ޖަޕާނުގެ އުޅަނދުން އެއްކުރި މައުލޫމާތަށް ބިނާކޮށް ސައިންސްވެރިން ކުރަހާފައިވާ، ހޮހަޅައިގެ މަންޒަރެއް
21 އޮކްޓޯބަރ 2017 - 07:23
ހަނދުގައި ހުރި ބޮޑު ހޮހަޅައެއް ޖަޕާނުގެ ޖައްވީ އިދާރާގެ ސައިންސްވެރިންނަށް ފެނިއްޖެ އެވެ. މިއީ ހަނދުގެ ނުރައްކާތެރި ރޭޑިއޭޝަންތަކާއި ފިނިހޫނުމިނަށް އަންނަ ބޮޑެތި ބަދަލުތަކުން ރައްކާތެރިވެގެން އިންސާނުންނަށް ތިބެވިދާނެ ތަނެއް ކަމަށް ސައިންސްވެރިން ގަބޫލުކުރައްވަ އެވެ.
ހަނދުގެ އޯބިޓަށް ޖަޕާނުން ފޮނުވާފައިވާ ޖައްވީ އުޅަނދު ސެލީން އިން އެއްކުރި މައުލޫމާތުގެ އަލީގައި ސައިންސްވެރިން ކަށަވަރުކޮށްދޭ ގޮތުގައި 50 ކިލޯމީޓަރު ދިގު އަދި 100 މީޓަރު ފުޅާ ހޮހަޅައެއް ހަނދުގައި އެބަހުއްޓެވެ. ބެލެވޭ ގޮތުގައި އެ ތަން އުފެދިފައިވަނީ މީގެ 3.5 ބިލިއަން އަހަރު ކުރިން ހިނގާފައިވާ އަލިފާންފަރުބަދަ ގޮވުމުގެ ހާދިސާއެއްގައި ދިޔާ އަލިފާން އޮއިދެމުމުގެ ސަބަބުންނެވެ.
މި މުހިއްމު ހޯދުން އެމެރިކާގެ ސައިންސް މެގަޒިން ޖިއޯފިޒިކަލް ރިސާޗު ލެޓާސްގައި މި ހަފްތާގައި ވަނީ ޝާއިއުކޮށްފަ އެވެ.
ހޮހަޅަ ހުރި ސަރަހައްދުގެ ފޮޓޯއެއް
ޖަޕާން އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީގެ ރިސާޗަރެއް ކަމަށްވާ ޖުނިޗީ ހަރުޔާމާ އޭއެފްޕީ އަށް ވިދާޅުވިގޮތުގައި ދިޔާ އަލިފާން އޮއިދެމިފައިވާ ކަމަށް ބެލެވޭ ތަންތަން ހަނދުގައި ހުރިކަން ސައިންސްވެރިންނަށް ކުރިން ވެސް އެނގޭ ކަމަށާއި އެކަމަކު މިއީ އެކަން ކަށަވަރުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މެރިއަސް ހިލްސްގެ ނަން ދީފައިވާ ސަރަހައްދެއްގެ ބިމުއަޑީގައި އުފެދިފައިވާ ހޮހަޅައަކީ ހަނދަށް ދާ އެސްޓްރޮނޯޓުން ތިބެން ރައްކާތެރި ތަނަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް އަދި ހޮހަޅައިގެ އެތެރެއެއް ނުފެނޭ. އެތެރޭގެ ދިރާސާތައް ހެދުމުން އަދި އިތުރު ތަފްސީލްތައް ލިބޭނެކަމުގެ އުއްމީދު ބޮޑު،" ހަރުޔާމާ ފާހަގަކުރެއްވި އެވެ.
މިދިޔަ ޖޫން މަހު ޖަޕާނުން ވަނީ 2030 ހިސާބުގައި ހަނދަށް އެސްޓްރޮނޯޓެއް ފޮނުވާނެކަން އިއުލާންކޮށްފަ އެވެ.
އެމެރިކާ އިން ވެސް މި މަހު ވަނީ ހަނދަށް އެސްޓްރޮނޯޓުން ފޮނުވާނެ ކަމަށާއި އެއީ މާސްއަށާއި އެއަށް ވުރެ ވެސް ދުރަށް އެމެރިކާ މީހުން ފޮނުވުމުގެ ބިންގަލަކަށް ހަދާނެ ކަމަށް ބުނެފަ އެވެ.
ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާ އިރަށް މާސް އަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުގަނޑު ޢާރިފް
24 July 2019
ވަރުގަދަ ގައުމުތަކުގެ ވާދަވެރި ހަނދުގެ މަޝްރޫޢުތަކާ ހެދި، ވާދަވެރިކަން އިންތިހާއަށް ދާ ދުވަހަކުން ހަނދުވަރު ދީފާނެކަމާ މެދު އެބަ ޝައްކު އުފެދޭ. ހަނދަށް ދިޔަކަމަށް ގަބޫލުކުރެވޭނީ ހަނދުގެ އަލިވާފަޅިން ތަންގަނޑެއްގައި ނަމަވެސް ކަޅުދަވާދު ލުމުން. އެޔޯމެން ވަރަށް އޮޅުވާލަން އުޅޭނެ. ތިޔަ ހުހޮޅައަށް ދިވެހިން ގެންދަން ނޫޅޭތި.
އަތްފުނާ
21 October 2017
ސައިންސްވެރިން ބުނާ ގިނަކަންކަން އަހަރެން ގަބޫލުކުރަން ޖެހޭނެ.މިސާލަކަށް ހަނދަށް ދިއުން.މިއަދު ލޮލަށްފެނި އަތުން ނުހިފުނުނަމަ ، އަހަރެމެންގެ ތެރޭގައިވާ އެކަކުވެސް ގަބޫލެއް ނުކުރާނެ އަދި ބަޔަކު ބުންޏަސް ، ފޯނުން އެކަކު އަނެކަކާ ވާހަކަ ދެއްކޭނެ ކަމެއް.ވީޑީއޯ ކޯލް ކުރެވޭނެ ކަމެއް އަދި އެ ފޯނުން ސޯށަލައިޒް ވާނެކަމެއް.އެމީހުންގެ ހިސާބު ދިމާވީމާ މިވެނި އަހަރެއްގައި މިވެނި ވަގުތެއްގައި ކޭތާ ހިފާނެއޭ.އިންސާނުން މި ދުނިޔެނޫން އެހެން ދުނިޔޭއެއްގައި އެޅޭނެކަމަށް ހަދީޘް ފުޅުން ސާބިތު ނުވާތި.
falaku ain
21 October 2017
"އެމެރިކާ އިން ވެސް މި މަހު ވަނީ ހަނދަށް އެސްޓްރޮނޯޓުން ފޮނުވާނެ ކަމަށާއި އެއީ މާސްއަށާއި އެއަށް ވުރެ ވެސް ދުރަށް އެމެރިކާ މީހުން ފޮނުވުމުގެ ބިންގަލަކަށް ހަދާނެ ކަމަށް ބުނެފަ އެވެ." އެހެންވީމާ ކުރިން އާމްސްޓްރޯންގ ފޮނުވީ ބިންގާއަޅަން ހަނދުގައި ވަޅުގަނޑު ކޮންނަންބާ؟ ކުރިންވެސް ފޮނުވީ. ދެންވެސް ފޮނުވަން އުޅެނީ. އަދިވެސް ފޮނުވޭތޯ ބަލަނީ. ހަނދުފަހަނަޅާ އެތައްބިލިއަން އަލިއަހަރުގެ ދުރުމިނުގައި ދައުރުވަމުންދާ ޕްލެނެޓް ތަކާއި ބްލަކް ހޯތައް ދިރާސާ ކުރަމުންދަނީ. އެކަމަކު އަދި ކިރިޔާ ހަނދުގައި ވަޅުގަނޑެއް ހުރިކަން މި ރޭކާލީ. އެވެސް ޖަޕާނު މީހުން ބުނީ. ދެން އެމެރިކާ މިކުރަނީ ކޮންކަމެއް. ނިއުކްލިއަރ ބޮމެއް ބާއްވައިގެން އެހެން މީހުންނަށް ބްލީކުރުންދޯ ކަމަކީ.
ޝިފާގު
21 October 2017
މަވެސް ހަނދަށް ދާނަން.
ރޯނުއެދުރު
21 October 2017
މިހާރު އެގެންގުޅޭތަނުން ގުޅައެއް ކާލާ، ވަގުތުން ހަނދައްދެވިފަ ހުންނާނީ.
ޝަލީން
21 October 2017
ހަނދުގަ ހުރެގެނެއް ނޫންތަ ތިޔަ ކޮމެންޓް ކުރަނީކީ ޝިފާޤު؟
ފާނު
21 October 2017
އެތަށް މިލިއަން އަލިއަހަރު ދުރުގައި ހުރި ޕުލެނެޓްތައް ފެންނަކަމަށް ސައިންސްވެރިން ދަޢުވާކުރާއިރު ކީއްވެގެންވާ މިކަހަލަކަންތައްތައް މިހާ ފަހުން މިއެނގެނީ..!ސައިންސްވެރިން އަހަރެމެން "ގުނބޯ" ހައްދަނީބާ؟
މޮޔަ
21 October 2017
ތިޔަކޮމެންޓް ތިލިޔެވުނީ ކިހިނެއްބާ؟ ދުނިޔޭގެ އަނެއްފަރާތުގަ ހުރެގެން މީގެ ދެ ގަޑިރުކުރިން މީހަކު ފާޅުކުރި ހިޔާލެއް ދުނިޔޭގެ އަނެއްފަރާތުގަ ހުރިމީހަކުކިޔާނީ ކިހިނެއްބާ؟ ކޮންޕިއުޓަރޭ، އިންޓަނެޓޭ، ކަރަންޓޭ ކިޔާގެން ސައިންސްވެރިން އަހަރެމެން "ގުނބޯ" ހައްދަނީބާ؟
ހަނދުކޭތަ
21 October 2017
ތިވާހަކަ އެއޮތީ ކަހުފި ސޫރަތުގައި އަންގަވާފައި
އަލީ ނަސީރު
21 October 2017
އެހެންތަ؟ ކަލެއައް އެނގޭ؟ އަޅެ ބުނެދީބަލަ، ކެރެންޏާ!
ބަނޑުކޭތަ
21 October 2017
ތިވާހަކަ އޮތީ ބޮޑުގޮހޮޑާ ވާހަކައިގަ.
ރޮކެޓް ސައިންސް
21 October 2017
މީގެ އެތަކެއް އަހަރެއް ކުރިން ހަނދަށް މީހަކު ފޮނުވިވާހަކަ ބުނީމަ ކިހިނެެއް ގަބޫލުކުރާނީ. މަތިންދާ ބޯޓުން ޖައްސާ ވޯލްޓްރޭޑް ސެންޓަރު ގޮއްވާލި ވާހަކައާއި ނީލްއާމްސްޓޯންގް ހަނދަށް ދިޔަވާހަކަ ގަބޫލުކުރާ މީހުން މަދެއްނޫނެވެ
ނޭނގި
21 October 2017
ނޭގެންޏާ އަމިއްލަޔަށް ހޯދާނީ! ސިކުނޑިދެއްވާފައި ހުންނަނީ ކަމަކު. މިހެންބުނީ ސޯޝަލް މީޑިޔާގެ އެނބުރޭ ސޫޑޯސައިންސް ކިޔާފަ ގަބޫލު ކުރާނީކީ ނޫން. ކީއްކުރާނީ، ކަންނެއްކަމުން އަމިއްލަޔަށް ހޯދުމަށްވުރެ މީހުން ކިޔާހާއެއްޗެއް ގަބޫލްކުރަން ފަސޭހަވިއްޔަ. ދުނިޔެއަކީ ވަށްތަނެއްކަން ގަބޫލްކުރާ ތިކަހަލަ މީހުންސް މަދެއްނޫނެވެ