކަލް ކައުންސިލުންނެވެ.
އަދީބު
13 August 2017
ތިނަދޫންނާއި އައްޑޫން ދައްކާފައި ތިޔަ ވަނީކީ ސަރުކާރަށް އޮތް ތާއީދެއް ނޫނެވެ. ރައީސް ޔާމީނަށް އޮތް ތާއީދެވެ. ސަރުކާރަށް އޮތް ތާއީދު ދައްކާފައިވަނީ ހަމައެކަނި ކުޅުދުއްފުށީންނެވެ.
ތާއީދު
13 August 2017
ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކުއަށްވެސް ތިތާއީދު ތިގޮތަށް އޮތެވެ. ހަމައަރާ ކޮންމެ ރަށަކުން ވަރަށް ގިނަބަޔަކު ނުކުމެ ތާއީދުކުރާކަން ދެއްކިއެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދިޔައީ ފުލަށެވެ. ހަގީގީ ތާއީދު އޮންނަމަ މިހާގިނަގިނައިން މީހުން ހައްޔަރުކޮށް ޖަލަށްލައި ހެދުމުގެ ބޭނުމެއްނެތެވެ. ފުލުހުންގެ މުގުރުބުރިތަކާ ކަނޑިއާއިބަޑީގެ ބޭނުން ކުރަން ނުޖެހޭނެއެވެ. ކަރުނަގޭހާ ޕެޕަރ ސްޕްރޭ އިން މީހުން ހަނާކުރާކަށް ނުޖެހޭނެއެވެ. މުސްކުޅިންނާ ކުދިން ހިފައި ހައްޔަރުކުރާނެ ބޭނުމެއްނެތެވެ. މިހުރިހާކަންކަމުން އެނގެނީ ތިއީ ދަޅައެވެ. ދަޅަދައްކަދައްކާ ތިއްްބާ ކައުންސިލް އިންތިޚާބުވެސް ނާކާމިޔާބުވިފަދައިން ތިވެސް ނާކާމިޔާބުވާނީ ﷲ ގެ އިރާދަފުޅާމިންވަރުފުޅުންނެވެ.
އުނގަށް ހީސްލާ މީހާ
13 August 2017
އުނގޫފާރުން ނުކުތީ 70 ވަރަކަށް މީހުން އެވެސް މުޅި އަތޮޅުންނޯ މަދެން ހީހީ
އައްދުއްރަހިންބެ
13 August 2017
ތިކަހަލަ ޗަރުކޭހަކުން ތާއީދެއް ނުފެންނާނެ. ތާއީދު ފެންނާނީ ވޯޓުން.
25 ރަށުން
13 August 2017
%25 ދޯ؟