ގުޅީފަޅު ފަރުމަތީގައި ދަގަނޑު ހޮޅިތައް ބަހައްޓާފައި:
30 ޖޫން 2016 - 14:52
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ދަގަނޑު ހޮޅިތައް ފަރުމަތީގައި ބަހައްޓައިގެން ފަރަށާއި އެ ތަނުގެ ދިރުމަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އީއައިއޭ އިން ދައްކައިފި އެވެ.
ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ބިމަށް ފައްތާ ދަގަނޑު ހޮޅިތައް ބަހައްޓާފައި ހުރީ ގުޅީފަޅު ފަރުމަތީގަ އެވެ. އޭގެ ތެރޭގައި 15 ސްޓީލް ކޭސިން އާއި 16 ހޮޅި ހިމެނެ އެވެ. އެ ތަކެތި ފަރުމަތީގައި ބަހައްޓާފައި ހުރުމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން ހޮޅިތައް ހުރީ މުރަކަ އަށް ވުރެ، ގާ ގިނަ ތަނެއްގަ އެވެ. އެ ތަނުގައި ދިރޭ މުރަކަ ހުރި ނިސްބަތް 10 ޕަސެންޓުގައި އުޅޭއިރު، އެއީ ނިސްބަތުން މަދު އަދަދެއް ކަމުން ހޮޅިތައް ބެހެއްޓުމުން ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު ހޮޅިތަކުގެ ހިޔަނި އެޅި، އަވި ނުލިބުމުގެ ސަބަބުން ދިރޭ މުރަކައިގެ ބައެއް މަރު ވެދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ބްރިޖުގެ ހޮޅިތައް ފަރުމަތިން ނަގައިގެން ގެންދިއުމުގެ މަސައްކަތް ކުރަނީ.
މީގެ އިތުރުން ފަރަށް ލިބި ދާނެ ގެއްލުންތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ބާޖު ފަދަ ބޮޑެތި އުޅަނދު ފަރާ ކައިިރި ކުރަން ޖެހުމާއި ފަރަށް ތެޔޮ އެޅުމާއި އެ ނޫން ވެސް އެ މާހައުލު ތަޣައްޔަރު ވެދާނެ ފަދަ ކަންކަމެވެ. އެ ގެއްލުންތައް ކުޑަކުރަން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ގާބިލް މީހުން ލައްވާ ނޫނީ ހޮޅިތައް ފަރަށް ބޭލުމާއި ގެންދިއުމުގެ މަސައްކަތް ނުކުރުމާއި ވީހާވެސް އަވަހަކަށް އެކަން ކޮށް ނިންމުން އަދި މޫސުން ރަނގަޅު، ކަނޑު މަޑު ދުވަސް ދުވަހު އެކަނި އެ މަސައްކަތް ކުރުން ހިމެނެ އެވެ.
ގުޅީފަޅު ފަރު ނޫން ތަނެއްގައި ހޮޅިތައް ބަހައްޓައިގެން އެ އަށް ވުރެ ވެސް ގެއްލުން ކުޑަކުރެވިދާނެތޯ އީއައިއޭ ހެދި ސީޑީއީ ކޮންސަލްޓިން އިން ބަލާފައިވެ އެވެ. ހުޅުމާލެ، ހުޅުލެ އަދި ތިލަފުށި ފަރު ބެލިއިރު ފާހަގަކުރެވުނީ، އީއައިއޭގައި ވާ ގޮތުން، ހުޅުމާލެ އާއި ހުޅުލެ ފަރުގައި މުރަކަ އާއި އެ ނޫން ވެސް ދިރޭ އެއްޗެހި ނިސްބަތުން ގިނަ ކަމެވެ. އެހެންވެ، އެ ދެ ފަރުގައި ހޮޅިތައް ނުބަހައްޓަން ލަފާ ދީފައިވެ އެވެ. ތިލަފުށި ފަރުގައި ހޮޅިތައް ބަހައްޓައިގެން ފަރަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ދެއްކިއަސް، އެ ތަނަށް ވުރެ ގުޅީފަޅު ބްރިޖު އަޅާ ސަރަހައްދާ ކައިރިކަން ފާހަގަކޮށްފައިވެ އެވެ.
"އެހެންވެ، [ހޮޅިތައް ބަހައްޓަން] އެންމެ ރަނގަޅު ކަމަށް ފެންނަނީ ގުޅީފަޅު ފަރެވެ،" އީއައިއޭގައިވެ އެވެ.
ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު މިއަދު "މިހާރު" އަށް ވިދާޅުވީ ހުރިހާ ހޮޅިއެއް ޖެހެންދެން އެ އެއްޗެހި ބަހައްޓާނީ ގުޅީފަޅު ފަރުގައި ކަމަށެވެ.
މިހާރު މަސައްކަތްތައް ކުރިއަށް ދާ ނިސްބަތަށް ބަލާއިރު ބްރިޖް އަޅާ ސަރަހައްދުގައި ހޮޅިތައް ޖަހަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.
ބްރިޖުގެ ތަނބު ޖެހުމުގެ ކުރިން ހޮޅި ފެއްތުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ޓުއިޓާ
މުއްތަލިބު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގުޅީފަޅު ތަރައްގީ ކުރަން ގެންގުޅުނު ޕްލޭނުގައި އެ ފަރު ހިއްކަން އޮތީ ނިންމާފަ އެވެ. އެ ކަމަށް ހުއްދަ ވެސް ދީފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހޮޅިތައް ބަހައްޓައިގެން ފަރަށް ލިބޭނެ ގެއްލުންތައް ކުޑަކުރަން އީއައިއޭގައި ލަފާ ދީފައިވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
"މިހާރު ހަތަރު ހޮޅި ޖެހިއްޖެ. މިހެން ގޮސް ހޮޅިތައް އެ ތަނުން ނަގަމުން ދާނީ. ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތް ނިންމާލެވޭތޯ މި ބަލަނީ،" މުއްތަލިބު ވިދާޅުވި އެވެ.
ޗައިނާ ކުންފުންޏަކުން އަޅާ ބްރިޖުގައި މައިގަނޑު ފަސް ބައެއް ހިމެނޭއިރު ކޮންމެ ބައެއްގައި ފަސް ތަނބު ޖަހަ އެވެ. އެއިން ކޮންމެ ތަނބެއް ޖަހަނީ ބޮޑު ހޮޅިއެއްގެ ތެރޭގަ އެވެ. ކޮންމެ ހޮޅިއެއް ބިމަށް ފެއްތުމަށް ފަހު އޭގެ ތެރެއިން ފަސް ނަގަން ކޮންނާނީ މެޝިނެއް ބޭނުންކޮށްގެންނެވެ. ކޮނުމަށް ފަހު ރިއިންފޯސްމަންޓް ޖަހާނެ އެވެ. ދެން އޮންނާނީ އޭގެ ތެރެ އަށް ކޮންކްރީޓް އަޅާ ތަނބު ޖެހުމުގެ މަސައްކަތެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
01 July 2016
އީއައިޢޭ ހަދާފައި އަޅާން ބުނާ ފިޔަވަޅު އަޅާބާ؟ ބޮޑެތި ޕްރޮޖެކްޓް ތައް ހިންގާ އިރު، ތިމާވެއްޓަްވެސް ެއްލުންވާނެ، ނުވެއެއް ނުދާެނ، މިކަން ގަބުލު ކޮށް އެންމެ ގެއްލުން ކުދަކުރވޭނެ ގޮތް ބެލުންދޯ އޮތީ
ޔތ6666
30 June 2016
ކަލޯމެން ކުދިން ބަލައިދީފާނަންތަ މިހާތަނަށް ތިޔަބުނާ ސީޑީ ކޮންސަލްޓިންއިން ސަރުކާރު ޕޮލިސީއާ ދެކޮޅަށް އެއްވެސް އީއައޭއްގެ ނިންމުން ގެނެސްފައިވޭތޯ. މަށަށް އިނގޭ ގޮތުގައި ތިޔަމީހުން ސަރުކާރުން ކުރަން ބޭނުންވާ ކޮންމެ ކަމެއްގައި ތިމާވެއްޓާށް ގެއްލުން ނުވާނެޭ ކިޔައިގެން އީއައޭ ވިއްކާ މިވާހަކަ ޑަކްޓަރު ސިމާދު ސައީދު ކައިރީ އަހާ ގެނެސްދިނުން ވަރަށް ބޮޑަށް އެދެން. ކިތައް އީއައެތޯ އެއްކޮޅު ކިތަކެއްތޯ ދެކޮޅު.
އަބުދުލް މަތީން
30 June 2016
އީއަިއޭ ކިހިނެއް ދާނެހެން ހީވޭ. އައްޑޫ ހައި ސްކޫލް ގައި ސޯލާ ޕެނަލް ހަރުކުރަން ތިން ފަހަރު އިއުލާން ކޮށް ކޮންމެފަހަރަކު ކެންސަލް ކުރަނީ ޝަރުތު ހަމަވާ މީހުން ނެތިގެނެއް ނޫން.
ވަޖުދީ
30 June 2016
ކޮންމެ ކަމެއްވެސް ސިޔާސީ ނަޒަރަކުން ބަލައިފިއްޔާމު ވަރަށް ތަފާތުވާނެ.. ޑޮކްޓަރެއް ނޫން ނަރުހެއް ހެދިޔަސް އީއައިއޭ އަކީ އެއް ވެސް ސަރުކާރެއްގައި ކޯޓަކުން މަޝްރޫއަކަށް ހުކުން ކުރާހެން ނިންމުން ނިންމާ އެއްޗެއް ނޫން. އެއީ އަކީ ސަރުކާރާ އެއްކޮޅަށް ނޫނީ ދެކޮޅަށް ޕޮއިންޓް ހޯދާ އުސޫލުން ކުރާ ކަމެއްވެސް ނޫން. އެއީ މަޝްރޫއެއް ކުރިއަށް ގެންދުމުގައި ގޮތެއް ނިންމުމަށް އެއިރަކު އޮންނަ ސަރުކާރަކަށް ނޫނީ މަޝްރޫއު ހިންގާ ފަރާތަށް ލަފާދޭ އެއްޗެއް. އެއަށް ބަލާފައި މަޝްރޫޢު ކުރިއަށް ގެންދިއުމާއި ބަދަލު ގެނައުމަށް ގޮތެއް ނިންމުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް.
އިބިރިހިން ތައްކާނު
01 July 2016
ކުރަންޖެހޭ ކަންތައް ކުރެވެންވާނެ. ޢީއައިއޭ އިން ބުނެދެނީ އެކަންކުރަން އެންމެ ރަގަޅު ގެއްލުން ކުޑަގޮތް. ސީޑީ ކޮންސަލްޓިންވިޔަސް އެހެން ކޮންސަލްޓެންޓަކުވިޔަސް ކުރާނީ އެއްކަމެއް.
ތޯއްޗެ
30 June 2016
ވީމާ ހުރިހާ ފަރުތަކެއް ގުދަނުގެ ގޮތުގައި ކުއްޔަށް ދޭންވީނުން!
ސުވާދީބުކަލޯ
30 June 2016
ބުރިޖަކީ މާލެ ސަރަހައްދަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ބުރިޖް އެޅުމުން ލިބޭނެ ފަސޭހަ ތަކަށް ބަލާފައި ތިކަމަކީ މާބޮޑުކަމެއްނޫން " ފަސޭހަތަކެއްވެސް ލިބިގެން ދާނީ ކުޑަނަމަވެސް ގެލުންތަކެއް ލިބިގެން" ބުރިޖްކަހަލަ ބޮޑުބޮރޮޖެއް އަޅަން މިސަރަހައްދުގެ ދަތިކަން ބޮޑު އެހެންވެ ލިބެން ހުރި ވަސީލަތްތައް ވީހާވެސް ގެެއްލުން ކުޑަ ގޮތަކަށް މަސައްކަތް ކުރުމަކީ މުޅިގައުމުގެ މަސްއޫލިއްޔަތެއް އެއީ އެބުރިޖްގެ ފަސާހަކަން ލިބިގެން ދާނީ މިގައުމުގައި އުޅެމުންދާ ހުރިހާ ރައްޔިތުންނަށް
ކޮބާ
30 June 2016
ތިހޮޅިތަށްޖަހާ އޭގެން ނަގާ ވެލިތައް ރާއްޖޭންބޭރައް ޗައިނާސަރުކާރުން ހިއްކަމުންދާ ރައްތަކަށް ގެދަން ހަމަޖެހިފައިވާކަން އެނގޭ. އަނެއްކާ އަނެއް ވަށްކަން. ރާއްޖެފަދަ ރިސޯޓުތަކެއް ފިލިޕީންސް ސަރަހައްދުގައި އެތަނުގައިހަދާނެކަންވަނީ ޗައިނާއިން ަިއުލާނުވެސް ކޮށްފަ.
ސާރިދޯޅަ
30 June 2016
މިއާޓިކަލްގައި ލިޔެފައި މިއޮތީކީ އެރިޕޯޓުގައި އޮތްގަޮތަކަށް ނޫން. އެރިޕޯޓުގައި އެބަބުނޭ ގެއްލުންވާނޭ. ގެއްލުން ކުޑަކުރަން ފިޔަވަޅު އަޅާށޭ ބުނެފަ އޮތީ. އަނެއްކާ ރިޕޯޓުގައި އެބަބުނޭ ތިތަނުގައި އެއެއްޗެހި ފުރަތަމަ ބެހެއްޓީ ހުއްދަ ނުނަގައޭވެސް. މިކަމުގައި ޖޫރިމާ ކުރަންޖެހޭ ފަރާތަކީ ކޮބާ؟ ރިޕޯޓުގައި އެބޮތް ފަރުގެ ސުލޯޕުން ބޭރުގައި ހޮޅި ނުބަހައްޓަށްޗޭ.. ތި ފޮޓޯއިން އެފެންނީ ސުލޯޕުން ބޭރުގައި ބަހައްޓާފައި ހުއްޓައި.. ރިޕޯޓުަގައި ކޮންމެ އެއްޗެކޭ ބުންޏަސް ސަރުކާރުން އެއަށް އަމަލު ކުރިއްޔާތާ އެކަމެއް ވާނީ
ރޯޒް
30 June 2016
މައްސަލައަކީ ތިތަނުގައި ދިރުން ނެތިގެންނެއް ނޫން.. މި މާލެ ސަރަހައްދަކީ ތަޅާ ސުންނާފަތިވެފަ އޮތްތަނެއްކަން މޮޅެތި އި.އައި.އޭ ރިޕޯޓުން ނުބުންޏަސް އަހަރުމެންނަށް އެނގޭ. ތިފަރު ބަލާލިއަސް އެނގޭ ތިތަނުގައި މުރަކައެއް ނެތްކަން، މައްސަލައަކީ ފަރުތައް ހިމާޔަކުރާށޭ ބުނެ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނުނަގާ ސަރުކާރުން މިކަހަލަ ކަންތައް ކުރާތީ.. މީ އަމިއްލަ މީހަކު ކުރިކަމެއްނަމަ ބިލިއަނުން އެމީހާ ޖޫރިމަނާ ކޮށްލާނެ.. ފަރަކަށް ބޯޓެއް އަރާފިއްޔާ އެވަރިހަމަ މަރުވެފަ އޮތަސް އެބޯޓު ބަނގުރޫޓު ކޮށްލާ. ސަރުކާރުން އުސޫލްތަކާ ޚިލާފަށް ކަންތައްކޮށްފަ ޒިންމާވާނެ މީހަކު ނެތިފަ ރައްޔިތު މީހާ ކަމެއް ކޮށްފިއްޔާމި ދުވަސްދުއްވާލުމުގެ އުސޫލު ގެންގުޅޭ ތީ މައްސަލައަކީ
ބުރިޖު ބުރިޖު
30 June 2016
ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ތިޔަ ބުރިޖު އަޅާނެ. ކޮން އީ.އައި.އޭ އެއް. ކޮން އީ.ޕީއޭ އެއް. އީ.ޕީއޭ އަށް ޖެހޭނީ މުއިއްޒު ބުނާގޮތެއް ހަދަން.
އަލީ
30 June 2016
ގެއްލުން ލިބޭ ބޮޑުގެއްލުން ލިބޭ އެކަމަކު އެކަން ނުފެނާނެ މިއަދަކު ރައީސް މީހާ ބުނާކޮންމެ ގޮތެއް ވަރިހަމަ ވެގެން ގިނަމެމްބަރުންތިބީ
ޑީސީ
30 June 2016
އެކަމަކު ބޭރު އާގުބޯޓެއް ފަރުގަ ކުޑަކޮށް ޖެހުނަސް އެހިސާބުން އެތައް މިލިއަން ޑޮލަރަކުން އެބޯޓެއް ފައިން ކުރާނެ ފަރައްވެސް އެތައްބޮޑު ގެއްލުމެއްވީކަމަށް ބުނެ ރިޕޯޓް ނެރޭނެ.