ދުނިޔޭގެ ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

ސިޓީގެ ސާނޭ (ކ) އާއި ޖީސޫސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

18 ނޮވެމްބަރ 2017 - 23:34

1 comments

ލަންޑަން (ނޮވެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަމަކޮށްފި އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.

މިރޭގެ މެޗުން މޮޅުވެ، ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 12 މެޗުން 34 ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ މިރޭ ރަށުން ބޭރުގައި 4-0 އިން ވެސްޓް ބްރޮމް އަތުން މޮޅުވި ޗެލްސީ އެވެ. އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަމިއްލަ ދަނޑުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްގެން ލީގުގެ ދެ ވަނަ އަށް އަލުން އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.

ހަތަރު ވަނަައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އެވެ. އެ ޓީމު ވަނީ މިރޭ ކުޅުނު މެޗުން 2-0 އިން އާސެނަލް އަތުން ބަލިވެފަ އެވެ. ލިވަޕޫލް ލީގުގެ ފަސް ވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 3-0 އިން ހޯދި މޮޅާ އެކު 12 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް އާސެނަލަށް ވެސް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ގަބްރިއެލް ޖީސޫސް އާއި ކެވިން ޑިބްރޭނާގެ ލަނޑުތަކާ އެކު ސިޓީ މޮޅުވިއިރު، އެ ޓީމު ވަނީ ލީގުގައި މިހާތަަނަށް ރަށުންބޭރުގައި ކުޅުނު ހަ މެޗުން މޮޅުވެފަ އެވެ. ސިޓީ އަކީ ސީޒަނުގައި ފުރަތަމަ ރަށުންބޭރުގައި ކުޅުނު ހަ މެޗުން މޮޅުވި ދެ ވަނަ ޓީމެވެ. މީގެ ކުރިން ރަށުންބޭރުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވީ 2008/2009 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އެވެ.

ވެސްޓް ބްރޮމްގެ ހެގާޒީ (ވ) ކައިރިން ޗެލްސީގެ ހަޒާޑް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ޝޮކްޑްރަން މުސްތާފީ އާއި އަލެކްސިސް ސަންޗޭޒް ޖެހި ގޯލުތަކާ އެކު އާސެނަލުން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދިއިރު، މިއީ ޓޮޓެންހަމް އަތުން 2014 ވަނަ އަހަަރަށް ފަހު އާސެނަލަށް ލީގުގައި ހޯދުނު ފުރަތަމަ މޮޅެވެ.

މި މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ ބޭނުންވި ނަތީޖާ ނޫން ކަމަށާއި ރެފްރީގެ ނިންމުންތައް ގޯސްނަމަ ވެސް ބަލިވުމުން އެކަން ގަބޫލުކޮށް ކުރިއަށްދިއުން ނޫން ގޮތެއް ނެތް ކަމަށެވެ.

ސައުތެމްޓަން އަތުން ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވިިިއިރު އެ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ. މި ލަނޑުތަކާ އެކު ސަލާހު ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލްގެ އަނެއް ލަނޑު ޖެހީ ފިލިއްޕޭ ކުޓީނިއޯ އެވެ.

ސަައުތެމްޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރަށުންބޭރުގައި ވެސްޓް ބްރޮމް ކޮޅަށް ޗެލްސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައިހުރި ބެލްޖިއަމްގެ ޕްލޭމޭކަރު އެޑެން ހަޒާޑް އެވެ. އަނެއް ދެ ލަނޑު ޖެހީ މާކޯސް އަލޮންސޯ އާއި އަލްވާރޯ މޮރާޓާ އެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ބޯންމައުތު ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ. ސްވަންސީ ސިޓީ އަތުން ބާންލީ 2-0 އިން މޮޅުވިއިރު، ކްރިސްޓަލް ޕެލަސްއާ އެވަޓަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

19 November 2017

މަރުހަބާ އާސެނަލް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454