މަޖިލީހުގެ ޖަލްސާއަކަށް ފަހު، މެމްބަރުން މަޖިލީހުގެ ގޯތިތެރޭގައި. - ފޮޓޯ: މިހާރު
02 އޮކްޓޯބަރ 2017 - 15:12
ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒު އުސް ކުރުމަށް ފަހު، އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ސިފައިންގެ އެހީތެރިކަމާ އެކު، މަޖިލީހުގެ ރިޔާސަތުގެ މޭޒު އުސްކޮށް، ސްޓޭޖެއް ގޮތަށް ވަނީ ހަދައިފަ އެވެ. އެކަމަކު އެ މޭޒު ބަހައްޓަނީ ކިހާ އުހެއްގައި ކަމެއް އެނގިފައެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ރިއާސަތުގެ މޭޒު ބަހައްޓަނީ 10 ފޫޓެއްހާ އުހުގަ އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ ނުވައެއްގައި ފަށާނެ ކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ އެޖެންޑާގައި ހިމަނާނެ ކަންކަން ފަހުން އާންމު ކުރައްވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
އެކަމަކު ރިއާސަތުގެ މޭޒު އުސްކުރުމާ ގުޅޭ ގޮތުން މަޖިލިހުން ވާހަކައެއް ނުދައްކަ އެވެ.
މި އަހަރުގެ ފަހު ދައުރުގެ މަސައްކަތް ފަށާނީ ޖަލްސާ ބާއްވާ ޗެމްބަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށް އިދިކޮޅު މެމްބަރުން ކުރިން ތުހުމަތު ކުރެއްވި އެވެ. އޭރު މަޖިލީހުގައި ސިފައިން މަސައްކަތްތަކެއް ކުރަމުން ދިޔަ ފޮޓޯތައް ވެސް އާންމުވި އެވެ. އެނގިފައިވާ ގޮތުގައި ޗެމްބަރު އުސް ކުރުމުގެ އިތުރުން މޭޒު ވަށައިގެން ބުލެޓް ޕްރޫފް ބިއްލޫރި ޖެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށެވެ.
ދެވަނަ ދައުރުގައި ބޭއްވި އެންމެ 11 ޖަލްސާ އަށް ފަހު، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް 24 ގަ އެވެ. ދެވަނަ ދައުރުގައި 39 ޖަލްސާ ބާއްވަން ކަނޑައަޅާފައިވީ ނަމަވެސް ތިން މަސް ދުވަހުގެ އެ ދައުރުގައި ބޭއްވި ޖަލްސާތަކުގެ އަދަދު މަދުވުމާއި އެކަށީގެންވާ މަސައްކަތެއް ނުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން މަޖިލީހަށް އަމާޒުވި އެވެ.
ދެވަނަ ދައުރުގައި މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ބޭރުކޮށްލުމާ އެކު، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައި އޮތް ކޯޅުންތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ. އެހެންވެ ތިން ވަނަ ދައުރުގެ ޖަލްސާތައް ވެސް އަމާންކަމާ އެކު ކުރިއަށް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ.
މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އޭގައި ސޮއިކުރެއްވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ބުނަމުން އަންނަނީ މަޖިލީހަށް ފުރަތަމަ ވެސް އެޖެންޑާ ކުރަން ޖެހޭނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި އެ ނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދަން ޖާގަ ނުދޭނެ ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭގެ ފަހުން އޮތް ހަތަރު ޖަލްސާ ވެސް އިދިކޮޅު މެމްބަރުންގެ ހަޅޭކާއި ޒުވާބާއި ހަމަނުޖެހުމުގެ ތެރޭގައި ބާއްވަން ޖެހުމެވެ. އެ ހަތަރު ޖަލްސާ ވެސް ބޭއްވީ ސިފައިންގެ "ފައުޖެއް" ރިޔާސަތުގެ މޭޒުގެ ކުރިމަތީގަ އާއި ވަށައިގެން އަތުރާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭދޫކޮޅުން
03 October 2017
2018 ގަ އަންނަ ވެރިޔަކު ތިޔަސްޓޭޖް ތަޅާނަގާ އެއްލާލާނެ ނޫނީ މަޖިލީހުގެ ގޯތިތެރޭގަ މީހެއްގެ ހިތުގަ ރައްޔިތުންނާ ހުރި ދުރުކަން ދައްކައިދިނުމަށް ޑިސްޕްލޭ ކުރެވޭނެ
މަރީނު
03 October 2017
އަބަދަކު ކަރަށް މާފަތި އަމުނާލައިގެން ނޫޅެވޭނެ.. މިނޫން ދުވަހެއްވެސް އެބައޮތްކަން ހަނދާންކުރާތި
ރަބަރު
03 October 2017
މަށަށް ފެންނަނީ ތި ގޮނޑި ފަސްޓް ފްލޯއިން ތިރިއަށް އައިސް ވަކި ހިސާބަކަށް މަޑުޖެހޭގޮތަށް ހަދާށެވެ. ބައެއް ފިލްމުތަކުގައި ނަށާ ކުއްޖާ ވެސް ފުރާޅު ފަޅާފަ ރީތި ބާސްކެޓެއްފަދަ އެއްޗެއްގައި އަންނަ ގޮތަށެވެ. އެއިރުން ގާއުކައިގެ ނޫނީ ރައީސާ ހަމަޔަށް ނުދެވޭނެއެވެ. ގޮނޑިއުސްކުރިއަސް އިދިކޮޅު މީހުން އަރައިގަންނާނެއެވެ. މަދިރިއަށް ބިރުން ނަމްރޫދު ބިއްލޫރި ގަނޑުވަރެއް ހަދައިގެން އުޅުނުކަމާ އެކަމަކުވެސް އޭނަ ނިމިގެންދިޔައީ ނޭފަތުން މަދިރިއެއްވަދެގެން ގޮސް ބޮލުގެތެރޭ އުޅެ އެތަކެއް އަހަރުވަންދެން އޭނައަށް ވޭންދިނުމަށްފަހު ކަމަށް ބުނާތީ އަހަމެވެ.
ބޯގަމާރު
03 October 2017
ހެހެހެ.... ތިކަމަކުން އަދި ހައްލެއް ނުލިބޭނެހެން ހީވަނީ . އަތޮޅުތަކެއްގެ ރައްޔިތުންގެ ބާރު އަތުލުމަށްފަހު އެހެން މެމްބަރުން ތިއްބަވާ ގޮނޑިކޮޅުތައް ކޮށްޓަކަށް ލައްވާ މެމްބަރުން ގޮނޑިކޮޅުގައި އިށީންދެ ވަޑައިގަތުމަށް ފަހު ރިޔާސަތުން ބަޓަނަކަށް ފިތާލީމާ ނޫނީ ނުހުޅުވޭގޮތަށް ގޮނޑިވެސް ތަޅުލާފައި ބެހެއްޓޭގޮތަށް ހައްދަވަންވީ.
ދިސްވޭ
03 October 2017
މަޖިލީހުގެ ރިއާސަތުގެ މޭޒު އުސްކޮށް، އަންނަ ހޯމަ ދުވަހު ޖަލްސާތައް ފަށާނަމަ އެކަން ކުރަން ޖެހޭނީ ވަރަށް ފުރިހަމަ އަށެވެ. އެގޮތުން ބަލާއިރު މަޖްލީހުގެ ގޯއްޗަށް އެމްޕީން ނަށް ވަދެވެން ޖެހޭނީ މަޖްލީހުގެ ރިޔާސަތުން ހުުއްދަ ދީފައިވާ ލިސްޓެއް ގައިވާ މީހުންނަށެވެ. އެނޫން މީހުންނަށް ނުވަދެވޭނެއެވެ. މަޖްލީހަށް މެމްބަރުން ވަން ގޭޓް ކައިރީގައި 24 ގަޑިއިރު ލައިވް ހަތިޔާރާއި އެކު ސިފައިން ތިބެން ޖެހޭނެއެވެ. އަދި މަޖްލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެވޭނީ މާލަމަށް ވަނުމުގެ ކުރިން އޭނާ ސޮއި ކުރަން ޖެހޭ އިގްރާެރެއްގައި ސޮއި ކޮށް ފިންގަރ ޕްރިންޓް ޖެހުމަށް ފަހުަގައެވެ. އެނޫން ނަމަ ނުވަދެވޭނެއެވެ. މަޖްލީހަކީ އެއީ ސަރުކާރުގެ އޮފީހެކެވެ. އެތަނުގައި އަޑު ގަދަ ކުރާ މީހަކު ވަގުތުން ގެންދަން ޖެހޭނީ ޕޮލިހަށެވެ. މިއުސޫލުން މިކަން ކަން ކުރަން ޖެހޭނީ. މަޖްލީހުގެ އިދާރާ އަކީ އެއީ ކެނެރީގެ ނަޝީދުގެ ތަނެއް ނޫން
ތުއްތޫ
03 October 2017
މި ފަހަރު ޖަލްސާތަކުގައި ސްޓޭޖުމަތީ ތަފާތު ކުޅިވަރު އޮންނާނެކަން އުފަލާއި އެކު ބެލުންތެރީންނަށް ދަންނަވަން
ޔުނައިޓެޑް އައްޑޫ
03 October 2017
ވަޓް ގޯސް އަޕް މަސްޓް ކަމް ޑައުން. ނަތިންގް އިޒް ލާސްޓް ފޯއެވަރ. ޓޭކް ކެއަރ މަޖިލިސް ރައިސް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
03 October 2017
ގޮނޑި އާއި މޭޒު މައްޗަށް އެރިދާނެ. އެކަމަކު ދެނެއް ޤާނޫނަށާއި ރައްޔިތުންގެ މައްޗަށް އަރަން ހީވެސްކޮށްގެން ނުވާނެ. އެއީ ދެން ކުރެވޭނެ ކަމެއްނޫން. . . ކުރިޔަށް އޮތް ދުވަސްތަކުގައި ހުރިހާ މިނިސްޓްރީ ތަކާއި "ނަމުން މިނިވަން" މުއައްސަސާ ތަކާއި ވެރިމީހާގެ މޭޒުވެސް ޖެހޭނީ އުސްކުރަން. . . . އެކަމަކު ރައްޔިތުންގެ ކުރިމަތީގައި ތިޔަ އުސްކަމުގެ މަތިވެރިކަމެއްނެތް އިރު ދުނިޔެ އޮތީ ރެޖީމް ތިރިކުރުމަށް ތައްޔާރަށް. ފިޔަވަޅަކަށް ފަހު ފިޔަވަޅަކާއި ކުރިމަތިލުމަށް ތައްޔާރުވޭ.
މޮޅު
03 October 2017
މިއީ އެއްގޮތަކުންބަލާއިރު ބޭރުނޫސްތަކުގަ ހެޑްލައިން އައްރާއްޖެއަރައި މަސްހޫރުކަމެއް ލިބިދާނެވެސް ކަމެއް. މޮލު (:
މުއާޒް
03 October 2017
ހޮޓް އެއާ ބެލޫނެއްގަ އުޑުގަ އެކޮޅުކޮޅުން އެލުވާފަ މަސީހު ބައިންދައިގެން ވިޔަސް ރަނގަޅު ވެރިކަމެއް ކޮށްދީބަލަ، ހެޔޮނުވާނެ