ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ސަމާ އާއި ހާމީން.
08 އޮކްޓޯބަރ 2017 - 10:23
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. ސަމާ އާއި ހާމީންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ސަމާ އާއި ހާމީންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އެންމެން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ. އެ މީހުން ދޫކޮށްލީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެ މީހުން ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލައި ފާސްކުރި އިރު، ޕާޓީ ޑްރަގްތަކެއް ވަނީ ފެނިފަ އެވެ. މި މީހުންގެ މައްޗަށް ފުލުހުން 12 ތުހުމަތެއް ކޮށްފައިވާ އިރު އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުން ހިމެނެ އެވެ.
ހަތަރު މީހުން ދޫކޮށްލާފައި ވަނީ، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަނުވަނީހެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ.
އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެ ތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ. އަދި އެހެން މީހަކު އަމިއްލަ އަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލަ އަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް ކުރެ އެވެ.
އެ މީހުންގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހަކީ ތ. ތިމަރަފުށީ މީހުންނެވެ. އަނެކަކަކީ ކޮން ރަށެއްގެ މީހެއް ކަމެއް ނޭނގެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުޅުމާލޭ ބްރާންޗްގައި ވަޒީފާ އަދާކުރަމުން އައި ހާމީނާއި މޯލްޑިވް ގޭސްގެ މުވައްޒަފެއް ކަމަށްވާ ސަމާ މަރުވީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށް، ބޮއިގެން ތިބެ އިތުރު ބަޔަކާއެކު މަޖާކުރަމުން ދަނިކޮށް ކަމަށް އެކަން އެނގޭ ބަޔަކު "މިހާރު" އަށް ވަނީ ކިޔައިދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
09 October 2017
ކުރިހާ ތުހުމަތު ތަކަކީ ގޮތްދައްކާލުމެކޭ އޭރުވެސް އަހަރެން ބުނީމެއްނުން، ތިޔަތަހުގީގު ކުރާވަރަށް ކޮށްނިމުނީދެންތިޔަ
ދޯ
08 October 2017
2ފުޅީގެ ޝަރީއަތް ނިމުނު ގޮތުން މިގައުމުގަ އަދުލުވެރި ޝަރީއަތެއް ނުހިގާނެ ކަން ޔަގީން ވެއްޖެ
ރ.މޫސަބޭ
08 October 2017
ގުޅިގެން އަބުރާ ގޭސް
ބިސް
08 October 2017
ކުރުކޮށް ފޮނިކޮށް....ފެއިލްޑު ސުޓޭޓް
ކައްކާ
08 October 2017
ކޮންމެ ކަމެއް ހަރާބުކުރާނީ އެކަމުގެ ތެރެއަށް ސިޔާސީ މީހުން ވަދެއެވެ. މިނޫން ދުވަހެއް ފެންނީ ސިޔާސީ މީހުންގެ ކަންކަމުން ސަލާމަތް ވެވިގެންނެވެ.
ދެޓް ވޭ
08 October 2017
ކޮބާތޯ މޑޕ ވެރިކަމުގައި މާބޮޑު ސްޕީޗް ތަކެއް ދީ އުޅުނު ޝެއިޚް...
އުދުހޭ
08 October 2017
ސިޔާސީ ކަމަކަށް ނުވާތީ ދެން ތިޔަކަން ތިޔަ ނިމުނީ! ވައްސަލާމް
ސަލް
08 October 2017
ކޮބާ ހީވެއްޖެ މަމެން އޭރުވެސް ބުނީމެއްނުން..
ހުދުވާ ބިންތު ހަރުގަނޑު އުމަރު
08 October 2017
ރައްޔިތުންނައް ދަލަދައްކާލަން ހައްޔަރުކުރީ މިހާރު އެދޫކޮއްލީ ވިސްނާބަޔަކައް އެނގޭނެ ގޭނގްތަކާ ގުޅުން އޮންނަ ސރުކާރެއްކަން ރާއްޖެޓީވީ ރޯކޮއްލި މީހަކައް އަދިއަދައްވެސް ހުކުމެއް ނުކުރޭ އެފަދަ ފަނޑިޔާރުން މަގާމުން ދުރުކުރީމަ އެކުރާމީހަކު 13 އަހަރައް ޖަލައް މީކޮންކަހަލަ ސަރުކާރެއް
ކާފަ
08 October 2017
ތިދެން ސިޔާސީ ކަމެއް ނޫނެއްނު މަމެން އިސްކަންދެނީ ސިޔާސީ ވެރިން ހައްޔަރުކުރަން އެހެންނޫނީ ކިހިނެއް 2018 ކާމިޔާބުވާނީ.