ސައުދު (ކ) ވައްޑެ (މ) އަދި އަމީތު (ވ) ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެ ތިން ބޭފުޅުންގެ އިތުރުން ލަތީފްގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ވަނީ ނިންމާފައި - ފޮޓޯ/މިހާރު
13 އޯގަސްޓް 2017 - 18:55
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒް ފައިދާ ނަގައިގެން، ނުބައި ނިޔަތެއްގައި ކަމަށް ހަތަރު މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގެ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެ މެމްބަރުންގެ ވަކީލުން ބުނީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅީ ނުބައި ނިޔަތެއްގައި، ގާނޫނީ އިޖްރާއަތުތަކާ ޚިލާފަށް ކަމަށެވެ.
ހުކުމުގެ ކުރިން އޭގެ ތެރެއިން ތިން މެމްބަރަކު ޕާޓީން ވަކިކޮށްފައި އަދި އެއް މެމްބަރަކު އަމިއްލަ އަށް ވަކިވެފައި ވަނިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ހަމައެކަނި ޕީޕީއެމުން އެ މެމްބަރަކު ވަކިކުރި ކަމަށް ބުނެ އެ ޕާޓީން ހުށަހެޅުމަށް ބިނާކޮށް ކަމަށް ވަކީލުން ބުންޏެވެ. އެކަމަކު އޭގެކުރިން އެ މެމްބަރުން ޕާޓީން ވަކިވެފައި ތިއްބާ ދެވަނަ ފަހަރަށް އެ މެމްބަރުން ޕާޓީން ކުރެވެނީ ކިހިނެއް ކަމާ މެދު އެ މެމްބަރުންގެ ފަރާތުން ސުވާލު އުފެއްދެވި އެވެ.
"ގެއިން ނެރެލީމަ ދެވަނަ ފަހަރަށް އަޅުގަނޑު އެގެއަށް ނުވަންނަނީސް، ކިހިނެއްތޯ ދެވަނަ ފަހަރަށް ހަމަ އެގެއިން އަޅުގަނޑު ނެރޭނީ؟." ސައުދު ޝަރީއަތުގައި ވިދާޅުވި އެވެ.
މެމްބަރުން ޕާޓީން ވަކިކުރި ކަމަށް މާޗް މަހުު ޕީޕީއެމުން އެ މެމްބަރުންނަށް އަންގާފައިވާ ކަން ކޮމިޝަނަށް އެނގޭއިރު އެއީ ކިހިނެއް ހިނގި ކަމެއް ކަން ކޮމިޝަނުން ނުބެލީ ކީއްވެގެންތޯ މެމްބަރުންގެ ވަކީލުން ސުވާލު އުފެއްދެވި އެވެ. އޭގެފަހުން އެ މެމްބަރުން ޕާޓީން ވަކިކުރި ކަމަށް ޖުލައި މަހުގެ 18 ވަނަ ދުވަހު ކޮމިޝަނަށް ޕާޓީން އެންގުމުން އެދުވަހުން އެދުވަހަށް އެ މެމްބަރުންގެ ނަން ކޮމިޝަންގައި އޮންނަ ދަފްތަރުން އުނިކޮށް، ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ކުރިން އެ މެމްބަރުން އެ ޕާޓީން ވަކިކުރިތޯ ބެލުމެއް ނެތިތޯ ވަކީލުން ސުވާލު އުފެއްދި އެވެ.
"ކޮބައިތޯ ރެގިއުލޭޓާގެ ހައިސިއްޔަތުން ކޮމިޝަންގެ ދައުރު. މިކަންކަން ސުޕަވައިޒް ކުރާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއެއް ނެތީތޯ؟." މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.
މެމްބަރަކު ޕާޓީއަކުން ވަކިކުރި ކަމަށް ބަލާނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފުތަރުން ނަން އުނިކުރާ ހިސާބުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދުދީ ވަކީލުން ބުނީ ނޯޓިސް ދިނުމެއް ނެތި މެމްބަރުންނަށް ޕާޓީތަކުން ވަކިވެވޭނެ ކަމަށެވެ. އެކަން ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް އޮންނަކަން ފާހަގަކޮށް، ވަކީލުން ބުނި ގޮތުގައި ކޮމިޝަނުން ދައްކާ ވާހަކައަކީ ބުއްދީގެ ހަމަތަކުން ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ.
"ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފްތަރުން ނަން އުނިކުރާ ހިސާބުން ކަމަށް ބަލަން ފަށައިފި ނަމަ، އެއީ މަޖުބޫރުން މީހުން ހައިޖެކް ކޮށްގެން ޕާޓީތަކުގައި ގެންގުޅެން ލިބޭ ފުރުސަތަކަށް ވެގެންދާނެ. ސަބަބަކީ އެ ދަފްތަރުން ނަން އުނިކުރަން އެއީ ވަކި މުއްދަތެއް ނޯވޭ އެކަން ކުރާކަށް،" މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދަކީ މަޖިލީހަށް އަމިއްލަ ގޮތުން ހޮވުނު ބޭފުޅަކަށް ވާއިރު އޭނާ ޕީޕީއެމުން ވަކިކުރި ކަމަށް ބުނެ ގޮނޑި ގެއްލުނު މައްސަލައާ ގުޅިގެން ވަކީލުން ފާހަގަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމުގައި، އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކައެއް ނެތެވެ. އޭގައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކަ ކަމަށް ވަކީލުން ބުންޏެވެ. ލަތީފްގެ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުން ދެކޭ ނަމަ އެއީ އެ ހުކުމް އަމިއްލަ އަށް މާނަކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށް މެމްބަރުންގެ ވަކީލުން ބުންޏެވެ.
"އަޅުގަނޑު އިންތިޚާބަށް ހޮވުނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި. އެއްވެސް ޕާޓީއެއްގެ ލޯގޯއެއް، ދިދައެއް ނުވަތަ ނިޝާނެއް ބޭނުމެއް ނުކުރަން. އެއްވެސް ޕާޓީއެއްގެ ލަވައެއް ނުޖަހަން. އަޅުގަނޑު ވަގުތީ ގޮތުން ޕީޕީއެމާ ގުޅުނީ ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް،" މަޖިލީހަށް ވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ކަން ހާމަ ކުރައްވަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވި އެވެ.
އޭގެ ރައްދުގައި ދައުލަތުގެ ވަކީލާ މާޝާ ލަތީފް ވިދާޅުވި ގޮތުގައި އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް ހުކުމުގެ އުސޫލު ނުހިނގާނެ ނަމަ އެއީ ހުކުމުގެ ބޭނުން ކެނޑޭނެ ކަމެއް ކަމަށެވެ. އެހެންވެ ދައުލަތުން ބުނަނީ ލަތީފްގެ ގޮނޑި ވެސް ގެއްލޭނެ ކަމަށެވެ.
ލަތީފް ވިދާޅުވި ގޮތުގައި ދައުލަތުން ދައްކާ ވާހަކަތަކަކީ "އެއްވެސް އުސްމިނެއް، ބޯމިނެއް ނެތް" ވާހަކަތަކެކެވެ.
މެމްބަރުންގެ ވަކީލުންގެ ފަރާތުން ފާހަގަކުރި މައިގަނޑު އަނެއް ކަމަކީ މެެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި އޮންނައިރު އެކަން ކޮމިޝަނުން ނުކޮށް، އެ ކޮމިޝަނުން އަމިއްލަ އަށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި މައްސަލަ އެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ވަކީލުން ނެންގެވީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމެކެވެ.
"އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއޮތީ ނިންމަވާފައި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ފުރުސަތު އޮއްވައި އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް އެ ގޮނޑި ހުސްވެފައިވާ ކަމަކަށް،" ހިސާން ވިދާޅުވި އެވެ.
އޭގެ ޖަވާބުގައި ދައުލަތުން ބުނީ މި މައްސަލާގައި ކަން ހިނގި ގޮތަށް ބަލާއިރު އެ މެމްބަރުންގެ ގޮނޑި ގެއްލުނުތޯ ކަނޑައަޅަން ސުޕްރީމް ކޯޓަށް ދިއުމަކީ ކޮމިޝަނަށް ލާޒިމްވާ ކަމެއް ނޫން ކަމަށާއި އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު އެ ކޮމިޝަނަށް ސުވާލު ނުއުފެދޭ ކަމަށެވެ.
ގޮނޑި ގެއްލޭ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ އެކަން ކޮމިޝަނުން މަޖިލީހަށް އަންގާ ހިސާބުން ފެށިގެން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ވަކިވަކިން ކުރިއަށް ގެންދިޔަ އެ މައްސަލަތަކުގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެދު އުޑު
14 August 2017
މި ހަތަރު މީހުންގެ ގޮޑި ގެއްލޭ ގޮތަށް ހުކުމް ކޮށްފި ނަމަ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ އެއްވެސް ހުކުމަކާ މި ހުކުމް ދިމާލެއް ނުވާނެއެވެ. އެކަމަކު ވެސް ކޮށްފާނެ އެވެމ
އިންސާފު ޤާއިމު ކުރައްވާ ށެވެ
14 August 2017
ވައްޑޭ އާއި އަމިތު އާއި ސައުދު އާއި ފާރިޝް އަކީ ހުކުމުގެ ކުރިން ޕީޕީއެމުން ވަކި ކޮށްފައި ތިބި މެމްބަރުން ކަން ހުރިހާ ރައްޔިތުން ވެސް ޤަބޫލް ކުރެއެވެ.ސުޕްރީމް ކޯޓްގެ ހުކުމް މާނަ ކޮށްފައި ނެރުނު ދެވަނަ ހުކުމަކީ ވެސް އެ މެމްބަރުންގެ ގެ ގޮޑި ގެއްލޭ ގޮތަށް ސަރުކާރުން ހުކުމް މާނަ ކޮށްފާނެތީ ނެރުނު ރޫލިންގ އެކެވެ.
ކަތީބު
14 August 2017
އާޚިރުގައި ނިމޭނީ ތިޔަ ގޮނޑި ގެއްލިގެން.
ބުނީ
14 August 2017
ގިޔާމަތް ދުވަހު އިބްލީސް ބުނާނެކަމަށްވޭ މިއަދު ތިމަންނައަށް ކަލޭމެން ސަލާމަތްކޮށްދޭން އެއްވެސް ކަމެއްކޮށްދެވެން ނެތްކަމަށް އަދި މިއަދު ތިމަންނައަށްވެސް ސަލާމަތްވެވެން ނެތްކަމަށް. ދުނިޔޭގާ ތިމަން އިބްލީގެ ވަސްވާސް ގަބޫލުކޮށް ފާފައަށް އަމިއްލައަށް ހުށަހެޅުނީ ކަމަށް. ވީމާ އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު އަނެކުންގެ ކަންކަން ނިންމެވުން.
އަބްދުއްލާ
14 August 2017
ނުސިޔާނު ، ނާއިންސާފު ،ބޭއަދުލު ބައެއްގެ އަތްމައްޗަށް ބާރު ދިން މީހުން މާގޯސްކަމަށް ނުފެނޭތަ ؟
ދަގަނޑު ދަހަނާ
13 August 2017
ނިންމަފާނެ ނޫންތޯ ވަކިވަން އެދުނަސް ޕާޓީން ވަކިމީހަކު ސޮއިކޮށްފާ ފޮނުވާ ވަކިވިކަން އަންގާލިއުމަކުންނޭ ޕާޓީގެ މެމްބަރަކު ވާނީ. އެމީހާ ނޫން އެހެން މީހަކު ވަކިކުރިކަމަށް ސޮއިކޮށްފާ އޮތް ލިއުމަކީ އުފެދުމުގައިވެސް ބާޠިލު ލިއުމެކޭ. އެހެންވީމާ ކުރިން އެފަދަ ލިއުމެއް ފޮނުވައި ވަކިވިކަން އެންގިޔަސް ވަކިނުވާނެޔޭ. އިހަކަށް ދުވަހު ވަކިވިކަން އެންގި ލިއުމޭ ޞައްޙަ ލިއުމަކީ.
ވޯލް
13 August 2017
ސްޕްރީމް ކޯޓުގައި މިހާރު އޮތީ ރާއްޖޭޣެ ދެބާރު އެއްވުމާއި ވަކިން ބޭވުމުގެ ޒިންމާ، ވިސްނުންތެރިކާމއި އަދުލު ވެރިކަމާއި އަދި ޤާނޫނު އަސާސީބުނާ ހަމަތަކުގެ މަތިން ނިޔާ ކަންޑައަޅުއްވާނެ ކަމަށް އުއްމީދު ކުރަން.
ޒެޑްސް 1
13 August 2017
ދެން ތި މެންބަރުންގެ ގޮނޑިތައް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއަސް ހަމަ ތިޔަ މެންބަރުންގެ ގޮނޑި ތައް ހުންނާނީ ގެއްލިފައި. އަލުން ތި ގޮނޑި ތަކެއް ތިޔަ ގޮނޑި ގެއްލުނު މެންބަރުންނަށް ދެން ނުލިބޭނެ. ސަބަބަކީ އަދި އޮތީ ނުން ޓެރަރިޒަމް ގެ ދައުވާ. ކޮރަޕްޝަންގެ ދައުވާ. މީހުން މަރަން އުޅުނުކަމުގެ ދައުވާ. މި ދައުވާ ތަކުން ކިހިނެތް ސަލާމަތްވާނީ؟
މުޙައްމަދު
13 August 2017
ތިޔަ ފެންނަނީ ތި މީހުން ވެސް ހިންގާފައިވާ ޖަރީމާތަކުގެ ނަތީޖާ. ވައްޑެއަކީ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް، ހައްގުން ކަމަކާނުލާ، މަޤާމުން ވަކި ކުރުމަށް މަޖިލިސް ތެރެއިން އެންމެ އިސްކޮށް އުޅުނު އެކަކު. ސީދާ ޓީވީތަކުގައި ނިޔާޒުގެ މަޤާމު ގެއްލޭނެ ކަމަށް އަޑު ހަރުކޮށް ވާހަކަ ދެއްކި މީހެއް. އަދީބު އިސްކޮށްހުރެ ޕީޕީއެމް މަޖިލިސް މެންބަރުންގެ އެއްބާރުލުމާއެކު ނިޔާޒަށް ދިން އަނިޔާ އަޅުގަނޑު ހަދާން ނުނެތޭނެ.
ސާހިބާ
13 August 2017
ގާނޫނީ އަދި ޝަރުޢީ ހަމައިން ކުރިޔަށްދާ ހުށަހެޅުމަށް ނަޞުރުލިބޭނެ.