މިއަންމާ ސިފައިންނާ ދެކޮޅަށް އެމެރިކާ އިން ވަނީ ވަކިވަކި ފިޔަވަޅުތައް އަޅަން ނިންމާފައި.
24 އޮކްޓޯބަރ 2017 - 10:46
ވޮޝިންޓަން (އޮކްޓޯބަރު 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދިނުމުގައި ހަރަކާތްތެރިވާ މިއަންމާ ސިފައިންގެ ޔުނިޓްތަކާއި އޮފިސަރުންނަށް ފޯރުކޮށްދޭ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާ އިން ނިންމައިފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއާޓް ވިދާޅުވީ ރަކީންގައި ރޮހިންޖާ މުސްލިމުންނަށް ދާދި ފަހުން ދިން އަނިޔާތަކާ މެދު އެމެރިކާ އިން ކަންބޮޑުވާ ކަމަށެވެ.
"އަނިޔާވެރި ޖަރީމާތައް ހިންގުމުގައި ބައިވެރިވި ކޮންމެ މީހަކު ވެސް ޒިންމާކުރުމަކީ މުހިންމު ކަމެއް،" ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މިދިޔަ ހަފުތާގައި ވަނީ ރޮހިންޖާ މއްސަލާގައި މިއަންމާގެ އަސްކަރީ ވެރިން ޒިންމާކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ރޮހިންޖާ މީހުންނަށް ދޭ އަނިޔާތައް ބަލަން ދުނިޔެ ނޯންނާނެ. މިއަންމާ ސިފައިން ވެސް މައިތިރިވެ ވަކި އުސޫލެއްގެ ތެރޭގައި ހަރަކާތްތެރިވާން ޖެހޭ،" ޓިލަސަން އިންޒާރު ދެއްވާފައިވެ އެވެ.
މިއަންމާ ސިފައިންނާ އެމެރިކާ އިން މުއާމަލާތް ކުރުން މިހާރު ވެސް އޮންނަނީ ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އަދި މިއަންމާ ސިފައިންނަށް ހަތިޔާރު ވިއްކުން އޮންނަނީ މަނާކޮށްފަ އެވ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މިއަންމާގެ އަސްކަރީ ވެރިން ދަތުރު ކުރުމަށް އެމެރިކާ އިން ދީފައި އޮންނަ ލުއިގޮތްތައް ހުއްޓާލާނެ ކަމަށެވެ. އަދި ޖަރީމާތައް ހިންގުމުގައި ބައިވެރިވި ވަކިވަކި ފަރުދުންނަށް ފިޔަވަޅު އަޅަން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން އެމެރިކާ އިން ސްޕޮންސާކޮށްފައިވާ އިވެންޓްތަކަށް މިއަންމާގެ ސަލާމަތީ އިސް ފަރާތްތަކަށް ދައުވަތު ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ.
މިއަންމާ ސިފައިން އަނިޔާވެރި އަމަލުތައް ހިންގި ރަކީން އަށް އދ.ގެ ފެކްޓް-ފައިންޑިން މިޝަނެއް ދިއުމުގެ ހުއްދަ ދިނުމަށް އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ.
ރަކީންގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
24 October 2017
ތިބޭފުޅާ ކޮމެންޓް ކުރެއްވިއިރު ދުނިޔޭގެ އެއްވެސް އާރުކާޓީއެއް ނުދަނެހުރެ ކޮމެންޓް ކުރެއްވި ކަން ވަރަށް ސާފު. އެހެނީ ސަޢުދީން މީގެ ކުރިންވެސް ވަނީ ރަކީސްގައި ހާލުގައި ޖެހުނު މުސްލިމުންނަށް އެތައް މިލިއަންޑޮލަރެއްގެ އެހީ ދީފައި. މިހާރުވެސް އެދަނީ 20 މިލިއަންޑޮލަރު ފޯރުކޮށްދޭން ތައްޔާރުވަމުން. ދެން ދިވެހިރާއްޖެއިންވެސް ސަރުކާރުން އިސްނަގައިގެން މިޔަންމާގެ ހާލުގައި ޖެހުނު މުސްލިމުންނަށް ފަނޑުރައިސް ކުރިއިރު ވެދާނެ ތިބޭފުޅު އެހީ ނުދެނޭ ކަމަށް ނޫނީ އެކަން ނޭނގުނީ ނިދާފައި އޮތީމާ ކަމަށް. ދަންދޮރު ނުފިލާ ކޮމެންޓް ކުރުމީ ލަދުވެތި ކަމެއް.
ހޮތޮ
30 October 2017
ކާކަށް ތިބަވާލަނީ..
ވިސްނާލީމާ
24 October 2017
ތިޔަކަހަލަ ސްޓަންޓް ޖައްސާނެކަމެއްނެތް! ތީ މަމެންނަށް އާ ސްޓަންޓެއްނޫން! މީހުންތައްމަރާ ހުސްކުރީމަ، ދެންތިބިމީހުން އެމީހަކަށް ދެވުނުތާކަށް ގޮސް ހުސްވީމަ، އިސްލާމުން ތިބި ސަރަހައްދު މުޅިން ހުސްވެ އެތަން އަނަރޫވެފަ ވީރާނާވީމަ، ދެން ކީތްކުރަންއަޅާ ފިޔަވަޅެއްތޯ؟ ދެންވެސް އެމީހުނަށް ކަމެއް ކޮށްދެންޏާ، އެމީހުންގެ ވަޒަނަށް އެމީހުން ގެންގޮސްދީބަލަ! އެތާތިބިމީހުން ރުއްސައިގެން ނަމަވެސް! އަދި އެތާތިބި ވެރީންގެ ބާރު ނައްތާލަދީބަލަ! ހައެއްކަ ބޮންއަޅައިން ނަމަވެސް! އަސްލު ތިއުޅެނީ ދުނިޔޭގެ ކުރިމަތީ މެޑެލްޖަހަން! -އިބްރާހީމް
ދިވެހިން
24 October 2017
ތިޔަ ކަމައްވެސް ފިޔަވަޅެއް ނޭޅޭނީ ރަން އިލޮށިން ކަދުރު ހިއްޕަވައިގެން ތިބި ސައޫދަށާ އެމީހުންގެ ފައިދަށުން ދުވާ ދިވެހި ދައުލަތަށް