ރިޕޯޓް / ކުއްލި މަރު

އާތިފަކީ އާދައިގެ މީހެއް ނޫން، އެއަށް ވުރެ މާ ހާއްސަ

އާތިފް ކޮޕްސް ބޭންޑްގައި

20 އޯގަސްޓް 2017 - 20:43

9 comments

ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ ހދ. ހަނިމާދޫގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި މާލެ ވަޑައިގެން މަޝްހޫރު މިއުޒީޝަން/ ލަވަކިޔުންތެރިޔާ އަދި ސިފައިންގެ މޭޖާ އަހުމަދު އާތިފް ވަރަށް ގިނަ މީސް މީހުންނާ ބައްދަލު ކުރެއްވި ކަމެވެ. އަދި އެ ބައްދަލުވުންތަކުގައި، މިއަދު އޭނާ އަވަހަރާވުމާ ދާދި ގުޅުން ހުރި ވާހަކަތަކެއް ވެސް ދެއްކެވި ކަމެވެ.

އޭގެ ތެރެއިން އެއް ވާހަކައަކީ މި އެވެ:

"އެކުވެރި އާތިފް އާ މި މަހު ދެ ރެއަކު ދިމާވި. ދަންވަރު ތިނެއް ޖަހަންދެން ސްކޫޕު ކަންމަތީގައި ވަރަށް ގިނަ ވާހަކަތައް ކިޔައިދެއްވި. އަމިއްލަ ލައިފް، ބައްޕައިންގެ ލައިފް، ކުދިން ލިބުނީމަ ލައިފް، އޮފީސް ލައިފް... ވަރަށް ހަނދާންވޭ.... 'އިއްބޭ އަހަރެން ބޭނުންވީ ފެމިލީ އަށް މުސްތަގުބަލެއް ހޯދައިދޭން. އެކަމާ ވަރަށް އުފާވޭ'،" ޓީވީ ޕްރެޒެންޓަރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެ ފޭސްބުކް ޕޯސްޓެއްގައި އޭނާ ލިޔެފައި ވެ އެވެ.

ސިފައިންގެ ނޮދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުން ހަނިމާދޫގައި ހުންނަވަނިކޮށް ހަމަ ވަރަށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވި އާތިފަކީ ވަރަށް ގިނަ ބައެއްގެ ގާތް ރައްޓެއްސެކެވެ. ވަރަށް ގިނަ ބަޔަކާ މީގެ ދެ ދުވަހެއް ވަރު ކުރިން އޭނާއާ މާލެއިން ދިމާވި ކަމަށް އެކި މީސްމީހުން ފޭސްބުކާއި ޓްވިޓާގައި ވަނީ ބުނެފަ އެވެ. އަދި ވަރަށް ތަފާތު ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް ބުނެ، ފޭސްބުކާއި ޓްވިޓާގައި މުޅިން ހެން މިއަދު އޮތީ އެ ވާހަކަ އެވެ. ލިބުު ސިހުމާއި ޝޮކްގެ ވާހަކަ އެވެ. އޭނާގެ މަރުގެ ވާހަކަ މެންދުރު ފެންމަތިވުމާ އެކު ވޭތުވެދިޔަ އަށެއްގަ ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާ ވަަނީ އާތިފުގެ ހަނދާންތަކުން ފުރިފަ އެވެ. އެކި މީސްމީހުންނާ އެކު ނަގާފައިވާ ފޮޓޯތަކާއި އާތިފާ ބެހޭ ގޮތުން އެކި މިސް މީހުންގެ ޝުއޫރުތައް އޭގެ ތެރޭގައި ހިމެނެ އެވެ.

އާތިފްގެ ސަންދޯއް މިރޭ މާލެ އަށް ބާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާތިފާ ދިމާވި އެހެން މީހެއް ކަމަށްވާ މުހަންމަދު އިބްރާހިމް (ކުޑޫ) ބުނީ މީގެ ދެ ތިން ދުވަހެއް ކުރިން ސީގަލް ރެސްޓޯރަންޓް ކައިރިން އާތިފް އާ ދިމާވި ކަމަށެވެ.

"އާތިފް ބުނަނީ ކުދިން ވެސް މިހާރު ބޮޑެތި ވެއްޖެއޭ. ތިމަންނާގެ ކަމަކީ އެ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމޭ. އެކަން ވެއްޖެއޭ،" ކުޑޫ ބުންޏެވެ.

އާތިފް (ކ) މުބާރާތެއްގެ ޖަޖްކަން ކުރައްވަނީ

އެއްވެސް ބައްޔެއް ނެތް!

އާތިފްގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އެންމެ ހަގަށް ހުރި 16 އަހަރުގެ އަންހެން ބޭފުޅެކެވެ.

"ބައްޕަ އެނބުރި ހަނިމާދު އަށް ފުރަން ދަމުން [މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު] ވެސް އަޅުގަނޑާ ބައްދަލުވި،" އެންމެ ފަހު ފެނިލުމާ ބެހޭ ގޮތުން ދޮށީ ދަރިފުޅު އުމަރު މާއިން އާތިފް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ބައްޕަގެ އެއްވެސް ބައްޔެއް ހުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެއްވެސް ބައްޔަކަށް ދުވަހަކު ވެސް ބޭހެއް ނެންގެވިކަން ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަނިމާދޫގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ފަހުން ވެސް ކޮންްމެ މަހަކު އެއްފަހަރު ލިބޭނެ ހަފުތާއެއް ވަރު މާލޭގައި ހުންނަވަން. އެ ހަފުތާގައި ހުންނަވާނީ މާލޭގައި. މިދިޔަ ހަފުތާގައި ވެސް ހުންނެވީ މާލޭގައި،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ހަމަ ކުރިއެކޭ އެއްގޮތަށް އެއްވެސް ތަފާތު ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ."

އުމުރުން 51 އަހަރުގެ އާތިފް އަވަހާރަވި ސަބަބު އަދި ވަނީ ނޭނގި އެވެ. އެހެން ނަމަވެސް އާތިފް ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ސިއްހީ މަރުކަޒަށް އާތިފް ގެންދިޔަ އިރު މަރުވިތާ ހައެއްކަ ގަޑިއިރު ވެދާނެ ކަމަށެވެ. އާތިފް އަވަހާރަވިކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ.

އާތިފްގެ ޖަނާޒާ އޮންނާނީ މިރެ އެވެ. ކަށުނަމާދު އޮންނާނީ 11:30 ގައި އާސަހަރާ މިސްކިތުގަ އެވެ.

އާތިފަކީ މިއުޒިކްގައި ވަރުގަދަ ފަހުލަވާނެއް

ރާއްޖޭގެ މިއުޒިކް އެންމެ ވަރުގަދަ އަށް ފިޔަޖަހަމުން ދިޔަ 2000ގެ ތެރޭގައި، ކޮޕްސް ބޭންޑަކީ އާދައިގެ ނަމެއް ނޫނެވެ. އަމިއްލަ ރާގުތަކާ އެކު، އެ ބޭންޑް ވިދަމުން ދިޔައީ އާތިފް އެންމެ އިސްކޮށް ހުންނަވައިގެންނެވެ. "ޕާޕާ ކެހެތޭހޭ" ލަވައިން މަޝްހޫރުވި އާތިފަކީ ހޮޅުދޫ އަބްދުﷲ ހަސަނަށް ފަހު، ރާއްޖޭގައި އުފެދުނު ގައުމީ ލަވައިގެ ރަސްގެފާނެވެ. "ޖޯޝޭ ގެނައި މީ ގައުމީ އުފާ"، "ގެންދާށެ ވަޔާއޭ"، "ދިވެހި ގައުމީ ޒުވާނުން ކެރޭ، ދިވެހި މާޒީ ހިމާޔަތް ކުރޭ" އެއީ ޖޯޝާއި ފޯރި ގެންނަން އެއް ވަނަ އެވެ. ލޯބީގެ ލަވަތަކުގެ ތެރެއިން، "އޭ މަލާ ތިޔައީ..." އާއި "ދޭނަން ހިތާ ޖާނާ..."، "އިހުސާސެއް ވޭހޭ" އަކީ ދުވަހަކު ވެސް ފޫހިވުމެއް ނެތް ލަވަތަކެކެވެ. އެހެންވެ، ގިނަ ލަވަކިޔުންތެރިން ވެސް ދެކެނީ އާތިފަކީ ލަވަކިޔުންތެރިއެއްގެ އިތުރުން، ވިދާޅުވި މަދު ލަވަތައް ސުޕަ ހިޓް ކުރެއްވި ފަންނާނެއްގެ ގޮތުގަ އެވެ.

ސިފައިންގެ ވަރަށް ބުރަ ވަޒީފާތަކުގައި އުޅުއްވަމުން ވެސް ތިރީހަކަށް އަހަރު މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެން އާތިފް ވަނީ ވަރަށް ތަފަތު ނަތީޖާތަކެއް ނެރުއްވައިފަ އެވެ. ކޮޕްސް ބޭންޑް، 1989 ގައި އުފެދުނީ އާތިފާއި، ސިފައިންގޭގައި އެ ވަގުތު ތިއްބެވި މިއުޒިކަށް ލޯބި ކުރައްވާ އެހެން ތިން ބޭފުޅެއްގެ އަތްމައްޗަށެވެ. އެ ބޭންޑް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބޭންޑަށް ހެދުމުގައި އާތިފާއި އޭނާގެ ޓީމުގެ ހިއްސާ ވަރަށް ބޮޑެވެ. ކީބޯޑު ކުޅުއްވަމުން ލަވަ ވިދާޅުވަމުން ގެންދެވި އެވެ. މިހާތަނަށް 500އެއްހާ ލަވަ އާތިފް ރެކޯޑު ކުރެއްވި އިރު، 80 ވަރަކަށް އަމިއްލަ ރާގު [ކޮޕްސް ބޭންޑުގެެ ތެރެއިން] ގެނެސްދެއްވާފައި ވެ އެވެ. އާތިފަށް ވަނީ މިއުޒިކީ ދާއިރާއިން 2014 ގައި ގައުމީ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އޭނާ ވަނީ ފަހުން ކޮޕްސް ބޭންޑުގައި ސީދާ ހަރަކާތްތެރިވުން ދޫކޮށްލައްވައިފަ އެވެ. އެހެން ނަމަވެސް، ދޭތެރެ ދޭތެރެއިންް ލަވަ ވިދާޅުވުމާއި އެކި މުބާރާތްތަކުގެ ޖަޖްކަން ކުރުން އޭނާ ކުރިއަށް ގެންދެވި އެވެ.

އާތިފަކީ މިއުޒިކް ދާއިރާ ގަބޫލު ކުރާ ގޮތުގައި މި ދާއިރާގެ ވަރަށް ގާތް ބޭފުޅެކެވެ. ބުރަ ވަޒީފާއެއްގައި އުޅުއްވިޔަސް އާތިފަކީ ވަކިވަކި ލަވަކިޔުންތެރިންނާއި ވަކިވަކި މިއުޒީޝަނުންނާ ވަރަށް ބަރާބަރަށް ގުޅުން ބާއްވަވައި، ފޯނުން ވެސް ގުޅުއްވާ ހައްދަވާ ބޭފުޅެކެވެ. އާތިފް ބޭނުންވެ ވަޑައިގަތީ، އޭނާގެ ބަހުން ސާފުކޮށް އެނގޭ ގޮތުގައި އެ ހުނަރު ދިރުވުމެވެ.

"އާތިފަކީ އަޅުގަނޑަށް ދުށް ހަމަ އެންމެ ރީތި އެއް އަޑު. އަދި އޭނާގެ ބައެއް އަމިއްލަ ރާގުތައް އެބަހުރި އެ ރާގުތަކާ ދުވަހަކު ވެސް ވަކިނުވެވޭނެ ކަހަލަ ރާގުތައް. ފުރާނައާ ކުޅެލާހާ ރީތި ރާގުތައް އެބަހުރި،" މަޝްހޫރު މިއުޒިކް ޑައިރެކްޓަ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ބުންޏެވެ.

އެއަށް ވުރެ ބޮޑު އެއްޗަކީ މި އެވެ؛ އާތިފަކީ ވަރަށް ގިނަ ބައެއްގެ މާ ގާތް ރައްޓެއްސެކެވެ. އާތިފްގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނި ގޮތުގައި، އާތިފަކީ ރައްޓެހި ނޫން މީހުންނާ ވެސް ވަރަށް ގާތްކޮށް ހީސަމާސާ ކޮށް ހައްދަވާ ބޭފުޅެކެވެ. އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އަދި ކުރާ ކޮންމެ ކަމަކަށް ވަރަށް އިހުލާސްތެރި ވެސް ބޭފުޅެކެވެ.

9 ކޮމެންޓް, 315 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 92%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލީ ރާއްޖެ

21 August 2017

މިކަހަލަ މަރުތައް ބެލުން ރަނގަޅު. މިބޭފުޅާއަކީ ވަރަށް ގިނައިން ސިކިރެޓް ބޭނުން ކުރެއްވި ފަރާތެއް. ޚާއްސަކޮށް ކެއިންބައްލައި ނިންވަމާފައި ކޮފީއަކާއިއެކު ދުންފަތުގެ އިސްތިއުމާލު ކުރައްވާ. ވަރަށް ހަރަކާތްތެރި ފިޓްނެސްވެސް ރަނގަޅުކަމަށްވަނީ. 51 އަހަރު މީހަކު އަދި އަސްކަރިއްޔާފަދަ ހެލިފެލިވެ އުޅެންޖެހިފައިވާ ތަނެއްގައި މަސައްކަތް ކުރާ ފަރާތެއްގެ އިތުރުން ދައުލަތުން ހިލޭ ސިއްޙީ ގޮތުން ކުރަންޖެހޭ ކަންތައް މަގުފަހިކޮށްދީފައިވާ މުއައްސަސާގެ މުވައްޒަފެއް އެފަދަ ގޮތަކަށް ކުއްލިއަކަށް ނިމި ދިޔުމަކީ ސިއްޙީގޮތުން ދިރާސާކޮށްލަން ރަނގަޅުކަމެއް. މިޒަމާނަކަށް އައިސް އައިސް ޒުވާނުން އުޅެނީ ވަރަށްވެސް އެހެންކަހަަލަ ދިރިއުޅުމެއްގައި. ހޭލަނީ އެތައް އިރެއްފަހުން. ހެނދުނު ސައިބައްލަވާ ކަމެއްވެސް ނޭގޭ. ދުންފަތާއި ކޮފީއާއި އެނަރޖީޑްރިންކްސް އާއި ހަކުރު ގިނަ އެއްޗެހި ބޭނުން ކުރަނީ އިންތިހާއަށް. ހެލިފެލިވެ ނޫޅެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. މަރްހޫމާއި ސުވަރުގެ މިންވަރުކުރައްވާއި އާއިލާއަށް ކެތްތެރިން ދެއްވާށި!އާމީން

The name is already taken The name is available. Register?

ޝަހު

21 August 2017

ޢާޠިފްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

The name is already taken The name is available. Register?

ސާމިހު

21 August 2017

ކިތައްމެ އާދައިގެ މީހެއް ނޫން ކަމުގައިވިޔަސް ދާންޖެހެނީ އާދައިގެ ސަންދޯކެއްގައި. މިއީ ދުނިޔޭގައި ތިބި މީހުން އިބްރަތް ހާސިލްކުރަންޖެހޭކަމެއް

The name is already taken The name is available. Register?

ފޮނިކަލޯ

21 August 2017

މި މަރުޙޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިއިމީ ނިޢުމަތް މިންވަރުކުރައްވާން ދެއެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާދެއެވެ.

The name is already taken The name is available. Register?

އަރީފް

21 August 2017

އާތިފް ހުންނެވީ ނޮދަން އޭރިއާ ކޮމާންޑަރުގެ މަގާމަކު ނޫން. ނޮދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރުގެ މަގާމުގައި. ތާރީޚަށް ޓަކައި މި މަޢުލޫމާތު އިސްލާޙުކޮށްލައްވާ

The name is already taken The name is available. Register?

ކަމަނަ

21 August 2017

މިރާއްޖޭގައި ގޮތް ނޭގެ މަރުގެ އަސްލުދެނެގަތުމަކީ ކުރާ ކަމެއް ނޫން. އަތިފްއާއި އޭނާ މަރުވި ސަބަބާއި އެކީ ވަޅުލީމާ އެ ނިމުނީ. އޭނާގެ އާއިލާއަކަށްވެސް އެހެން ދިވެހިންނަކަށްވެސް މިކަމުން ލިބޭނެ އިބުރަތެއް ފިލާވަޅެއް ރައްކާތެރިކަމަށް ކުރެވޭނެ ކަމެއްވެސް ނޭގޭނެ.

The name is already taken The name is available. Register?

ސްކިޕަރ

21 August 2017

ޑީ.ވީ.ޓީ މެދުވެރިވެ އޭގެ ސަބަބުން ސްޓްރޯކް ޖެހި މީހާ ކުއްލިގޮތަކަށް މަރުވާން ދިމާވާ އެއް ކަމަކީ ގިނައިން ވައިގެ ދަތުރު ކުރުން ކަމުގައި ބުނެ އުޅޭ.. އަހަރުމެން ދިވެހިން މާ މީރުވެގެން ކައި މިއުޅޭ ހެދިކާފަދަ ތެލުގެ މިންވަރު ގިނަ ކާނާތަކުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ރިސްކު ވަރަށް ބޮޑުވޭ.. އުމުރުން ދުވަސްވުމުން މިރިސްކް އެތައް ގުނައަކަށް މަލްޓިޕްލައިވޭ.. ނަތީއްޖާއަކީ ކުއްލިގޮތަކަށް މުހިންމު ލޭ ހޮޅިއެއް ބެދި، މީހާ މަރުވުން.. މިފަދަ ކަންކަންވެެސް އެނގޭނީ ގޮތްނޭގޭ މަރުތަކުގެ ހަޤީޤަތް ހޯދައި ދިރާސާކުރީމާ.. މާތްﷲ އާތިފްގެ ފާފަ ފުއްސަވާށި އަދި އޭނާ ސުވަރުގެ ވައްދަވާށި.. ނަރަކަ އާއި ކައްވަޅުގެ ޢަޒާބާއި ވޭނުން މުއްތި ކުރައްވާށި.. އަދި އަޅަމެންގެ އުމުރު ދިގު ކުރައްވާ ކުއްލި މަރުން އަޅަމެން ސަލާމަތް ކުރައްވާށި.. އާމީން!

The name is already taken The name is available. Register?

ލައްވާލީމަ 4ޖީ

21 August 2017

އެހެންވެއްޖެޔާ ތިޔަ ބުނާ ބައްޔެއް އެންމެ ގިނައިން ޖެހޭނީ ޕައިލެޓުނުންނަށް

The name is already taken The name is available. Register?

ހިމާޔަތް

20 August 2017

ޢާޠިފްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454