ދުނިޔެ / ފަލަސްތީން

އެމްބަސީތައް ގުދުސަށް ބަދަލުކުރުމަށް އިޒްރޭލުން އާދޭސް ކުރަނީ

އިޒްރޭލުގައި ހުންނަ އެކި ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްދިނުމަށް އެދި އިޒްރޭލު ސަރުކާރުން އެ ގައުމުތަކުގައި އާދޭސް ކުރަން ފަށައިފި އެވެ.

އިޒްރޭލުގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޒީޕީ ހޮތޮވެލީ ވިދާޅުވި ގޮތުގައި، ގުދުސަށް އެމްބަސީތައް ބަދަލުކޮށްދިނުމަށް އެދި މިހާރު އަންނަނީ މަދުވެގެން 10 ގައުމަކާ އެކު ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އިޒްރޭލު ސަރުކާރުން ރަސްމީކޮށް އަދި ނުބުނެ އެވެ.

ނަމަވެސް އިޒްރޭލު ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އިޒްރޭލު ރޭޑިއޯ އިން ބުނި ގޮތުގައި، އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ގައުމުތަކުގެ ތެރޭގައި ހޮންޑިއުރަސް، ފިލިޕީންސް، ރޫމޭނިއާ އަދި ދެކުނު ސޫދާން ހިމެނެ އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ އިޒްރޭލުގައި ހުންނަ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް އެންމެ ފުރަތަމަ ނިންމީ އެމެރިކާ އިންނެވެ. މި މަހުގެ ހަ ވަނަ ދުވަހު އެމެރިކާ އިން ނިންމި އެ ނިންމުމަށް ތަބާވެ، މި ހަފުތާގެ ހޯމަ ދުވަހު ގުއަޓެމާލާ އިން ވެސް ވަނީ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޖަޕާނުން އިއްޔެ ބުނެފައިވަނީ އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލު ނުކުރާނެ ކަމަށެވެ.

އުރްދުންގައި އެ ގައުމުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ޖަޕާންގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވިދާޅުވި ގޮތުގައި ގުދުސްގެ މިލްކުވެރިކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމޭނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާ ކޮށްގެން އަދި ބައިނަލްއަގުވާމީ ގަރާރުތަކާ ފުށުނާރާނެ ގޮތަކަށެވެ.

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި މުޒާހަރާ ކުރަމުންދާ އިރު، މިދިޔަ ބުރާސްފަތި ދުވަހު އދ.ގެ އާންމު މަޖިލީހުން ވަނީ އެމެރިކާގެ ނިންމުމާ ދެކޮޅަށް ހުށަހެޅި ގަރާރެއް 128 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް އެމެރިކާއާ ބައިވެރިވީ އެންމެ އަށް ގައުމެވެ. އޭގެ ތެރޭގައި ގުއަޓެމާލާ ވެސް ހިމެނެ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު އަރަބީންނާއި އިޒްރޭލާ ދެމެދު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އެ ހަނގުރާމައިގައި އިރުމަތީ ގުދުސް އަޅުވެތިކުރި ގޮތަށް އިޒްރޭލުން ބުނަމުން އަންނަނީ އެއީ ޔަހޫދީންގެ ބިމެއް ކަމަށާއި ގުދުސަކީ އިޒްރޭލުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށެވެ. ނަމަވެސް އިޒްރޭލު އަމިއްލަ އަށް ނިންމި ނިންމުން ބައިނަލްއަގުވާމީ މުޖްތަމައުން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ.

އިޒރޭލުން އިރުމަތީ ގުދުސް ހިފުމާ އެކު، ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގެ އެމްބަސީތައް ގުދުސްގައި ހުޅުވި އެވެ. ނަމަވެސް ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށް ހަދައިގެން އުޅޭ އުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފު ނިންމުމެއް ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ގަރާރެއް ފާސްކުރުމާ ގުޅިގެން އެ އެމްބަސީތައް ވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އަށް ބަދަލުކޮށްފަ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮކްތެރެޕީ

28 December 2017

މުޖާހިދުންގެ ބާރު ދެންސީދަކޮ ފެންނާނެ ޔަހޫދީންނަކަ އެތަނަ ބާރެއްނުފޯރުވޭނެ.

The name is already taken The name is available. Register?

ފިނޑި

27 December 2017

އެމީހުން އެކަން ކުރާނެ. މުސްލިމު ބޮޑެތި ޤައުމުތަށް މާބޮޑަށްވެސް ފިނޑީ މިހާރު އަމާރިކާ އާ ގުއިތިމާލާ އެކަން އެ ކުރީ. ދެން މި ކުޅިގަނޑު ދާނީ އިތުރުވަމުން. ބައެއްގެ ބިމަށް ގަދަކަމުން ބަޔަކު އަރައިގެން އެތާނގަ ގެދޮރު އަޅައިގެން ދިރިއުޅެމުންދާތާ 50 އަހަރުވީ އިރު ކުރެވުނު އެއްވެސްކަމެއްނެތް. މުސްލިމުންގެ ތެރޭގައި ކިރިޔާވެސް އުރައްޕަތެއްހުރީ ސަޢުދީ އާ، ތުރުކީ އާ އީރާނުގަ. މ 3 ޤައުމުގެ ދެމެދުގަ ގުޅުމެއްނެތް. އެމެރިކާ އާ އިޒްރޭލާ އެއްބައިވެގެން، އީރާނު ހަމައަކަށް އަޅުވާށޭ ކިޔައިގެން ސަޢުދީ އެއޮތީ އީރާނާ ދެކޮޅަށް. ތުރުކީއިން ޤަތަރަށް އެހީވާތީ ސައޫދީ ބޭނުމެއްނުވޭ ތުރުކީއާ އެއްގަލަކަށް އަރާކަށް. އެހެންވީމާ މިކަމުގަ މުސްލިމިން ހަމަ ވަރަށް ނިކަމެތި އެއްވެސް ރޭވުންތެރިކަމެއްނެތް. މިސުރު އަދި ޕާކިސްތާނަކީ އެމއެރިކާއަށް ސަލާންޖަހާ ދެ ޤައުމު. ސަޢުދީ އާ މިސުރުގެ މުފްތީން ހަމަހިމޭނުން ތިއްބަ ނަޞާރާއިންގެ ބޮޑުފާދިރީ ޕޯޕް މިފެންނަނީ ފަލަސްތީނު މީހުންގެ ޙައްޤުގަ ވަކާލާތު ކުާތަން. މިއީ ލަދުވެތިކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454