މި އަހަރުގެ މިހާތަނަށް ހެލިކޮޕްޓަރުގެ އެހީގައި 36 އޮޕަރޭޝަނެއް ހިންގި: އެމްއެންޑީއެފް

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރުގެ އެހީގައި މި އަހަރުގެ މިހާތަނަށް 36 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ދިވެހި ސިފައިން މިއަދު ބުނެފި އެވެ.


ކޯސްޓް ގާޑުގެ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކަކީ އިންސާނިއްޔަތުކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށެވެ. ހެލިކޮޕްޓަރުގެ އެހީގައި ހިންގި އޮޕަރޭޝަންތަކުގެ 90 ޕަސެންޓަކީ ޒުހައިރު ވިދާޅުވި ގޮތުގައި، ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އޭނާ ވިދާޅުވީ އިންޑިޔާ އިން އެއްބަސްވީ ހެލިކޮޕްޓަރު ރާއްޖެ އަށް ހަދިޔާކުރަން ކަމަށް ވިޔަސް، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ގާބިލްކަން ނެތުމުން، ދެ ގައުމު ގުޅިގެން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓް ކުރާ ދެ ހެލިކޮޕްޓަރާ ގުޅޭ ކަންކަން ކުރުމަށް އެ ގައުމުގެ 50 ވަރަކަށް ސިފައިން ހަރަކާތްތެރިވެ އެވެ. އެ މީހުން އަނބުރާ ފޮނުވާލުމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ވަނީ ހަރަކާތްތަކެއް ފައްޓަވައިފަ އެވެ. އެކަމަކު، އެ ހަރަކާތްތަކަށް ސަރުކާރުން ފުރުސަތެއް ނުދެ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އުމަރު އިސްވެ މާލޭގައި ރޭ ބާއްވަން އުޅުނު އެއްވުމަށް ތަފާތު ސަބަބުތަކާ ހެދީ ސަރުކާރުން ފުރުސަތު ދީފައި ނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

އުމަރު މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ރާއްޖޭގައި ދާއިމީކޮށް އިންޑިއާގެ ސިފައިން ބައިތިއްބަން ނުޖެހޭނެ ކަމަށާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ދިވެހިން ތަމްރީން ކުރަންޖެހޭ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑިރެކްޓާ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، އިންޑިއާ ސިފައިން ދާއިމަށް ރާއްޖޭގައި ނުތިބޭ ކަމަށެވެ. އެގޮތުން، އެ ވަގުތަކު އައިސްފައި ތިބޭ މީހުންގެ މުއްދަތު ހަމަވުމުން އާ ސިފައިން އަނެއްކާ ވެސް އަންނަ ކަމަށް ވިދާޅުވި އެވެ.

"އާއްމު ގޮތެއްގައި ފިގާއެއްގެ ގޮތުގައި ގެންގުޅެނީ ފަންސާސް. މީގެ ތެރޭގައި ބައެއް ފަހަރަށް ބަލާއިރު އެ އަދަދަށް ނުތިބެދާނެ. ބައެއް ފަހަރު މި ގޮތަށް ޓީމެއް އުޅޭއިރު ގޮސް އައިސް އުޅޭނެ،" އޭނާ ވިދާޅުވި އެވެ.

ކޯސްޓްގާޑުުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯސްޓްގާޑުގެ ކޮމާންޓާ ޒުހެއިދު (މ)، ލެފްޓިނެންޓް ކާނަލް ސަލީމް (ވ) އަދި މޭޖާ މުޖުތަބާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސަލީމް ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު އޮޕަރޭޓް ކުުރުމަށް ފަންސާހަކަށް މީހުން ތިއްބަސް އެ އެންމެންނަކީ ޔުނީފޯމް އެޅި ސިފައިން ނޫން ކަމަށެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ ފަރާތުންނާއި ސިވިލް މުވައްޒަފުން ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރަނީ ވަކި ވައްތަރެއްގެ ހެލިކޮޕްޓަރުތަކަކަށް ވުމުން އެ އެއްޗެހި އޮޕަރޭޓަރު ކުރެވޭނީ ވަކި ތަމްރީންތަކެއް ހަދައިގެން ތިބި ބަޔަކަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެގޮތަށް ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީނުކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރުތައް ދުއްވާނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލުކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ. މި އެއްބަސްވުން މިދިޔަ ޖެނުއަރީ މަހު މި ސަރުކާރުން އާކޮށް އޮޕަރޭޝަންތަކުގައި ދެ ހެލިކޮޕްޓަރު އަލުން ބޭނުން ކުރަން ވަނީ ފަށައިފަ އެވެ.

ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރުމަށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

އަނެއް ހުށަހެޅުމަކީ، ގަމުގައި އޮތް ހެލިކޮޕްޓަރު ކައްދު އަށް ބަދަލުކުރުމެވެ. ސަބަބަކީ ކައްދު އަކީ ދިވެހި އަސްކަރިއްޔާގެ ޚާއްސަ ވިންގަށް ވުމެވެ. އެކަމަކު މިި ޝަރުތުތަކަށް އެއްބަސްވެފައެއް ނުވެ އެވެ.

މި ސަރުކާރުން އިންޑިއާއާ އެކު، އާދަޔާ ޚިލާފު ގާތްގުޅުމެއް ބާއްވާއިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ.