ވިޔަފާރި / ހުޅުމާލެ

ޓާޓާ ފްލެޓަށް ހޮވުނު 160 މީހަކު އާ ލޯނު ސްކީމަށް ހުށަހަޅައިފި

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: މިތަނުގައި 190 ފްލެޓް ހަދާފައިވޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

14 ސެޕްޓެމްބަރ 2017 - 08:20

4 comments

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން ލޯނު ހަމަޖެހިފައިނުވާ 160 މީހަކު އެޗްޑީސީ މެދުވެރިކޮށް އާ ލޯނު ސްކީމަށް ފޯމް ހުށަހަޅައިފި އެވެ.

އެމްއެމްއޭ އާއި ބޭންކުތައް ގުޅިގެން ހަމަޖައްސާފައިވާ "ގެދޮރު އަގު ހެޔޮ ކުރުމުގެ ލޯނު ސްކީމް" މެދުވެރިކޮށް ދޫކުރާ ލޯނަށް ޝަރުތު ހަމަވޭތޯ ބެލުމަށް ފޯމް ހުށަހަޅަން އެޗްޑީސީން ދިން ފުރުސަތު ހަމަވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ފޯމުގައި ދީފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހު އެ މީހުންނަށް ލޯނު ހަމަޖައްސަން އެންމެ އެކަށީގެންވާ ބޭންކެއް އަންގާ ގޮތަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފޯމް ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ފޮނުވި 160 ފޯމްގެ މައުލޫމާތު މިހާރު ސާފު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ މީހުން ލޯނުގެ ކަންތައް ހަމަޖެއްސުމަށް ފަހު އަންނަ މަހު 15ގެ ކުރިން އަންގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު ކުރިން ހިންގި ބިމުގައި އިމާރާތް ކޮށްފައިވާ "މާލޭ ގްރޭންޑް" ގެ ފްލެޓްތައް.---މިހާރު ފޮޓޯ: ނިޝާން އަލީ

"ސީދާ މި ތަނަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާ ހަމަޖެއްސޭނެ. އަޅުގަނޑުމެން މިބަލަނީ ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ހޯދައިދޭން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހަމަޖެއްސި ލޯނު ޕްރޮގްރާމްގެ ދަށުން މަހަކު ބޭންކުތަކަށް ދައްކަން ޖެހޭ މިންވަރު 9،000ރ. އާއި 12،000ރ. އާ ދެމެދުގެ އަދަދަކަށް ކުޑަވެގެންދާނެ ކަމަށެވެ.

ޓާޓާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައިވަނީ 53 އެޕާޓްމަންޓެވެ. ބާކީ ހަވާލުނުކޮށް ހުރީ 235 އެޕާޓްމަންޓެވެ. އެ ތަންތަން ހަވާލުނުކުރެވި ވަނީ ދެ މިލިއަން ރުފިޔާގެ ލޯނު ހަމަނުޖެހިގެންނެވެ.

މަރުކަޒީ ބޭންކުން އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ޑައުންޕޭމަންޓަށް 20 ޕަސެންޓަށް ވުރެ މަތީ އަދަދެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. އަދި 10-20 ޕަސެންޓާ ދެމެދުގެ ޑައުންޕޭމަންޓެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. ޑައުންޕޭމަންޓް 5-10 ޕަސެންޓާ ދެމެދުގައި ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

މިއީ މިހާރު ބޭންކްތަކުން ގެދޮރު ގަންނަން ދޭ ލޯނުގެ 11 ޕަސެންޓްގެ އިންޓަރެސްޓަށް ބަލާއިރު ވަރަށް ބޮޑު ލުޔެކެވެ.

އަރަބިއްޔާ ސްކޫލު ކުރިން ހިންގި ބިމުގައި އިމާރާތް ކޮށްފައިވާ "މާލޭ ގްރޭންޑް" ގެ ފްލެޓްތައް.---މިހާރު ފޮޓޯ: ނިޝާން އަލީ

ލޯނު ގޮތުގައި މި ގަވާއިދުގެ ދަށުން ދޫކުރާނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އެވެ. ޓާޓާ ފްލެޓްތައް ވިއްކަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރީގެ ސްކީމުގެ ދަށުން 20 ޕަސެންޓްގެ (400،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 14،000ރ. އެވެ. އަދި 10 ޕަސެންޓްގެ (200،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 16،000ރ. އެވެ. ފަސް ޕަސެންޓްގެ (100،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 17،000ރ. އެވެ.

ފްލެޓްތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ފްލެޓް ނުލިބޭނެ ކަމަށް ބަލައި، ގިނަ ބަޔަކު އުއްމީދު ކަނޑާލި އެވެ. އޭރު އެޗްޑީސީން ނިންމީ ދެ އިމާރާތުގެ ފްލެޓެއް ދެ މިލިއަން ރުފިޔާ ދައްކާ ބަޔަކަށް ދޫކުރާ ގޮތަށެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އެކަމަކު މިއީ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން އިމާރާތްކުރި ފްލެޓްތަކަށް ކުރިމަތިލި ގިނަ ބަޔަކަށް މާލީ ފުދުންތެރިކަން ހުރި ނިސްބަތެއް ނޫނެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޫނި

14 September 2017

މިތަނަށް ފޯމް ނުވެސްލާމީހަކަށް ހައުސިންގ މިނިސްޓްރީ ތެރޭންވަނީ 1.9 މިލިއަން ރުފިޔާއަށް ފްލެޓްދީފަ. ވަރަށް ކޮރޮޕްޓް ތަނެއް ހައުސިންގ އަކީ.

The name is already taken The name is available. Register?

ސުވާލުމާކު

14 September 2017

2 މިލިޔަން ރުފިޔާގެ ލޯނެއްނަގައިގެން 20 އަހަރުވަންދެން 17،000 ރުފިޔާ ދެއްކުން ރަގަޅުބާ؟ 17000 ރުފިޔާއަށް ތިތަނަށްވުރެން ރަގަޅު ފެންވަރުގެ ފްލެޓްލިބޭނެހެން ހީވޭ

The name is already taken The name is available. Register?

އުމަރު

14 September 2017

އެއީ ކޮން އުސޫލަކުން، އެއީ އަނެއްކާ މިއަންމާގެ ބައެއްތޯ؟ ދެންތިބީ ރޮހިންގްޔާ ގެ ދަރިކޮޅުގެ ބައެއްތޯ؟ މިޤައުމަކީ ހުސް ދިވެހިން ދިރިއުޅޭ މުސްލިމް ޤައުމެއް، ވަކި ދަރިކޮޅެއްގެ ބައެއްނޫން، އާދަމްގެ ފާނުގެ ދަރިކޮޅުގެ މީހުން، އަދި ހިނގާނީ އެއްޤާނޫނެއް އެއް ގާނޫނު އަސާސީއެއް، އެހެންކަމުން ވަކި ފުލެޓްތަކަށް ވަކި ލޯނު ސްކީމެއް ވަކި ބަޔަކަށް ބޮޑުފުލެޓް ބޮޑު ފުލެޓް މިއީ އަހަރެމެން ގަބޫލުކުރާނެ އުސޫލެއްނޫން، އެހެންކަމުން ހުރިހައިމީހުންނަށް އެއްހަމައަކުން އަމަލުކުރުމަށް ދިވެހިސަރުކާރަށް އަންގަމެވެ. ތިޔަހެން ބާރުގައި ތިބެވޭވަގުތު ތިޔަހެން ހިތަށް އެރިހާ އުސޫލެއް ހަދައި ރައްޔިތުން ބިކަކުރަމުން ތިޔަގެންދަނީ ފަހުން ދުވަހެއް ރައްޔިތުންނަށް ނުލިބޭނެކަމަށްތޯ؟ ރައްޔިތުން އަދި ތިޔަ ހިންގާ ހުރިހައިކަމެއް ބަލައި އަދަބްދޭނެ އެއީ އަންނާނެ ދުވަހެއް، އެހެންކަމުން ހަމަބިމަށް ސަރުކާރުން ތިރިވުމަށް އަންގަމެވެ.

The name is already taken The name is available. Register?

އަހުމާމް

14 September 2017

މި ލޯނަށްވެސް ބޭންކްތަކުން އެމީހަކަށް ލިބޭ އާމްދަނީ ބަލަނީ ބޭންކްތަކުގެ އާއްމު އުސޫލާއި އެއްގޮތައް.. މި ލޯނަށްވެސް ބޭންކްގެ މިންގަޑުން ބަލާނަމަ ޝަރުތުހަމަ ނުވާނެ.. 45ހާސްވަރު އާމްދަނީ ލިބިގެން ބޭނކްގެ މިންގަޑަށް ފެތޭނީ. ޢާދައިގެ އާއިލާތަކުގެ 6 މީހުންގެ މުސާރަ އެއްކުރިޔަސް އެވަރުނުވޭ.. އެކަމު 12000ރފ ދެއްކޭވަރުވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454