ރިޕޯޓް / މަސްތުވާތަކެތި

ގޮތް ނޭނގޭ ކޮންމެ އެއްޗަކީ ނުރައްކަލެއް! ހަވާލުނުވާތި!

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރަނީ: ހިތްހެޔޮކަމުގެ އަމަލަކުން ވެސް ބޮޑު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތް

ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު އެއީ މިހާރު ވަރަށް ނުރައްކާތެރި ކަމެކެވެ.

ފުލުހުންނާއި ކަސްޓަމްސް އިން އަބަދުހެން އިލްތިމާސް ކުރަނީ ދަތުރު ކުރާއިރު މީހުން ހަވާލުކުރާ ތަކެތީގައި ނުހިފުމަށެވެ. އެކަމަކު ހިތާމައަކީ އެގޮތަށް ހަވާލުވާ އެއްޗެހީގެ ތެރެއިން މަސްތުވާތަކެތި ފެނި، ބައެއް ފަހަރަށް ބޮޑު ކުށަކާ ހަވާލުވާން ޖެހުމެވެ.

މިއީ ހޭލުންތެރިކަމާ ގުޅިފައިވާ މައްސަލައެކެވެ.

ކިތަންމެ ކުޑަ މިންވަރެއްގެ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރި ނަމަވެސް އުމުރަށް ޖަލަށް ލުމާ އެކު ބޮޑު އަދަދުތަކުން ޖޫރިމަނާ ވާނެ އެވެ. ރާއްޖޭގެ ގާނޫނުތައް މިހާރު ހުރި ގޮތުން އެއީ އެންމެ ބޮޑު އެއް ކުށެވެ. އެހެންކަމުން ހިތްހެޔޮ ނިޔަތެއްގައި ކުރެވޭ ކަމަކާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެ އޮތީ ވަރަށް ކައިރީގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ނުވަތަ އެއްޗަކުން ނުވަތަ މީހަކު ގެންގުޅޭ ނުވަތަ ހިފައިގެން އުޅޭ އެއްޗަކުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ އެމީހެއްގެ އެއްޗެއް ކަމަށް ބެލެވޭނެ އެވެ.

މީގެ އަހަރުތަކެއް ކުރިން 2009 ގައި ހިނގި ހާދިސާއެކެވެ. ޓެކްސީ ޑްރައިވަރަކު ކާރުގައި ދަނިކޮށް ނަސަންދުރައާ ދިމާލު ތޮށިގަނޑު މަތީގައި ވެރިފަރާތެއް ނެތި ފޮށިގަނޑެއް ހުއްޓާ ފެނުނެވެ. އެ ފޮށިގަނޑު އެ މީހާ އެ ޓެކްސީ އަށް އަރުވައިގެން ގެންގުޅުމަށް ފަހު ކާރު ބާއްވައި، ފޮށިގަނޑު ހިފައިގެން ހިނގައިގަތް ތަނާ ފުލުހުން އޭނާ ހުއްޓުވައި، ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ރައިސް ކުކަރެއްގެ ފޫ ދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ.

އެއާޕޯޓެއްގައި ދާގީނާ ބެލްޓް މަތީގައި ފޮށިތަކެއް: ދަތުރު ކުރާއިރު މީހުން ދޭ ގޮތް ނޭނގޭ އެއްޗިއްސާ ހަވާލުވުން ހުއްޓާލަން ޖެހޭ --މިހާރު ފޮޓޯ

އެ މީހާގެ ފަރާތުން ބުނަމުން ދިޔައީ އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ފޮށިގަނޑު ގެންގުޅުނީ ވެރިފަރާތެއް ނެތި އެތަނުގައި އޮތުމުން ކަމަށެވެ. އަދި ވެރިފަރާތެއް ނެތި އެހެން ހުންނަ ފޮށިގަނޑުތައް ކުރިން ވެސް ވެރިފަރާތް ހޯދައި އެމީހުންނާ ހަވާލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ފޮށިގަނޑު ކާރުގައި އޮތް ކަމާއި އެ ހޯދަން މީހަކު ގުޅައިފި ނަމަ އޭނާގެ ފޯނު ނަމްބަރު ދޭން ޓެކްސީ ސެންޓަރަށް އެމީހާ އޮތީ އަންގައިފަ އެވެ. އަދި އެފަދަ ފޮށިގަނޑެއް ކާރަށް ލާފައި އޮންނާނެ ކަމަށް އިތުރު ބައެއް ގާތުގައި ވެސް އޭނާ ބުންޏެވެ.

އެކަމަކު ހައި ކޯޓުން ނިންމީ އޭނާ ކުށްވެރިވާ ކަމަށާއި އުމުރަށް ޖަލަށް ލާށެވެ. އެ މައްސަލާގައި ހައި ކޯޓުން 2013 ގައި ކުރި ހުކުމުގައި ވަނީ އެ ފޮށިގަނޑާ މެދު ޒިންމާވާނެ އެހެން ފަރާތެއް އޭނާ އަށް ނުދެއްކޭ ކަމަށާއި އެހެންވެ އޭގެ ޒިންމާ ނަގަން ޖެހޭނީ ވެސް އޭނާ ކަމަށެވެ.

ބައެއް ކޭސްތަކުގައި އެބަހުރި ވަރަށް ގާތް ރަހުމަތްތެރިން ބުނެގެން ގެންގޮސްދޭ އެއްޗެހިން ވެސް މަސްތުވާތަކެތި ފެނިފައި، މަސްތުވާތަކެތި ފެނުނީމަ އެއްކަލަ ރަހުމަތްތެރިޔާ ވެސް މި ބުނަނީ ތިމަންނަ އެއްވެސް އެއްޗެއް ހަވާލެއް ނުކުރަމޭ، ތިމަންނައާ ބެހޭ އެއްޗެއް ނޫނޭ -- ވަކީލެއް

ހދ. ކުޅުދުއްފުށްޓަށް 2009 ގައި ދިޔަ ބޯޓަކުން ގެންދިޔަ ބިސް ކޭހަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ވެސް ކުށްވެރިވީ އެ ފޮށިގަނޑު ބޯޓުން ބާލައިގެން ގެންދިޔަ މީހާ އެވެ. އެ ފޮށިގަނޑު ބޯޓުން ބޭލީ ރަހުމަތްތެރިއަކު ބުނެގެން ކަމަށާއި އެއީ ރަހުމަތްތެރިޔާގެ ގެއަށް ގެންދިޔަ ފޮށިގަނޑެއް ކަމަށް އެ މީހާގެ ބުނެފައިވެ އެވެ. އޭނާގެ ބަހަށް ބާރު ލިބެނީ އެ ފޮށިގަނޑުގައި ރަހުމަތްތެރިޔާގެ ގޭގެ އެޑްރެސް ލިޔެފައި އޮތުމުންނެވެ. އެކަމަކު ރަހުމަތްތެރިޔާއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ގެއަށް އެ ފޮށިގަނޑު ގެންދަން ދައުވާ ލިބޭ މީހާއަށް އަންގާފައިނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން 2011 ގައި ނިންމީ އެ ފޮށިގަނޑު ބޯޓުން ބޭލި މީހާ ކުށްވެރިވާ ކަމަށާއި އެހެންވެ އޭނާ އުމުރަށް ޖަލަށް ލާށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑު ބޯޓުން ބާލައިގެން ގެންދަން ދައުވާ ލިބޭ މީހާއަށް އަންގާފައިނުވާ ކަމަށް އޭނާގެ ރަހުމަތްތެރިޔާ ބުނެފައިވުމުން އޭގައި ހުރި ތަކެއްޗަށް ޒިންމާވާން ޖެހޭނީ ދައުވާ ލިބޭ މީހާ އެވެ.

ރާއްޖެ އެތެރެކުރުމުން އަތުލައިގަތް މަސްތުވާއެއްޗެހިތަކެއް: ބައެއް ފަހަރު މީހުން ހަވާލުކުރާ ތަކެތީގައި މަސްތުވާތަކެތި ހުރުމުގެ ބިރު ބޮޑު -- ފޮޓޯ: ކަސްޓަމްސް

އެ ހުކުމްގައިވާ ގޮތުން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައެބިލިޓީ) އުފުލަން ޖެހޭ ބާވަތުގެ ކުށެކެވެ. ސްޓްރިކްޓް ލައެބިލިޓީގެ ކުށްތައް ސާބިތުވަނީ އާންމު ޖިނާއީ ކުށްތައް ސާބިތު ކުރާ ގޮތާއި ތަފާތުކޮށެވެ.

އާންމު ޖިނާއީ މައްސަލަތަކުގައި ކުށުގެ ދެ ރުކުން ދައުލަތުން ސާބިތުކޮށްދޭން ޖެހުނަސް ސްޓްރިކްޓް ލައެބިލިޓީގެ ކުށުގެ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ ކުށުގެ މާއްދީ ރުކުން (އެކްޓަސް ރިއާ) އެކަންޏެވެ. މައުނަވީ ރުކުން (މެންސް ރިއާ) ސާބިތުކޮށްދޭން ދައުލަތަކަށް ނުޖެހޭނެ އެވެ. އެހެންވެ މިސާލަކަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ގެންގުޅުމުގެ މައްސަލައެއްގައި ނަމަ ދައުލަތުން ހަމައެކަނި ސާބިތުކޮށްދޭން ޖެހޭނީ ދައުވާ ލިބޭ މީހާގެ ކޮންޓްރޯލް އޮތް ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނުނު ކަމެވެ. އެ މަސްތުވާއެތި ގެންގުޅުމުގެ ނިޔަތް ނުވަތަ ގަސްދު ދައުވާ ލިބޭ މީހާގެ ކިބައިގައި އޮތްކަން ސާބިތުކޮށް ދޭކަށް ދައުލަތަކަށް ނުޖެހޭނެ އެވެ.

ލަގެޖް ބަރުވެއްޖެއޭ ކިޔާފައި ދަތުރުކުރާ އެހެން މީހަކު ކައިރީގައި މި ބުނަނީ މި ފޮށިގަނޑާ ހަވާލުވެދޭށޭ. އެކަން މިކުރަނީ އަތުލައިގަނެވޭ ހާލަތުގައި ސަލާމަތްވުމުގެ ފުރުސަތު ހޯދަންވެގެން. އަތުލައިގަނެވުނީމަ އެ މީހަކު ބުނަންވީ ތިމަންނަގެ އެއްޗެއް ނޫނޭ.

އެފަދަ މައްސަލަތަކުގައި ދެން އޮންނާނީ އެއީ އެހެން މީހެއްގެ އެއްޗެއް ކަން ނުވަތަ ދައުވާ ލިބޭ މީހާއާ ގުޅުން ނެތް އެއްޗެއްކަން އޭނާ އަމިއްލައަށް ސާބިތުކޮށް ދިނުމެވެ. އެކަމަކު އެއީ ސާބިތުކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. އެހެންކަމުން އެ މީހަކު ކުށްވެރިވާނެ އެވެ.

"ބައެއް ކޭސްތަކުގައި އެބަހުރި ވަރަށް ގާތް ރަހުމަތްތެރިން ބުނެގެން ގެންގޮސްދޭ އެއްޗެހިން ވެސް މަސްތުވާތަކެތި ފެނިފައި، މަސްތުވާތަކެތި ފެނުނީމަ އެއްކަލަ ރަހުމަތްތެރިޔާ ވެސް މި ބުނަނީ ތިމަންނަ އެއްވެސް އެއްޗެއް ހަވާލެއް ނުކުރަމޭ، ތިމަންނައާ ބެހޭ އެއްޗެއް ނޫނޭ މި ބުނަނީ. ދެން އެ އެއްޗެއް ހަވާލުކުރިކަން ސާބިތުކޮށްދެވޭނެ މާ ބޮޑު ގޮތެއް ނޯވޭ. އެ ހިސާބުން ގެނައި މީހާ ކުށްވެރިވަނީ،" އެފަދަ ބައެއް މައްސަލަތަކުގައި ވަކާލާތުކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުރު ކުރާއިރު ކަނޑައެޅިފައިވާ މިންވަރަށް ވުރެ ލަގެޖް ބަރުވުމުން އެހެން މީހުންނާ ހަވާލުކޮށްގެން ވެސް ބައެއް އެއްޗެހި އުފުލުން މިހާރު އާންމު ކަމަށެވެ. އެކަމަކު އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެ ވަކީލް ވިދާޅުވި އެވެ.

"ލަގެޖް ބަރުވެއްޖެއޭ ކިޔާފައި ދަތުރުކުރާ އެހެން މީހަކު ކައިރީގައި މި ބުނަނީ މި ފޮށިގަނޑާ ހަވާލުވެދޭށޭ. އެކަން މިކުރަނީ އަތުލައިގަނެވޭ ހާލަތުގައި ސަލާމަތްވުމުގެ ފުރުސަތު ހޯދަންވެގެން. އަތުލައިގަނެވުނީމަ އެ މީހަކު ބުނަންވީ ތިމަންނަގެ އެއްޗެއް ނޫނޭ. އެކަން ސާބިތުކޮށް ނުދެވުނީމަ ހަވާލުވި މީހާ ކުށްވެރިވީ،" އޭނާ ވިދާޅުވި އެވެ.

ދަތުރުކުރާ އިރު ގޮތް ނޭނގޭ އެއްޗިއްސާ ހަވާލުވުމަކީ މި ޒަމާނުގައި ހިތްހެޔޮކަމުގެ އަމަލެއް ކަމަށް ބެލެވޭކަށް ނެތެވެ. އޭގެ ބަދަލުގައި އެއީ ތިމާ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ހުޅުވޭ ކަމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައިވާ މިންވަރަށް ބަލާއިރު ކިތަންމެ ގާތް މީހަކު އެދުނަސް އެ އާދަ ދޫކޮށްލާށެވެ.

23 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 43%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު 2

01 May 2018

އެއަރ ޕޯޓުން ފޮއްޓަާ / އެއްޗަކާ ހަވާލުވާއިރު ވީޑިއޯ އެވިޑެންސެއްގެ ގޮތުގައި ހަވާލުކުރާ މީހާ، އެއީ އޭނާގެ އެއްޗެއް ކަމަށް ބުނާ ވީޑިއޯ އެއް ނަގައިގެން ގެނައުން ކިހިނެއް ވާނެ ހެއްޔެވެ¿

The name is already taken The name is available. Register?

އަހީ

13 July 2016

ދެން މިހާރު ދިވެހިން ދިވެހިންގެ ގޮތުގައި ތިބެވެނީކީވެސް ނޫނެއްނު؟ އެހީތެރިކަމެއްވެސް ފޯރުކޮށް ނުދެވެނެ ގާތް މީހަކަށް މިކަހަލަ ކަންކަމާ ބިރުން؟ މީ ދެން އުޅެވެން އޮތް ގައުމެއްތަ؟ ބުރިޖެއް އަޅައިގެން މިކަންކަން ހައްލުވަނެތަ؟ އަދިވެސް ބޮޑެތި ޑްރަގު ލޯޑުންގެ ޓެގުތައް ނައްޓާ ގޭންގުތަކަށް ބާރު ދީފަ ބަހައްޓާ!

The name is already taken The name is available. Register?

ފާތުން

13 July 2016

މީހަމަ ގަސްތުގަ ބަޔަކު ކުރުވާ ކަންތަށް ގަޑެއް ބާނުއްވާނީ ކުށެއް ނެތް މީހާ...ފުލުހުނަނަށް ވެސް މިކަންތަށް އިގި ހުރެ ކީއްވެބާ ބޮޑަށް ތިބޭ މީހުން ހިފަހައްޓަން ނޫޅެއްނީ، މަސްތުވާ ތަކެތި އެތެކުރަން އުޅޭ މީހާ ބަހައްޓާފަ މި ހިފަހައްޓަނީ އޭގެ ދަށައް ތިބޭ މީހުން ދެން ތިބެ މިކިޔަނީ ވަރަށް ބޮޑު ޝިޕްމަންޓެއް އަތުލައި ގަނެފިއޭ...ބޮޑެތި މީހުން ސޭފް...މި އީ ސްޓާރ ޕްލަސް ޑްރާމާ އެއްތަ

The name is already taken The name is available. Register?

ހީލަތް

13 July 2016

މީހަކައް ހެޔޮކަމެއް ކޮއްދިނުމުގެ ނިޔަތުގައި ކުރާކަމެއް ނުކުރުމައް އިލްތިމާސް ކުރުމުގެ ބަދަލުގައި އެކަމެއް ކޮށްދެވޭނެ ގޮތެއް ބުނެދިނުން މާ ރަނގަޅުވާނެ. ޢަހަރެންވެސް މީ ދަތުރުކުރާމީހެއް ވަރައް ގިނަފަހަރު ލަންކާ މަގުން ދަތުރު ކުރާއިރު ހާއްސަކޮށް މާލެ އަންނަ ދަތުރު ތަކުގައި ލަގޭޖް ބަރުވެގެން ހުންނާނެ މީހުންގެ އެއްޗެއްސާ ހަވާލުވެފަ ނަމަވެސް ހަވާލުވަނީ އެއީ ކޯޗެއްތޯ ރަނގަޅައް އެއެއްޗެއް ހުލހުވައިގެން ބެލުމަށްފަހު. ޢަދިވެސް ކުރެވިދާނެ ކަންތައް އެބަހުރި އޭގެ ތެރޭގައި އެ ހަވާލު ކުރާމެެހެއްގެ އައިޑީ ނަމްބަރާ ގުޅޭނެ ނަމްބަރު އެމީހަކު ލައްވާ ލިއުއްވާ އަދި ވީޑިއޯ ވެސް ކުރުން. ޙަވާލު ކުރާމީހާ މިއޑުގެ ހާލަތު ދަންނަން ވާނެ.

The name is already taken The name is available. Register?

ފަތަހަ

13 July 2016

ޑިމޮކްރަސީ އައިމާ ވާނެ ހަތަރެތި ފެންނަނީ. ދެން އެހެން ގޮތެއް ނެތް. އެކަމަކު ނާޒިމު ގެއިން ފިސްތޯލަ ފެނުނީމާ އެކަމުގަ ޒިންމާވާކަށް ނުޖެހޭ. މަސްތުވާތަކެތި އަޅާފަހުރި އެއްޗެއްކަން ނޭނގި އެއްޗަކާ ހަވާލުވެއްޖެއްޔާ އެމީހަކު ޒިންމާވާންޖެހޭ؟

The name is already taken The name is available. Register?

ލުގުމާން

13 July 2016

ނާޒިމް ފިސްތޯލަ މައްސަލާގައި މުޅީން އާހެކިތަކެއް ފެންނަނީ ޝަރުއީހުރިހައި މަރުހަލާ ނިމޭފަހުން . 4 އަހަރު ވަންދެން މައްސަލަ ޝަރަތީއަތުގައި އޮތްއިރު ތިޔަ ހެކި ނުހުށަހެޅުނީ ކީއްވެބާ؟ ގަޔަށް ދޯލިވީމަކާ ކުރާނެކަމެއް ނެތް އޭގެކުރީގައި ހަނޑަސްބުރިއަށް ދާންޖެހޭނެ.

The name is already taken The name is available. Register?

މުހައްމަދު އަޒިމް /އަސްލުނަމެއްނޫން..

13 July 2016

އަޅުގަނޑު އަކީ އައްޑޫ ސިޓީގެ އަވަށަކައް ނިސްބައްވާމީހެއް،،، ފެބުރުއަރީ 21 2015 ގައި އައްޑޫ އައްދިއުމައްޓަކައި އަޅުގަނޑު ހުޅުލޭ ޑޮމެސްޓިކު ޓާރމިނަލައް ވަންނަން ދިމާކުރިތަނުން އަޅުގަނޑުގެ ނަމުން ކުޑަކޮށްދަންނަމީހަކު މަޑުކުރުމައް އެންގިއެވެ. އަޅުގަނޑު ކައިރީ ވަރައްދެރެވެ އަދޭސްކޮށްފައި ބުނީ މިބޭސްކޮޅު ސ. ގަން އެއާރޕޯރޓް އާއި ހަވާލުކޮށް ދިނުމައް. އަދި ބުނީ ކާފަގެ ބޭސްތަކެއްކަމައް.. އަޅުގަނޑު ބުނީން މަޑުކޮށްލަން، އަޅުގަނޑުއަކީ އެމް އެން ޑީ އެފް ގައި ވަޒިފާ އަދާކޮށްފައިވާމީހެއްކަމުން ގިނަފުލުހުންދަންނަން. ފުލުހެއްގެ ހާޒިރުގައި ޕާރސަލް ޗެކުކުރާވާހަކަ ދެއްކުމުން ވަރައްހުތުރުބަހުން އެއްޗެހިގޮވައިފައި އެމީހާގެއލުނެވެ. ޔަގިންވާ ކަމަކީ އެއީ ތެދުވެރިއެއް ނަމަ އަޅުގަނޑު ހަލާކުވާކަށެއްނޭދުނީސްނޫންތޯއެވެ. މީހަކު ދޭ ޕާރސަލެއް ޗެކު ކުރަންވެސް ވީ ޕޮލިހުންގެ ހާޒިރުގައެވެ. ހަމަޔަގީނުންވެސް އަޅުގަނޑު ހަވާލެއްނުވާނަން އެއްވެސް މީހެއްގެ ޕާރސަލެއްގެނގޮސް ދިނުމައް... އެއްމެންވެސް މިވިސްނުން ގެންގުޅުމަކީ ސަލާމަތީކަމެއް...

The name is already taken The name is available. Register?

އަލީ

13 July 2016

ރާއްޖެއައުމުން ކަސްޓަމުން ލަގެޖުޗެކްކުރާއިރު އެންމެ ފުރަތަމަވެސް އަހަންޖެހޭ ސުވާލަކީ އެހެން މީހަކު ހަވާލުކުރިއެއްޗެއް ލަގެޖުގައި ވޭތޯ އާނބަސް ބުނެފިނަމަ އެ އެއްޗެއް ރަގަޅައް ޗެކުކުރަންވާނެ. މަސްތުވާތަކެތި ގަސްތުގަގެންނަމީހަކު އޭރުން ނުބުނާނެ އެހެންމީހަކު ހަވާލުކުރި އެއްޗެއް ހުރިކަމަކައް އެއީ އެއެއްޗެއް ރަގަޅައް ޗެކުކުރާނެކަން އެގޭތީ.

The name is already taken The name is available. Register?

އަންދާގާނޫނު

13 July 2016

ވަރަށް ބޭނުންތެރި ރިޕޯޓެއް. އަސްލުދިވެހިން ތެރޭ އޮތްރަގަޅު އާދައެއް އެކަކުއަނެކާ އަށް އެހީތެރިވުމުގެ ގޮތުން ބަރުވާއިރު ހަވާލުމާއި އެއްރަށުން އަނެއްރަށައް ދާމީހަކު އެތި ރައްދުކުރުމާއި މިކަހަލަ ކިތެއްމެކަމެއް. ގާނޫނު ކިޔާލުމް އެގެނީ ގާނޫން ހދާފައިމުހުންނަނީ ކުއްނުކުރާ މީހާ ފުރޭމް ކުރަންކަން . ނާޒިމް ކޭހަކީ އޭގެ ހެއްކެއް. ސްޓިކްޓްލައިބިލިޓީ އޭމިކިޔަނީ ޕްރޫކުރަން އުދަގޫކޮއް ކުއްވެރި ނުވާމީހާ ކުށުގައި ހައްޔަރުކުރުން.

The name is already taken The name is available. Register?

ވިސްނާލީމާ

13 July 2016

މަށަކަށް ނުކެރޭނެ އެކުވެރިޔަކު ބުނުމުން ތިޔަކަންތައް ނުކޮށްދޭނަމޭ ބުނާކަށް! އެހެޔޮ އުމުރުދުވަހު ޖަލުގާ އިންނަން ޖެހުނަސް! އެކަމަކު އަހަރެންގެ ރައްޓެހިންނަކީ ތިޔަހީކުރާހާ ދޯހަޅި ރަހްމަތްތެރީންނެއްނޫން އިނގޭ! -އިބްރާހީމް-

The name is already taken The name is available. Register?

މާމަ

13 July 2016

ރަނގަޅު މީހުން ދޭ ގޮތް ނޭނގޭ އެއްޗެހީގައި ހަވާލު ވެގެން ނުވާނެ. ""އެ ފޮށިގަނޑު އެ މީހާ އެ ޓެކްސީ އަށް އަރުވައިގެން ގެންގުޅުމަށް ފަހު ކާރު ބާއްވައި، ފޮށިގަނޑު ހިފައިގެން ހިނގައިގަތް ތަނާ ފުލުހުން އޭނާ ހުއްޓުވައި، ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ރައިސް ކުކަރެއްގެ ފޫ ދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ. .... އެކަމަކުމިހާދިސާ ވަރަށް ގަބޫލް ކުރަންދަތި. ވެރިފަރާތެއް ނެތް ފޮށިގަނޑެއް ޓެކްސީ އަށް ލައިގެން މުޅި މާލޭގައި ދުއްވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ވެރިފަރާތް ހޯދާކަށް

The name is already taken The name is available. Register?

އަސްލުވެސް

14 July 2016

އަސްލުވެސް ތިއީ މުހިންމު ޕޮއިންޓެކެވެ. އަދި ތިޔަކަން ތިހެން އޮވެފައިމެ އެމީހާ ކުށްވެރިވެގެންނުވާނެ ކަންކަން އޭނާގެ އަމަލުތކުން ފެނުނެވެ. ސެންޓަރަށް ގުޅައި ކާރުގައި ފޮށިގަނޑުހުރިވާހަކަޔާއި ފޮށިގަނޑެއް ކާރުގައި އޮތްވާހަކަ އިތުރު ބައެއްގެ ގާތުގައި ބުނުމަކީވެސް އޭނާ ކުށްވެރިވާންނުޖެހޭނެކަންތަކެވެ. އެހެންވީމާ މިވާހަކަޔަކީ ހަގީގަތެއްހެން ހިޔެއްނުވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454