އެމްއެމްއޭގެ ގަވަރުނަރު އަޒީމާގެ ފިރިކަލުން އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު: އދ. ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
28 ޖޫން 2016 - 14:09
އދ.ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާއަށާއި ކެނަޑާއަށް ކަނޑައަޅާ ސަފީރު ކަމަށް، މިހާރުގެ ފޮރިން ސެކެރެޓަރީ ޑރ.އަލީ ނަސީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ ނެދަލެންޑްސް އާއި ލަގްޒަމްބާގަށް ކަނޑައަޅާ ސަފީރު ކަމަށް އަހުމަދު ޝިއާން އައްޔަން ކުރުމަށް ވެސް ފާސްކޮށްފަ އެވެ.
މި ދެ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ނަސީރަށް ރުހުން ދޭން ފެންނަ ކަމަށް 57 މެމްބަރުން ވޯޓު ދެއްވިއިރު، ޝިއާނަށް 61 މެމްބަރުން ވޯޓުދެއްވި އެވެ.
ނަސީރާއި ޝިއާނަށް މަޖިލީހުން ރުހުން ލިބުނުއިރު، މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ނަސީރަށާއި ޝިއާނަށް ރުހުން ދޭން މަޖިލީހުން ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް
ސަފީރުކަމަށް ނަސީރާއި ޝިއާން އައްޔަން ކުރުމުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ މި މަހުގެ ހަތެއްގަ އެވެ. ނަސީރަށް ރުހުން ލިބުމާ ގުޅިގެން އޭނާ ފޮރިން ސެކެރެޓަރީ ކަމުން ވަކިވާނެ އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ނަސީރު ރާއްޖޭން ބޭރަށް ފޮނުވަން އުޅެނީ ދައުލަތުން ވައްކަންކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން މީހުންނަށް ރާއްޖޭން ފިލަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުންނެވެ. ދެ ކަނބަލުން ވެސް ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ. އަދި ރާއްޖެ ދޫކޮށް ފިއްލަވަން ނޫޅުއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy