ޗައިނާއާއެކު މަސައްކަތް ކުރުމުގައި ދެމި ހުންނާނަން: ރައީސް ޔާމީން

ރާއްޖެ އާއި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ މަސައްކަތްޕުޅުގައި ދެމި ހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް" ބޭއްވި ދެ ގައުމުގެ ރަސްމީ މަޝްވަރާތަކުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. ޗައިނާ އަކީ ރާއްޖޭގެ އެންމެ ގާތް "ރަހްމަތްތެރި" އެއް ގައުމު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭ ގައުމަކީ ޗައިނާ ކަމަށާއި އެ ގައުމަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރިފައިވާތީ، އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށް މަރުހަބާ ދަންނަވައިފަ އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވި އެވެ. ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިމްޕިން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ދެ ގައުމުގެ ރައީސުން މަޝްވަރާ ކުރެއްވި މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި ކުނި މެނޭޖް ކުރުމާއި ޓެކްނޮލަޖީ އާއި މެރިޓައިމް ކޯޕަރޭޝަނާއި ސިއްހީ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ. އަދި މަޝްރޫއުތަކަށް މާލީ އެހީ ހޯދުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ޒުވާނުންގެ ކުރިއެރުވުމަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް ފައިދާ އާއި މަންފާ ލިބޭނެ ގިނަ ކަންކަން ކުރުމަށް ރާއްވަވާފައިވާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމު ކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ބަދަހިކަމެއް އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖެ އިން ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ޚާއްސަކޮށް، ބައިނަލްއަގުވާމީ ދުނިޔޭގައި ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ދޭތެރޭ އޮވެވޭނެ ވަރުގަދަ އަދި ނަމޫނާ ގުޅުމެއް ކަމަށެވެ.

ޗައިނާ އާއި ރާއްޖެ އިން ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ 12 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާއި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރި ކުރުމުގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓު އެއްބަސްވުން ހިމެނެ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ވަނީ ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޗައިނާގެ އިންވެސްޓަރުންނާއި އެ ގައުމުގައި އުޅޭ ދިވެހިންނާ ރައީސް ޔާމީން ބައްދަލުކުރެއްވި އެވެ.