އައިއެމްއެފް އިން މިއަހަރު އައި ވަފުދުގެ ބޭފުޅުން ނޫސްވެރިންނާ ވާހަކަދައްކަވަނީ. އިގްތިސާދާ މެދު ކަންބޮޑުވުންތަކެއް ހުރިކަން އެ އިދާރާ އިން ފާހަގަކުރޭ.
02 ޑިސެމްބަރ 2017 - 22:50
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން އިއްޔެ ނެރުނު ރާއްޖެއާ ބެހޭ ރިޕޯޓެއްގައި ބުނީ އެތަނުގެ ވަފްދެއް މިދިޔަ ޖުލައި މަހު ރާއްޖެ އައިސް ހާލަތު ދެނެގަނެފައިވާ ކަމަށެވެ. އަދި ވަފުދަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ތައްޔާޜުކުރި ރިޕޯޓާ މެދު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން މިދިޔަ އޮކްޓޯބަރު 20 ގައި ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ގައި ކަމަށާއި ނަމަވެސް ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުމަޑުން ކުރިއަށް ދާ ކަމަށެވެ.
އައިއެމްއެފުން ބުނިގޮތުގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓްގަ އެވެ. އަދި ޓޫރިޒަމްގެ ހާލަތު މި އަހަރު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އިމާރާތް ކުރުމުގެ ދާއިރާ ވަރުގަދަވަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
އައިއެމްއެފުން ބުނީ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ ކުރިއެރި ނަމަވެސް އެހެން ދާއިރާތައް ކުރިއަރާ މިންވަރުގެ ފަރަގު ބޮޑު ކަމަށެވެ. އަދި ބުނެފައި ވަނީ ދައުލަތުގެ އާމްދަނީ އަށް ވުރެ ޚަރަދު އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް އާމްދަނީ ނުލިބޭ ކަމަށެވެ. އެއާއެކު ވެސް ޚަރަދު ކުރުން ދަށްވަމުން ނުދާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތު ދަރަނި ޖީޑީޕީ 11.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އައިއެމްއެފުން ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މެދު ރާސްތާގައި ކުރިއަރަމުން އަންނަ ކަމަށާއި އެއާއެކު އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޑިރެކްޓަރުން ފާހަގަކުރި ކަމަށެވެ. ނަމަވެސް ބޭރުގެ ދަރަނި އިތުރުވަމުން އަންނަ މިންވަރު އިންތިހާ އަށް މަތިވުމުން، ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.
ރާއްޖޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގާއިރު ހަމަހަމަ ކަމެއް ގެންގުޅުމަށާއި ޚަރަދު ކުޑަކޮށް އަދި ބޭރުގެ ދަރަނި ކުޑަވާނެ ގޮތަށް މަޝްރޫއުތައް ބައްޓަން ކުރުމަށް ވެސް އައިއެމްއެފްގެ ޑިރެކްޓަރުން ލަފާދެއްވި ކަމަށް ރިޕޯޓުގައި ވެ އެވެ. އަދި ބޭރުގެ ދަރަނިތަކުގެ ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅައި ހަރަދުތައް ކުޑަކޮށް އަދި ދަރަނި ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަން ވެސް ފާހަގަކުރި އެވެ.
އައިއެމްއެފުން ބުނެފައި ވަނީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަހަރުގެ ތެރޭގައި ލޯނު ނަގާނެ ގޮތުގެ ޕްލޭނެއް ވެސް ހަދާފައިވާ ކަމަށެވެ. އެކަމަކު ދަރަނީގެ މިންވަރު ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ހުރިކަން ބޯޑު ޑިރެކްޓަރުން ފާހަގަކުރެ އެވެ. އަދި ލޯނުތައް ނަގާއިރު ވީހާ ވެސް ހަރަދުކުޑަ ލޯނުތަކަށް އިސްކަން ދޭތީ އެކަމަށް ޑިރެކްޓަރުން ހިތްވަރުދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
03 December 2017
ރައީސް ޔާމީނު މިހާރު ވެރިކަން ހިންގަން ބޭނުންވަނީ މައުމޫނު ކުރީގެ ނޫ ގާނޫނު އަސާސީގައި ވެރިކަން ކުރި އުސޫލުން ހުރިހައި ބާރުތަކެއް އަތަށް ނަގައިގެން މުޅި ދައުލަތޭ ކިޔައިގެން، އެކަމަކު އެގޮތަކަށްވެސް ވެރިކަން ކުރަން ނެއެނގިގެން އެއުޅުއްވަނީ، 18 ބިލިއަނުގެ ދަރަނީގެ ވާހަކަ ދައްކާއިރު، އޭގެ ތެރެއިން މިސަރުކާރުން ކުރި ވައްކަމުގެ ފައިސާ ހިމަނައިގެން ގެއްލުނު ފައިސާ އެއްކޮށްލީމާ 90 ޕަސެންޓް 18 ބިލިއަނުން ހިއްސާކުރަނީ މިސަރުކާރު، ރައީސް ޔާމީނުއަކަށް ނުވިސްނޭ ގަވަރު ނަރަކީ ވަކި ޤާނޫނެއްގެ ދަށުން ބާރުދީފައިވާ މީހެއްކަން، އޭނާގެ ލަފާގެ މަތިންކަން ސަރުކާރުގެ މާލީ ކަންކަން ހިންގަންވާނީ، އެންމެ ފަހު ވަގުތުގައި ޒިންމާނަގާނީ ގާނޫނީގޮތުން އޭނާކަން، ފައިސާގެއްލުނީމަ ރައީސް ޔާމީނު ޒިންމާނަގައި މަގާމު ދޫކޮށްލިތޯ؟ އިތުރަށް އެކަން ކުރިއަށް ގެންދަވާތަން މިފެންނަނީ
މީހަކުން
03 December 2017
ކޮން ވާހަކައެއް. މިހާރު ލޯނު ނަގައިގެން ކުރިއަސް އަދި ފަހުން އެދަރަނި އަދާކުރަން އަހަރުމެންގެ ދަރިންވެސް އެބަތިބި. މިހާރު ބޭނުމީ ތަރައްގީ ފަހުން އެތަން ފޫބެއްދިދާނެ.
ވީމާ
03 December 2017
އެހެންވީމާ ދަރަނިކުޑަކުރުމަށް ކގިނައިން ދަރިން އުފެއްދުމަށް ސަރުކާރުން އިސްކަން ދީ ހިތްވަރު ދޭން ވާނެތާއެވެ.
މަ ހަނު
03 December 2017
ކަލޭމެނަކަށް ނޭންގޭނެ ތިތާކު ނެތް އެއްޗެއް އެނގޭ އެކަކުވެސް. އަވަހަށް އައި އެމް އެފް އިން ވަކިވާން ބިލެއް ހުށަހަޅާ. އަހަރެމެން ގައުމުގެ ވެރިޔަކީ އިގުތިސާދީ މާހިރެއް. އެހެންވެ ދަރަނި ބޮޑުވެ ގައުމު ބަޑަށް ޖެހުމާ ކައިރިޔަށް ދަތުރު ފެށީ .ދޯ ދަރުބާރު ފެކްޝަން.
ހަލީލް
03 December 2017
އަސްލުވެސް
އިބޫ ހުޅުމާލެ
03 December 2017
އެހެންވީމައި އޯވަރޯލްކޮށް ރަނގަޅޭ ބުނެވޭނީ..
ޝަބީން
03 December 2017
ސަރުކާރަށް ލިބޭއާމުދަނީއަށް ވުރެން ހަރަދުކުރާ ވަރު ކޮންމެ އަހަރަކު ބޮޑުވާނަމަ މިއީ މިކަމާމެދު ވިސްނާ ފިޔަވަޅު އަޅަންޖެހޭކަމެއް. ކިތަންމެ ބޮޑު އިކޮނޮމިސްޓަކު ރާއްޖޭގެ ވެރިކަމުގައި ހުއްޓަސް، އަދި ދުނިޔެ ކުރިން ދެކެފައިނުވާވަރު އިކޮނޮމިސްޓަކު ފިނޭސްމިނސްޓަރަކަށް ހުއްޓަސް ލިބޭ އެއްޗަކުން ދެކޮޅުނުޖެހި ހަރަދު ބޮޑުވަމުންދާނަމަ އެއީ މުސްތަގުބަލަށް ލިބޭ ގެއްލުމެއް. ކުރުމުއްދަތެއްގެ ތެރޭގައި ދާއިމީކޮއް އާމުދަނީ ލިބޭނެ އިތުރު ގޮތްތަކެއް ނުހޯދާ ކޮންމެކަމެއް ކުރުމަށް ލޯނު ނަގާނަމަ ދުވަހަކުވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާރވް އިތުރުވަމަކުން ނުދާނެ. އަދި ޜައްޖޭގައި ތިބި ބިދޭސީ މަސައކަތް ތެރިން ކުރުމުއްދަތެއްގެ ތެރޭގައި މަދު ނުކުރެވިއްޖެނަމަ އެކަމުގެ އަސަރުވެސް އިންތިހާއަށް ބޮޑުވެގެންދާނެ. މެގަރ ޕްރޮޖެކްޓް ތަކުން ކުރިއެރުން ފެންނާނީ ދިގުމުއްދަތެއްގެ ފަހުން. އިންކަމްޓެކްސް ނެގުން، ލަގްޒަރީ ޓެކްސް ތައާރަފުކުރުން، ބިދޭސިން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ރެމިޓްމެންޓް ޓެކްސް ބޮޑުކުރަންޖެހޭ
ގޮންގް
03 December 2017
ސިސްޓަމެޓިކް ކޮށް ކުރާ ކަންތައްތައް. އަދި އަންނަ އަހަރު މާ ގިނަ އިންސްޓިޓިއުޝަންތަކުން އަންނާނެ މިޒާތުގެ ވާހަކަ ދައްކަން. އަންނަ އަހަރު އިލެކްޝަން އޮތީމަ. ދަރަނި ބޮޑު ވުމަކީ މައްސަލައެއް. އެކަމަކު ގެޓް ވާން އެބަޖެހޭ މީގެ ތެރެއިން ގިނަ ކަންތަކަކީ ކެޕިޓަލް އިންވެސްޓްމެންޓްތައް ކަން. ރަނގަޅު ހޮސްޕިޓަލްތަކެއް އެޅުނީމާ ގައުމުން ބޭރުވާ ފައިސާ މަދުވާނެ، އާސަންދައަށް ކުރާ ހޭދަ ކުޑަވާނެ. ސޯލާ އެނާޖީއަށް އިންވެސްޓް ކުރުމުން ތެލަށް ކުރާ ހޭދަ ދެން އަންނަ ރައީސަކު އަންނަންވާއިރަށް ހިފެހެއްޓޭނެ. ބްރިޖް އެޅުމުން ހުޅުމާލޭގެ އިކޮނޮމީ ރަނގަޅުވެ، ވިޔަފާރިތައް ފުޅާވެ ވަޒީފާތައް އިތުރުވާނެ. ފްލެޓްތައް އެޅުމުން ހުޅުމާލެ-މާލެ އާބާދީ ބޮޑުވެ، ވިޔަފާރިތަކަށް އިތުރު މާކެޓެއް ލިބޭނެ. އެއަޕޯޓް އެކްސްޕޭންޑް ކުރުމުން ފްލައިޓްތައް އިތުރުވެ، އެރައިވަލްސް އިތުރުވެ، ރިސޯޓްތައް އިތުރަށް ވިއްކޭނެ. އެއަޕޯޓްގެ ސަބަބުން އިންވެސްޓަރުން އިންވެސްޓް އެބަކުރޭ. އެއިގެ ސަބަބުން ވަޒީފާތައް އިތުރުވެ ޓެކްސް އާމްދަނީ އިތުރުވާނެ.
ކޮސްގޮވާ
03 December 2017
މިރާއްޖޭގެ ވެރިކަން ބަދަލުވެއްޖިއްޔާ ފުރަތަމަ ސަރުކާރުން ކުރާނެ އެއްކަމަކީ ރައްރަށުގައި ފަޅުހިއްކުން ފަދަ ބޭކާރު ހަރަދު ހުއްޓުން. މާލެ ސަރަހައްދުފިޔާ އެހެން ރައްރަށުގައި ފަޅުހިއްކުން ، މަގު ހެދުން ފަދަ މަސައްކަތުން މިރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ނުވޭ. އަދި މިސަރުކާރުގެ އިގްތިސާދީ ސިޔާސަތާ އަރާރުން ވާކަމެއް އެއީ.
މޮޔަމީހާ
03 December 2017
ސަރުކާރަށް ލާރި ލިބޭނެ ހުޅުމާލެއިން ބިން ވިއްކާ އިރު ބޮޑު ޓެކުހެއް ސަރުކާރަށް ނަގާ ގޮތަށް ހެދީމަ. އޭރުން ބެލެންސް ވީ. މާލެ ކައިރީ ހުރި ފަޅުތައް ވިއްކާ ނުލާ، ސަރުކާރުން އެތަންތަން މަހާ ޖައްރާފަ ބޭނުންކޮށްގެން ލާރި ބޭނުންވާ ނިސްބަތަށް ބަލައިގެން މަޑުމަޑުން ހިއްކާފަ 800 އަކަ ފޫޓަށް ފޮތިފޮތި ކޮއްފަ މިލިޔަން ރުފިޔާ އަށް ވިއްކަން ރާވާފަ ގެދޮރުގެ ޑިމާންޑް އަބަދުވެސް ބޮޑުކޮށް ބޭއްވުމުން ދައުލަތުގެ އާމްދަނީ އަބަދުވެސް ދެމެހެއްޓެނިވި އުސޫލަކުން ބޮޑުވާގޮޮތަށް އޮންނާނީ. މި އުސޫލު ދޫކޮށް ފަޅާ, ފަރާ ފިނޮޅާ، ފަޅު ރައްތައް މިހާރު ގެ ކުރު މުއްދަތު ގެ ފައިދާ އަށް ވިއްކައި ހުސްކުރުމުން އަންނަން ހުރި ސަރުކާރު ތަކަށް ރަށްރަށުގެ ބިން ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހަނިވާނެ.
ޕާދި
03 December 2017
ރައީސަކަށް އިކޮނޮމިސްޓެއް. ފިނޭންސް މިނިސްޓަރަށް އިކޮނޮމިސްޓެއް. އެމްއެމްއޭ ގަ އިކޮނޮމިސްޓެއް. ކުނި ކަހަން އިކޮނމިސްޓެއް. އަހަރުމެންގެ ހަތަރެސްފަޔަށް އކޮނޮމިސްޓުން ލައިގެން އުޅެއިރު ކޮން ކަމެއް ވަނީ؟ ހުސް ރޯނު އެދުރުންތަ؟
ފަޤީރުކަލޯ!
03 December 2017
ތި އައިއެމްއެފް ވަރަށް ކަންތައް ބޮޑުވާނެ ޗައިނާގެ ސިލްކްރޯޑް ކުރިއަރަންފެށީމަ! އޭރުން އައިއެމްއެފް ، ވޯލްޑްބޭންކް ތަންތަނުން ލޯނުނަގަން ނުޖެހޭނެ! އެހެންވެ އެ ތެޅިފޮޅެނީ!