28 އޮކްޓޯބަރ 2017 - 08:08
ހާޓް އެޓޭކެއް ޖެހުމަށް ފަހު އެ އަހަރު ތެރޭ މަރުވުމުގެ ނުރައްކާ ފިރިހެނުންނަށް ވުރެ އަންހެނުންނަށް ބޮޑު ކަމަށް ޔޫރަޕްގެ އާ ދިރާސާއަކުން ދައްކައިފި އެވެ.
ޖަރުމަނުގެ ޓެކްނިކަލް ޔުނިވާސިޓީ އޮފް މިއުނިކް (ޓީޔޫއެމް)ގެ މި ހޯދުމުގައި ވަނީ ޖުމްލަ 4،100 ބަލިމީހުން ބައިވެރިކޮށްގެން ހެދި ދެ ދިރާސާއަކުން އެއްކޮށްފައިވާ މައުލޫމާތު އެނަލައިޒްކޮށްފަ އެވެ. އެއް ހާލަތެއްގައި ތިބި ދެ ޖިންސުގެ މީހުން އަޅާކީ އިރު ދިރާސާވެރިންނަށް އެނގުނު ގޮތުގައި ހާޓް އެޓޭކް ޖެހޭތާ އެއް އަހަރު ތެރޭ އަންހެނުން މަރުވުމުގެ ނުރައްކާ ފިރިހެނުންނަށް ވުރެ 1.5 ގުނަ ބޮޑެވެ.
އެހެންކަމުން އެ ޓީމުން ޑޮކްޓަރުންގެ ކިބައިން އެދެނީ ހާޓް އެޓޭކް ޖެހޭ އަންހެނުންނަށް އެކަން ދިމާވާތާ، ވަކިން ޚާއްސަކޮށް ފުރަތަމަ 365 ދުވަސް ތެރޭ ވަރަށް ބޮޑު ސަމާލުކަމަކާ އެކު ފަރުވާދިނުމަށެވެ. އެފަދަ އަންހެނުންގެ އިޖުތިމާއީ ހާލަތު ވެސް ޑޮކްޓަރުން އޮޅުންފިލުވުމަށާއި ޑިޕްރެޝަން ފަދަ ކަމެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ވަކިން ބޮޑަށް ފަރުވާތެރިވުމަށް ވެސް ދިރާސާވެރިން އެދެ އެވެ.
ހާޓް އެޓޭކް ޖެހުމުގައި ދެ ޖިންސުގެ ދެމެދުގައި އެހެނިހެން ތަފާތުތައް ވެސް ހުރިކަން ކުރީގެ ދިރާސާތަކުން އެނގިފައިވެ އެވެ. އެކަމަކު އަދިވެސް މި ބަލި ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ތިންބައިކުޅަ ދެބަޔަކީ ފިރިހެނުންނެވެ.
އެކަމަކު އަންހެނުންނަށް ޖެހެނީ "ތަފާތު" ހާޓް އެޓޭކެކެވެ. އަދި އެހެންވުމުގެ ސަބަބުން ހާޓް އެޓޭކް ޖެހޭ އަންހެނުން މަރުވުމާއި އެހެނިހެން މައްސަލަތައް ދިމާވުން، ފިރިހެނުންނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy