ޚަބަރު / މިނިވަން ވިޔަފާރީގެ އެއްބަސްވުން (ރާއްޖެ-ޗައިނާ)

އެފްޓީއޭ އަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުމެއް ނޫން: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ)، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ (ކ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ބަހުގެ ހަމަލާތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ހޫނު ރައްދެއް ދެއްވައިފި އެވެ.

ދުނިޔޭގައި އިގްތިސޯދީ ގޮތުން ދެވަނަ އަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމާ އެކު ރާއްޖެ އިން ސޮއިކުރާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސައީދު ވިދާޅުވީ، އެގޮތަށް ވާހަކަ ދައްކަނީ އެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ސާފުނުވާތީ ނުވަތަ ރައްޔިތުންނަށް ގަސްދުގައި އޮޅުވާލަން ކަމަށެވެ.

އެފްޓީއޭގައި ސަރުކާރުން ސޮއިކުރާއިރު، އޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އޭގެ ބަދަލުގައި މި އެއްބަސްވުމުގެ ސަބަބުން އެންމެ ފައިދާ ބޮޑީ ވެސް ،މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށެވެ.

ސައީދު ވިދާޅުވީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓްގައި ޖެނުއަރީ 2011 ގައި ރާއްޖެ ހިމެނުމާ ގުޅިގެން، ރާއްޖެ އަށް ލިބެމުން އައި ވަރަށް ބޮޑެތި އިނާޔަތްތައް ކެނޑުމުން އޭގެ އަސަރުކޮށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދެވޭނެ ގޮތެއް ހޯދަން މަޖުބޫރުވީ ކަމަށެވެ. ޚާއްސަކޮށް ރާއްޖެ އިން ބޭރުކުރާ މަހުގެ ބާވަތްތަކަށް 2014 އިން ފެށިގެން ޑިއުޓީ ނަގަން ފެށުމާ އެކު މިފަދަ އެއްބަސްވުމެއް ހަދަން ޗައިނާ އާއި ހޮންކޮންގްގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އީޔޫގެ ގައުމުތަކަށް ރާއްޖެ އިން އިސްވެ ދައުވަތު ދިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ތަކުލީފެއް ނެތި އެކަން ކުރެވޭނެ ގޮތެއް ހޯދައި ދިނުން. ދިވެހިންނަށް ތަކުލީފެއް ކުރިމަތިވާނެ ދެ ގޮތެއް އޮތީ. އެއް ހާލަތަކީ ޑިއުޓީ ބޮޑުވުން. އަނެއް ހާލަތަކީ ޑިއުޓީ ނޫން ހުންނަ ޕްރޮސީޖާސްތައް. އެ ދެ ކަންތައް ނައްތާލަން އެންމެ ފަސޭހަ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ވިސްނުނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓްރެލް ފްރީ ޓްރޭޑް އެގްރީމެންޓެއްގެ ދަށުން މަސައްކަތް ކުރުން،" ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތަކުގައި މިދިޔަ ތިން އަހަރު ވެސް ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި ވަޒީރު ވިދާޅުވި އެވެ.

ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމާ ގުޅިގެން، ރާއްޖެ އިން ބޭރުކުރާ މަހުގެ ބާވަތްތަކަށް ޑިއުޓީ ނަގަން ފެށިއިރު، ޗައިނާ އިން ކަނޑައަޅާފައި އޮތީ އެ ބާވަތްތަކަށް 15 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށެވެ. އެކަމަކު ޗައިނާ އަކީ ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ގައުމެއް ނޫނެވެ.

ސައީދު ވިދާޅުވި ގޮތުގައި އެފްޓީއޭގައި ސޮއިކުރުމާ އެކު، 298 ސީފުޑް އައިޓަމްގެ ތެރެއިން 296 ބާވަތެއް ޗައިނާ އަށް އެތެރެކުރުމުގައި އެއްވެސް ޑިއުޓީއެއް ނުނަގާނެ އެވެ. އޭގެ ހުރިހާ ފައިދާއެއް އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަށެވެ.

ގެމަނަފުށީގެ މަސްވެރިންތަކެއް މަސް ބާނަނީ: އެފްޓީއޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ބުނޭ.-- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

އެކަމަކު ސައީދު ވެސް ފާހަގަކުރެއްވި ގޮތުގައި ސީފުޑްގެ ބާވަތްތަކުގެ ތެރެއިން ރާއްޖެ އިން ބޭރުކުރަނީ ވަރަށް މަދު އައިޓަމްތަކެކެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަންނެއްޔާއި ކަޅުބިލަ މަހާއި ފާނަ ފަދަ ތަކެއްޗެވެ. ސުވާލަކަށް ވަނީ މިހާ މަދު ބާވަތްތަކެއް އެކްސްޕޯޓް ކޮށްގެން އެފްޓީއޭ އިން ރާއްޖެ އަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟

ސައީދުގެ ޖަވާބަކީ "ރީޖަނަލް ވެލިއު ކޮންޓެންޓް" ގެ ދަށުން އެ ހާލަތުގައި ރާއްޖެ އަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އެއީ ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ވެލިއު އެޑް ކުރުމަށް ފަހު ޗައިނާ އަށް އެކްސްޕޯޓް ކުރުމެވެ.

"މިސާލަކަށް ޑިނގާ ގެނެސް އޭގެ ތޮށި ނައްޓާލައި ބޯ ކަނޑާލާފައި ދަޅަކަށް ލާފައި ބަންދުކުރީމާ އަޅުގަނޑުމެންނަށް ވެލިއުއެއް އެ ކްރިއޭޓްވީ. އެހެންވެއްޖިއްޔާ ޕެކްޑް އިން މޯލްޑިވްސްގެ ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް އެކްސްޕޯޓް ކުރުމުގެ ފަހި ފުރުސަތެއް ދިވެހިންނަށް އެ ލިބެނީ. ހަމަ އެ ގޮތް އޮތީ ލޮބްސްޓާ އަށް ވެސް. މިއަކުން ގެއްލުމެއް ނެތް،" ސައީދު ވިދާޅުވި އެވެ.

ޗައިނާގައި ކަންނެއްޔާއި ކަޅުބިލަ މަހަށް އެކަށީގެންވާ ޑިމާންޑެއް ނޯންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެގޮތަށް ވާހަކަ ދައްކަނީ "ޗައިނާ ނޭނގޭތީ" ކަމަށެވެ.

"ޗައިނާގައި ބާއްވާ ކުންމިން ފެއާ އަށް ދިޔަ ދިވެހި މަސްވެރިން ތިބޭނެ. އެ ފެއާ އަށް ރާއްޖެ އިން ގެންދިޔަ މަހުގެ ބާވަތްތައް ދެ ގަޑިއިރުގެ ތެރޭގައި ހުސްވޭ. އެއީ އަދި ރަނގަޅު އަގުގައި. އެހެންވީމާ އެ ވާހަކަ އެބޭފުޅުން [އިދިކޮޅު ފަރާތްތައް] ދައްކަވަނީ ދެ ސަބަބެއް އޮވެގެން ކަމަށް ވެދާނެ. އެއް ސަބަބަކީ ހަގީގަތުގައި ވެސް ނޭނގެނީ. އަނެއް ސަބަބަކީ ސިޔާސީ ގޮތުން ބިރުވެރިކަން އުފެއްދުން،" ސައީދު ވިދާޅުވި އެވެ.

ދިވެހި އިންޑަސްޓްރީގައި ޗައިނާ މީހުންނަށް ހަރަކާތްތެރިއެއް ނުވެވޭނެ

އެފްޓީއޭގެ ދަށުން އޮތް އެންމެ ބޮޑު ބިރުވެރި ކަމަކީ ޗައިނާގެ ބޮޑެތި ވިޔަފާރިވެރިން ރާއްޖެ އައިސް ވިޔަފާރި ފަށައި ދިވެހިންގެ މައްޗަށް އަތްގަދަ ކޮށްފާނެތީ އެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ފާޑުކިޔާ މީހުންގެ އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ. އަދި ވިޔަފާރިވެރިންގެ ވެސް އެ ބިރު އެބަ އޮތެވެ.

އެކަމަކު ސައީދު ވިދާޅުވީ މަސްވެރިކަމާއި ރާއްޖޭގެ އެހެން ވިޔަފާރިތަކުގެ ތެރެއަށް ޗައިނާގެ މީހުން ވަދެ، ވިޔަފާރި ފެށުމުގެ ފުރުސަތު އެފްޓީއޭގެ ދަށުން ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މާކެޓް ކުޑަވީމާ އަޅުގަނޑުމެން އެ މީހުން ގާތު މި ބުނަނީ ކަލޭމެންނަކަށް ރާއްޖެ އައިސް މިފަދަ ވިޔަފާރިތަކެއް ނުކުރެވޭނެއޭ. އެކަން ޗައިނާ ވެސް ދަނޭ. އެހެންވީމާ އެ ވިދާޅުވާ ގޮތަކަށް މީގެ އެއްވެސް ބިރުވެރިކަމެއް ނެތް. މަސް ޕެކް ކުރުމާއި މަސްވެރިކަމުގައި ވެސް ޗައިނާގެ މީހުންނަކަށް ރާއްޖޭގައި ނޫޅެވޭނެ. މިހާރު ވެސް ރާއްޖޭގެ ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން ބޭރު މީހުންނަށް ނުކުރެވޭ ކަމެއް ޗައިނާ މީހުންނަކަށް ވެސް ރާއްޖޭގައި ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ މާކެޓް ކުޑަކަމުން އެހެން ފަރާތަކުން އައިސް ނެގޭނެ މާ ބޮޑު ފައިދާއެއް ނޯންނާނެ. އަޅުގަނޑުމެންގެ ތެރޭގައި ބިޒްނަސް ރެޖިސްޓްރޭޝަންގެ އުސޫލުތައް އެބަހުރި. ކުދި ވިޔަފާރިތަކަށް ހިމާޔަތް ދެވޭނެ ފޯމިއުލާ އެބަހުރި. ދިވެހި ފަރުދުންގެ ވިޔަފާރި ހިމާޔަތް ކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު. މިތަނުގައި ކަންމަތީ ފިހާރަ ހަދައިގެން ނޫޅެވޭނެ އެހެން ގައުމުތަކުގެ މީހުންނަކަށް. އަޅުގަނޑުމެންގެ ގާނޫނުތަކުން މަނާ ކަންކަން އެއީ. އެހެންވީމާ މިއަކުން [އެފްޓީއޭ] އިން މިކަމުގައި އިތުރު ބަދަލެއް ނާންނާނެ."

ޗައިނާގެ 68 ވަނަ ގައުމީ ދުވަސް އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ދާޚިލީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ހަފުލާގައި މިނިސްޓަރު ސައީދު (ކ) އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ވިދާޅުވީ އެފްޓީއޭގެ މަގްސަދަކީ ދިވެހި ވިޔަފާރިތަކަށް ދިރުން ގެނެސްދޭނެ އިތުރު ކަންކަން ފަހިކޮށްދިނުން ކަމަށެވެ. އަދި މިއީ "ހަމައެއްލަމައެއް ނެތި" ރާއްޖޭގައި ވިޔަފާރި ކުރަން ދޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް މިއަދު ގެސްޓް ހައުސްއެއް ހެދެނީ އެއް މިލިއަން ޑޮލަރުން ކަމަށް ވަންޏާ، މުސްތަގްބަލްގައި ފަސް ލައްކަ ޑޮލަރަށް އެކަން ކުރެވޭނެ މަގު މި ފަހިކުރަނީ. މިއަދު ރިސޯޓެއް ހުޅުވެނީ 40 މިލިއަން ޑޮލަރު ނުވަތަ 60 މިލިއަން ޑޮލަރުން ކަމަށް ވަންޏާ 30 މިލިއަން ޑޮލަރުން ނުވަތަ 20 މިލިއަން ޑޮލަރުން ރިސޯޓެއް ހެދޭނެ ގޮތް މި ހޯދައި ދެނީ. ހަމައެކަނި އިމްޕޯޓް ޑިއުޓީ އަށް ވިސްނައިގެން އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ކުރިއެރުން ނުގެނެސްދޭނެ ފޯމިއުލާއެއް ގެންގުޅުމަކީ މުސްތަގްބަލްގައި ފޭލްވާނެ ކަމެއް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު ރާއްޖޭގެ ވިޔަފާރިތައް ފުޅާވެ، ރާއްޖެ އަށް ކާގޯ އެތެރެކޮށް އަދި ބޭރުކުރުމުގެ ފުރުސަތު ވެސް އިތުރަށް ފަހިވާނެ ކަމަށެވެ. ރާއްޖެ އިން މިހާރު ވެސް އެއާ ކާގޯ ރީއެކްސްޕޯޓް ކުރާ ކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެފްޓީއޭއާ އެކު އެކަން އިތުރަށް ކުރިއަރާނެ ކަމަށެވެ.

"އެފްރިކާ ކުރިއަރަނީ، މެދުއިރުމަތި ކުރިއަރަނީ. އަޅުގަނޑުމެންގެ ހުޅަނގުން ހުރި މާކެޓްތައް ބޮޑުވާ ކަމަށް ވަނީ ނަމަ، އީސްޓުން ދަތުރުކުރާއިރު އެންމެ އައިޑަލް ޑެސްޓިނޭޝަނަކީ ރާއްޖެ ޓްރާންސިޓް ކުރަން. ކާގޯ ޓްރާންސިޓް ނުކޮށް މަތިންދާބޯޓުތަކަށް ޓްރާންޝިޓް ނުކުރެވޭނެ. އެހެންވެއްޖެ ނަމަ މިނިވަން ވިޔަފާރީގެ ކޮރިޑޯއެއް ހުޅުވާފައި ތިބި ގައުމުތަކަށް ދެން ފައިދާ ވާނީ. ސްރީ ލަންކާ އިން ކީއްވެތޯ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަސައްކަތް ކުރަނީ؟ ފައިދާތަކެއް ވާތީ އެއީ،" ސައީދު ވިދާޅުވި އެވެ.

ފައިނޭންޝަލް ސެކްޓާ ފުޅާވާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފްޓީއޭއާ އެކު ރާއްޖެ އަށް ލިބޭނެ އަނެއް ފައިދާއަކީ ފައިނޭންޝަލް ސެކްޓާ އިތުރަށް ފުޅާވުމެވެ. ކުދި ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ދިވެހިންނަށް އަގު ހެޔޮކޮށް ފަންޑް ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ކުރި ނޭރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބޭންކް ލޯންތަކުގެ އިންޓަރެސްޓް ބޮޑުވެ، އުފުލަން ޖެހޭ ދަތިތައް ގިނަވުން ކަމަށެވެ. އެކަމަކު އެފްޓީއޭގެ ދަށުން، ލޯން އިންޓަރެސްޓް ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

"މި އެއްބަސްވުމުގައި އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން ދިން އެއް ސެކްޓަރަކީ ފައިނޭންޝަލް ސެކްޓާ. ރެގިއުލޭޝަންތަކުގައި ރެޑް ޓޭޕްސް ނެތި، ވީހާ ވެސް ބޮޑަށް ދެފުށް ފެންނަ ނިޒާމެއް އޮވެގެން މަސައްކަތް ކުރުން. މީގެ ނަތީޖާ އަކީ ބޭންކިން ސެކްޓާ ރާއްޖެ އަށް ވަރަށް ބޮޑަށް އެޓްރެކްޓިވް ވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

ގެއްލޭ ޑިއުޓީ އަށް ގޮތްތަކެއް ހޯދާނެ

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް އެތައް ބިލިއަން ރުފިޔާގެ މުދަލެއް ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާއިރު، އެފްޓީއޭ އަށް އަމަލުކުރަން ފެށުމާއެކު، ޑިއުޓީ ވަރަށް ބޮޑު ބައެއް އުނިވާނެ އެވެ.

ސައީދު ވިދާޅުވީ އުނިވާ ޑިއުޓީން ލިބޭ އާމްދަނީ އިތުރު ކުރާނީ ވިޔަފާރިތައް ފުޅާކޮށްގެން ކަމަށާއި އެ ހިސާބު ސަރުކާރުން ހަދާފައިވާ ކަމަށެވެ.

"އުނިވާ ޑިއުޓީން ވިޔަފާރިތަކަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ. އާ ވަޒީފާތައް އުފެދޭނެ. އެ ގެއްލޭ ޑިއުޓީއެއް، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ހުރި ކަމަށް ވަނީ ނަމަ، އެކަން ރިކަވާ ކުރެވޭނެ އެހެން ގޮތްގޮތް ހޯދާނެ. އެކަމަކު އެއީ ކޮންމެހެން ޓެކްސް ބޮޑުކޮށްގެނެއް ނޫން. ނަމަވެސް ވިޔަފާރީގެ މަރުކަޒަކަށް ހެދޭނެ އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.

ބޭނުމަކީ ބިރުވެރިކަން އުފެއްދުން

ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ދިވެހިންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އެސްއީޒެޑް ގާނޫނު ހެދިއިރުގަ އާއި މާލެ-ހުޅުލެ ބްރިޖް ހަދަން ފެށުމުން ވެސް އެ ބިރުވެރިކަން އުފެއްދި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބްރިޖްގެ ޕްލެޓްފޯމް އެޅީމާ ކިޔަން ފެށީ ބްރިޖް މާ ތިރިއޭ. އިދިކޮޅު ފަރާތްތަކުން ބަލާކަށް ބޭނުމެއް ނުވިއޭ އެއީ ބްރިޖް އަޅަން އެޅި އަށިތޯ ވެސް. އެއާޕޯޓުގެ ރަންވޭ އަޅަން ވެގެން ފުރަތަމަ ލޭޔަރު އެޅީމާ ބުނީ އެ ރަންވޭ މާ ބަލިކަށްޓޭ. އެބޭފުޅުން ބައްލަވާކަށް ބޭނުމެއް ނުވި އެ ލޭޔަރުގެ މައްޗަށް 12 ލޭޔަރު އަޅާ ކަމެއް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކުން އުފައްދާ ބިރުވެރިކަން. ރާއްޖެ އަކީ ދީނީ ގޮތުން ހައްދުފަހަނައަޅާ މީހުން ތިބޭ ތަނެކޭ. ރާއްޖެ އަކީ އަޑިއަށް ދާ ތަނެކޭ. މި ހުންނަނީ ދުވަހަކު ވެސް މާފުކުރެވޭނެ ކަންކަމެއް ނޫން. ރާއްޖޭގެ ސިނާއަތްތައް ކަތިލުމުގެ އެންމެ ކުރީ ސަފުގައި އެ ތިބީ އިދިކޮޅު ލީޑަރުން. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން."

ގައުމު ވިއްކީ އެ މީހުން

އެފްޓީއޭ އަކީ ރާއްޖެ ޗައިނާ އަށް "ވިއްކާލުން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސައީދު ވިދާޅުވީ، އެކި ގައުމުތަކާ އެކު އެއްވެސް ގައުމަކުން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރާނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެހެންވެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާ މެދު "އަންނަނީ ހިނި" ކަމަށް ވިދާޅުވެ ސައީދު އެއަށް ރައްދު ދެއްވި އެވެ.

"ފެން ކުންފުނި ވިއްކާލީ ކޮން ބައެއްތޯ؟ އެއާޕޯޓް ވިއްކާލީ ކޮން ބައެއްތޯ؟ މި ސަރުކާރުން ޖެހުނީ 300 މިލިއަން ޑޮލަރު ދީފައި އެއާޕޯޓް ވެސް ސަލާމަތް ކުރަން. އައިލެންޑް އޭވިއޭޝަން ވިއްކާލީ ކޮން ބައެއްތޯ؟ މި ގައުމުގައި އެއާލައިނެއް ނުހެދުނޭ 30 އަހަރު ވެރިކަން ކޮށްފައި ދިޔައިރު،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ވިއްކާލުމުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން އިދިކޮޅުން ޕޯޑިއަމަށް މި އަރުއްވަނީ. އެބޭފުޅުން އަމިއްލަ އަށް ކުރެވުނު މަސައްކަތަށް ވިސްނާފައި އެކަމަށް ތައުބާވުން މާ ރަނގަޅުވާނެ."

ޗައިނާގެ ރައީސް ޝީ ޗިންޕިން 2014 ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: ރައީސް ޔާމީން ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ޗައިނާ އަށް ވަޑައިގަންނަވާނެ.--- ފޮޓޯ: ރައީސް އޮފީސް

ސައީދު ފާހަގަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް ނާސިރު ވެރިކަން ދޫކުރެއްވިއިރު، އެމްއެންއެސްއެލްގައި ފަސް ލައްކަ ޓަނާ ހަމައަށް ކާގޯ އުފުއްލޭވަރުގެ 55 ބޯޓު އޮތެވެ. އަދި އޭރު އިގުތިސޯދީ ބާރުވެރިކަން އޮތީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ފަހުން އައި ސަރުކާރުތަކުން މީގެ ޒިންމާއާ ހަވާލުވާން ނުކެރުނީ ނޫންތޯ؟ އެކަން ނުކުރެވުނީމާ ނޫންތޯ އަޅުގަނޑުމެންގެ އަތުން އިގްތިސޯދީ ބާރުވެރިކަން ގެއްލުނީ. އެ މީހުންނަށް ނުނެގުނު ޒިންމާގެ ޝިކާރައަކަށް އަޅުގަނޑުމެން ހަދަން ނޫޅުއްވާ!،" ސައީދު ވިދާޅުވި އެވެ.

ހުސް ފޭކް މުދަލެއް ނޫން

ސައީދު ވިދާޅުވީ ޗައިނާ އިން މުޅިން ވެސް ވިއްކަނީ ފޭކް މުދާ ކަމަށް ބުނެ ދިވެހިންގެ ސިކުނޑި އަށް އެކަން ވެއްދުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ ކަމަށާއި އެއީ ވެސް ހަގީގަތް އޮޅުވާލުން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ "ހައި ޓެކް" ގައުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ އައިފޯންގެ އެކި ޑިވައިސްތައް ހަދަނީ ކޮން ތާކުންތޯ؟ ރާއްޖޭގެ ރިސޯޓްތަކުގައި އެހެރަ ހައި އެންޑް އެއްޗެހި ކޮން ތާކުންތޯ ގެންނަނީ؟ މަތިންދާބޯޓުގެ ސްޕެއާ ކޮން ތާކުންތޯ ގެންނަނީ؟ ދުނިޔޭގެ އިކޮނޮމިކް ޕްރޮފައިލް ބަދަލުވާ ގޮތް އިދިކޮޅުގައި ތިބި ސިޔާސީ ބޭފުޅުން ދަސްކޮށްގެން ދައްކާލުން ރަނގަޅު ނޫންތޯ؟،" މިނިސްޓަރު ވިދާޅުވި އެވެ.

"ޑަބްލިއުޓީއޯ ބުނާ ގޮތުން 2020 ގައި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ދަތުރުކުރާނީ ޗައިނާ މީހުން. އެންމެ ގިނަ އަދަދަކަށް މަތިންދާބޯޓު އެ ގައުމަކުން އުދުހޭނީ ޗައިނާއިން."

މިއީ އެންމެ ދެފުށް ފެންނަ އެގްރީމެންޓް

ސައީދު ވިދާޅުވީ އެފްޓީއޭ އަކީ މިހާތަނަށް ދެފުށް ފެންނަ ގޮތަށް ރާއްޖެއިން ހެދި ފުރަތަމަ އެއްބަސްވުމަކަށް ވާނެ ކަމަށެވެ. އެގޮތުން ވަރަށް ގިނަ މަޝްވަރާތައް އެކި ފެންވަރުގެ މީހުންނާ އެކު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތްތެރި މަސައްކަތް ކުރާ މީހުންނަށް ދާންދެން ހުންނާނެ މީގެ މަޝްވަރާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެފްޓީއޭއާ ގުޅޭ ގޮތުން އެހާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކުރާ ކަމަށް އެކި ފަރާތްތަކުން ބުނޭ ނޫންތޯ ދެންނެވުމުން ސައީދު ވިދާޅުވީ، "ހުރިހާ ރައްޔިތުންނަށް މޭޒުދޮށުގައި" އިށީނދެގެން ނުތިބެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބައިލެޓްރަލް ނެގޯޝިއޭޝަންތައް ނިމުމުން އެއްބަސްވުން އާންމުކޮށް ފެންނާނެ ކަމަށެވެ.

އެފްޓީއޭގައި ސޮއިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވިއިރު، އެއްބަސްވުން މެމްބަރުންނަށް ނުދެއްވާ ސަބަބާ މެދު ސުވާލު ދެންނެވުމުން ސައީދު ވިދާޅުވީ، ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާގައި "ތަންފުކެއް ވެސް އަދާނުކޮށް" ނުހުންނާނެ ކަމަށެވެ.

"ތިން އަހަރު ވީ ނޫންތޯ އަޅުގަނޑުމެން މި ކޮންސަލްޓޭޓިވް ޕްރޮސެސް ގެންދާތާ. އިދިކޮޅު ފަރާތްތަކުން ދައްކާ ހުރިހާ ވާހަކައަކަށް ރައްދު ދޭ ނަމަ ތިބެން ޖެހެނީ އެކަން ކޮށްކޮށް. އެބޭފުޅުންނަކީ ރާއްޖެ ސިޔާސީ ގޮތުން ހައިޖެކް ކޮށްގެން، ކުރިއަރައި ދިއުން ހުއްޓުވަން އުޅޭ އެޖެންޓުންތަކެއްގެ ގޮތުގައި ތިބެން ބޭނުމިއްުޔާ އެގޮތަށް ތިބެން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

44 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 3%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާއްމު ޞިއްޙަތު

18 December 2017

ސަޢީދު ވިދާޅުވެ ބައްލަވާ އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ކޮންޓްރޯލް ކޮށް އަގުބޮޑުކުރަމުންދާ ބާވަތްތައްވެސް އިސްތިސްނާނުކޮށް ޑިއުޓީ ކަނޑާލީމާ ރައްޔިތުންނަށް ފައިދާ ވޭތޯ؟ ޞިއްޙީމަޤޞަދަށްޓަކައި އެތަކެއް ޒަމާނުއްސުރެ ޑިއުޓީ ނަގާ ކޮންޓްރޯލް ކުރަމުން އަންނަ، ދުންފަތް، ސިނގިރޭޓް، ޝީޝާ، އީ ސިނގިރޭޓް، ފޯއް، ސްޕާރީ، ސޮސޭޖް،މައިލޯ، ހީރާ ޕަންނާ...މިހެންގޮސް ޞިއްޙަތު ހަލާކުކުރާ އެއްޗެހިވެސް ޑިއުޓީ މަޢާފު ނުވަތަ ބޮޑުނުކުރެވޭނެ ލިސްޓަށް ވަދެގެން ދިޔައިރު، ދިރާސާ ޓީމަށް އެނގުނުތަ. 777 ޞަފުޙާގެ އެއްބަސްވުން މަޖްލީހުން ދިރާސާކޮށްލީ 30 މިނިޓުން. ކޮރަޕްޝަނާ ނުފޫޒުގެ ތެރެއިން އެއްވެސް ބެލުމެއްނެތި، ޗައިނާއިން ފޮނުވިގޮތަށް އެއްބސްވީ. މޮޅުވާހަކަ ވިދާޅުވާ ޘަނާ ކިޔާ ވަޒީރުން އެކަންކޮށްކޮށްތިބޭނެ. ގެއްލުންއޮތީ ޤައުމަށް. އިނގިރޭސިން ދުނިޔެ އިސްތިޢުމާރުކުރީވެސް ވިޔަފާރިތެރެއިްނ ލައިފާ. މިހާރު މިކަން މި ކުރަނީ ޗައިނާއިން. އެފްރިކާގެ ޑިކްޓޭޓަރުން ތިބި ޤައުމުތަށް މިހާރި ޙިޞާރުކޮށްފި.ރާއްޖެވެސް މިދަނީއެހެން

The name is already taken The name is available. Register?

ސާބަހޭ

06 December 2017

މިއީ އެންމެ ދެފުށް ފެންނަ އެގްރީމެންޓް ސައީދު ވިދާޅުވީ އެފްޓީއޭ އަކީ މިހާތަނަށް ދެފުށް ފެންނަ ގޮތަށް ރާއްޖެއިން ހެދި ފުރަތަމަ އެއްބަސްވުމަކަށް ވާނެ ކަމަށެވެ. އެގޮތުން ވަރަށް ގިނަ މަޝްވަރާތައް އެކި ފެންވަރުގެ މީހުންނާ އެކު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކީއްވެތޯ މަޖިލީހަށް ފޮނުވުމުގެ ކުރިން އިދިކޮޅު މެމްބަރުންނަށް ނުފެނުނީ. ދެފުށް ފެނުމަކީ އިދިކޮޅުމެމްބަރުންނަށް ފެނުމާއި، އަދި އެއާއިމެދު މަޖިލީހުގައި އެމެމްބަރުން ވާހަކަހައްކާނެ ފުރުޞަތު ލިބިގެން ނިމިގެން ދިޔަ ކަމަކަށްވީނަމަ . މުނާފިޤުކަންވެސް ހައްދުފަހަނައަޅާ ގޮސްފައި. ދޮގު ވަހަކަ ދެއްކުމާއި ވައުދާ ޚިލާފު ވުމަކީ މީގެ އެންމެ ބޮޑު އެޢަލާމާތް . މިމީހުންގެ ކިބައިގާ ވަނީ ހަމަ މިކަން ކަށީގައި ހިފާފައި.

The name is already taken The name is available. Register?

ޢަލީ343

05 December 2017

މިގައުމުގަ މިހާރު އުޅޭ ޗައިނާގެ ގިނަ ކޮންސްޓްރަކްޝަން ލޭބަރުން ވެސް އުޅެނީ ގާނޫނާ ޚިލާފައް. ދުއްވާ ބައެއް އުޅަދުތަޖުގަ ރަޖިސްޓްރޭޝަން ނަމްބަރެއް ނޯވޭ. ވޯކްޕާމިޓް ދައްކަން ފުލުސްކުއްޖަކު ކުރީދުވަހު އެދުނީމަވެސް ބުނީ "ނޯނޯނޯ! ޗައިނީސް ގަވަމެންޓް"

The name is already taken The name is available. Register?

އަލްޖިބްރާ

05 December 2017

ޤާނޫނު އޮންނާނީ އޮންނަތަނުގަ ! ޗައިނާ މީހުން ހަދާނީ ހަދާނެ އެއްޗެއް ! ކަލޭމެނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ! ޤާނޫނެއް އޮވޭ ! ބިދޭސީން ނަށް މިޤައުމުގަ ވިޔަފާރި ކުރާ ފިހާރައެއްގެ ސޭޓަކަށް ނީދެވޭނެއޭވެސް ! ސައީދު ތީ ގަމާރެއް ނޫނީ އެގޭނެ ސޭޓު ކީއްކުރަން މުޅި ރާއްޖޭގެ ހުރިހާކަންމަތީ ފިހާރައެއްގެ ވެރިންނަކީ މުޅިން ބިދޭސީން ކަން ! އެކަން ނޭގެނީ ވިއްޔާ ތިޔައީ ގަމާރެއް ! ޗައިނާ މީހުން ތިކަމުގައި މާކުޅަދާނަ ވެފާ މަކަރުވެރިވާނެ ! އެކަން މުޅިދުނިޔެއިންވެސް މިދަނީ ފެންނަމުން ! ކުރީގަ ބުނެ އުޅެނީ އިގިރޭސިން ހަންފަތުރާވަހަކަ ! މިހާރު ހަންފަތުރަނީ ތިޔަ ޗައިނާ މީހުން ! ނިކަން ކުޅިބަލަން ތިބޭތި !

The name is already taken The name is available. Register?

ކޮރި ބޯށި

05 December 2017

އުފެދޭ ސުވާލަކީ ޗައިނާއަށް ފައިދާ އެއް ނުވާގޮތަށް މިފަދަ އެގްރީމެންޓެއް ޗައިނާ އިން ހަދާފާނެތޯ

The name is already taken The name is available. Register?

މިނިސްޓަ

05 December 2017

ދިވެހި ހަރުބަހެއްގަ އޮންނަނީ އެދުމެއްނެތި ވެދުމެއް ނުކުރާނެޔޭ، އަހަރެންނާ އަހަރެންގެ ދަރިން ޗައިނާގެ ހަރުބީ ކާފަރުންނަށް ވިއްކަވާލެއްވި އިރު ހިތަށް އެކައްޗެއްވެސް ނާރާ.. އަހަރުމެން ފުރައިގެންދާނެ ތަނެއް ނެތް އަދި އަތުގަ ޑޮލަރުބޮނޑިއެއްވެސް ނެތް ވަރަށް ސަލާން

The name is already taken The name is available. Register?

ޢަސްލު

05 December 2017

ބުންޏެއްނު ފްލެޓްތައްވެސް ދިނީ ހައްގުވެރިންނަށޭ. އެކަމަކު ހަގީގަތް ނޭގޭ މީހަކުނެތް. ތިކަމުގެވެސް ހަގީގީ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާނެ ކަމަށް ދެކެން. ޗައިނާ ރައްޔިތުން މިހާރުވެސް ކުދިކުދި ކޮންސްޓްރަކްޝަން މަސައްކަތް ނަގައިގެން ކުރަންފަށައިފި. ދެންހިފާނީ މިގައުމުގެ ރީޓޭލް ސެކްޓަރ.

The name is already taken The name is available. Register?

ދފފފގފ

05 December 2017

މިކަހަލަ ކަންތައްކުރާތީ 2018 ގައި ޔާމީން ހޮވަން ރައްޔިތުންބޭނުން ނުވަނީ، މިކަހަލަ ކަންތައްތައް ރަނގަޅު ކޮށްލަނިކޮސްވެސް ތަންކޮޅެއްގިނަވޯޓު ލިބޭނެ.

The name is already taken The name is available. Register?

ހާސަރު

05 December 2017

ސައީދުމެން ހަދަނީ ހުސްދޮގު! ތިޔައެއްޗެއް ރަގަޅަށް އޮތްނަމަ ފުރަތަމަވެސް ހާމަކުރާނީ ، ދެން ތެޅީގަނެގެން ފާސްކުރީމާ އަދިއިތުރަށް އެގޮތަށް ވިސްނަން ބާޜުލިބުނީ. އަދިވެސް އެހާމަނުކޮށް މީޑިއާތަކުގައި އިދިކޮޅުމީހުން ދައްކާވާހަކަ ތަކަށް ރައްދުދޭންތިފެށީ.

The name is already taken The name is available. Register?

އާރަށް

05 December 2017

ސަޢީދޫ ތިޔަބުނާ އެގްރިމެންޓް އިދިކޮޅު މެމްބަރުންނަށް ނުދައްކަންވީ ކީއްވަެ؟ ތިޔަބުނާ އެގްރިމެންޓް އާއްމުރައްޔިތުންނަށް ފެންނަގޮތަށް ތިޔަ މިނިސްޓްރީގެ ސައިޓަށް ނުލަންވީ. ސައީދޫ ތިޔަ ކުރާ ސިއްރުކުރުމުގެ އަޑީގައި އޮތީ ނުބައިކަންތައްގަޑެއް. ސައީދޫ ކަންމަތީ ފިހާރަތަކަކީ މިއަދު ބިދޭސީންގެ ސީދާ ވިޔަފާރި. އަދި އެވެސް ހުސްއަތާ ކޮނޑުކެޑިއެއްލައިގެން އައި ބަންގްލާދޭޝް މީހުންގެ ތަންތަން. އެމީހުންގެ ދަށުގައި މުޅި ކުދި ވިޔަފާރިތައް އެއޮތީ. އެވަރުބައެއްގެ ކިބައިން ސަލާމަތް ނުވެވުނު ބަޔަކަށް ޗައިނާ މީހުންގެ ކިބައިން ސަލާމަތްވެވޭނެތަ؟ ސައީދޫ ތިޔަކާރުން ފައިބައިވަޑައިގެން ނިކަން ގޯޅިގޯޅި ތެރޭގައި ހިނގާލަބަލަ. ބިދޭސީންގެ އުނދަގޫ ހުރި މިންވަރު ފެންނާނެ. އެއޮށް ބޮޑު އިންޑިއާގައި ދިވެއްސަކަށް ވިޔަފާރިނުކުރެވޭ. އެކަމަކު މި ކުޑަކުޑަ ޤައުމު ނުބެލެހެއްޓޭ ބަޔަކަށް ދެން ކުރާނީ ކޮން އިތުބާރެއް. އިދިކޮޅު މީހުންނަކީ ވެސް ދިވެހިން. އެމީހުންނާ މަޝްވަރާކޮށްގެން ކަންކަން ކޮށްބަލަ.

The name is already taken The name is available. Register?

ހާމަ

06 December 2017

އެގްރީމެންޓް މިނިސްޓްރީގެ ވެބްސައިޓާކުވެސް ނެތް.http://trade.gov.mv/page/agreements ކަމިން ސޫން އިނަތާ މިހާރު 5 އަހަރު ވެއްޖެ. މިއީ މިނިސްޓަރ ގެ ހަގީގީ ފެންވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454