ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ވ) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2017 - 14:29
ރާއްޖެ އާއި ޗައިނާއާ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ޗައިނާގެ ބޭންކުތަކުން ފާޅުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ބައެއް ވެރިން ޗައިނާއަށް މިހާރު ކުރައްވާ ދަތުރުގައި ސަރުކާރުގެ ވަފުދެއް ވަނީ ޗައިނާގެ ބޭންކުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ޗައިނާ އާއި ރާއްޖޭން އެންމެ ފަހުން ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ހިންގޭނެ މަޝްރޫއުތަކާއި ރާއްޖޭގެ މާލީ ބާޒާރުގައި މިހާރު ހުރި ފުރުސަތުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަފުދުގެ ބޭފުޅުން މައުލޫމާތު ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވައިޒްގެ އިތުރުން އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް އިމްޖާދު ޖަލީލެވެ.
އަދި ޗައިނާއިން ބައިވެރިވީ އެގްޒިމް ބޭންކާއި އައިސީބީސީ ބޭންކާއި ސީޑީބީ ބޭންކާއި ބީއޯސީއޯއެމް ބޭންކުގެ އިސް ވެރިންނެވެ. މިއީ ރާއްޖޭގައި މިހާރު ވެސް ބޮޑެތި ބައެއް މަޝްރޫއުތަކުގައި ބައިވެރިވާ ބޭންކުތަކެކެވެ.
"ރާއްޖެ އާއި ޗައިނާއާ މެދު މި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެކަން (ޗައިނާގެ ބޭންކުތަކުން) ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެ މަޝްރޫއުތަކުގައި އިންވެސްޓްކުރަން ޝައުގުވެރިވާކަން އެބޭފުޅުން ވަނީ ފާޅުކުރައްވާފަ އެވެ." ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާގެ ކުންފުނިތައް ހިމެނުމަކީ އެ ބޭންކުތަކުން ވަރަށް އުފާވާ ކަމެކެވެ.
ރައީސް ޔާމީން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރާއި ޗައިނާއާ ދެމެދު ރަސްމީ މަޝްވަރާތަކެއް ވަނީ ބާއްވާފަ އެވެ. އަދި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ފުޅާކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ހޯދުމާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުންތަކެއް ގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ އިތުރުން ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓުގައި ރާއްޖޭން ބައިވެރިވެފައި ވާއިރު އެކަމާ ގުޅޭ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
އެ މަޝްވަރާތަކުގައި ޗައިނާގެ ރައީސް ޝީ ވިދާޅުވީ ސިލްކު ރޫޓު މަޝްރޫއުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ވެދެވެން އޮތް އެހީތެރިކަމެއް އެ ގައުމުން ވާން ބޭނުން ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެ ގޮތުން، ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށްހެން ޗައިނާއިން ލޯނު ދީފައިވާ އިރު، ޗައިނާއާ އެކު މިހާރު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހާރާއި މިހާރު
09 December 2017
ޕީޕީއެމް ކުދިން އެމްޑީޕީ ވެރިކަމުގައި: އިންޑިއާއަށް ގައުމު ވިއްކާލަނީ. އެކަމަކު އިންޑިއާ ވިޔަފާރިވެރިން އައީ ވިޔަފާރިކޮށްގެން ރަނގަޅު މަންފާއެއް ހޯދުމުގެ ނިޔަތުގައި އެމްޑީޕީ ކުދިން ޕީޕީއެމް ވެރިކަމުގައި: ޗައިނާއަށް ގައުމު ވިއްކާލަނީ. އެކަމަކު ޗައިނާއިން ބޭނުންވަނީ ސިލްކް ރޫޓަށް ރާއްޖެ ވައްދަން. ދެން ރާއްޖޭގައި އެމީހުންގެ މަނަވަރެއް ބާއްވަން، އެމެރިކާއަށް ފާރަލާން. ބަދަލެއްގެ ގޮތުގައި އަގުހެޔޮކޮށް ލޯނުތަކާއި އިންވެސްޓަރުން ހޯދައިދެނީ.
ޖުރޫ
08 December 2017
މަހުލޫފް ދެން ޓުވިޓްކޮށްލާ. ބައްޕީ ޑޯންޓް ގިވް އަޕް ހޯޕް. ބީ ސްޓްރޯނގް ލައިކް މީ ބައްޕީ.
ބުރުޒު
08 December 2017
އޮޅުވާލިއަސް ބޮޑުވަރު.
ދަވޭ
08 December 2017
ރާއްޖޭގައި އިންވެސްޓްކުރަން ޗައިނާގެ ބޭންކުތަކުން ޝައުގުވެރިވާ ނަމަ ދެން އެންމެ އަވަހަށް ކުރަންވީ ކަމަކީ އެއީ ޗައިނާގެ ބޭންކެއް ނުވަތަ ބޭންކްސް ތަކެއް ރާއްޖޭގައި ހުޅުވޭތޯ ބައްލަވަންވީއެވެ. އެނޫން ނަމަޗރާއްޖެ އެއް ތަރައްގީ ނުވާނެއެވެ. ރާއްޖޭގެ މާލެ ސަރަހައްދުގައި އަހަރަކު އެބަޖެހޭ 50 ހާސް ހައުސިންގް ޔުނިޓްސް އިމާރާތް ކުރަން. އެކަން ކުރެވޭނީ ޗައިނާގެ ކުންފުނި ތަކަށެވެ. އެކަން ކުރުމަށްޓަކައި އެބަޖެހޭ ޗައިނާގެ ބޭންކްސް ތައް ރާއްޖޭގައި ގާއިމް ކުރަން. ރާއްޖެތެރޭގެ އާބާދީ ގައި 10 ހާސް މީހުން ހަމަ ނުވާނަމަ އެ ރަށް ރަށުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރަންވީއެވެ. އެކަން ކުރެވޭނީ ޗައިނާގެ ބޭންކްސް ތަކުން ލޯން ނަގައިގެން ނެވެ. ޗައިނާގެ ބޭންކްސް ތަކުން ލޯން ނެގުން އަވަސް ވާނީ ހުޅުމާލޭގެ އިކޮނޮމިކް ޒޯން ގައި ޗައިނާގެ ބޭންކްސް ތައް ހުރެގެންނެވެ.