ރިސޯޓެއް ހަދަން މާލެ އަތޮޅުގެ ފަޅެއް ހިއްކުމުގެ މަސައްކަތްކުރަނީ: ހާމިދު އިސްމާއިލް ހިއްކި ތަން ކުއްޔަށް ދިނުން ވަނީ މަޑުޖައްސާލާފައި.
11 ޖެނުއަރީ 2018 - 17:02
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ޖަލަށް ލާފައިވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ކ. ދިއްފުށި ފަޅުން ހިއްކާފައިވާ ބިމުގައި ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ މިނިސްޓްރީން ބީލަން ހުޅުވައިލުމަށް ފަހު އެކަން މަޑުޖައްސާލައިފި އެވެ.
ދިއްފުށި ފަޅުން ހިއްކި ސަރަހައްދުގައި ރިސޯޓެއް ތަރައްގީކޮށް ހިންގުމުގެ ބިޑް ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު ހަވަނަ ދުވަހުން ފެށިގެން 15ގެ ނިޔަލަށެވެ.
ނަމަވެސް އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދިއްފުށި ފަޅުން ހިއްކި ބިމުގައި ރިސޯޓެއް ހެދުން މަޑުޖައްސާލީ އެޓާނީ ޖެނެރަލް އޮފީހުން އަންގައިގެން ކަމަށެވެ. އަދި އެކަން ދެން ކުރިއަށް ގެންދާނެ ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދިން ފަޅުން މިހާރު ވަނީ ރިސޯޓެއް ހެދުމަށްޓަކައި ބައެއް ހިއްކައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ދިއްފުށި ފަޅުން ހިއްކި ބިމުގައި ރިސޯޓެއް ހަދަން ކުއްޔަށް ހިފާ ފަރާތުން މަދުވެގެން ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ދިއްފުށި ފަޅުން ހިއްކި ބިމުގައި ރިސޯޓެއް ތަރައްގީކޮށްގެން ހިންގަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު ބިޑަށް ހުޅުވާލުމުން، ހާމިދުގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ފަޅަކީ ހާމިދަށް ކުރިން ދީފައިވާ ތަނެއް ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހާމިދުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އެ ފަޅަކީ ހާމިދާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން 50 އަހަރަށް ކުއްޔަށް ދިނުމާ ގުޅިގެން ހިއްކި ފަޅެކެވެ. އަދި މި ފަޅު ކުއްޔަށް ހިފުމަށް ހާމިދާއި ސަރުކާރާ ދެމެދު ކުރަން ޖެހޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއްކޮށް ނިމިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހާމިދު ގެންދަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
11 January 2018
ޓޫރިޒަމް މިނިސްޓްރީ އޮޑިޓްކުރާނީ ރައީސް ޔާމީނުގެ ވެރިކަން ނިމުނީމަތޯ؟ މިހާރު ދެވިފައިވާ ފަޅުތަކާއި ރަށްތަކާއި، އެކިގޮތްގޮތުން ޖުރިމައިނާކުރި ފައިސާ އެގެން އެބަޖެހޭ، މުޅި މާލެ ސަރަހައްދުގެ ހުރިހައި ފަޅުތަކެއްވަނީ ވިއްކާލާފައި، މިޖަރީމާ ހިންގި މީހުން ދިގުމުއްދަތަށް ޖަލައްލާންޖެހޭނެ
ފޫހި
11 January 2018
ހާދަދެރައޭ. ތިޔަފަޅުން ދިއްފުށީ މީހުންނަށް ނަފާ ލިބޭގޮތަށް ބޭއްވިނަމަ މާރަނގަޅުވާނެ. ހުރިހާ ތަނެއް ވިއްކުމުން ދެން ދިވެހިން އުޅޭނީ ކޮންތާކު.