މިއީ ރާއްޖޭގައި އިންވެސްޓް ކުރަން އެންމެ ރަނގަޅު ވަގުތު: ރައީސް ޔާމީން

ރާއްޖޭގައި އިންވެސްޓް ކުރަންވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށާއި ރާއްޖެއިން އަބަދުވެސް ބޭރުގެ އިންވެސްޓްމެންޓުތަކަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބޭއްވި ބިޒްނަސް ލީޑާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތަކަށް (އެފްޑީއައި) ފުރުސަތު ހުޅުވާލާފައި ކަމަށެވެ. އަދި މިއީ ރާއްޖޭގައި އިންވެސްޓް ކުރަންވީ އެންމެ ރަނގަޅު ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާގެ ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން، އެ ގައުމުގައި ހުންނަ ރާއްޖޭގައި އެމްބަސީން ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އިގްތިސާދީ ގޮތުން ބަދަލުތަކެއް އަންނައިރު، ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ އެއް އަމާޒެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި ރާއްޖޭގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ގާނޫނާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ސަބަބުން އިންވެސްޓްމެންޓުތަކަށް ފުރިހަމަ ހިމާޔަތެއް ލިބޭނެ ކަމަށެވެ. އަދި އިގްތިސާދު ބަދަލުކޮށްލާނެ އިންވެސްޓްމެންޓުތަކަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނައުމުގައި ޗައިނާ އިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރެއްވި އެވެ. އަދި ޗައިނާ އިން ވަމުން އަންނަ އެހީތެރިކަމަށް، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާ އަށް އިއްޔެ ވަޑައިގަތީ، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި، ރާއްޖެ އާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޔާމީން އިއްޔެ ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރާއްޖެ-ޗައިނާގެ ސިޔާސީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި ބޭއްވި ހަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.