ރާއްޖޭގެ ކޯސްޓް ގާޑުގެ އުޅަނދެއް: ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަނެއްގައި ދިވެހި ސިފައިން އަންނަނީ ބައިވެރިވަމުން.
31 ޑިސެމްބަރ 2017 - 15:09
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި ރާއްޖޭގެ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާއިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަން، އެމްއެންޑީއެފް ކޯސްޓް ގާޑުން ކުރިއަށް ގެންދަނީ ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަންގައި އަވައްޓެރި ސްރީ ލަންކާގެ ކޯސްޓް ގާޑުގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށް ދިވެހި ސިފައިން ބުނެ އެވެ.
އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި އެ ގައުމުގެ ޓެމިލްނާޑޫގެ މަސްވެރިންގެ ޖަމާއަތަކުން، 36 މީހުންނާއެކު ކޮމާޝަލް އަށް ބޯޓެއް ވެސް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އިންޑިއަން ހައި ކޮމިޝަނާ ހަވާލާދީ، ދިވެހި ސިފައިން ބުންޏެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބައްލަވައި ދެއްވުމަށާއި މިފަދަ އުޅަނދެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުން އެދެމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި ރާއްޖޭގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށާފައިވާއިރު، އެ ތޫފާންގައި ގެއްލުނު ލަންކާގެ ބޯޓުތައް ހޯދުމުގައި ވެސް ދިވެހި ސިފައިން ވަނީ ހަރަކާތެރިވެ، ބައެއް ބޯޓުތައް ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy