ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު. އެތަނަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. -
08 އޮކްޓޯބަރ 2017 - 20:24
ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒު ކުރިމަތީގައި ލަކުޑިން ހަދާފައިވާ ބޮޑު އުސް "ފާރަކާއެކު" މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ޗެމްބަރަށް މިހާ ބޮޑު ބަދަލެއް މި ގެނައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖްކޮށް، ޖަލްސާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވަނިކޮށެވެ. އިދިކޮޅު މެމްބަރުން ޖަލްސާތަކަށް ހުރަސް އަޅުއްވާތީ ދެވަނަ ދައުރުގައި އެންމެަ ފަހުން ބޭއްވި ހަތަރު ޖަލްސާ ވެސް ކުރިއަށް ދިޔައީ އިދިކޮޅު މެމްބަރުންގެ ހަޅޭކާއެކު، ސިފައިން "ފާރައަށް" ތިބެގެންނެވެ.
ސިފައިންގެ އެހީތެރިކަމާއެކު ޗެމްބަރަށް ބަދަލު ގެނައިއިރު، ރިއާސަތުގެ މޭޒާއި އިދާރީ މޭޒު ވަނީ ވަރަށް ބޮޑަށް އުސްކޮށްފަ އެވެ. އެ ދެ ތަނުގެ ކުރިމަތީގައި ފާރެއްހެން ވަނީ ފެންސު ޖަހައިފަ އެވެ. އަދި ރިއާސަތާއި އިދާރީ މޭޒުގައި ތިއްބަވާ ބޭފުޅުން ވަދެ ނިކުމެ ހެދުމަށް ދެ ފަރާތުގައި ދެ ސިޑި ހުރެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި ރިއާސަތުގެ މޭޒު ގާތްގަނޑަކަށް އަށް ފޫޓަށް އުސް ކުރިއިރު، އިދާރީ މޭޒު ފަސް ފޫޓު އުހަށް އަރާނެ އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި މަސީހު ދެން އިންނަވާނީ "ރައްޔިތުންނަށްވުރެ އުހުގަ" އެވެ.
މިއީ ޕާކިސްތާނުގެ ސަރުކާރުގެ އެހީގެ ދަށުން ރައްޔިތުންގެ މަޖިލިސް އިމާރާތް ކުރި ފަހުން، އެ އިދާރާގެ ޗެމްބަރަށް މިހާ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
ރިއާސަތުގެ މޭޒު އުސްކުރުމާ ގުޅޭ ގޮތުން މަޖިލިހުން ވާހަކައެއް ނުދައްކަ އެވެ.
މަހްލޫފް ވިދާޅުވީ މިއީ ގަދަ ބާރުން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި އިންނަވަން ސިފައިން ބޭނުންކޮށްގެން ކުރި ވަރަށް ހަޑި މުޑުދާރު އަމަލެއް ކަމަށެވެ. އެކަމަކު، ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް މަސީހަށް އަރައިވަޑައިނުގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ފިރުއައުނު މިގޮތަށް ޓަވަރެއް ހެދީ. ޗެމްބަރުގެ ދެބައި ކުޅަ އެއްބައި އުސް ކުރިޔަސް، ރައްޔިތުންނަކަށް ނުފިލޭނެ. ވަގުތު ޖެހުނީމަ، ރައްޔިތުންގެ އަތް ފޯރާނެ،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށެވެ.
މަޖިލީހުގައި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދައަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. އިތުރު އެއްވެސް ކަމެއް އެޖެންޑާގައި ނެތެވެ. ގަވައިދުގައި ބުނާ މާއްދާއަކީ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގައުމުތަކުގެ މަޖިލީސްތަކާ އެކުވެރިކަން ގާއިމް ކުރުމުގެ ވާހަކަ އެވެ.
ދެވަނަ ދައުރުގައި މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ބޭރުކޮށްލުމާ އެކު، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައި އޮތް ކޯޅުންތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ. އެހެންވެ ތިން ވަނަ ދައުރުގެ ޖަލްސާތައް ވެސް އަމާންކަމާ އެކު ކުރިއަށް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ.
މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އޭގައި ސޮއިކުރެއްވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ބުނަމުން އަންނަނީ މަޖިލީހަށް ފުރަތަމަ ވެސް އެޖެންޑާ ކުރަން ޖެހޭނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި އެ ނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދަން ޖާގަ ނުދޭނެ ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭގެ ފަހުން އޮތް ހަތަރު ޖަލްސާ ވެސް އިދިކޮޅު މެމްބަރުންގެ ހަޅޭކާއި ޒުވާބާއި ހަމަނުޖެހުމުގެ ތެރޭގައި ބާއްވަން ޖެހުމެވެ. އެ ހަތަރު ޖަލްސާ ވެސް ބޭއްވީ ސިފައިންގެ "ފައުޖެއް" ރިޔާސަތުގެ މޭޒުގެ ކުރިމަތީގަ އާއި ވަށައިގެން އަތުރާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
09 October 2017
ޒުލްގަރުނައިން ލޯފާރު ތައްޔާރުކޮށްދެއްވީ ނުލަފާ ޖައްބާރު ބައެއްގެ ކިބައިން ގައުމެއްގެ ބަޔަކު ސަލާމަތްކުރެއްވުމަށް ، ވީމާ ، ބަޔެއްގެ ނުހޮރައްޕާނާއި ދުއްތުރާ ވަކިވަރަކަށް މައްޗަށް ދިއުމުން މިފަދަ ކަންތައްކުރަންޖެހޭނެކަން ތާރީޚް ހެކިދެނީ
ފޮނިކަލޯ
09 October 2017
ކަލޯމެންނޭ .......!އަތަ ފަންޏެއް ނުބޮވޭނެ
ޕާކިސްތާނު
09 October 2017
ފެންނަނީ ވީޑިއޯ ކޮންފަރެންސް ހަދައިގެން ޖަލަސާތައް ކުރިޔަށް ގެންދަން
ރައްޔިތުމީހާ...
09 October 2017
އަޅެ އަދިވެސް ތިމެމްބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްދީބަލަ. އަދި މިރާއްޖެއަށް ލިބޭހާ ފައިސާ އެމީހުނަށް ޓްރާންސްފަރ މަކެޓުންނަމަވެސް ލިބޭކަހަލަ ބިލެއް ފާސްކޮށްދީބަލަ އެއިރުން ހަޅޭނުލަވާ ދިވެހި ބައެއް ރައްޔިތުންގެ ލޮލުގައި އަނދުން ނާޅުވާތިބެދާނެކަމަށްފެނޭ.. ފާރުވެސް ހަމަރާނަންވީ .. އަދިވެސް ލާރިލިބޭވަރު މަދުވިއްޔާ.. މިއީ ޒޫޓީވީ ބާ؟
އީޒީ
09 October 2017
ވިސްނަބަލާށެވެ. މިއީ މަޖްލިސްގެ ރައީސް ރައީސްކަމުން ބޭލިޔަ ނުދޭން ގާނޫނާ ގަވާއިދާ ހިތުހުރިގޮަކަށް މާނަކޮށް އެއަށް ބަދަލުގެނެސް ފުއްގަޑެއްހެން މޮޑެ ގަދަބާރުން ކުރާކަންކަމެވެ. 2018 ގެ ރިޔާސީ އިންތިހާބުން ބަލިވީމަ ހީވޭތަ ވެރިކަން ދޫކޮށްފަ އެހާފަސޭހައިން ހިގާދާނެހެން.
ކުނި
09 October 2017
ގާނޫނު އެންމެނަށް ހަމަހަމައަށް ހިންގަނީ ދެއްތޯ ދެން މަ ހީހީހީ
އެހެންތޭ
09 October 2017
ތަމެން ނަށް އިނގޭނީ ތިޔާ ޒާތުގެ ރަނޑު ވާހަކަ ދައްްކަންދޯ.
ދެން އަތް ޖަހާ
09 October 2017
މިވެސް "އަތަޖަހާ ވަރުގެ" ސަޅި ކަމެކެވެ.ކިހާ ދުވަހަކުބާ މިހެން އުޅެވޭނީ؟ހެހެހެ
އަތަ
09 October 2017
އަތަ ކިލޯއެއް ކިހާވަރަކަށް؟؟
ގަޑުބަޑު
09 October 2017
ގޮޑި ދިފާއު ކުރުމަށް މަސީހު ވަރުގެ ކުޅަދާނަ މީހެއް ނެތެޔެވެ.ނިކަން ބަލާލަ ބަލާށެވެ.މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފުރަތަ ވެއްދި ދުވަހު ކުރި ކަމަކީ "ރޯލް ކޯލް" ވޯޓަކަށް ވޯޓް ލުން ބަދަލު ކޮށްލާފައި އިނދި ކޮޅު މީހުން ފްލޯ އިން ނެރެލީއެވެ.ދެވަނަ އަށް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން،ކުރެއްވި ކަމަކީ މަޖްލީސްގެ ޤަވާއީދު ބަދަލު ކުރައްވާފައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދޭނީ 42 މެމްބަރުންގެ ސޮޔާ އެކުގައި ކަމަށް ޤަވާއިދު ބަދަލު ކޮށްފައި މައްސަލަ ބޭރު ކޮށްލީއެވެ.45 މެމްބަރުންގެ ސޮއި ހަމަ ކޮށްފައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމުން ދެން ކުރި ކަމަކީ ސުލައިމާނު ލައްވައި އެތަނުން 4 މެމްބަރަކުގެ ގޮޑި ގެއްލިއްޖެ ކަމަށް އިޢްލާނު ކޮށްފައި އެ މައްސަލަ ބޭރު ކޮށްލީ އެވެ. އިނދި ކޮޅު މެމްބަރުން އިހްތިޖާޖް ތަށް ހަޖަމު ނުވާތީ އެކުރި ކަމަކީ "ހަވާގައި ތަޚްތު ބެހެއްޓީ"އެވެ.މިއީ ވެސް "އަތް ޖަހާ" ވަރުގެ ކަންތަށް ތަކެވެ
މަހަށް
09 October 2017
ރޯލް ކޯލް ވޯޓަކީ ވެސް މަޛްލީހުގެ ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެކެވެ. އެކަން ކޮށްފައި އެއޮތީ. މަޖްލީހުގެ ރައީސް އަކީ އަދިވެސް މަސީހު ދޯ. މަހަށް ދޭބަލަ ދެން.
ފެއިލް
09 October 2017
ޕީޕީއެމް އަތުލާގެން އެތިބީ ވެސް ހަމަ މިގޮތަށެވެ. އަސްލު ޕީޕީއެމް ވީތަނެއް ވެސް މިހާރަކު ނޭގެއެވެ.މުޝްތަޝާރު ޕާޓީ ހިންގާ ޤައުމެއް މިނޫނީ ކޮބާއެވެ.ޕާޓީ ހިންގަންވި މީހާ ކޯޓުން ކަނޑައެޅި ޤައުމެއް މިނޫނީ ކޮބާ ތޯއެވެ؟ ވަކި މުއްދަތެއް ނެތި އެވެ.
މޭޖަރ ޖެނަރަލް
09 October 2017
މަޖްލީހުގެ ރައީސް އަކީ އަދިވެސް މަސީހު އެވެ. ސީރިއާގެ ރައީސް އަކީ އަދި ވެސް ބައްޝާރު އެވެ.ޒިންބާބުވޭގެ ރައީސް އަކީ އަދު ވެސް މުޤާބޭ އެވެ.ޕީޕީއެމްގެ "ރައީސް"އަކީ މުސްތަޝާރު އެވެ. އެކަމަކު މިކަން ޤަބޫލް ކުރާނީ ކޮން ރައްޔިތެއް ބާއެވެ؟
ފޭކްއިކޮނަމިސްޓް
09 October 2017
މީދޯ މިބުނާ މެދުއުޑުގަ ފިޔަޖެހުމަކީ
އިއްބެ
09 October 2017
ދަނގަޑު ކެނޑޭނީ ދަނގަޑުން! ވަރަށް ރަނގަޅު ނިންމުމެއް!
ފޭޑް
09 October 2017
"ދަގަޑު، ދަގަޑުން ކަފަން" އުޅެން ހަދާގެން ތި ގްރޫޕް ސިޔާސީ ގޮތުން ހަލާކު ވެއްޖެނުން ތޯއެވެ.؟.ބަލަ ޕީޕީއެމް އަކަށް މުސްތަޤުބަލެއް މިހާރަކުނެތޭ. ރައްޔިތުން ފޫހި ވެއްޖެއޭ..ރައްޔިތުން ނަށް ހީވަނީ "އެތިޖޮޅު"ހިފާގެން "ފިލަން"އުޚޭ ހެން ނޭ..