ރިޕޯޓް / ޓޫރިޒަމް

ޓޫރިޒަމްގައި ސުވަރުގެއެއްގެ ދަރަޖައިން ރާއްޖެ ވެއްޓެނީތަ؟

މިއީ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގެ ނޫސްވެރިޔާ އެސް ޕުވަނެސްވަރީ ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.

މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި ޅ. ހުރަވަޅީގެ ކަނޑު އަޑީގެ ރެސްޓޯރަންޓް

ބައިނަލްއަގުވާމީ ޓޫރިޒަމް މާކެޓްގައި ރާއްޖެ ހިމެނެނީ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ބަޖެޓް އެއާލައިންތަކާއި އަގުހެޔޮ ކޮޓަރިތައް ތައާރަފްވުމުން އެތަންތަނަށް ވަރަށް ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން ދެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް އެނދުތައް ފުރާލަން އެހާ ފަސޭހައެއް ނޫނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2010 ގައި ރާއްޖޭގައި ހުރީ 25،221 އެނދެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 28،726 އަށް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2009 ގައި ވައިގެ މަގުން ރާއްޖެއަށް އައިސްފައި ވަނީ 655,852 ޓޫރިސްޓުންނެވެ. އޭރު އެވްރެޖް އޮކިއުޕަންސީ ހުރީ 70.2 ޕަސެންޓްގަ އެވެ. އަދި އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި އެވެ. އެކަމަކު މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އޭރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެ 1.3 މިލިއަނަށް އެރި އެވެ. ނަމަވެސް އެވްރެޖް އޮކިއުޕަންސީ ވަނީ 68 ޕަސެންޓަށް ދަށްވެ، ރާއްޖޭގައި ހޭދަކުރާ މުއްދަތު 5.6 ދުވަހަށް ވެއްޓިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް އައި ބަދަލުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، ފަހަކަށް އައިސް ކޮޓަރިތައް ވިއްކާ އަގުގެ ވާދަވެރިކަމެވެ.

އަދާރަން ރިސޯޓު މޯލްޑިވްސްގެ ކޯޕަރޭޓް ޖެނެރަލް މެނޭޖަރު ސުރޭޝް ޑިސަނަޔަ ވިދާޅުވީ މީގެ ދެ އަހަރު ކުރިން ފަސް ތަރީގެ ރިސޯޓެއްގެ ކޮޓަރިއެއް ރެއަކަށް ވިއްކީ ހެނދުނު ސަޔާ އެކު 700 ޑޮލަރުން ފެށިގެން ކަމަށެވެ. ނަމަވެސް މިހާރު ވިއްކަނީ 500 ޑޮލަރުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. އަތޮޅުގައި އަލަށް ތަރައްގީކުރާ ރިތިފަރު ރިސޯޓް: އިތުރު ރިސޯޓްތައް ހުޅުވުމުން ކޮޓަރިތަކުގެ އަގުތައް ތިރިވާނެ ކަމަށް ތަޖުރިބާކާރުން ބުނޭ

ރީތި ބީޗް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޕީޓާ ގްރެމްސް ވިދާޅުވި ގޮތުގައި ކްރިސްމަސް ދުވަހަކީ ޒަމާނުއްސުރެ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބާރުބޮޑުވާ ދުވަސްވަރެވެ. އެ ދުވަސްވަރު އެއްވެސް ބަޔަކު ޑިސްކައުންޓް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މި އަހަރުގެ އާ އަހަރާ ދިމާކޮށް ފަސް ތަރީގެ ބައެއް ރިސޯޓުތަކުން ވަނީ 20 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައި،" ޕީޓާ ވިދާޅުވި އެވެ.

ކުރިމަގަށް ބަލާއިރު އަންނަ އަހަރު އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

"ރާއްޖެއަށް އިތުރު އާ ރިސޯޓްތަކެއް އެބަ އާދޭ. އެއާ އެކު އަގުތައް އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވޭ. އޭގެ އިތުރުން ރަށްރަށުގައި ހަދާފައިވާ ގެސްޓް ހައުސްތަކާއި އެއާ ބީއެންބީގެ ސަބަބުން ވާދަވެރިކަން ބޮޑުވޭ،" ޕީޓާ ވިދާޅުވި އެވެ.

"އޭގެ އިތުރުން ބޭރުން ވެސް ވާދަވެރިކަން އެބަ އޮތް. އެގޮތުން ޕުކެޓް، ބާލީ، ހަވާއީ، މޮރިޝަސް ފަދަ ތަންތަނުން ބޭރުގެ ޓޫރިސްޓުންނަށް ދަނީ އަގުތައް ހެޔޮކުރަމުން."

ކޮޓަރިތައް ފުރާލަން އެންމެ ފަސޭހަ ގޮތެއް ކަމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް ގަބޫލުކުރަނީ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމެވެ.

އެކަމަކު ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ވަރުގަދަ އެއް ކުންފުނި، ސަން ލޭންޑް ގްރޫޕްގެ ޗެއާމަން އަހުމަދު ޝަބީރު ގަބޫލުކުރައްވާ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކު ގެނައުމުގެ ބަދަލުގައި އެކަން ކުރަން ޖެހެނީ މަޑުމަޑުންނެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ބޭންކް އޮފް މޯލްޑިވްސް ހޮޓެލިއާ ސަމިޓްގައި އަދާރަންގެ ސުރޭޝް ވަނީ ރާއްޖެ އިތުރަށް ޕްރޮމޯޓްކުރަން ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތަކާއި ބައިނަލްއަގުވާމީ މަޝްހޫރު ތަރިން ބޭނުންކޮށްގެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާއްޖޭގައި ބާއްވަން ހިޔާލު ދެއްވައިފަ އެވެ.

އެކަމަކު އެއީ ބުނެލަން ފަސޭހަ، ނަމަވެސް ކުރަން އުނދަގޫ ކަމެއް ކަމަށް އެމްއެމްޕީއާރުސީގެ ޑައިރެކްޓަރު އިބްރާހިމް އާސިމް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެކަހަލަ ހަރަކާތްތައް ބާއްވަން އެއްތަނުން އަނެއް ތަނަށް ތަކެތި ގެންދަން ދަތިތަކެއް ދިމާވެ އެވެ. އަދި ރިސޯޓުތަކުގައި ޖާގަ ނެތުމާއި މީހުން އުފުލަން ވެސް ދަތިތަކެއް ހުރުމުން ގިނަ އަދަދެއްގެ މީހުން ގެންދަން ހުރަސްތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރު މީހުންގެ ބޮލުގައި ރާއްޖޭގެ ނަން ހަރުލެއްވުމަށް އެމްއެމްޕީއާރުސީން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެ އަހަރު ދުވަހުގެ ކެމްޕޭނެއް ތައާރަފްކޮށްފަ އެވެ. "ސްޓޯރީ އޮފް މޯލްޑިވްސް"ގެ ނަމުގައި ފެށި ކެމްޕޭން އަމާޒުކޮށްފައި ވަނީ ދަތުރުތަކާއި ސަގާފީ ޓޫރިމް އަދި ކެއުމާއި އިކޯ ޓޫރިޒަމް ފަދަ ކަންތައްތައް އެންމެ ހިނގާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގަ އާއި އިންޓަނެޓް އެކި ފޯރަމްތަކަށެވެ.

ސެއިންޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއެއް: އަގު ބޮޑު ރިސޯޓްތަކެއް ހުޅުވި ނަމަވެސް އެނދުތައް ފުރާލަން ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައި.

ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ 800 މިލިއަން ޑޮލަރުގެ ވަރުގަދަ މަޝްރޫއެއް ފަށައިފަ އެވެ. އެގޮތުން އެއާބަސް-އޭ 380 މަރުކާގެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ މުޅިން އާ ރަންވޭގެ މަސައްކަތް ފަށައިފި އެވެ. އެ ރަންވޭ ނިމި އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބެލެވެ އެވެ.

"އާ ރަންވޭގެ ސަބަބުން ބޮޑެތި އަދި އިތުރު މަތިންދާބޯޓުތަކަށް ހިދުމަތް ދެވޭނެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 34 އެއާލައިނެއް ރާއްޖެއަށް އެބަ ދަތުރުކުރޭ،" އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ލިއޮނަލް މައުގިސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މާލެ އާއި އަތޮޅުތަކާ ދެމެދު ދަތުރުކުރުން ފަސޭހަކުރުމުގެ ގޮތުން އިތުރު ފަސް ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން ނިންމައިފަ އެވެ. އެ އެއާޕޯޓްތައް ތަރައްގީކޮށް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އާ އެއާލައިންތަކެއް ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. އެގޮތުން އަލިޓާލިއާ އިން ހަފުތާއަކު ތިން ދުވަހު ދަތުރުކުރާއިރު އެއާ ފްރާންސްއިން ހަފުތާއަކު ދެ ދަތުރުކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އަލިޓާލިއާގެ ދަތުރުތައް ފަށަން އޮތީ އޮކްޓޯބަރު 31 ގަ އެވެ. އެއާ ފްރާންސްއިން ދަތުރުތައް ފަށާނީ އަންނަ ނޮވެމްބަރު 1ގަ އެވެ.

ޔަގީނުން ވެސް އެއީ އުފާވެރި ހަބަރަކަށް ވާނެ އެވެ. އިޓަލީ އާއި ފްރާންސަކީ ޔޫރަޕްގެ އެންމެ މުހިންމު މާކެޓްތައް ކަމަށް ވާއިރު އިޓަލީން 71،202 މީހުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި އެވެ. ފްރާންސުން 40،487 ޓޫރިސްޓުން އައިސްފައިވެ އެވެ. އެކަމަކު ޔޫރަޕުން އަދިވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނާއި އިނގިރޭސިވިލާތުންނެވެ.

މިލިއަން ޑޮލަރުގެ ސުވާލު

މިހާރު ވެސް އެނބުރެމުން އަންނަ ބޮޑު ސުވާލަކީ ރާއްޖޭގެ އަގު ބޮޑު މަގާމު ދެމެހެއްޓޭނެތޯ އެވެ؟

ރާއްޖޭގެ ޓޫރިޒަމްގެ މިސްރާބު ބަދަލުކޮށްލީ 2009 ގައި ސަރުކާރުން ރަށްރަށުގައި ގެސްޓް ހައުސް ހުޅުވަން ހުއްދަ ދިނުމާ އެކު އެވެ. އެ ބަދަލާ އެކު ރިސޯޓުތަކުގެ އަގުބޮޑު ކޮޓަރިތަކުގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ޓޫރިސްޓުންނަށް އިތުރު ފުރުސަތެއް ހުޅުވުނެވެ.

އެއާ އެކު އަގުހެޔޮ އެއާލައިންތައް ކަމަށްވާ އެއާ އޭޝިއާ، ޓައިގާ އެއާ، ފްލައި ޑުބާއީ، ސްޕައިސް ޖެޓް ރާއްޖެއަށް ދަތުރުތައް ފެށި އެވެ. އެއީ އަގުހެޔޮކޮށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެކެވެ.

އެ ބަދަލުތަކުން ދައްކައި ދެނީ ރާއްޖޭގެ އަގު ބޮޑު ވިދުން ފަނޑުވަމުން އަންނަ ކަމެވެ. ބައެއް ފަރާތްތަކުން ބުނަނީ އަދިވެސް ރާއްޖެ އޮންނަންވީ އަގުބޮޑު މަންޒިލެއްގެ ގޮތުގައިތޯ ވިސްނަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް އަންނަ ބަދަލުތަކާ އެކު މާކެޓިން ސްޓްރެޓެޖީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރީތި ބީޗް ރިސޯޓުގެ ގްރެމްސް ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ނުޖެހޭ ކޮންމެހެން އެންމެ މަތީ ފެންވަރުގެ ޓޫރިޒަމަށް އަމާޒުކޮށްގެން ތިބޭކަށް. އަޅުގަނޑުމެން އެބަ ޖެހޭ މެދު ފަންތީގެ މީހުންނަށާއި ބަޖެޓްކޮށްގެން ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ގޮތްތައް ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ޓޫރިސްޓުން ގެންނަ އެޖެންސީއެއް ކަމަށްވާ ސަން ސެޓް މޯލްޑިވްސްގެ ޑިރެކްޓަ ބިޒްނަސް ޑިވެލޮޕްމަންޓް މުހައްމަދު ރިޒާ ވިދާޅުވީ އެންމެ އަގު ބޮޑު ރިސޯޓްތައް ކަމަށްވާ ޖުމައިރާ، ފޯ ސީޒަން އަދި ސެންޓް ރެޖިސް، ޝަންގްރިއްލާ ފަދަ ތަންތަނުގެ ކޮޓަރިތައް ވިއްކާ އަގުތަކަށް ބަލާ ނަމަ ފެންނާނީ ވަރަށް އަގު ބޮޑު މަންޒިލެއްގެ ގޮތުގައި ކަމަށެވެ.

"މަތީ ފެންވަރުގެ ޓޫރިޒަމް ޕްރޮމޯޓްކުރާއިރު މެދު ފަންތީގެ މީހުންނަށާއި ބަޖެޓްކޮށްގެން ދަތުރުކުރާ މީހުން އިތުރަށް ގެންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ދިއްފުށީގައި ހުރި ގެސްޓްހައުސްއެއް: ރިސޯޓްތަކޭ އެއްގޮތަށް ގެސްޓް ހައުސްތަކުން ވެސް މަތީ ފެންވަރުގެ ހިދުމަތް ލިބެން ހުރޭ.-- ފޮޓޯ: ބުކިން.ކޮމް

އެކަށީގެންވާ ހެޔޮ އަގުގައި މަތީ ފެންވަރުގެ ޓޫރިޒަމް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވިދާނެކަން ޕުލުމޭރިއާ މޯލްޑިވްސް އިން ދަނީ ސާބިތުކޮށްދެމުންނެވެ. އެ ކުންފުނިން އަންނަނީ އަގު ހެޔޮކޮށް ޗުއްޓީ ހޭދަކުރަން ބޭނުންވާ ދަރިވަރުންނަށާއި އެނޫން ވެސް މީހުންނަށް ފުރުސަތު ދެމުންނެވެ. އޭޝިއާ އާއި އިރުމަތީ ޔޫރަޕުގެ ޓޫރިސްޓުން އިތުރުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސޭލްސް އެގްޒެކްޓިވް ރިއާލް ހުސެއިން ވިދާޅުވި އެވެ.

މެލޭޝިއާގައި ހިންގާ ސެޑުނިއާ ޓްރެވަލްގެ އެގްޒެކްޓިވް ޑިރެކްޓަރު ޓިއޮ ލޭންގް ލަން ވިދާޅުވީ ބަދަލުތަކާ އެއްގޮތަށް އަބަދުވެސް މަންޒިލްތައް ޕްރޮމޯޓްކުރަން ޖެހޭ ކަމަށެވެ.

"އެންމެ މަތީ ފެންވަރާއި އެކަށީގެންވާ ހެޔޮ އަގުގައި ލިބޭ ވާހަކަ އެކުއެކީގައި ދުނިޔެއަށް ނުދެއްކެންވީ ސަބަބަކީ ކޮބާ؟" އޭނާ ސުވާލުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކުގެ އަގުތައް ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ވެއްޓިފަ އެވެ.

"އޭގެ ސަބަބުން އިތުރު ޓޫރިސްޓުން އަންނާނެ ކަމަށް ހީނުކުރާތީ. ރާއްޖެއަށް ޝައުގުވެރިކުރެވޭނީ އިތުރަށް ޕްރޮމޯޓްކޮށްގެން،" ޓިއޮ ވިދާޅުވި އެވެ.

11 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 32%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަތްފުނާ

18 September 2017

އެންމެ ބޮޑު މައްސަލައަކީ ކެޕިޓަލް ސިޓީއަށްވެފައި މާލެ ތޮއްޖެހުން އަދި މާލޭގައި ސިޓީ ޕާކެއްނެތުން އަދި ސިޓީ ށޮޕިން މޯލެއް ނެތުން އަދި ހުޅުމާލެގައިވެސް އެފަދައިން ނެތުން.އަދި ބުނަން ރާއްޖޭގެ ޓޫރިޒަމް އަގުތައް ގިންތީކުރުމުގަޔައި އަގުތައް ކަނޑަ އެޅުމުގައި ދުނިޔެގެ އެހެން ގައުމުތަކުގައި އެވަގުތެއްގައި އޮންނަ ޓޫރިޒަމްގެ އަގު ކުރެވޭވަރު ނުބެލުން

The name is already taken The name is available. Register?

އިބުރާހިމް

18 September 2017

މިހާރު ނޫހަކީވެސް މިހާރު ރާއްޖޭގައި އުފެދިފައި އޮތް ސަރުކާރާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭގޮތައް ލިއުންތައް ޝާއިކުރާ ނޫހެއް- ވީމާ އިދި ކޮޅު ފަރާތްތަކަކީ ރާއްޖޭގެ ޓުއަރިޒަމް ބޮއިކެޓް ކުރުމަށް އަބަދު ރާއްޖޭން ބޭރުގެ މީޑިއާތަކުގައި ވަރަށް ބާރަށް ކެމްޕެއިން ކުރަމުންދާ ބައެއްކަން މީހާރު ނޫހުގެ ނޫސް ވެރީންނަށް އެގޭނެ - ވީމާ " ޓޫރިޒަމްގައި ސުވަރުގެއެއްގެ ދަރަޖައިން ރާއްޖެ ވެއްޓެނީތަ؟ " މިސުރުޚީގެ ދަށުގައި މިހާރު ނޫހުގައި ޝާއިއުކުރި ރިޕޯޓަކީވެސް އާއްމުންނަށް ހަގީގަތް އޮޅޭގޮތައް އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭގޮތައް ޝާއިއުކޮށްފައިވާ ރިޕޯޓެއް

The name is already taken The name is available. Register?

ބުރުގާ

18 September 2017

އެކަކު އެކައްޗެކޭކިޔަސް ހަގީގަތް ވާނީ ހަގީގަތައް. ރޯމާދުވާލު ފެންނަންއޮތް އެންމެބޮޑު ހަގީގަތަކީ މާމޮޅު އިކޮނޮމިސްޓެއް ކަމައް ބުނާމީހަކު ރާއްޖޭގެ ބެއިތުލްމާލު ތަޅާ ހަފުސްއަރުވާލާކަން. މިރާއްޖޭގެ ޓޫރިޒަމައް އެންމެބޮޑު ނޭދެވޭ އަސަރުކުރަނީ މިސަރުކާރުގެ ފީކަޅާ ކޮރަޕްޝަނާހެދީ.

The name is already taken The name is available. Register?

ޒާލިމު

18 September 2017

ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ދައްވެގެން މިދަނީ މައިގަނޑު 2 ސަބަބަކާއި ހުރެކަމަށް އަޅުގަނޑަށް ފާހަގަވެއވެ.. އެއްކަމަކީ ވަކި މިނެއް، އިމެއް، ޕްލޭނެއް ނެތި ރިސޯޓްތައް ހެދުމަށް ރަށްތަކާއި ފަޅުތައް އެތައް މިތަނުން ގިނަ އަދަދަކަށް ދޫކޮށްލި ދޫކޮށްލުމެވެ. ރަށްތަކާއި ފަޅުތައް ދޫކޮށްލިއިރު އެއްވެސް ކަހަލަ ދިރާސާކުރުމެއްވެސް ނެތީއެވެ. މީގެ ނަތީޖާއަކީ ރާއްޖެ އަންނަންތިބި ގެސްޓުންގެ އަދަދަށްވުރެ އެނދުތައް ގިނަ ވީއެވެ. ކުރީގެ ރައީސް މައުމޫނުގެ ޒަމާނުގައި ހެއްދެވިހެން ވަކި މާސްޓަރ ޕްލޭނެއްގެ ދަށުން ރަށްތައް ދޫކުރިނަމަ މިހެން ނުވާނެއެވެ. ކޮންމެ އަހަރަކު ނޫނީ ކޮންމެ ފަސްއަހަރަކުން ފަސްއަހަރަކުން ނަމަވެސް ވަކި އަދަދަކަށް ރަށްތައް ދޫކުރާނަމަ މިހެން ނުވާނެއެވެ. އެއިރުން ގެސްޓުން ގިނަވާ ވަރަށް ބަލައި މަޑުމަޑުން ރަށްތައް އިތުރު ކުރެވޭނެއެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ރިސޯޓުތަކުގެ އަގު ބޮޑުވުމެވެ. މިދެކަންތަކަކީވެސް ސަރުކާރުން ރަގަޅު ޕޮލިސީއެއް ގެންނަން ލަސްވެސް ވެއްޖެ ކަމެކެވެ.

The name is already taken The name is available. Register?

ކޮން

18 September 2017

ބޮއިކޮޓެއް ކިޔާކައް؟ އަދިވެސް ދެން ބާކީހުރި ފަޅުތަކާ ގިރިތަކާ ފަރުތައްވެސް ވިއްކާލާ. މިހާރު މިއުޅެނީ ރަންބިސް އަޅާ ކުކުޅުގެ ބަނޑު ފަޅާލައިގެން. އެއީ ވެގެންއުޅޭ ގޮތަކީ. މިހާރު ގެޓް ވެއްޖެކަމައް ހީކުރަން. ސލމ

The name is already taken The name is available. Register?

ލިލީ

18 September 2017

އަސްލު އެމް.ޑީ.ޕީ ސަރުކާރުން ގެސްޓް ހައުސް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް ބްރޭންޑަށް ވަރަށް ބޮޑު ގެއްލުމެއް. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޓުއަރިޒަމްގައި ބަރިވެރިވެވޭނެ ފުރުސަތުތައް ދެވޭނެ އެހެން ގޮތްތައް އެބަހުރި. ކޮންމެހެން ނުޖެހޭ ހުރިހާ ރިޒޯޓެއް ހަމަ އެކަނި އެއްބަޔަކަށް ދޭކަށްވެސް އަދި ނޫނީ މުޅިން ބޭރުމީހުން ހިއްސާވާ ގޮތަށް ވިއްކާލާކަށްވެސް. އޭގެ ގަބަދުލުގައި ރިޒޯޓު ދޫކުރާ ޕޮލިސީ ބަދަލުކޮށް، އެ ރިޒޯޓެއް އެއޮންނަ އަތޮޅުގެ މީހުންނަށާއި އަދި މުޅި ރާއްޖެއަށް ފައިދާކުރާގޮތަށް ޕޮލިސީ ބަދަލުކުރިނަމަ މިއަދު ނިޖެހޭނެ ރާއްޖޭގެ ޓުއަރިޒަމްގެ އަގު ވައްޓާލާ މިކަހަލަ މައްސަލަތަކާ ކުރިމަތިލާކަށް. ދެން ގެސްޓް ހައުސް ޕޮލިސީ ގޯހޭ ބުނާ ކޮންމެ މީހަކުވާނީ ވަރަށް ގޯސް މީހަކަށް، އެކަމަކު ރާއްޖޭގެ ޓުއަރިޒަމް ބެރޭންޑްގެ އަގު ހިފަހައްޓަން އެމް.ޑީ.ޕީ ސަރުކާރަށްވެސް އަދި މިސަރުކާރަކަށްވެސް ނޭންގުނު. ރިޒޯޓުތަކާ ގެސްޓް ހައުސްތައް ގިނަވާވަރަށް މިމައްސަލަ ދާނީ ބޮޑުވަމުން.

The name is already taken The name is available. Register?

ތަކުރު

18 September 2017

ރާއްޖެއަށް ޓޫރިސްޓުން ވަންނަން އޮތް ހަމައެކަނި ދޮރަކީ ވެލާނާދޮރު ކަމުގައިވާނަމަ ފަތުރުވެރިކަމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަކަށް ނުލިބޭނެ. އެއާޚިލާފަށް އުތުރާއި ދެކުނުގައި އޮތް ބައިނަލްއަގުވާމީ ދެ އެއާޕޯރޓް ވީ އެންމެ ފުޅާ ދާއިރާއެއްގައި އޮޕްރޭޓް ކުރެވޭނެގޮތަށް އެސަރަހައްދުތަކުގައި އެނދު އިތުރުކޮށް ދެންވެސް ކުރަންޖެހޭ ކަންތައްތައްކުރުމުން މިކަމުގެ ފައިދާ އެންމެނަށް ފުރިހަމަ ގޮތުގައި ލިބިގެންދާނެ. ރާއްޖޭގައި ހުރިހާ ގިންތިއަކަށްވެސް ފަތުރުވެރިކަން ފުޅާކޮށްގެން މިކަން ކުރިއަށް ގެންދިޔުން ބުއްދިވެރި. ޝުކުރިއްޔާ.

The name is already taken The name is available. Register?

އިބްރާހީމް

18 September 2017

ރަންވިއްކާ ފިހާރައަށް ރޯލްގޯލް ލީމަ ވާއެތި މިވަނީ، މިޓޫރިޒަމް ދިވެހިން ޑިވެލޮޕްކުރީ ނަމަވެސް 2009 ވަނަ އަހަރު ދޮންމީހެއް ލީ. ވާނެ ހައެތި މިވަނީ.

The name is already taken The name is available. Register?

މޯޑު

18 September 2017

މާދިގު މިލިޔުން ފޫހި

The name is already taken The name is available. Register?

ސަރުދާރުބޭ

18 September 2017

ބަޔަކު ހޭބޯނާރާ މުޅިދުނިޔެއް އެދަނީ މިގައުމު އެކި ގޮތްގޮތައް ބޮއިކެޓް ކުރުމައްގޮވާލާ ކެންޑިނޭޅި ރެޔާދުވާލުމަސައްކަތްތައް ކުރަމުން އެކަމުގެ ނަތީޖާ ހިތިވިސް ޖިހޭނީ ދިވެހިން ބޯށެވެ

The name is already taken The name is available. Register?

ބުރާންތި

18 September 2017

ފާޑެއްގެ ޖާސޫސީ ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ބަހައްޓައިގެން ރަސިޔާގެ މަހުޖަނުން ހައްޔަރުކޮއް އެމެރިކާގެ އެފްބީއައިއާ ހަވާލު ކުރުމުން ލިބުނު ގެއްލުން ވަރައްބޮޑު ރަސިޔާ މާކެޓު އެކީ ފުނޑާލީ މިކޮރަފްޓް ސަރުކާރުން މިރާއްޖޭގެ ޝަރުއީ ނިޒާމު ތެރެޔައް ސަރުކާރުގެ އުނދުޅިބާނާކަން މުޅިދުނިޔެ ދަނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454