ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތު، ޗެއާސަން ހަސަން ބަލަހައްޓަވާއިރު، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް.
08 ސެޕްޓެމްބަރ 2017 - 07:55
ކޮންމެ އަހަރަކު ވެސް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ، އެމްޑީޕީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުދޭތީ، އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެއްސި އެ ޕާޓީގެ ކޮންގްރެސް ފަސްކުރަން ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އީސީން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޚާއްސަ ފަންޑެއް ހުޅުވައިި، ބޭނުންވާ ވަރަށް ފައިސާ ލިބުމުން ކޮންގްރެސް ބޭއްވުމަށް ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ހާހެއްހާ މީހުން ކޮންގްރެސްގައި ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކަމަށް ބޮޑު ޚަރަދެއް ހިނގާތީ، ކޮންގްރެސް ބާއްވަން ފައިސާ ލިބުމުން ތާރީޚެއް އިއުލާން ކުރުމަށް ގަރާރުގައި ވެ އެވެ.
ރޭގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް ވާންޖެހޭ ވަރަށް ގިނަ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރަމުން ގެންދިއުން ހިމެނެ އެވެ.
ހަސަން ވިދާޅުވިގޮތުގައި ކޮންގްރެސް އަށް 2.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު 1،123 މީހުން ބައިވެރިވާނެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ ހުކުރު ދުވަހުން ބާއްވަން ކުރިން ނިންމީ އީސީން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވުމާއި އެއީ އެ ޕާޓީ އަށް ލިބެންޖެހޭ ފައިސާއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެޕްޓެމްބަރު 15 ގައި ކޮންގްރެސް ބޭއްވުމަށް މި ގައުމީ މަޖިލީހުން ފާސްކުރިއިރު، ފިނޭންސް މިނިސްޓްރީން ވަނީ ބޭންކް އޮފް މޯލްޑިވްސް އަށް އެ ފައިސާ ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވެސް ދީފައި،" ހަސަން ވިދާޅުވި އެވެ.
ކޮންގްރެސް ފަސްކުރުމުގެ ގަރާރަށް ޚިޔާލު ހުށަހަޅަމުން ބައެއް ބޭފުޅުން ވަނީ، ކޮންގްރެސް ބޭއްވުމަށް ވަަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެެހެންކަމުން އެ ޖަލްސާ ބޭއްވޭނެ އިތުރު ގޮތެއް ހޯދައިދިނުމަށް އެދިފަ އެވެ.
އީސީން ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި ވީ ކަމުގައި ވިޔަސް، އެމްޑީޕީން އަމިއްލަ އަށް ފަންޑު ހޯދައިގެން ވީހާ ވެސް އަވަހަކަށް ކޮންގްރެސް ބާއްވައިދިނުމަށް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
09 September 2017
ކޮންގްރެސް ބޭއްވުމާއި , ޕާޓީގެ އެހެނިހެން ޚަރަދުތަށް , ދުނިޔޭގެ އެހެންތަންތާގައިވެސް ކޮށް އުޅެނީ ސަޕޯރޓަރުންގެ ނުވަތަ ޑޯނަރސްގެ އެހީތެރިކަން ހޯދައިގެން. ކޮންމެހެން ނިކަމެތި ރައްޔިތުންގެ އަތުންނެގޭ ޓެކްސް ފައިސާއަކުންނެއްނޫން.
މެންޓަލިސްޓް
09 September 2017
އީސީން ފައިސާނުދިނަސް އެމްޑީޕީން ކޮންގްރެސް ބޭއްވުމުގެ ގާބިލްކަން ހުންނާނެ ،،، އެންމެކުރީންވެސް ކޮންގްރެސް ބޭއްވީކީ އީސީން ފައިސާދީގެންނެއްނޫން ،،، މިހާރު ވެގެން ތިޔައުޅޭ ގޮތަކީ ކޮންމެވެސް ސިޔާސީ ބޭނުމަކަށްޓަކައި ކޮންގްރެސް ލަސްކޮއްލަންޖެހުނީ ،، ދެން އުޒުރެއްކަމުގައި ތިޔައަޅުވަނީ އެކަން އީސީގެ ބޮލުގައި ،،، ސިޔާސީގޭމް ހުންނާނީ އެހެން ،،، ރައްޔަތުން ތިބޭނީ އަބަދުވެސް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ،،، ދުނިޔޭގެ އާބާދީތަށް ހަލާކުވެގެން މިދަނީ ޕޮލިޓިކްސް އާޢި ރެލިޖަސް ދެބަސްވުންތަކުގެ ތެރެއަށް ގެނބިގެން ނޭވާނުލެވިގެން ،،، މީފެންނާންއޮތް ހަގީގަތަކީ ،، ވަރަށްވެދުން
އުމަރު
09 September 2017
އީސީން ފައިސާނުދޭތީ އެފައިސާހޯދުމަށް ކޯޓަށް ދާންޖެހެނީ، އަދި އީސީގެ މެންބަރުންގެ މައްޗަށް ވަކިވަކިން ދައުވާކުރަންޖެހެނީ، އަދި އެމްޑީޕީގެ ކޮންގްރަސް ލަސްކުރަން ޖެހުމުން ލިބޭ ގެއްލުމާއި، އަދި އެމްޑީޕީން ކުރަންޖެހޭ ދުވަހުގެ ހަރަދުތަށް ފޫނުބެއްދިގެން ލިބޭ ގެއްލުންތަށް ހިމަނައިގެން އީސީއާއި ދެކޮޅަށް ކޯޓަށް މައްސަލަވައްދަންޖެހެނީ، އީސީންވެސް އަދި އެހެން މުއައްސަސާއަކުންވެސް ޤާނޫނާއި ހިލާފްވަންޏާ އެމައްސަލަ ކޯޓަށް ވައްދަންވާނެ، އެއީވަރިހަމަ އެމައްސަލައިގައި ކާމިޔާބް ނުލިބުނަސް، ބޭނުންވަނީ އެމީހުންގެ ރިކޯޑް ކޯޓުތަކަށް ވައްދަން، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްވެސް އެކަން އަންގައި، ފިނޭސް މިނިސްޓަރަށްވެސް ލިއުމުން ތިވާހަކަ ފޮނުވައި ފިނޭސް މިނިސްޓްރީގައިވެސް އީސީއާއި ބެހޭ ފަައިލެއް އުފައްދަންޖެހޭ، އަދި އިނގިރޭސިބަހުން ބަޔާނެއް ތައްޔާރުކޮށް ބޭރުގެ ހުރިހައި އެމްބަސީތަކަށްވެސް ފޮނުވަންވާނެ، އެކަންކުރަން މާގިނަ ހަރަދެއްނުދާނެ
ލުކްވެލް
09 September 2017
އިލެކްޝަންސް ކަމިޝަނުން ފައިސާ ސިޔާސީ ޕާރޓީ ތަކަށް ދޭން ޖެހޭނީ ދެން ސިޔާސީ ޕާރޓީ ތަކުގެ އެތެރޭގެ ހުރިހާ އިންތިޚާބު ތައް ބާއްވަން ޖެހޭނީ އެއީ ސީދާ އިލެކްޝަން ކަމިޝަންގެ ބެލުމުގެ ދަށުން ކަމަށް ހަދާ އަދި އެ ފަދަ އިންތިޚާބު ތަކަށް ދާ ޚަރަދު އީސީ އަށް ދޭން ޖެހޭނީ އެއީ ސިޔާސީ ޕާރޓީ ތަކުން އެކަނި ކަމަށް ބުނެ އެ ޕާރޓީ ތަކުން އެކަމަށް ގަބޫލުވާން ޖެހޭނެ ކަމަށް ބުނެ އެވެ. ކަން މިހެން ހުރުމުން މިފަދަ ގަވާއިދެއް އީސީން އިއުލާން ކުރަންވީއެވެ. ސިޔާސީ ޕާރޓީ ތަކުގެ އެތެރޭގެ އިންތިޚާބަކީ އެއީ މަކަރާއި ހީލަތާއި ވަގު ހެދުން ވޯޓް ތަކުގައި. އެއީ އެއްގޮތަކަށް ވެސް ތެދު އެއްޗެއް ނޫނެވެ. ކަން މިހެން ހުރުމުން މިކަން ކުރަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަށް އީސީ މެދުވެރިކޮށް. އެއިރުން ދެން އީސީން ފައިސާ ދޭން ޖެހޭނީ ސިޔާސީ ޕާރޓީ ތަކަށް.
ދިސްވޭ
09 September 2017
އީސީން ފައިސާ ނުދޭތީ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި ނަމަ ދެން އީސީން ސިޔާސީ ޕާރޓީ ތަކަށް ފައިސާ ދޭ އިރު ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް ސިޔާސީ ޕާރޓީ ތަކުގެ އެކްޓިވިސްޓުން މަސައްކަތް ކުރާ ކަން ސޯޝަލް މީޑިއާ އިން ސާބިތުވެފައިވާ ނަމަ އެކަން ކަން އިންޓަރނަލް އިންވެސްޓިގޭޓް ކޮށް ނިންމާ އޭޖީ އޮފީހުން އެކަމަށް ލީގަލް އެޑްވައިޒް ލިބުމުގެ ކުރިން އެފަދަ ސިޔާސީ ޕާރޓީ ތަކަށް ފައިސާ ދޫކޮށްގެން ނުވާނެއެވެ. އެމްޑީޕީން ވަނީ ފާފު އަތޮޅަށް އަންނަން އޮތް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އަށް ހުރަސް އަޅާ އެކަން ކެންސަލް ކޮށްފައި. ދެން އަނެއް ކޮޅުން އެމެން ވަނީ ޗައިނާ އިން މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާތީވެ އެކަމަށް ހުރަސް އަޅާފައި. އަދި އެއްވެސް އަސްލެއް ނެތި ވެލިއު އިންޖިނިއަރިންގްގެ އަލިފުބާ ވެސް ނޭނގި ތިބެ އައިޖީއެމްއެޗް 25 ބުރީގެ އިމާރާތަށް ހުރަސް އަޅާފައި. ކަން މިހެން ހުރުމުން މިފަދަ ކަންކަން އިންވެސްޓިގޭޓް ކުރުމަށް ފަހު ފައިސާ އެމްޑީޕީ އަށް ދޫކުރެވޭނީ. އެއީ ޓެކްސްޕޭޔަރ މަނީ.
ހެޔޮހިތުން
09 September 2017
އެއްވެސް ޕާޓީ އަކަށް ކޮންގްރެސް ބާއްވާކަށް މި ވަޤުތަކު ނުކެރޭނެ އެވެ.ޕީޕީއެމް އަށް ވެސް ކޮންގްރެސް ބާއްވާކަށް ނުކެރޭބެއެވެ.އަމުދުން ޕީޕީއެމް އަކީ އެ ޕާޓީގެ އަސާސީ ޤަވާއުދު ވެސް ޤަބޫލް ކުރާ ބަޔަކު އިސްވެ ތިބި ޕާޓީއެއް ނޫނެވެ.އެ ޕާޓީގެ ހުރިހާ ވެސް އެއްޗަކީ ބިރު ދެއްކުމާއި ނުފޫޒް ފޯރުވުމާއި ޚުދުނުޚްތާރު ވުމެވެ
ފޮޔާޒް
09 September 2017
ކޮންގްރެސް ނުބާއްވަން މޮޅު ބަހަނާއެއް ދައްކާލީއޭ.
ބޮޑޭ
09 September 2017
ފޮތިގަނޑުގެ ރޫފިލިވާލެވޭނެ ގޮތެއްވެސްނެތްދޯ، ހާދަހާ ނިކަމެތިވެއްޖެއޭ!?
ލޮލްސް
09 September 2017
ރޫހާނީލީޑަރ ނެތީމަ.
ރީތި މޫސަ
08 September 2017
އީސީއިންދޭފައިސާ ބޭކާރުކުރާބަޔަކަށް ދިނުމުގެ ބޭނުމެއްނެތް