ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސިފައިން ހަރަކާތްތެރިވަނީ: މަޖިިލީހުގައި ކުރިން ސެކިއުރިޓީ ބެލެހެއްޓި މީހުންނަށް މަސައްކަތެއް ނުކުރުވާ މުސާރަ އާއި އިނާޔަތްތައް ދީފައިވޭ.
17 އޯގަސްޓް 2017 - 15:22
ސާޖެންޓް އެޓް އާމްސްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓި 22 މީހަކު އެއްވެސް ޒިންމާއެއް އަދާނުކުރަނީސް މުސާރައިގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ރިޕޯޓްގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެހެން ބަޔަކު ޝާމިލްނުކުރަން އެމްއެންޑީއެފުން ހަމަޖެއްސިކަން މަޖިލީހުގެ އިދާރާ އަށް އެންގި ކަމަށެވެ. އެގޮތަށް އެންގުމަށް ފަހު ނޮވެމްބަރު 4، 2015 އިން ފެށިގެން އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔައީ ގައުމީ ދިފާއީ ބާރުން ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މަޖިލީހުގެ ސެކިއުރިޓީ ކަންކަމާ އެމްއެންޑީއެފުން ހަވާލުވުމަށްފަހު، އޭރު މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ ބެލުމުގެ ދަށުން މަސައްކަތްކުރަމުން ގެންދިޔަ 22 މީހަކު މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމަށް ނިންމި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުސާރަ އާއި އެލަވަންސް ލިބޭނެ ކަން ނޮވެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން މެމޯއަކުން އަންގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މުވައްޒަފުންނަށް ދެ މަސް ދުވަހު ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރަން ދޭން ޖެހޭ ނޯޓިސް ފޮނުވާފައި ވަނީ ވަޒީފާ އަށް ނުނުކުންނަ ގޮތަށް ހަމަޖެއްސިތާ އެއް އަހަރުފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ކަމަށެވެ.
މަޖިލީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސާޖެންޓް އެޓް އާމްސްގެ ދަށުން މަސައްކަތްކުރުމަށް އުފައްދާފައިވާ މަގާމުތައް އުވާލުމަށާއި އެ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ މުއްދަތު ފަސްކުރުމުގެ ސަބަބުން ނޮވެމްބަރު 5، 2015ން ފެށިގެން ޖެނުއަރީ 28، 2017ގެ ނިޔަލަށް އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުންގެ ފަރާތުން އެއްވެސް ހިދުމަތެއް ހޯދާފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކަންކަން އިސްލާހުކުރުމުގެ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން އިންތިޒާމްކުރުމުގައި ދައުލަތުގެ ބަޖެޓަށް ހަރަދު ކުޑަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އަންގާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަންޖަބީލް
18 August 2017
"އިސްލާހުކުރުމުގެ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން އިންތިޒާމްކުރުމުގައި ދައުލަތުގެ ބަޖެޓަށް ހަރަދު ކުޑަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އަންގާ ކަމަށެވެ." މިތަންކޮޅު ކިޔާފައި ހިނިއަންނަނީ. ދައުލަތަށް މިލިޔަނުން ގެއްލުންވީމައި އެހޯދުމެއްނެތް. އިހްމާލުވިފަރާތްތައް ކޮބާތޯ؟ މަޖިލީހުގެ ރައީސް، ނައިބުރައީސް، މެންބަރުން ، އަމީންއާންމު ކޮބާތޯ؟ ނިދާފައިތޯ؟ އެކަމަކު އާދައިގެ ސިވިލްސާރވެންޓަކު އޯޓީގައި ވެރިމީހާގެ ހުއްދަދެއްވި ސޮއިނެތި ފަންސާހަކަށް ރުފިޔާ އިތުރަށް ނަގާފައިވާތީ، އެއަނބުރާ ހޯދުމަށް ތިޔަ އޮޓިޑަރ ޖެނެރަލް ލަފާދީފައި އެބަހުރި. ހައެއްހަ ހާސް ރުފިޔާގެ މައްސަލައެއްގައި ކޯޓުކޭސްއަކަށް ގޮސްގެން ދައުލަތުން އެތައްހާސްރުފިޔާއަކާއި ވަގުތެއް ހޭދަކޮށްފައި، ނިކަމެތި މީހާޖަލަށްލާފައި އެބަހުރި. މިސާލު: ކޮފީ ދަޅެއް.
ކޮވެލި
17 August 2017
މެންބަރުންނަށް ހަރަދުވީ ކިހާވަރެއްބާ؟ މުސާރަނަގާފަ ޒިންމާއަދާކުރާ ގޮތް މަމެންނަށް ފެނޭ.
ކްރިޓިކަލް
17 August 2017
މިއަކީ ދެން މި ސަރުކާރުގަ އައު ކަމެތް ނޫނެތްނު...