ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް
22 ނޮވެމްބަރ 2017 - 08:57
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މިއަދު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވާނެ ކަމާ މެދު ބައެއް ބޭފުޅުން ޝައްކު ކުރައްވަ އެވެ. ބަޖެޓާ ދެކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި ތިބި ވެރިކަންކުރާ ކޯލިޝަންގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނޫން ގޮތަކަށް ފާސްކުރާ ބަޖެޓެއްގެ ގާނޫނީ ސައްހަކަމެއް މިހާރު ނޯންނާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާ ހަވާލާ ދެއްވައި ވިދާޅުވީ، ބަޖެޓް ފާސްކުރާ ޖަލްސާގައި މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ ކަމަށެވެ. އެ އަދަދަށް މެމްބަރުން ހާޒިރުނުވާ ޖަލްސާއެއްގައި ފާސްކުރާ ބަޖެޓެއް ސައްހަނުވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ދެކޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.
ނަމަވެސް ސުވާލަކީ، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްޗެއް ހެއްޔެވެ؟ ނުވަތަ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވޭ ހެއްޔެވެ؟ ނުވަތަ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަމަކީ ކޮބައި ހެއްޔެވެ؟
ގާނޫނުއަސާސީގެ މި މާއްދާއާ ހަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ މާއްދާގައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަން ތަފްސީލު ކޮށްދީފަ އެވެ. އެއީ؛ (ހ) ރައްޔިތުން ވަކި ގޮތަކަށް ތަބާވުން ލާޒިމްކުރާ ގާނޫނެއް ފާސްކުރުމަށް، (ށ) ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ގާނޫނެއް ފާސްކުރުމަށް، (ނ) ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް، (ރ) ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް، (ބ) ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް، އަދި (ޅ) ރައްޔިތަކު އުފުލަންޖެހޭ ޝަޚްޞީ ޒިންމާއެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް ނަގާ ވޯޓުތަކެވެ.
ބަޖެޓްގައި ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައިވާ އިރު، އޭގައި ޓެކްސް ނެގުމަށް ހިމަނާފައި އޮތަސް، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމާ މެދު، އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުންގެ މެދުގައި ވެސް ސުވާލު އުފެދެ އެވެ.
"ހަގީގަތުގައި ރައްޔިތުން އަމަލުކުރަން ލާޒިމްވާނީ މި ދެންނެވިހެން ޓެކްސް އިމްޕްލިކޭޝަންތައް ބަޖެޓްގައި ހުރިއްޔާ. މި ދެންނެވީ ކިރިޔާ ވެސް ޖީއެސްޓީ ބޮޑުކުރުން ކަހަލަ ކަންތައް ބަޖެޓްގެ ތެރެއިން ނިންމާ ކަމަށް ވަންޏާ، ފަހަރެއްގައި އެ ވިދާޅުވާ މައްސަލަ ނުކުމެދާނެ. ހަގީގަތުގައި ބަޖެޓްގައި ޓެކްސްގެ ވާހަކަތައް ޖެހިޔަސް، ޖީއެސްޓީ ބޮޑުކޮށް ބީޕީޓީ އަށް ބަދަލުތައް ގެންނަން ވާނީ އެކަމާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެނެސްގެން،" އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މަޖިލިސް މެމްބަރަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓްގެ މައުލޫމާތު ދެއްވަނީ.
އޭނާ ވިދާޅުވި ގޮތުގައި ޓެކްނިކަލް ގޮތުން ބަލާއިރު، ޓެކްސްގެ ވާހަކަތަކެއް ބަޖެޓްގައި ހުއްޓަސް، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމެއް އެހާ ސާފެއް ނޫނެވެ.
"އެކަމު ޓެކްނިކަލީ ބަޖެޓްގައި އެ މައްސަލަ އެހާ ސާފު ނޫން ގޮތަކަށް އޮންނާތީ، އެހާ ގިނަ މެމްބަރުން ނެތަސް ފާސްކުރެވޭ ކަހަލަ އެއްޗެއް ބަޖެޓަކީ. ބަޖެޓަކީ އެހެން ގާނޫނުތައް ފާސްކުރާ ގޮތަށް ތިން ކިޔުން އިއްވައިގެން ފާސްކުރާ އެއްޗަކަށް ވިޔަސް، ސަތޭކަ ޕަސެންޓް، އާންމުން އަމަލުކުރަން ޖެހޭ ގާނޫނެކޭ، މެޖޯރިޓީ ތިބެން ޖެހޭނެޔޭ ޔަގީންކަމާ އެކީގައި ބުނަން އުނދަގޫ އެއްޗެއް ބަޖެޓަކީ،" ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
"މިދަންނަވާހެން އެއް ގޮތަކުން ބަލާއިރު ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްކުރާ އެއްޗެއް ނޫން ބަޖެޓަކީ. އެކަމު ރައްޔިތުންނަށް އެހާ އިމްޕްލިކޭޝަންސް ހުންނަ އެއްޗެއް ބަޖެޓަކީ. އާޚިރުގައި ޓެކްސްއާ ހުރިހާ އެއްޗެއް ދައްކާނީ ރައްޔިތުން. އެކަހަލަ އެތައް ބައިވަރު އިމްޕްލިކޭޝަނެއް އެބަހުރި ބަޖެޓްގައި."
ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ސާފު މެޖޯރިޓީ ބޭނުންވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އެ ވާހަކަތަކަކީ ބަޖެޓަށް ވޯޓު ނުދެއްވަންވެގެން ދައްކަވާ ސިޔާސީ ވާހަކަތަކެކެވެ. އަދި އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު (ކ) ބަޖެޓް ކޮމިޓީގައި.
އެ ގޮތުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި ޚަލީލު ވިދާޅުވި ގޮތުގައި ބަޖެޓަކީ މަޖިލީހުން ފާސްކުރާ އެއްޗަކަށް ވިޔަސް އޭގެ ޒާތުގައި ގާނޫނެއް ނޫނެވެ. އަދި އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްޗެއް ވެސް ނޫނެވެ.
ޚަލީލު ފާހަގަކުރެއްވި ގޮތުގައި ބަޖެޓަކީ ރައްޔިތުން ވަކި ގޮތަކަށް ތަބާވުން ލާޒިމްކުރާ ގާނޫނެއް ނޫނެވެ. އަދި އެއީ ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ގާނޫނެއް ވެސް ނޫން ކަމަށާއި ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ވެސް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނަކަށް ނުވާއިރު، ބަޖެޓަކީ، ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ވެސް ނޫނެވެ. ހަމަ އެފަދައިން ރައްޔިތަކު އުފުލަން ޖެހޭ ޝަޚްޞީ ޒިންމާއެއް ވެސް ބަޖެޓްގައި ނުހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ އެއްޗަކީ ޓެކްސްގެ ނިޒާމުގައި ހިމެނޭ ގާނޫނުތައް. މި ބަޖެޓަކު ނޯންނާނެ ޓެކްސް ނަގާ ވާހަކައެއް. ޓެކްސްގެ ވާހަކައެއް އޮތަސް ޓެކުހަށް ބަދަލެއް ގެނެވޭނީ ޓެކްސް ގާނޫނުތަކަށް ބަދަލު ގެނެސްގެން. ބަޖެޓަކީ މިއީ ސަރުކާރުގެ ޕްލޭނެއް. ޕްލޭނެއް މި ފާސްކުރަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި،" ޚަލީލު ވިދާޅުވި އެވެ.
މި ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަކީ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ އެއްޗެއް ކަމަށް ބުނެވޭނެ ގާނޫނީ މަބްދައެއް ނެތެވެ. އެފަދަ ހުއްޖަތެއް ނެތް އިރު، ބަޖެޓަށް ގަސްދުގައި ވޯޓު ނުދިނުމުން ނުވަތަ ބަޖެޓް ފާސްކުރަން ފާޅުގައި ދެކޮޅު ހެދުމުން، އެއިން ކުރަހައިދެނީ މުޅިން އެހެން މަންޒަރެއް ކަމަށް ވެރިކަން ކުރާ ޕާޓީން ދެކެ އެވެ.
"ބަޖެޓަށް ވޯޓު ނުދޭނަމޭ ބުނުމަކީ ކުށްވެރިވާނެ ކަމެއް ނޫން. ރައްޔިތުން އެބަ ބޭނުންވޭ ތަރައްގީ ކުރަން. އެކަމު މޯރަލް ގްރައުންޑަކުން ވިސްނާ އިރު، ބަޖެޓަށް ވޯޓު ނުދިނީމާ އޭގެ މާނައަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް މި ބުނެވެނީ ނޫނެކޭ. ތިމަންނަމެން ތަމްސީލު ކުރާ ރައްޔިތުންނަށް ތި ކަންކަމެއް ކޮށްދޭކަށް ބޭނުމެއް ނޫނޭ. އެއީ އެ ބުނާ ވާހަކައަކީ،" ޚަލީލު ވިދާޅުވި އެވެ.
ބަޖެޓަކީ އޭގެ ޒާތުގައި މަޖިލީހުން ފާސްކުރާ އެއްޗަކަށް ވިޔަސް، މަޖިލީހުން ފާސްކުރާ ކޮންމެ އެއްޗަކީ ގާނޫނެއް ނޫނެވެ. އެއީ ގާނޫނެއް ނަމަ، ބަޖެޓަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. ބަޖެޓަށް ގާނޫނީ ހައިސިއްޔަތު ލިބުމަށްޓަކައި ތަސްދީގު ކުރުމުގެ މަރުހަލާއެއް ބޭނުމެއް ނުވެ އެވެ.
ހަމަ އެފަދައިން ބަޖެޓަކީ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމްވާ އެއްޗެއް ވެސް ނޫނެވެ. ސަބަބަކީ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނެދީފައިވާ އިރު، އެއިން އެއްވެސް ކަމެއް ބަޖެޓްގައި ނުހިމެނޭތީ އެވެ. ޓެކްސް އިތުރުކޮށްގެން އާމްދަނީ އިތުރު ކުރުމަށް ބަޖެޓްގައި ޖަހާފައި އޮތް ކަމުގައި ވިޔަސް، އެ ޓެކުހަކާ ގުޅޭ ގާނޫނުން އެ ގޮތަށް ފާސްކޮށްގެން ނޫނީ ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް ނުނެގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަފްޞާ / މާލެ
22 November 2017
އިދިކޮޅުފަރާތްތަކުން ފެންނަނީ މާޔޫސްކަމާ ގޮތްހުސްވުމެވެ. ސަރުކާރުގެ ތަރައްޤިގެ މަޝްރޫޢުތަކަށް ނުރުހި ކޯފާވެ ކުޅުހިކިފަވާ މަންޒަރެވެ. މި ބަޖެޓް ފާސްކުރުމަށް މަޖްލިސްގެ ދެބައިކުލައެއްބައި ޙާޟިރުވުމަކީ ލާޒިމުކަމެއް ނޫނެވެ. ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅު މީހުން މަސައްކަތްކުރިވަރަކަށް އިތުރުށް އެވެރިން ވާނީ ބޭޒާރެވެ.
ހާނިމް
22 November 2017
ސިއްރިޔާތުގ ލަފާދޭ މެމްބަރު ބުނެދީބަލަ ބަޖެޓަށް ރައްޔިތުން އަމަލުކުރާނެ ގޮތެއް. ހުރިހާ ޚަރަދެއް ކުރަނީ ސަރުކާރުން. ދޭނެމީހަކަށް ދެނީ ޕްރޮޖެކްޓް. އެކަން ކުރުމުގަ ސަރުކާރަކަށް ހުރަހެއްނެތް ބަޖެޓް ފާސްވެއްޖެނަމަ. އެހެނަސް ބަޖެޓް ފާސްނުކުރާނަމަ އެޚަރަދުތަކެއް ނުކުރެވޭނެ. ގާނޫނީ ހަމައިގެ ތެރެއިންނެއް.
ސާރާ
22 November 2017
މަޖިލީހުގެ ރިޔާސަތުގައި މަސީހް ހުރެގެން ފާސްކުރާ ބަޖެޓެއް ސައްހައެއް ނުވާނެ.
ސަބްބީސް
22 November 2017
ބަޖެޓްގައި ރަށްރަށަށް ކުރާނެ ހަރަދުތަކޭ ކިޔާގެން ބޮޑެތި އަދަދު ޖަހާގެން އޭގެއިން އެރަށްރަށަށް ހަރަދު ނުކުރާ ކަމައްވާނަމަ ކޮބާތޯ ރައިޔިތުން ބަޖެޓް ފާސްކުރުމުގެ ބޭނުމަކީ-؟ ރައިޔިޔުން ވިސްނާ ފިކުރު ކުރަން ޖެހޭ ކަމެއްމިއީ
ހަސީނާ
22 November 2017
އިދިކޮޅުން މިހާރުވެސް އޮތީ ތިންވޯޓްލިފައި! 1 އިބުރާހިމް ދީދީ، 2 މަވޯޓާ، 3 ނާޝިދު އޭޑީކޭ، މީގެރެންޓީ ތިންވޯޓް
އަޑަފި
22 November 2017
އިދިކޮޅު މީހުންގެ ވިސްނުމާ ދެކޮޅަށް، އެއްޗެއް ބުނާއިރު އިދިކޮޅު މެމްބަރުންނަށް އެމީހާގެ ނަން ހާމަކޮށްލަން ނުކެރެނީ ކީއްވެގެންބާ!؟ ބިރުދައްކާފަތޯ އެ މެމްބަރުންނަށްވަސް ތިބެނީ!؟
ނަސީދު
22 November 2017
ކޮންމެގޮތަކުންވެސް ތިޔަބަޖެޓް ފާސްކޮށްގެންނޫނީ އިދިކޮޅިމެމްބަރުންނަށް މުސާރަދޭނެގޮތެއް މަށަކަށް ނުވިސްނުނު.. ފާސްނުކުރާ ބަޖެޓަކުން ޚަރަދު ނުކުރެވޭނެތީއެވެ.
އައްޑޫ ބެއްޔާ
22 November 2017
އަޅުގަނޑަކީ ދުވަހަކު މިސަރުކާރަަށް ތާއިދު ކުރި އަދި ކުރާނެ މީހެއްނޫނެވެ. އެކަމަކު ރިޔާޒުމެން އަރާތިބެ ކޮސްގޮވީމާ އަނހާ ބަލަގަ ތިޔަ ގޮވަނީ ކޮހޭ ބުނެވޭނެތާއެވެ. ބަޖެޓަކީ ރައްޔިތުން އެއަށް ޢަމަލު ކުރަންޖެހޭ އެއްޗެއް ނޫނެވެ. އެހެނީ ރައްޔިތުން ޢަމަލު ކުރަންޖެހޭ ނަމަ އެއަށް 3 ލެވެލް އަކުން ޓެސްޓް ކުރެވެއެވެ. މަޖިލިސް އިން ފާސްވުން، 3/2 ވޯޓު ލިބުން އަދި ތަސްދީޤުކޮށް ގެޒެޓް ކުރާނެއެވެ. ބަޖެޓް ގެޒެޓް ކުރިއަޑު ހުވަފެނަކުންވެސް އެހިންތޯއެވެ. ރިޔާޒެވެ. މިޤައުމުގެ 99% ރައްޔިތުން ރިޔާޒަށް އިތުބާރު ނުކުރެއެވެ. ނުވެސް ކުރާނެއެވެ.
ހުން
22 November 2017
ސައްހަނޫން މަޖިލީހަކުން ފާސްކުރާ ބަޖަޓެއް ސައްޙަނުވާނެކަން ކަށަވަރު! މަޖިލީސް ސައްހަނޫނޭ މިދެންނެވީ މަޖިލީސް ރައީސް އެމަޤާމުގައި އިންނަވަނިކޮށް އެމަޖިލީސް ސައްހައެއްނިވާނެ...
ފަޅުވެރިން
22 November 2017
ތިޔަ ބޭފުޅާ ތިޔައީ ޞައްޙަ އިންސާނެއްކަން ދެނެގަންނާނީ ކިހިނެތް؟ އެކަން ދެނެގަންނާނެ ގޮތެއް ވިދާޅުވެ ބައްލަވަ! ޞައްޙަ ނޫން އިންސާނަކު ކުރާ ކޮމެންޓް ބަލައިގަނެވޭނީ ކިހިނަކުން؟ ޞައްޙަ ނޫން އިންސާނަކު ދިވެހި ރައްޔިތެއްކަމަށް ބަލައިގަނެވޭނީ ކިހިނަކުން؟ މަޖްލިސް ރައީސް މަޤާމުން ވަކިކުރީ ކޮން އިރަކުތޯ؟ އެފަދަ ވޯޓެއް ނެގީ ކޮން އިރަކުތޯ؟ އެފަދަ ވޯޓެއްގައި ބައިވެރިވާނެ އުރައްޕެއް އިދިކޯޅޭމެންގެ ކިބައިގައި ނުވޭ! އެހެންވީމާ ބޯގޮވައިގެން ދަމާ ހާސަރުތަކެއް ތިޔައީ!! ފާޑެއްގެ ލިޔުމެއްގައި ބަޔަކު ސޮއިކޮށްލާއިރަށް ދިވެހި ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރުގެ ވެރިޔާ މަޤާމުން ވަކިވާނެކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެއް! ތިޔައިން އެނގޭ އެއްޗަކީ ތިޔަފަދައިން ޤަބޫލުކުރާ މީހުންނަކީ ތިންބާރު ވަކިވެފައިވާ ޒަމާނީ ޑިމޮކްރެސީ އަކީ ކޮން އެއްޗެއްކަން ނުދަންނަ، ނުވަތަ އެފަދަ ނިޒާމް ޤަބޫލު ނުކުރާ މީހުންކަން! ޑިމޮކްރެސީ ދަސްކުރަން ކިލާހަކަށް ދާންއުޅޭ ފުރަތަމަ!! އެޕެޓިޝަނަކީ އުފެދުނު ހިނދުން ފެށިގެން ބާޠިލު އެއްޗެއް!!
ހުސޭނުބެ
22 November 2017
ދޮންކަލޯ ކަލެއަށް ކޯޗެއް އެގިގެން މަޖްލިސް ސައްޙަ ނޫންކަމަށް ތިބުނަނީ!!! އެކަން އަޅެ ކިޔާދީބަލަ ގާނުނީ ގޮތުން!!! އެއިރުން ކަލެއަށް ސާފުކޮށްދޭނަން ގާނޫނު!!! މަޖްލީހުގެ ރައީސަކީ މަޖްލީހުގައި ހުންނަންޖެހޭ މީހެއްކަން ވަރައްސާފު!! ދެންއޮތީ މަޖްލީހުގެ ރައީސް ވަކިކުރެވޭ ގޮތް!!! މަޖްލީހުގެ ރައިސް ވަކި ނުކުރެވޭނެ މެމްބަރުންތަކެއް ރައިސްގެ އިތުބާރުނެތޭ ކިޔާފަ ސޮއިކޮށްފަ މަޖްލީހުގެ ރިޔާސަތައް ލިއުމެއް އަދި ފޮނޮވާލުމަކުން!!! އެކަންވެސް ކުރެވޭގޮތްތަކެއް ނޫނީ ވަކިހަމަތަކެއް ގާނޫނުތަކުގައި އެބައޮތް ކަޅާ ހުދުން ލިޔެފަ!!! ކަލޭ ތިކޮމެންޓްކުރަނީ ބަޔަކު ކަލޭމެންކަހަލަ މީހުން ގުނބޯ ހެއްދީމާ އެމީހުން އެކިޔާ އެއްޗެއް ކިޔަންވެގެންދޯ!!! ތިހެން އުޅެނީ ޕެރޮޓް ޢާންމުކޮށް!!! އަމިއްލަ ސިކުނޑިން ވިސްނާފަ ވާހަކަ ދައްކަންވީނު!!!
ދަރުހޮވާ
22 November 2017
އިދިކޮޅު ވޯޓާއި ނުލައި ބަޖެޓް ފާސް ކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. މަޖްލީހުގެ ރައީސް އާއި ނައިބް ރައީސް އެކަނި ތިބޭ ޖަލްސާ އެއްގައި ވެސް ދައުލަތުގެ ބަޖެޓް ފާސް ކުރެވިދާނެ އެވެ. އެ ފެންވަރުގެ ކަމެއް ދައުލަތުގެ ބަޖެޓް ފާސް ކުރުމަކީ މަޖްލީހުން. މަޖްލީހުގެ މެމްބަރުން ކުރާ މަސައްކަތަކުން ނޫން ދައުލަތަށް އާމްދަނީ ހޯދަނީ. އިދިކޮޅު މީހުން ޖެހޭނީ މަހަށް ދާން އެމްޑީޕީ ޖެހޭނީ ވަލަށް ދަރުހޮވަން ދާން ދޯ. ދަގަ ތަމެން ދަރުހޮވަން ވަލަށް އިނގޭ.
ސަނާ
22 November 2017
ދެން ކީއްކުރާ މަޖިލިހެއްތަ؟